ޕީޕީއެމުން 7 އަހަރު ވެރިކަން ކުރިކަމަށާއި 2013 ވަނަ އަހަރު ވެރިކަމަށް އިންތިޚާބުވީ ސުޕްރީމް ކޯޓުން 4 ފަހަރަށް ނަތީޖާ ބަދަލުކޮށްގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ފައިިނު އެއާޕޯޓުގެ މަސައްކަތާއި ގުޅޭގޮތުން މަޖިލީހުގެ ޖަލްސާގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމާއި މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ ސުވާލުކުރައްވާފައެވެ. އަދި އެއީ ކުރީ ސަރުކާރުން ކުރުމަށް ނިންމާފައިވާ މަސައްކަތެއް ކަމަށާއި މިހާރު އެމަސައްކަތް ކުރިއަށް ގޮސްފައިވަނީ ކިހާ ހިސާބަކަށްތޯ ވަނީ ސުވާލުކުރައްވާފައެވެ.
ސުވާލުގެ ޖަވާބުގައި މިނިސްޓަރ އަސްލަމް ވިދާޅުވީ، ރ އަތޮޅުގެ ވަކި ސަރަހައްދެއްގައި އެއާޕޯޓު އެޅުމަށް އަދި މިހާތަނަށް ނިންމާފައިނުވާ ކަމަށެވެ. އެހެންނަމަވެސް، އަތޮޅުގެ ކޮންމެވެސް އެއް ހިސާބެއްގައި އެއާޕޯޓެއް އެޅުމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދާއި ވާހަކަ ދެކެވިފައިވާކަމަށް ވިދާޅުވިއެވެ.
ހަސަން އަހުމަދަށް ސުވާލުކުރުމަށްް ލިބުނު ފުރުސަތުގައި ވިދާޅުވީ، ފައިިނު އެއާޕޯޓު ތަރައްގކުރުމުގެ އެއްވެސް އެގްރީމަންޓެއްގައި ސޮއިކޮށްފައިނުވާ ކަމަށެވެ. އަދި ފައިނު ކައުންސިލަށްވެސް އެފަދަ އެގްރީމަންޓެއް ލިބިފައިނުވާކަމަށް މެމްބަރު ހަސަން ވިދާޅުވިއެވެ. އަދި ހަގީގަތް އޮޅޭ ގޮތަށް އެވާހަކަދެއްކެވުމުން، ކަން އޮތް ގޮތް ސާފުކޮށްދެއްވީކަމަށް ވިދާޅުވިއެވެ.
މެމްބަރު ހަސަންގެ ވާހަކަތަކަށް ތާއީދުކުރައްވައި ރިޔާސަތުގައި އިންނަވައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ފައިނުގައި އެއާޕޯޓެއް އެޅުމަށް މާޅޮސްމަޑުލު ނުވަތަ ރ އަތޮޅު މެމްބަރުންވެސް ބޭނުންނުވާ ކަމަށެވެ. އަދި އެއީ ގުދުރަތީގޮތުން ވަރަށް ރީތި ރަށެއްކަމަށާއި އެއާޕޯޓުއަޅަން ބޭނުންނުވުމަކީވެސް ލެއްވި ނިއުމަތެއްކަމަށާއި ﷲ ޝުކުރުކުރާ ކަމަށެވެ.
މިވާހަކަތަކަށް ރައްދު ދެއްވުމަށް ނިޒާމީ ނުކުތާ ނަންގަވައި އާދަމް ޝަރީފް ވިދާޅުވީ، އެއާޕޯޓެއް އެޅުމަކީ އެރަށުގެ ރައްޔިތުންނާއި ދާއިރާގެ ފަސް ރަށުގެ ރައްޔިތުންވެސް ބޭނުންވާ ކަމެއްކަމަށެވެ. އަދި ޕީޕީއެމްގެ ވެރިކަމެއްގައި އެކަންކުރާނެކަމަސް ވިދާޅުވިއެވެ.
ޕީޕީއެމްގެ ވެރިކަމެއްގައި ފައިނުގައި އެއާޕޯޓު އަޅާނެކަން ފާހަގަކުރުމާއި ގުޅިގެން ކެޔޮދޫ ދާއިރާގެ މެމްބަރު ހަސަން ގާސިމް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި ނިމިދިޔަ ސަރުކާރަކީ ކޮބައިކަން އޮޅިއްޖެ ކަމަށާއި އެކަން ސާފުކުރަން ބޭނުންވާކަމަށް ވިދާޅުވެފައެވެ. އަދި އެކަމަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، ޕީޕީއެމުން ހަތް އަހަރުދުވަހު ވެރިކަން ކުރި ކަމަށެވެ. އެމަނިކުފާނު ވެރިކަމުން ބޭލުމަށް ނައިބު ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކާއެކު ޕީޕީއެމުން މަސައްކަތް ކުރުމަށްފަހު އޭރުގެ ނައިބް ރައީސް ވެރިކަމުގައި ދެއަހަރު ހުންނެވިކަމަށް ވިދާޅުވިއެވެ.
މީގެ އިތުރަށް، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ޕީޕީއެމުން ފަސް އަހަރު ދުވަހު ވެރިކަން ކުރެއްވިކަމަށާއި އެބުރު ވެރިކަމަށް އާދެެވުނީ 4 ފަހަރަށް ސުޕްރީމް ކޯޓުން ނަތީޖާ ބަދަލުކޮށްގެންކަމަށް ވިދާޅުވިއެވެ. އަދި އެވަރުންވެސް، އިންތިޚާބު ކާމިޔާބު ކުރެވުނީ 3 އިންސައްތައިގެ ފަރަގަކުންކަމަށް ވިދާޅުވިއެވެ.
4 ފަހަރަށް ސުޕްރީމް ކޯޓުން ނަތީޖާ ބަދަލުކުރި. އެވަރުންވެސް، އިންތިޚާބު ކާމިޔާބު ކުރެވުނީ 3 ޕަސެންޓުގެ ޖާގައަކުން
މިއަދުގެ މަޖިލީހުގެ ޖަލްސާ ފެށުނު ވަގުތު، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފްގެ ނަން ވަނީ އިއްވާފައެވެ. މެމްބަރު ޝަރީފްގެ ނަން އިއްވީ، އެތައް ފަހަރަކު މަޖިލީހުގެ ތެރޭގައި އަޑުމަޑު ކުރެއްވުމަށް ރައީސް ނަޝީދު އިލްތިމާސްކުރެއްވުމަށްފަހުއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މެމްބަރު ޝަރީފް މަޖިލީހުގެ ތަޅުމުގައި އަޑުގަދަކޮށްފައިވަނީ ފުލުހުންގެ ގާނޫނަށް ރައީސް ނަޝީދު ހުށައަޅުއްވާފައިވާ އިސްލާހަކާއި ގުޅިގެންނެވެ. ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހގެ ތެރޭގައިވެސް ހިތްހަމަ ނުޖެހުން އުފެދެނީ ރައްޔިތުންގެ މެދުގައި ހުންނަ ޚައްސާސް މައްސަލަތަކަށް ބަހުސް ކުރެވެމުންދާތީއެވެ. އަދި މިއީ ޖީލުތަކަކަށް ދެމިގެންދާނެ ކަންކަން ކަމަށާއި މާޒީގެ ފަތްފުށުގައި އެތައް ބައެއްގެ ހިތާމަވެރި ކަންކަމާއި ގުޅުން ހުރި ކަންމަށާއި މަޖިލީހުން ފެނިގެން މިދަނީ އެޖޯޝާއި ރޫހުކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.