ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތާރީޙީ ދަތުރުފުޅުގައި ހުސް މިނިސްޓަރު ޝާހިދުގެ ޕްރޮމޯޝަން! 2023 އަށް ދައްކާލި މަންޒަރެއްނޫންބާ؟

ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮންޕޭއޯ ރާއްޖެއަށް ކުރެއްވި ތާރީޙީ ދަތުރުފުޅުގައި ޝާހިދު.. ފޮޓޯ ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟
  • ވެރިކަންކުރާ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ރައީސް މައުމޫނަށް މީގެކުރިން ފުރުސަތުތައް ލިބިލެއްވިއިރު، ކުރީގެ ރައީސް، ވެރިކަންކުރާ ޕާޓީގެ އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އެއްވެސް ފުރުސަތެއް ނުދެއްވާ!
  • ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމްގެ ބަދަލުގައިވެސް މުޅިންހެން “ނައިބް ރައީސް”ގެ މަންޒަރުންވެސް ފެނުނީ ޝާހިދު!
  • އެމްޑީޕީއަށް ސުޕަރ މެޖޯރިޓީއެއް އޮތް ދަނޑިވަޅުގައި ޕީޖީ ލީޑަރ އަދި މަޖިލީހުގެ އެހެން މެމްބަކަށްވެސް ދައުވަތެއްނުދެއްވާ!
  • ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްވެސް “ހަވާސާއިންވެސް” ނުފެނުއިރު، މުޅި ދަތުރުފުޅު ފެނުނީ ޝާހިދުގެ “ވަން މޭން ޝޯވ” އެއް ގޮތަށް!

ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮންޕޭއޯ ރާއްޖެއަށް ކުރެއްވި ތާރީޙީ ދަތުރުފުޅަކީ ފާއިތުވީ 16 އަހަރު ތެރޭގައި ، އާދެ އާގާނޫނު އަސާސީ 2008 ގައި ވުޖޫދަށް އައިފަހުން ދިވެހިރާއްޖެއަށް އެމެރިކާއިން ޒިޔާރަތް ކުރެއްވި އެންމެ އިސްފަރާތެވެ. އާދެ ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުގެ ޙާރިޖީ ވަޒީރެވެ. އެހެންވެ މިއީ ދުނިޔޭގެ އެންމެ ބާރުގަދަ ޙާރިޖީ ވަޒީރެވެ. ނަމަވެސް ދިވެހިރާއްޖެ އަންނަ އެހެން މިފަދަ ބޮޑެތިވެރިންނަށް މެހެމާންދާރީ އަދާކުރުމުގައި އަދި ބައްދަލުވުންތައް ހަމަޖެއްސުމުގައި އެހެން ސަރުކާރުތަކުން ކަންކުރިގޮތާއި މިފަހަރު ވަރަށް ތަފާތެވެ. މިފަހަރު ފެނުނީ އެންމެ ވަޒީރެއްގެ ޕްރޮމޯޝަނަށް މުޅި ދަތުރު ބޭނުން ކުރެވުނުތަނެވެ. ރައީސް ފިޔަވާ ސަރުކާރުގެ އަދި ދައުލަތުގެ އެއްވެސް ވެރިޔަކާ އަދި މީޑިއާތަކާވެސް ބައްދަލުވިޔަކަ ނުދިނެވެ.

މިކަން މިނެކިރާލަން ނިމިގެން މިދިޔަ ރައީސް ޔާމީނުގެ ވެރިކަމުގައި ދިވެހި ރާއްޖެއަށް ޒިޔާރަތް ކުރެއްވި ދުނީޔޭގެ އިސް ވެރިންގެ ދަތުރުކޮޅުތަށް ކުޑަކޮށް އަޅާ ކިޔާލަމާހެވެ. އާދެ އޭރުގެ ސައުދިއަރަބިއްޔާގެ ކްރައުން ޕްރިންސް އަދި މިހާރު ރަސްގެފާނު ސަލްމާން 2014 ވަނަ އަހަރުގެ ކުރީކޮޅު ރާއްޖެއަށް ކުރެއްވި ޒިޔާރަތައް ބަލާލަމާހެވެ. އަދި ޗައިނާގެ ރައީސް ޝީޖިންގްޕިން 2014 ވަނައަހަރުގެ ފަހުކޮޅު ކުރެއްވި ޒިޔާރަތައް ބަލާލަމާހެވެ. މިދެދަތުރުކޮޅަށް ބަލައިލިއަސް މެހެމާންދާރީ އަދާކުރުމާއި ބައްދަލުވުންތަކުގައި ސަގާފީ ހަރަކާތްތަކާއި، ބައްދަލުވުނތަކާއި ހަފްލާ ތަކުގައި ރައީސް، ނައިބުރައީސް އަދި ވަޒީރުން ފެށިގެން ދައުލަތުގެ ވެރިންނާއި، މީޑިއާތަކާ އަދި ވިޔަފާރިވެރިންވެސް ބައިވެރިކުރިއެވެ. އަދި ހާއްސަކޮށް މިދަތުރުތަކުގައި ރައީސް މައުމޫން ވެރިކަންކުރާ ޕާރޓީގެ ރައީސްގެ ހައިސިއްޔަތުންނާއި އަދި ކުރީގެ ރައީސް ގެ ހައިސިއްޔަތުން ވަކިން އެބޭފުޅުންނާއި ބައްދަލު ކުރެއްވުމަށް ރައީސް އޮފީސްތެރޭގައި އެޕޮއިންޓްމަންޓް ހަމަޖައްސަވައި ދެއްވިއެވެ. އަދި މިއީ ޙުދުމުހުތާރު ކަމަށް ބުނާ ރައީސް ޔާމީނު ކަންތައް ކުރެއްވި ގޮތެވެ.

ދުނިޔޭގެ ބޮޑު ދެ ބާރެއްކަމަށްވާ ޗައިނާގެ ރައީސާއި ސައުދީ ވަލީ އަހުދު ވަޑައިގަތުމުން ރ. ޔާމީން އަމަލުކުރެއްވި ގޮތުގެ ފޮޓޯ..

ނަމަވެސް މިހާރުގެ ޑިމޮކްރެޓިކް އަދި ޑިޕްލޮމަސީ ގެ ރޮގުން އަރައިތިބި ބޭފުޅުން އިއްޔެ ކަންތައް ކުރެއްވި ގޮތައް ބަލާލަމާހެވެ. ފުރަތަމަ ރިސީވް ކުރެއްވިއިރުވެސް މިނިސްޓަރ ޝާހިދެވެ. ރައީސް އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރެއްވި އިރުވެސް މިނިސްޓަރ ޝާހިދު އިންނެވިއެވެ. ލޯންޗްކޮޅުގައި ރިސޯޓަށް ފުރިއިރުވެސް މިނިސްޓަރ ޝާހިދެވެ. ޕްރެސް ބްރީފިންގްގަވެސް މިނިސްޓަރ ޝާހިދެވެ. ޕްރެސް ބްރީފިންގް ދެރައީސުން ތިއްބަވާހެން ދެޕޯޑިއަމްގައި ތިއްބަވައިގެން ޕްރެސްދޭން ނިންމާ އެކަންކުރެއްވީ މިނިސްޓަރ ޝާހިދެވެ. އިންޑިއާ އަދި ލަންކާގަވެސް މިގޮތަކަށް ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮންޕޭއޯ ދެޕޯޑިއަމްގައި ޕްރެސް ބްރީފިންގް އެއްނުދެއްވައެވެ. ޕްރެސް ބްރީފިންގް އަށް ދައުވަތުދޭނެ މީޑިއާތައް ނިންމީ މިނިސްޓަރ ޝާހިދެވެ. އަދި ކުރާނެ ސުވާލުތަކާ ކުރާނެ މީޑިއާތައްވެސް ނިންމީ މިނިސްޓަރ ޝާހިދެވެ. އެންމެ ދެސުވާލު ކުރަން ފުރުސަތު ދިންއިރު އެމެރިކާ އަކީ އެންމެ މީޑިއާ މިނިވަން ގައުމުކަމަށް ވެފައި އެތާންގެ ވެރިންނަކީ ކޮންމެ ވައްތަރެއްގެ ސުވާލެއްކުރިޔަސް ނުސިހި ޖަވާބުދޭނެ ވެރިންނަށް ވާއިރު މިފަހަރު މިނިސްޓަރ ޝާހިދު ޕްރެސް ބްރީފިންގް މިބޭއްވީ ނޯތުކޮރެއާގައި ބާއްވާފަދަ ކޮންޓްރޯލްޑް ޕްރެސްބްރީފްއެކެވެ. އަދި ރިސޯރޓްގައި މައިކް ޕޮންޕޭއޯ ހިންގަވާލާ ރިސޯޓްގެ ރީތިކަން ބަލާލެއްވި އިރުވެސް ކައިރީގައި ހުންނެވީ މިނިސްޓަރ ޝާހިދެވެ. އަދި ރާއްޖޭގައި އެތައް ޕްރައިވެޓް މީޑިއެއް އޮތްއިރު މައިކް ޕޮންޕޭއޯގެ އެކްސްކުލޫސިވް އިންޓަރވިއު އެއް ދޭން މިނިސްޓަރ ޝާހިދު ހަމަޖެއްސެވީ ޝާހިދު ގަޔާވާ މީޑިއާއަކަށެވެ، އެއީ މިނިސްޓަރ ޝާހިދު ޕްރޮމޯޓް ކޮށްދޭތީކަމަށްވެސް ވެދާނެއެވެ.

Abdulla Shahid Collage
މިނިސްޓަރ ޝާހިދު އަމިއްލައަށް ކުޅުއްވި “ފިލްމު”ގެ މަންޒަރުތައް…

ކުރުކޮށް ދަންނަވަނީނަމަ އެތާވެސް މިތާވެސް، ހުރިހާ ތަނެއްގައިވެސް ހުރީ ޝާހިދުއާއި ޝާހިދު އެކަންޏެވެ. ބައްދަލުވީވެސް، ފޮޓޯއެއް ނެގުނީވެސް ޝާހިދުއާއި ޝާހިދުއަށް އެކަންޏެވެ.

މިހުރިހާ ކަމަކަށް ދެއްވާނެ ބަހަނާ އަކީ ކޮވިޑް-19 އެވެ. އަދި ވަގުތުނެތް ކަމެވެ. ނަމަވެސް ކުޑަމިނުން އެންމެ ލޯކަލް އަރޓިސްޓެއްގެ 5 މިނެޓުގެ ސަގާފީ ހުށަހެޅުމެއްދައްކާލާ، މަޖްލިސް ރައީސް، ކުރީގެ ރައީސް އަދި ވެރިކަންކުރާ ޕާރޓީގެ ރައީސް، ރައީސް ނަޝީދާ އެކީގައިވެސް 15 މިނެޓް ގެ ބައްދަލުމެއް ހަމަޖައްސާ ލެވުނީސްއެވެ. ނައިބުރައީސް ފައިސަލް އަދި ވަޒީރުންވެސް އިންޓްރޮޑިއުސް ކޮށްލެވުނީސްއެވެ. މީގެން އެއްވެސް ބޭފުޅަކަށް މައިކް ޕޮއްޕޭއޯ އާއިއެކީގައި ޕޮޓޯ ނަގައިލަން ވެސް މިނިސްޓަރ ޝާހިދު ފުރުސަތު ނުދެއްވިއެވެ. އަދި ވަކި މީޑިއާތަކެއް ހޮވާ ވަކި މީޑިއާތަކެއް ބާކީ ކުރަންނިންމުމަކީ ފަހުގެ ދުވަހެއްގައި ޝާހިދު އިސްވެ ޖަވާބުދާރީވާން ޖެހޭނެ ކަމެކެވެ.

ބޮޑު ގައުމީ އިވެންޓެއް މޮނޮޕޮލައިޒް ކޮށްގެން އެކަން ފަހުންވާނީ ޕީއާރު ޑިޒާސްޓަރ އަކަށެވެ. ފުރަތަމަ ކްރެޑިޓް ދެއްވާ ޕްރޮމޯޓް ކުރަން ޖެހޭނީ ރައީސް ސޯލިހެވެ. އަދި ކުރިއަރަންޏާ އަދި ކުރިއަށް ވެރިކަން ބޭނުންވަންޏާ އެކަންވެސް ކުރެވޭނީ ވަރަށް ގިނަ ބަޔަކާ ގުޅިގެންނެވެ. ވަކި ޓީމެއްނަގައިގެން ވާނީ އައިސޮލޭޓްއެވެ. ވަޒީރަކު ރައީސް ހެދިގެން އުޅެންޏާ ދިވެހިން ވަރަށް ހަޖޫޖަހާނެއެވެ. ދިވެހިރާއްޖޭގެ އެންމެ ފަހުގެ ރަސްކަލުން މުހައްމަދު ފަރީދު ހަވީރު ނަލަހެދިގެން ނުކުންނަވާއިރު ފަރީދުގެ އަރިސް ބޭކަލަކު ހުންނަނީ ފަރީދު ތުރުކުރައްވާ ހެދުންކޮޅުގެ ޑިޒައިނަށް ހަމަ އެކުލައިން ހެދުން އަޅައިގެންނެވެ. އިސާހިތަކު ދިވެހިން އެފަރާތައް “ހިތުން ފަރީދު” ނަން ކިޔާ ހަރުކޮށްފިއެވެ. ފަހުގެ ތާރީޙެއްގައި އޭރުގެ އެންމެ ބާރުގަދަ ވަޒީރު އިލްޔާސް އިބްރާހިމްގެ ދުވަސް ވަރު އިލްޔާސްގެ ގެކޮޅުގައި ކުޑައިރުއްސުރެ ގެންގުޅުނު ކުއްޖެއް، މިހާރު ދިވެހިރާއްޖޭގެ ބޮޑު ވިޔަފާރިވެރިއެއް އޭރު އަބަދު ހުންނަނީ އިލިޔާސް ދަށަށް ޖަހާގޮތަށް ދަށަށް ޖަހާ އިލްޔާސް ގޮތަށް ނަލަ ހެދިގެންނެވެ. އަދި ވިޔަފާރީގަ އާއި އެހެން ތަންތާ އިލްޔާސް ނެތްވަގުތު އުޅުއްވަނީ އިލްޔާސް ވާހަކަ ދައްކަވާ ގޮތަށް ވާހަކަ ދައްކަވާ އަމުރު މައުރޫފް ހިންގަވާ އެތައް ފައިދާއެއް ނެންގަވަމުންނެވެ. އިސާހިތަކު ދިވެހިން “ހިތުން އިލްޔާސް” މިވަނަން އޭރު ކިޔަންފެށިއެވެ.

ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮންޕޭއޯގެ ދަތުރު ދުރުގައިހުރެގެން އެނަލައިޒްކޮށްލިއިރު އަޅުގަނޑަށް ފެނުނު މަންޒަރަކީ މިއީ، ޝާހިދު 2023 އަށް ކުރަހާލި މަންޒަރެކެވެ. އެހެންނޫނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށްވުރެ މިމަނިކްފާނު މިދަތުރުފުޅުގައި އަމިއްލައަށް ވިދަންޖެހޭ ސަބަބެއްވެސް ނެތެވެ. މިނިސްޓަރ ޝާހިދު މިހާރު މިއުޅުއްވާ ގޮތުން ބޮޑަށް ސިފަވަނީ “ހިތުން ރައީސް” ހެދިފައި ހުންނަ މަންޒަރެވެ، އަނެއްކާ ރައްޔިތުންތެރެއިން ބަޔަކު ޝާހިދަށް “ހިތުން ރައީސް” އޭ ނުގޮވާނެބާއެވެ، ނުގޮވައިފިއްޔާ ކިތަންމެހާވެސް ރަނގަޅެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 8%ވަރަށް ގަޔާވޭ 24%ބޮޑު ޖޯކެއް 4%ހައިރާންވެއްޖެ 22%ވަރަށް ދެރަ 8%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

6 Responses

  1. ރާއްޖޭގައި ކޮވިޑްގެ ލޯކަލް ޓްރާންސްމިޝަން އޮތް އިރު ވީހާ ވެސް މަދު ބަޔަކާ ބައްދަލު ކުރާ ގޮތަށް އޮތުން އެއީ އެންމެ ރަގަޅު ގޮތް. އެމެރިކާ އިން ވެސް ބޭނުން ވާނީ އެގޮތް ކަމަށް ބެލެވެނީ. މިއީ ސްޓޭޓް ވިޒިޓެއް ނޫން. މިއީ ވަކި ކަމެއް ދައްކަން ކުރި ދަތުރެއް. މި ދަތުރުގައި ބައްދަލު ކުރަންޖެހޭނީ ހާރިޖީ ވަޒީރާ އަދި ރައީސް އާ. އެެއީ މިދަތުރުގެ “ބިޒްނަސް” ބިޒްނަސް ނިންމާފައި ފުރީމާ އެނިމުނީ. މިއީ ވަކި މީހަކު ޕްރޮމޯޓް ކުރަން ކަންކަން ރޭވިގެން ދިޔަ ގޮތެއް ކަމެއް ނޫން.

  2. ސާބަސް! ހަގީގީ މަންޒަރު ނުވަތަ ބޮޑު މަންޒަރު ކިޔުންތެރިންނަށް ތިލަ ކޮށްދެއްވީތީ އާޓިކަލް ލިޔުނު ނޫސްވެރިޔާއަށް ސެލިޔުޓް ކުރަން! މިވަރު ކޮށްލަން ކެރޭނީ ފިސާރި ގަޓު ހުރެގެން! މި ރާއްޖޭގާ ދެން ހުރީ ހައްތާވެސް “ފޮޅި” ނެރޭ ނޫސްތައް! ވިކިފާ ތިބި ނޫސްތައް!
    އައި ސެލިޔުޓް ޔޫ ހޫ އެވަރ ޔޫ އާ!!
    އެމްޑީޕީ އާއްމު މެމްބަރުން ބޮލައް ޝާހިދު އަދި ގުއިރޭނެ! 2012 ގަވެސް ގުއިރިއްޕާލި ގޮތައް! އެއަށްވުރެ ވަސްގަދަ ތަފާއްޔެއް!

  3. “ހިތުން ރައީސް”….ހައްހައްޚާޚާޚާ
    ވަނަމަކަށް ޔަޢުނީ…..ކުއްޅަވައް ކިނބޫ

  4. މިނިސްޓަރ ޝާހިދަކީ ވަރަށް އިޙްލާސްތެރި ބޭފުލެއް. ގައުމު އިގްތިޞާދީގޮތުންނާއި އިޖްތިމާޢީ ގޮތުން އެކަހެރިވެ ބައިބައިވެފައޮއްވާ އެމަނިކުފާނުގެ ގާބިލްކަމުން މިގައުމު މިއޮތީ މިހާހިސާބަށްގެނެސްފަ. އެމަނިކުފާނަކީ ދިވެހިގައުމާރައްޔިތުންނަށް ﷲމިންްވަރުފުލުކުރެއްވި ހެޔޮނަސީބެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: