ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޅުލާފައިވާ މައްޔިތާގެ ހަށިގަނޑު ނަގައި ތަހުލީލު ކުރުމާއި، އޮޓޮޕްސީ ހެދުމުގެ ބާރު ފުލުހުންނަށް ދެނީ!

މަރުގެ މައްސަލަތައް ތަހުގީގު ކުރުން/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ތަހުގީގުގެ ބޭނުމަށް، މަރުގެ މައްސަލައިގެ ތަހުގީގަކަށް ނުވަތަ އޮޓޮޕްސީ ހެދުމަށް ވަޅުލާފައިވާ މައްޔިތެއްގެ ހަށިގަނޑު ކޮނެގެން ނެގުމުގެ ބާރު ކޯޓު އަމުރެއްގެ ދަށުން ލިބިދެވޭ ގޮތަށް ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީއިން ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ.

ކޮމިޓީއިން ބިލަށް ގެނައި މައިގަނޑު ބަދަލުތަކުގެ ތެރޭގައި 10 ނުކުތާއެއް ފާހަގަކޮށްފައި ވެއެވެ. “މައްޔިތެއްގެ ހަށިގަނޑު ތަހުލީލު ކުރުމާއި އޮޓޮޕްސީ ހެދުން” ނުކުތާގައި ބުނެފައިވަނީ އިތުރު ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު ނިޔާވެފައިވާ މީހެއްގެ ހަށިގަނޑު ތަހުލީލު ކުރުމުގެ ބާރާއި، އޮޓޮޕްސީ ހެދުމުގެ ބާރު ފުލުހުންނަށް ލިބިގެންވާ ކަމަށެވެ. އަދި ކޯޓު އަމުރެއްގެ ދަށުން ވަޅުލާފައިވާ މައްޔިތާގެ ހަށިގަނދު ކޮނެގެން ނެގުމުގެ ބާރު ފުލުހުންނަށް ދިނުމަށް ބިލުގައި ވަނީ ހިމަނާފައެވެ.

ތަހުލީލުގެ ބޭނުމަށް ނުވަތަ އެ ތަހުގީގަކަށް ފުލުހުންނަށް އެ މީހެއްގެ ހަށިގަނޑުގެ ވަކި ބައެއް، ނުވަތަ އެ ވަގުތަކު ފެންނަން އޮތް ބައެއް ނެގޭނެ ކަމަށް ބިލްގައި ވަނީ ހިމަނާފައެވެ.

“އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ހިނގަމުންދާ ކުށުގެ ތަޙްޤީޤުގެ ބޭނުމަށް ކޯޓު އަމުރެއްގެ ދަށުން މައްޔިތެއްގެ ހަށިގަނޑުގެ ތަޙްލީލުކުރުމުގެ ނުވަތަ އޮޓޮޕްސީ ހެދުމުގެ ބާރާއި، އަދި ވަޅުލާފައިވާ މައްޔިތެއްގެ ހަށިގަނޑު ތަޙްލީލުކުރުމަށް ނުވަތަ އޮޓޮޕްސީ ހެދުމަށް ނެގުން މުހިންމުކަމަށް ފެނިގެން އެ ހަށިގަނޑު ނުވަތަ އެވަގުތަކު ފެންނަންއޮތް އެ ހަށިގަނޑުގެ ބައެއް ނުވަތަ ބައިތަކެއް ކޯޓް އަމުރެއްގެ ދަށުން ނެގުމުގެ ބާރު ފުލުހުންނަށް ދިނުމަށް މި ބިލުގައި ކަނޑައަޅުނެވެ” ކޮމިޓީ ރިޕޯޓު

ކޮމިޓީއިން އެކުލަވާލާފައިވާ ރިޕޯޓުގައި ވަނީ މައްޔިތާގެ ހަށިގަނޑު ނެގުމުގައި ހިފަހައްޓަންޖެހޭނެ ހަމަތަކެއް ވެސް ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި އެ ހަށިގަނޑު އޮތް ވަޅު އެކަނި ކޮނެ ބެލުމާއި، ދީނީ ގޮތުން ހިފަހައްޓަންޖެހޭ ހަމަތައް އަދި ހަށިގަނޑު ކޮނެ ނަގާއިރު އެތަނުގައި ކޮންމެހެން ތިބެންޖެހޭ މީހުން ފިޔަވައި އިތުރު ބަޔަކު އެތަނުގައި ހުރެގެން ނުވާނެ ކަމަށް ބުނެފައި ވެއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަކީ، ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި ބަޔާންކުރާ ފުލުހުންގެ ހިދުމަތް ގާއިމް ކުރެވިގެންވާ ގޮތާއި، ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމުގެ މައިގަނޑު އަސާސްތަކާއި އުސޫލުތަކާއި، ފުލުހުންގެ ހިދުމަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި، އެ ހިދުމަތާއި ގުޅޭ އެ ނޫން ވެސް ކަންކަން ބަޔާން ކުރުމަށް އެކުލެވޭ ބިލެކެވެ.

މި ބިލު އެކުލަވާލުމުގައި އެންމެ ހާއްސަ އިސްކަމެއް ދީފައިވަނީ ފުލުހުންގެ ހިދުމަތަކީ އެއީ މިހާރަށް ވުރެ ރަނގަޅު، އަދި ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަނަކަށް ހެދުމަށެވެ. އެގޮތުން ބިލުގައި ހިމަނާފައިވާ ބައެއް މުހިންމު ބައިތަކުގެ ތެރޭގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވުމުގައި ފުލުހުންނަށް ދީފައިވާ ބާރުތައް، ފުލުހުންނާއި މެދު ހުށަހެޅޭ ޝަކުވާތަކާއި މެދު އަމަލު ކުރާނެ ގޮތާއި އަދި ފިޔަވަޅު އެޅުން ހިމެނެއެވެ.

މި ބިލް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީއިން ފާސްކޮށް ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ.

ބިލް ދިރާސާ ކުރުމުގައި ދައުލަތުގެ އެކި މުވައްސަސާތަކާއި، އަދި އިދާރާތްތަކުގެ އިތުރުން ޖަމިއްޔާ ޖަމާއަތްތަކުގެ ހިޔާލު ހޯދާފައިވެއެވެ. އަދި ބިލަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވެސް ވަނީ ލިޔުމުން ހިޔާލު ހުށަހަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: