ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް ނުނިމި ލަސްވަނީ ކީއްވެ؟

ޝެއާރކޮށްލާ ކަހަލަދޯ؟

ތަފާތު އެކިއެކި ކުށްކުށުގައި ތުހުމަތު ކުރެވޭ މީހުންގެ މައްސަލަތައް ތަހުގީގު ނުނިމި ލަސްވާ ވާހަކައާއި މައްސަލަތައް ތަހުގީގު ކުރުމަށް ފަހު ކޯޓަށް ހުށަހެޅުމުން އެ މައްސަލަތައް ނުނިމި ލަސްވަމުންދާ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކަތަކެވެ. ކޯޓުތަކަށް ހުށަހަޅާ މައްސަލަތަކުގެ ޝަރީޢަތް ނުފެށި ލަސްވުމާއި މައްސަލައިގައި ގޮތެއް ކަނޑަނޭޅި ލަސްވުމަކީ ހަމައެކަނި ރާއްޖޭގައި ދިމާވާ ނުވަތަ ދިމާވަމުން އަންނަ މައްސަލަތަކެއް ނޫންކަން އެއީ ވެސް ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ. އެހެން ކަމުން އެކަމަށް ހައްލު ހޯދުމަށް އެކި ގައުމުތަކުގައި ތަފާތުއެކި ގާނޫނީ ނިޒާމްތައް ކަނޑައަޅާފައިވެއެވެ. އެގޮތުން އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި ވެސް ތުހުމަތު ކުރެވޭ މީހުުންގެ މައްސަލަތައް ތަހުގީގު ކުރުމުގައި އަމަލު ކުރަން ޖެހޭނެ ގޮތާއި މައްސަލަތައް ކޯޓަށް ހުށަހަޅަން ޖެހޭނެ ގޮތާއި އަދި ކޯޓުތަކުން މައްސަލަތައް ނިންމަން ޖެހޭނެ ގޮތް ނުވަތަ ޝަރީޢަތްތައް ކުރިއަށް ގެންދަން ޖެހޭނެ ގޮތުގެ ގާނޫނީ ނިޒާމެއް ވަނީ ގާއިމް ކޮށްފައެވެ.

އެގޮތުން  ދިވެހިރާއްޖޭގައި ޖިނާއީ ކުށް ތަޙްޤީޤުކުރުމާއި، ޖިނާއީ ކުށްކުށުގެ ދަޢުވާ އުފުލުމާއި، އެފަދަ މައްސަލަތަކުގެ ޝަރީޢަތް ހިންގުމުގައި ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެއް 2016 ވަނަ އަހަރު ވަނީ ވުޖޫދު ކުރެވިފައެވެ. އެއީ ޖިނާއީ އިޖުރާޢަތުގެ ގާނޫނެވެ.

ޖިނާއީ އިޖުރާތުގެ ގާނޫނުގެ މަގުސަދަކީ ކުށުގެ ތުހުމަތުގައިވާ ފަރާތުގެ ޙައްޤުތަކަށް އުނިކަން ނާންނާނެ ގޮތެއްގެމަތިން ޖިނާއީ ކުށުގެ ދަޢުވާ އުފުލުމަށް ބާރުއެޅުމާއި، އެފަދަ ދަޢުވާތައް، ހަރުދަނާ ގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށްގެންދިޔުމަށް ބޭނުންވާ އުސޫލުތައް ކަނޑައެޅުމާއި މީގެއިތުރުން ޖިނާއީ މައްސަލަތަކުގެ ޝަރީޢަތްތައް ވީހާވެސް އިންޞާފުވެރިކޮށް، އަދި އެކަށީގެންވާ އަވަސް މިނެއްގައި ހިންގުމަށްޓަކައި ބޭނުންވާ އުސޫލުތައް ކަނޑައެޅުމަކީ ގާނޫނުގެ މަގުސަދެކެވެ.

މީގެއިތުރުން ޖިނާއީ ކުށްތަކާ ގުޅިގެން މައްސަލަ ހުށަހެޅުމާއި، މީހުން ހުއްޓުވައި ބަލައި ފާސްކުރުމާއި ހައްޔަރުކުރުމުގައި ގާނޫނު ތަންފީޛުކުރާ އިދާރާތަކުން ޢަމަލުކުރަންޖެހޭ އުސޫލުތަކާއި، ޖިނާއީ ކުށްކުށް ތަޙްޤީޤުކުރުމާ ގުޅޭގޮތުން ގާނޫނު ތަންފީޛުކުރާ އިދާރާތަކަށް ލިބިދޭ ބާރުތަކާއި، އެފަދަ ކުށްކުށާއި ގުޅިގެން އެ އިދާރާތަކުން ޢަމަލުކުރަންޖެހޭ އެނޫންވެސް އުސޫލުތައް ވަނީ ކަނޑައަޅާފައެވެ. އަދި ދަޢުވާކުރުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތަކާއި، ދަޢުވާ ނުކޮށް ދޫކޮށްލެވޭނެ ޙާލަތްތަކާއި، އުފުލިފައިވާ ދަޢުވާއެއް އަނބުރާ ގެންދެވޭނެ ޙާލަތްތަކާއި، އެކަންކަން ކުރުމުގައި ޢަމަލުކުރަންވީ އުސޫލުތައް ވެސް ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ.

މީގެއިތުރުން ޝަރީޢަތުގެ ކުރީގެ މަރުޙަލާ ނުވަތަ ޝަރީޢަތުގެ އިބްތިދާއީ އަޑުއެހުމާގުޅޭ އުސޫލުތަކާއި، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމާބެހޭ އުސޫލުތައް؛ ވެސް ވަނީ ގާނޫނުގައި ކަނޑައަޅާފައެވެ. ހަމައެހެންމެ ޝަރީޢަތަށް ހުށަހެޅޭ މައްސަލަތައް ހިންގުމުގެ އުސޫލުތަކާއި، ހެކި ހުށަހެޅުމާއި ހެކީން ހާޒިރުކުރުމާގުޅޭ އިޖުރާއަތުތަކާއި، ޙުކުމްކުރުމާއި އަދަބު ކަނޑައެޅުމާގުޅޭ އުސޫލުތައް ގާނޫނުގައި ބަޔާންކޮށްފައިވާއިރު ހުކުމް ތަންފީޒުކުރުމާގުޅޭ އުސޫލުތަކާއި، އިސްތިއުނާފްކުރުމާގުޅޭ އުސޫލުތައް ވެސް ޖިނާއީ އިޖުރާޢަތުގެ ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ. ނަމަވެސް ސުވާލަކީ ގާނޫނުގައި ބުނެފައިވާ ގޮތަށް މައްސަލަތައް ތަހުގީގު ކުރުމާއި އަދި މައްސަލަތައް ކޯޓުތަކަށް ހުށަހެޅުމަށް ފަހު ކުރިއަށްދޭތޯއެވެ. ޖަވާބް ވަރަށް ސާފެވެ. މައްސަލަތައް ހުންނަނީ ތަހުގީގު މަރުހަލާގައި ނުވަތަ ކޯޓުތަކުގައި ތާށިވެފައެވެ. ގާނޫނު ތަންފީޒެއް ނުކުރެވެއެވެ. އެހެން ކަމުން “ވާނުވާއޭ” ކިޔައިގެން ވާހަކަ ދެއްކުމުގެ ހައްގެއް އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. ކޮންމެއަކަސް އަޅުގަނޑު މިއުޅެނީ އަދުގެ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެން ޝަމީމް ވިދާޅުވާ ވާނުވާގެ ވާހަކަ ދައްކާކަށް ނޫނެވެ. ގާނޫނު ތަންފީޒް ނުކުރެވޭ ވާހަކަ ބުނެދޭށެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުގައި މީހަކު ކުށެއް ކޮށްފިކަން ނުވަތަ ކުށެއް ކުރާކަމުގެ ނުވަތަ ކުށެއް ކުރަން އުޅޭކަމުގެ މަޢުލޫމާތު ލިބޭ ކޮންމެ ފަރާތަކަށްވެސް، އެ ކުށާގުޅޭ މައްސަލަތައް ތަޙްޤީޤުކުރުމުގެ ބާރު ލިބިފައިވާ އިދާރާއަކަށް އެ މައްސަލަ ހުށަހެޅިދާނެއެވެ. އެގޮތުން  ތަޙްޤީޤުކުރާ އިދާރާއަކަށް މައްސަލަ ހުށަހެޅުމުން، އެ އިދާރާއިން އެ މައްސަލަ ބަލައިނުގެންފިނަމަ ނުވަތަ މައްސަލައިގެ ތަޙްޤީޤު އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންގޮސްފައިނުވާކަމަށް މައްސަލަ ހުށަހެޅި ފަރާތަށް ޤަބޫލުކުރެވޭނަމަ، އެކަމުގެ ޝަކުވާ ޕްރޮސެކިއުޓަރ ޖެނެރަލްއަށް ހުށަހެޅިދާނެއެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުގައި ޕްރޮސެކިއުޓަރ ޖެނެރަލްއަށް އެފަދަ މައްސަލައެއް ހުށަހެޅިއްޖެނަމަ ނުވަތަ އެނޫންވެސް ގޮތަކުން މީހަކު ކުށެއް ކޮށްފިކަން ނުވަތަ ކުށެއް ކުރާ ކަމުގެ ނުވަތަ ކުށެއް ކުރަން އުޅޭކަމުގެ މަޢުލޫމާތު ޕްރޮސެކިއުޓަރ ޖެނެރަލްއަށް ލިބިއްޖެނަމަ، އެކަން ތަޙްޤީޤުކުރުމަށް ތަޙްޤީޤުކުރާ އިދާރާއަށް އަމުރު ކުރުމުގެ ބާރު ޕްރޮސެކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުގައި ޖިނާއީ ކުށެއްގެ ދަޢުވާ، ކަމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަށް ބަލައިގެންފިނަމަ، އެ ތާރީޚުން ފެށިގެން ލަސްވެގެން 5 ދުވަހުގެ ތެރޭގައި އެ ދަޢުވާއާއި ދަޢުވާއާގުޅޭ އެންމެހައި ލިޔެކިޔުމުގެ ކޮޕީއެއް ދަޢުވާ ލިބޭ ފަރާތަށް ކޯޓުން ފޮނުވަންވާނެއެވެ. ނަމަވެސް ހަގީގަތަކީ ގާނޫނުގައި ބުނެފައިވާ ގޮތަށް ބުނެފައިވާ ތާރީހުގައި ދައުވާ ލިބޭ ފަރާތަށް ލިޔުންތައް ހަވާލު ނުކުރާ ކަމެވެ. އަދި ޖިނާއީ ކުށެއްގެ ދަޢުވާ ލިބޭ ފަރާތަކީ ގާނޫނުގެ ދަށުން ބަންދުކުރެވިފައިވާ މީހެއްނަމަ، ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް ދަޢުވާ އުފުލަންވާނެއެވެ. ވަރަށް ސާފު އެހެން ނޫންތޯއެވެ.

މީގެއިތުރުން ޖިނާއީ ކުށެއްގެ ދަޢުވާ ލިބޭ ފަރާތަކީ މި ގާނޫނުގެ ދަށުން ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރުމަށްފަހު  ދޫކޮށްލާފައިވާ މީހެއްނަމަ، އޭނާ ފަނޑިޔާރުގެ ކުރިމައްޗަށް ހާޒިރުކުރެވޭތާ 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް ދަޢުވާ އުފުލަންވާނެ ކަމަށް ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ. އަދި ބަޔާންކުރާ މުއްދަތުގެ ތެރޭގައި އެ މީހުންގެ މައްޗަށް ދަޢުވާ އުފުލުމަށް މަގުފަހިކުރުމަށްޓަކައި ގާނޫނު ތަންފީޛުކުރާ އިދާރާތަކުން އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެފަދަ މައްސަލަތަކުގެ ތަޙްޤީޤު ނިންމައި، ޕްރޮސެކިއުޓަރ ޖެނެރަލްއަށް ފޮނުވަންވާނެ ކަމަށް ވެސް ގާނޫނުގައި ވަނީ ބުނެފައެވެ.

ކޮންމެއަކަސް މި ފާހަގަކޮށްލީ ޖިނާޢީ އިޖުރާޢަތުގެ ގާނޫނުގައި ތަހުގީގު ކުރުމާއި ދަޢުވާ އުފުލުމާއި ގުޅޭގޮތުން ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކުޑަ މިންވަރެކެވެ. ދަންނަވަންތޯއެވެ. ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ މައްސަލަތައް ނުބެލި ލަސްވަނީ ތަހުގީގީ އިދާރާތަކުން ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން އަމަލު ނުކުރާތީއެވެ. އަދި ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް ވެސް ނުބެލި ނުވަތަ މައްސަލައިގައި ގޮތެއް ކަނޑަނޭޅި ލަސްވަނީ އެކަށީގެންވާ ގޮތަށް ގާނޫނު ތަންފީޒް ނުކުރެވޭތީއެވެ. ޕީޖީ ޝަމީމް ވިދާޅުވާ ވާނުވާ ޖެހުން ހުއްޓުމަކަށްް ގެންނަން ބޭނުން ވާނަމަ ކުރަން ޖެހޭ ކަމަކީ ޖިނާއީ އިޖުރާޢަތުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތައް ފުރިހަމައަށް ތަންފީޒު ކުރަންވީއެވެ. އޭރުން ކޯޓުތަކުގައި ހުރި މައްސަލަތައް މެކުހަށް ޖެހޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: