ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަދަލުވީ ޒަމާން ބާއެވެ؟، ނުވަތަ ދިވެހިންގެ އާދަކާދަތައް ބާއެވެ؟

ސަންގު ފުމެނިކޮށް - ޕޮޓޯ: ފުށިފަރު މޯލްޑިވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެންމެ އިހު ޒަމާނުންސުރެ ވެސް ދިވެހިންނަކީ ރިވެތި އާދަކާދަ ތަކާއި މުއްސަނދި ސަޤާފަތެއްގެ ވެރިބައެކެވެ. ކާބަފައިންގެ ދިރުއުޅުމުގެ ވަށްޓަފާޅި އަށް ނަޒަރު ހިންގައިލުމުން މިކަން ހާމަވެގެންދާކަން ގައިމެވެ. ނަމަވެސް މިހާރު ދިވެހިންގެ ތެރެއިން ފެނިގެން ދަނީ މުޅިން ތަފާތު މަންޒަރެކެވެ. މިކަމަށް މެދުވެރިވީ ބަވަނަ ވަމުން މިދާ ދުނިޔޭގައި ޒަމާން ނުވަތަ ދިވެހިންގެ އާދަކާދަތައް ބަދަލުވުމުންތޯ ދެނެގަތުން މުހިންމެވެ.

ގައުމިއްޔަތުގެ މުހިންމު ބަހާއަކަށް ތާރީޙާއި ސަޤާފަތް ވާއިރު، ދިވެހިންގެ އާދަކާދަތަކާއި ސާޤާފަތަކީ ދިވެހިންނަށް ކިހާ މުހިންމު އެއްޗެއްކަން އެނގިގެންދެއެވެ. ކުރީގައި ދިވެހި ރާއްޖެއަށް ދަތުރު ކުރި ސައްޔާހުންގެ ލިޔުން ތަކުން ދިވެހިންގެ ސާދާ ދިރިއުޅުން ސިފަކޮށްދެއެވެ. އެގޮތުން މަޝްހޫރު ސައްޔާހެއްކަމަށްވާ ޕިރާޑް ރާއްޖެއާ ބެހޭ ގޮތުން ލިޔުއްވި ލިޔުމުގައި ދިވެހިންނަކީ ހިތްހިޔޮ ބައެއްކަމަށާއި މެހެމާންދާރީ އަދާ ކުރުމުގައި ދިވެހިންނަކީ  ދެވަނައެއްނުވާ ބައެއްކަން ފާހަގަކޮށްފައިވެއެވެ. ހަމައެއާއިއެކު ދިވެހިންނަކީ، ފެނުމާއި އެކު ހިނިތުންވުން އިސްކުރާ ބައެއްކަންވެސް މި ލިޔުންތަކުން އެނގިގެން ދެއެވެ. ނަމަވެސް މިހާރުގެ ދިވެހިންގެ ތެރޭގައި މިކަންކަން ނެތެމުން ދާކަން ޙުދު ދިވެހިންވެސް ޤަބޫލު ކުރެއެވެ. މިކަން އެނގިގެންދަނީ އެކަކު އަނެކެއްގެ ވާހަކަ ހުއްޓުމެއްނެތި ދައްކާއިރު، މިހާރު ދިވެހިންގެ ތެރޭގައި މެހެމާންދާރީގެ ބައި ނުފެންނަ ކަމުގެ ޝަކުވާ އާންމު ގޮތެއްގައި ކުރެވޭތީއެވެ. އެކަކު އަނެކަކަށް ކުރަންޖެހޭ އިޚުތިރާމާއި ގަދަރު ނުދެވޭތަން އަބަދާއި އަބަދު މިހާރު ފެނިގެންދާތީއެވެ. ނަމަވެސް ތާރީޚަށް ނަޒަރު ހިންގާލާއިރު މިކަހަލަ ހުރިހާ ރިވެތި އާދަތަށް ފެނިގެންދާތީ އުފެދިގެންދާ ސުވާލަކީ، މިހާރު ދިވެހިންގެ ތެރޭގައި މިކަންކަން ނުފެންނަނީ ދިވެހިންގެ ތެރެއަށް އައި ޒަމާނީ ބަދަލުތަކާއި ގުޅިގެންތޮއެވެ؟

މިހާރު ދިވެހިންގެ ތެރެއަށް ހުޅަނގުގެ ގޮތްތައް ހުރިހާ ގޮތަކުންވެސް ވަދެފައިވާ ކަމަށް ޤަބޫލު ކުރާބަޔަކީ ވެސް ހަމަ އަޅުގަނޑުމެންގެ ތެރެއިން ދިވެހިންނެވެ. ދިވެހިންގެ ހެނދުން އެޅުމުން ފެށިގެން ކެއިންބުއިމުގެ ގޮތްތަކަށްވެސް ހުޅަނގުގެ ވިސްނުން އައިސްފައިވާކަން މީ މިއަދުގެ ހަޤީގަތެވެ. ކުރީގައި ދިވެހިން، ހެދުން އެޅުމުގައި ބޭނުން ކުރި ގޮތްތައް މިހާރުގެ ބަހުން ދަންނަވާނަމަ ” ކަޓު ” ވަށްޓަފާޅިއަކަށް ވެފައިވާއިރު އެންމެނަށް ޤަބޫލު ކުރެވޭ ސަޅި އެއްޗަކީ ހުޅަނގެ ގޮތް ތަކެވެ. މިދެންނެވުނު ދިވެހިންގެ ހެދުން އެޅުމުގެ ގޮތްތައް މިހާރު ބޭނުން ނުކުރާ ތާގައި އެހެން މީހަކު އެކަމާ އެއްބަސް ވިޔަސް އެމީހަކަށް ރައްދުވަނީ ފާޑު ކިޔުންތަކެވެ.

މީގެ އިތުރުން ދިވެހިންގެ ތާރީޙުން އެނގި ގެންދާ ކެއުންބުއިމުގެ ގޮތް ތަކަކީ މިހާރުގެ ދިވެހިން ނުދަންނަ ގޮތްތަކެކޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. ދިވެހި ކެއުންތައް ކެއުމަކީ ހާހަކުން ފަހަރަކު ކުރާ ކަމަކަށް މިހާރު ވެފައި ބޭރުގެ ގޮތްތައް، ކެއުން ބުއިމުގައިވެސް ގެންގުޅުން އާންމު ކަމަކަށް މިިވަނީ ވެފައެވެ. ގިނަ ފަހަރަށް ދިވެހިން އާންމުކޮށް ކާން ބޭނުން ކުރާ އެއްޗެހި ކާން ނުކެރޭތާގައި މިބާވަތް ތަކަށް ކިޔާ ނަން އެނގޭ ދިވެހިން މިއަދު މަދެވެ. އެހެން ކަމުން މިއަދު ދިވެހިންނަށް ބަދަލުވީ ޒަމާންތޯ ނުވަތަ ކުރީގައި ގެންގުޅެމުންއައި ދިރިއުޅުމުގެ ގޮތްތައްތޯ މީ ނުކޮށް ދޫކޮށްލެވޭނެ ސުވާލެއް ބާއެވެ؟

ދިވެހިންނަކީ ކޮންބައެއްކަން އެންމެ ކުރު ގޮތަކަށް އަންގައިދޭ އެއްޗަކީ ދިވެހިންގެ މާދަރީ ބަސްކަމުގައިވާ ދިވެހި ބަހެވެ. ދިވެހިންގެ އަމިއްލަ ވަންތަކަން އަންގައިދޭ އަދި ފަަޚުރުވެރި ދިވެއްސެއްގެ ގޮތުގައި ދެމަހަށްޓައިދޭ އެއްޗަކީވެސް ހަމަ މި ދިވެހި ބަހެވެ. އަދި ކުރީގެ ދިވެހިން އުޅުނު ގޮތާއި އާދާކާދައާ ގުޅި ލާމެހިފައިވާ އެއްޗަކަށްވެސް ދިވެހިބަސް ވަނީ ވެފައެވެ. މިކަން އަންގައިދެނީ ދިވެހިން ކުރީގައި ވާހަކަ ދެއްކުމަށް ބޭނުން ކުރި ދިވެހި ބަހުގެ މުއްސަނދި ގޮތްތައް ދިވެހި ތާރިޚުން އަންގައިދޭތީއެވެ. ނަމަވެސް މިހާރު ދިވެހިބަހޭ ބުނެލާއިރަށް މޫނު މަށްޗަށް އަންނަ ކުލަވަރަކީ ދިވެހި ބަހާއި މެދު މިހާރުގެ ކުދިން ދެކޭ ގޮތް ހާމަވަކަމެކެވެ. ދިވެހި މާއްދާ ކިޔަވަން ބޭނުން ނުވާ ކުދިން ނިސްބަތުން ގިނައިރު، މިހާރު ދިވެހި ބަހުން ވާހަކަ ދައްކާލެވޭ ކުދިންގެ އަދަދު މިދަނީ ނިސްބަތުން މަދުވަމުންނެވެ. އިނގިރޭސި ބަހަކީ ކުއްޖާ އުފަންވުމަށްފަހު ފުރަތަމަ ދަސްކޮށްދޭން ޖެހޭ ބަސް ކަމަށް ޤަބޫލު ކުރާ ހިސާބަށް މިހާރުގެ ދިވެހިންގެ ހާލަތު ގޮސްފައިވާކަން ސާބިތު ކޮށްދެނީވެސް ހަމަ އަޅުގަނޑުމެންގެ ތެރެއިން ދިވެހިންނެވެ. ސަބަބަކީ އެއީ މިހާރުގެ ގިނަ ދިވެހިންގެ ދިރިއުޅުން ކަމުގައިވާތީއެވެ.

ދިވެހިންގެ ތާރީޚުގެ ސަފްހާތައް އުކާލާއިރު، ދިވެހިންގެ ދިރިއުޅުމުގެ ވަށްޓަފާޅިން އެނގިހާމަވާ ކަންކަމާއި މިހާރު ދިވެހިންގެ ދިރިއުޅުން ސިފަވާގޮތް އުޑާއިބިންހާ ތަފާތޭ ދެންނެވުމަކީ ހެދޭ ދޮގަކަށްނުވާނެ ކަން ގައިމެވެ. ކުރިން ފާހަގަކުރި ކަންކަމަކީ މިކަން ސާބިތު ކޮށްދޭ ކަންކަމަށް ވެފައި އަދި އެއީ ދިވެހިންގެ ކުރީގެ ދިރިއުޅުމާއި އަދި މިހާރުގެ ދިރިއުޅުމުގެ ތަފާތު އަންގައިދޭ ކުޑަ މިންވަރެކެވެ. އެހެން ކަމުން، ދިވެހިންނަށްވެ ތިބެ އައިސްފައިވާ މިބަދަލުތަކާއި އަދި ބަދަލު ވެފައިވަނީ ޒަމާން ނުވަަތަ ދިވެހިންގެ ދިރިއުޅުމުގެ ތާރީޚީ ވަށްޓަފާޅި ކަމާއި މެދު ކުރެވޭ ސުވާލަށް ވިސްނާ ފިކުރު ކޮށްލުމަކީ ކޮންމެ ދިވެއްސަކަށްވެސް މުހިންމު ކަމެއްކަން ކަށަވަރެވެ.

ވަރަށް ގަދަ
14%ވަރަށް ގަދަ 4%ވަރަށް ގަޔާވޭ 12%ބޮޑު ޖޯކެއް 1%ހައިރާންވެއްޖެ 3%ވަރަށް ދެރަ 66%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: