ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީބާޖާ މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފި!

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ސަރުކާރުން ހެދި އެއްބަސްވުން އުވާލުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ދިނުމަށް ދައުލަތުގެ މައްޗަށް ހުކުމް ކޮށްފައިވާ ފައިސާގެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި ރިވިއު ކުރުމުން އެ މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހަށް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފިއެވެ.

ދައުލަތުން ސުޕްރީމް ކޯޓުގައި ރިވިއު ކުރުމަށް އެދިފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ހެދި އެއްބަސްވުން އުވާލުމުން ބަދަލު ގޮތުގައި ދޭންޖެހުނު 348.10 މިލިއަން ރުފިޔާގެ މައްސަލައެވެ.

ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބަންޑާރަ ނައިބުގެ އޮފީހުން ރިވިއު ކުރުމަށް ހުށަހެޅި ދީބާޖާ މައްސަލައިގެ އަޑު އެހުން ތާވަލްކޮށްފައިވަނީ އާދިއްތަ ދުވަހުގެ 11:00 އަށެވެ.

ދެހާސް ދިހަ ވަނަ އަހަރުގެ ތެރޭގައި ދީބާޖާ އިންވެސްޓްމެންޓް ކުންފުންޏަށް ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅު އަދި ޅ. އަތޮޅުގެ ދަތުރުފަތުރު ހިދުމަތް ދޭން ހަވާލުކުރި އެވެ. ނަމަވެސް އެ އެއްބަސްވުމުގެ ދަށުން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ފުރިހަމަކޮށް ދޭން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް 2013 ވަނަ އަހަރު އެއްބަސްވުން ވަނީ ބާތިލުކޮށްފަ އެވެ.

ދީބާޖާއިން ގެއްލުމުގެ ބަދަލު ހޯދަން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި މައްސަލަ ނިންމީ އެ ކުންފުންޏާ އެއްކޮޅަށެވެ. ސިވިލް ކޯޓުގެ ހުކުމުގައި ދައުލަތުން އެއްބަސްވުމާއި ޚިލާފުވެފައިވާ ކަމަށް ނިންމާ ދީބާޖާއަށް 348.10 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ހުކުމްކުރީ އޮކްޓޫބަރު 23، 2014 އިގަ އެވެ.

ދައުލަތުގެ ފަރާތުން ސިވިލް ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން ހުކުމް ކުރީ ދައުލަތާ އެއްކޮޅަށެވެ. އަދި ސިވިލް ކޯޓުގެ ހުކުމް ބާތިލުކުރި އެވެ. ނަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރީ ދީބާޖާ ކުންފުނިންނެވެ. އެ ކުންފުނީގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ އިލްތިމާސްކުރީ އެންމެ ނުކުތާއެއްގެ މައްޗަށް ރިއާޔަތްކޮށެވެ. އެއީ އެ މައްސަލާގައި ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވަނީ އިސްތިއުނާފަށް ކަނޑައަޅާފައިވާ މުއްދަތަށްވުރެ ފަހުން ކަމަށް ބުނާ ނުކުތާ އެވެ.

ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަކީ ނިހާއީ ހުކުމެއްގެ ގޮތުގައި ވަނީ ކަނޑައަޅާ ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދިނުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމް ދައުލަތުން ރިވިއު ކުރުމަށް ހުށަހެޅުމަށްފަހު އަޑު އެހުމުގައި ދައުލަތުން ބުނީ ސިވިލް ކޯޓުން މި މައްސަލައިގައި ހުކުމް ކޮށްފައިވަނީ ހުރިހާ އިޖުރާއީ ނުކުތާތަކެއްގެ މައްޗަށް ރިއާޔަތް ނުކޮށް ކަމަށެވެ.

ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ ދީބާޖާއިން އަމިއްލައަށް ތައްޔާރުކުރި ލިޔުމަކަށް ބިނާކޮށް ކަމަށާއި ދީބާޖާއަށް 348 މިލިއަން ރުފިޔާ ދިނުމަށް ހުކުމް ކުރި އިރު އެ އަދަދަށް ވާސިލްވި ގޮތެއް ހުކުމުން އެނގެން ނެތް ކަމަށް ދައުލަތުން ބުނެފައިވެއެވެ.

މީގެ އިތުރުން ދީބާޖާއަށް ބަދަލު ދިނުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ ދީބާޖާއިން އަމިއްލައަށް ތައްޔާރުކުރި ލިޔުމަކަށް ބިނާކޮށް ކަމަށާއި ގިނަ އަދަދެއްގެ ފައިސާ ދީބާޖާއަށް ދެއްކުމަށް ދައުލަތުގެ މައްޗަށް ހުކުމް ކުރީ ކޮންޓްރެކްޓާބެހޭ ގާނޫނުގެ ދަށުން ބަދަލު ނަގައިދިނުމުގެ އުސޫލާއި ހިލާފަށް ކަމަށްވެސް ދައުލަތުން ބުންޏެވެ.

އެންމެފަހުން ބޭއްވި އަޑުއެހުމުގައި ދީބާޖާގެ ވަކީލުން ވިދާޅުވީ މި މައްސަލައަކީ ތިން މަރުހަލާގައި ނިމި ސުޕްރީމް ކޯޓުގައި ނިހާއީ ހުކުމެއް އިއްވައި ނިމިފައިވާ މައްސަލައެއް ކަމަށާއި މި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަނެވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

ދިވެހި ދައުލަތުގެ ސްޓޭންޑަކީ އެއް ފަހަރު އެއް ގޮތަށް އޮވެފައި އަނެއް ފަހަރު އަނެއް ގޮތަށް އޮންނަ ސްޓޭންޑަކަށް ވެގެން ނުވާނެ، ކަމަށްވެސް ދީބާޖާގެ ވަކީލުން ވިދާޅުވިއެވެ. އަދި ސުޕްރީމް ކޯޓުގެ ކުރީގެ ހުކުމަކީ ދައުލަތުން މީގެ ކުރިން ބަލައިގެންފައިވާ ހުކުމެއްކަން ދީބާޖާގެ ވަކީލުން ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން އަދުލު އިންސާފަށް ހުރަސް އަޅާ ކަމަށް ދައުލަތުން ކުރަމުންދާ ތުހުމަތަކީ ކޮށްގެން ވާނެ ތުހުމަތެއް ނޫން ކަމަށް ދީބާޖާގެ ވަކީލުން ވިދާޅުވެފައިވެއެވެ. އަދި ސުޕްރީމް ކޯޓުން މި މައްސަލައިގައި ހުކުމް ކޮށްފައި ވަނިކޮށް އަލުން މި މައްސަލަ މުރާޖައާ ކުރުމަށް ދައުލަތުން ހުށަހެޅީ ކޮން އުސޫލަކުންތޯ ސާފުކުރުމަށްވެސް ވަކީލުންވަނީ ސުވާލު ކުރައްވާފައެވެ.

ވަރަށް ގަދަ
17%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: