ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިކްރާމްގެ ދިފާއު: “ހަމަލާއެއް ނުދެން، ވީ ތަދުން ސާމްޕަލް ނެގި ކުއްޖާގެ އަތް ދުރަށް ޖައްސާ ނަމަކީ ކޮބައިތޯ އެހިން”

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން
ޝެއާރކޮށްލާ ކަހަލަދޯ؟

މާފަންނު މަދަރުސާގެ ފްލޫ ކްލިނިކް ތެރޭގައި ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގާ ކުއްޖަކަށް ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ހަމަލާދީ މާރާމާރީ ހިންގިކަމަށް ބުނެ ކުރަމުންދާ ތުހުމަތުތައް އޭނާ ދޮގުކޮށްފިއެވެ.

ކޮވިޑަށް ޓެސްޓު ކުރާ ރެޕިޑް ރެސްޕޮންސް ޓީމުގެ އޮފިޝަލަކަށް އިކްރާމް ހަމަލާދިން ކަމަށް ބުނެ ވާހަކަތައް ދެކެވުނީ ރޭގެ ވަގުތެއްގައެވެ. މައްސަލައިގައި އެންމެ ފުރަތަމަ ސޯޝަލް މީޑިއާގައި އާއްމުވީ ޕޯސްޓެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން، މާފަންނު މަދަރުސާގައި އާރްއާރުޓީ ސާމްޕަލް ނަގާ ކުއްޖަކަށް ހަމަލާދީފައިވާ ކަމަށެވެ. އަދި ހަމަލާ ދިނީ އަންހެން ކުއްޖަކަށް ކަމަށާއި، އެ މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.

އިކްރާމްއަށް ފާޑުކިއުންތައް ރައްދުވަމުން ދަނިކޮށް، އޭނާގެ ސޯޝަލް މީޑިއާ ހޭންޑަލްތަކުގައި ކުރި ޕޯސްޓެއްގައި ބުނީ އެއީ އެކަން ހިނގައިދިޔަ ގޮތް ނޫން ކަމަށެވެ. އަދި މާފަންނު މަދަރުސާގައި ސާމްޕަލް ނެގީ ވަރަށް “އަނިޔާވެރިކޮށް” ކަމަށް އޭނާ ބުންޏެވެ.

ނެފަތުގެ ތެރެއަށް ކަފަބުރުލާ، އެ ތަޅުވައިގަތުމުން އެ އަންހެން ކުއްޖާގެ އަތް ހުރީ މޫނާއަށް ދިމާލަށްވެފައި އަތް ދުރަށް ޖައްސާލިކަމަށް އިކްރާމް ވިދާޅުވިއެވެ. އެ ވަގުތު ވީ ތަދުން ހަމައެކަނި ބުނެފައިވާނީ “އެހާ އަނިޔާވެރިކޮށް ސާމްޕަލް ނަގާ ބަޔަކު ބައިތިއްބަން ނުވާނެ” ކަމުގައި ކަމަށް އިކްރާމްގެ ޕޯސްޓުގައި ވެއެވެ. އޭގެ އިތުރުން އެއީ ކޮން ނަމެއް ކިޔާ ކުއްޖެއް ތޯ ސުވާލު ކުރިކަމަށާއި، އެހެން ނަމަވެސް ނަން ހާމައެއް ނުކުރިކަމަށް އިކްރާމް ވިދާޅުވެފައިވެއެވެ.

“ނޭފަތު ތެރެއަށް ސާމްޕަލް ނަގާ އެތި ލައްވާފަ ތަޅުވައިގަތީމަ ތަދުވިވަރުން އެ ކަފަ ބުރު ނެރުމަށް މޫނާ ކައިރީގަ އިން އޭނާގެއަތް ދުރަށްލިން، އަދި ވަރަށް ރުޅި އައިސް ބުނެވުނު މިހާ އަނިޔާވެރިކޮށް ސާމްޕަލް ނަގާ ކުދިން ސާމްޕަލް ނެގުމަށް ބައިތިއްބަން ނުވާނެ ކަމަށް،……މިއަށް ވުރެ ބޮޑު ކަމެއް ނުހިނގާ” އިކްރާމް

އިކްރާމް ވިދާޅުވީ މީގެ ކުރިން ވެސް އޭނާ ޕީސީއާރު ޓެސްޓު ހަދާފައިވާނެ ކަމަށާއި، އައިޖީއެމްއެޗުގައި އެކަން ކުރިޔަށް ގެންދިޔައީ ވަރަށް އޯގާތެރިކޮށް ކަމަށެވެ. އެހެން ކަމުން މާފަންނު މަދަރުސާ ތެރޭގައި ހުރި ސީސީޓީވީ ފުޓޭޖު ބެލިޔަސް، އޭނާ އާރުއާރުޓީ ޓީމުގެ ކުއްޖަކަށް އަނިޔާއެއް ނުދޭކަން ސާފުވާނެ ކަމަށް ވިދާޅުވިއެވެ.

މި މައްސަލައިގައި އިކްރާމްއަށް ދަނީ ވަރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވަމުންނެވެ. ހާއްސަކޮށް ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ސާމްޕަލް ނެގުމާއި، އަދި ބަލި މީހުން އުފުލުމުގައި ހަރަކާތްތެރިވާ ޓީމުތަކުން ދަނީ އޭނާއަށް ފާޑުކިޔަމުންނެވެ. އޭގެ ތެރޭގައި ބައެއް ނަރުހުން ވެސް ހިމެނެއެވެ.

އިކްރާމްގެ ޓްވީޓަށް ރައްދު ދިން ބައެއް ފަރާތްތަކުން ވަނީ، އާރުއާރުޓީ ޓީމުތަކުން މި މަސައްކަތް ކުރާތާ އެތައް މަހެއްވެފައިވާ ކަން ފާހަގަކޮށްފައެވެ. އެހެން ކަމުން އެ ޓީމުގެ މެމްބަރުންނާއި ހަރުއަޑުން ވާހަކަ ދައްކަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމާއި، އަދި އިކްރާމްގެ ސާމްޕަލް ނެގި އަންހެން ކުއްޖާގެ ނަން ހޯދަން ނުޖެހޭނެ ކަމަށް ބައެއް މީހުން ބުނެފައިވެއެވެ.

ފްރަންޓްލައިނުގައި މަސައްކަތް ކުރާ ފަރާތްތަކަށް ދިމާވާ ފުރައްސާރަތައް ފާހަގަކޮށް އިކްރާމްގެ ޓްވީޓަށް ރައްދު ދިން މީހަކު ބުނެފައި ވަނީ، އެންމެންގެ ތެރޭގައި އެގޮތަށް ސާމްޕަލް ނެގި ސްޓާފްއަކަށް އަމާޒުކޮށް ހަރުއަޑުން ވާހަކަ ދައްކަން ނުޖެހޭނެ ކަމަށެވެ. އަދި ސާމްޕަލް ނަގާ ކޮންމެ ކުއްޖަކު ވެސް ސާމްޕަލް ނަގާނީ، މިއީ ކިހާ ވޭން ހުރި ކަމެއް ކަމާއި، އަދި ސަމާލުވާންވީ ކަންކަން ރަނގަޅަށް ކިޔައިދިނުމަށް ފަހު ކަމަށެވެ. އޭގެ އިތުރުން އެއީ ކުރާ ގައުމީ މަސައްކަތެއް ކަމާއި، ފްރަންޓުލައިނުގައި މަސައްކަތް ކުރާ ޓީމުތަކަށް ކުޑަ މުސާރައެއް ދީ، ރައްޔިތުންގެ ޓެކްސް ފައިސާއިން މެމްބަރުން ބޮޑު މުސާރަ ނަގަން ލަދު ގަންނަން ޖެހޭނެ ކަމަށް ރައްދުގައި މީހަކު ބުނެފައިވެއެވެ.

“އެ ކުދިން އެ ކުރަނީ ގައުމީ މަސައްކަތެއް. ލަދެއް ނުގަނޭ އެ ކުދިންގެ ޓެކްސް ފައިސާއިން ބޮޑު މުސާރަ ނަގައިގެން އެ ކުދިންނަށް ބިރު ދައްކަން.” އިކްރާމްއަށް ރައްދު ދީ މީހަކު ބުނެފައިވެއެވެ.

ބައެއް ފަރާތްތަކުން ވަނީ، އިކްރާމް މި މައްސަލައިގައި ދިފާއަށް ނިކުތުމަށްވުރެ އެންމެ ރަނގަޅީ މާފަށް އެދުން ކަމަށް ބުނެފައެވެ. އަދި ސާމްޕަލް ނަގާއިރު އެތައް ބަޔަކަށް ދަތިވާ ކަމަށާއި، އެހެން ނަމަވެސް އެއްވެސް ބަޔަކު އެކަމާއި ނުރުހުން ފާޅުކޮށް ސާމްޕަލް ނަގާ މީހަކަށް އަނިޔާއެއް ނުދޭ ކަމަށް ވަނީ ބުނެފައެވެ.

އިކްރާމަށް އަމާޒުވާ ފާޑުކިއުންތަކުގައި ގިނަ މީހުން ފާހަގަކޮށްފައިވަނީ ރާއްޖެއިން ލައްކައަކަށް ވުރެ ގިނަ ސާމްޕަލް ނެގިއިރު މީގެ ކުރިން މިފަދަ އެއްވެސް މައްސަލައެއް ދިމާވެފައި ނުވާ ކަމެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށްވުން އެއީ، އާރުއާރުޓީ ޓީމަށް ފުރައްސާރަ ކުރަންޖެހޭ ސަބަބެއް ނޫން ކަމަށް ބުނެފައި ވެއެވެ.

މި މައްސަލަ ފުލުހުން ވެސް ތަހުގީގު ކުރަން ފަށާފައިވާއިރު މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ވެސް ވަނީ އެ މައްސަލަ ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. ހެލްތް ޕްރޮފެޝަނަލް ޔޫނިއަންއިން ބުނެފައިވަނީ ރެޕިޑްރެސްޕޮންސް ޓީމްގެ މެންބަރަކަށް ދިން ހަމަލާ، ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި އެ އަމަލަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށް ބުންޏެވެ. އެ ޔޫނިއަންއިން ބުނެފައިވަނީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށް ދޭން މަތިކޮށްފައިވާ ފަރާތެއްގެ ކިބައިން އެފަދަ އަމަލެއް ފެނުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ.

ކޮވިޑުގެ ފްރަންޓް ލައިނުގައި މަސައްކަތް ކުރާ ފަރާތްތަކަކީ އާއްމުންގެ އިހުތިރާމާއި ލޯބި ލިބިފައިވާ ބައެކެވެ. ފާއިތުވީ އަށް މަސް ދުވަސް ވަންދެން ކޮންމެ ދުވަހަކު ވެސް ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވަމުން އަންނަ ޓީމުތަކަށް ކުރާ ފުރައްސާރަ އާއި، އަދި ރިސްކު އެލަވެންސްގެ މައްސަލައިގައި އާއްމުން އަޑުއުފުލާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: