ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެންޓިލޭޓަރުގެ އޮޑިޓު: ދުބާއީ ކުންފުންޏަށް 30 މިލިއަން ރުފިޔާ ދެއްކީ، ކުންފުނީގެ ސައްހަކަން ނުބަލާ!

މިނިސްޓަރ އޮފް ހެލްތް އަބްދުﷲ އަމީޏް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލިއްޔަތު ގާނޫނާއި ހިލާފަށް އެޑްވާންސް ޕޭމަންޓް ގެރެންޓީއަކާނުލައި ހެލްތް މިނިސްޓްރީއިން ވެންޓިލޭޓަރުތަކަށް 30.9 މިލިއަން ރުފިޔާ ދުބާއީގެ އެގްޒެކިއުޓާ ޖެނަރަލް ޓްރޭޑަށް ދައްކާފައިވާކަމަށް އޮޑިޓުން ހާމަވެއްޖެއެވެ.

މިއީ މިދިޔަ މޭއި މަހުގެ ތެރޭގައި ލިބޭނެކަމަށް ބުނި ވެންޓިލޭޓަރުތަކެވެ. ދުބާއީގެ އެގްޒެކިއުޓާސް ކުންފުނީގެ ސައްހަ ކަމާއި މެދު ވެސް ސުވާލު އުފެދޭއިރު ވެންޓިލޭޓަރުތަކުގައި 75 އިންސައްތަ ފައިސާ ދައްކާފައިވާނެކަން މީގެ ކުރިން ކޮވިޑާއި ގުޅޭ މައުލޫމާތުތައް ހިއްސާކުރި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވެސް ވަނީ ވިދާޅުވެފައެވެ. އެ ކުންފުންޏާއި 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކޮށް ވަނީ ދެ މިލިއަނަށް ވުރެ ގިނަ ޑޮލަރު ނުވަތަ ދިވެހި ފައިސާއިން 34 މިލިއަން ރުފިޔާ ދައްކާފައެވެ.

އޮޑިޓް އޮފީހުން އާއްމުކޮށްފައިވާ ރިޕޯޓު ދައްކާގޮތުން، އެގްޒެކިއުޓާސް އާއި އެކު ހެލްތް މިނިސްޓްރީއިން ވެފައިވާ އެއްބަސްވުމުގެ ދަށުން ގެނަން ބުނި 75 ވެންޓިލޭޓަރެއްގެ ތެރެއިން 65 ވެންޓިލޭޓަރެއް އެއީ އައިސީޔޫ ވެންޓިލޭޓަރުތައް ކަމަށެވެ. އަދި އެ އައިސީޔޫ ވެންޓިލޭޓަރުތައް ފޯރުކޮށް ދިނުމަށް އެގްޒެކިއުޓާސް ކުންފުންޏާއި އެކު އެއްބަސްވެފައިވަނީ ވެންޓިލޭޓަރަކަށް -/150,501( ފަސްލައްކަ އެއް ހާސް އެއް ސަތޭކަ ފަންސާސް) ރުފިޔާ ކަމަށެވެ. ނަމަވެސް އެ އަގުތަކަކީ އައިސީޔޫ ވެންޓިލޭޓަރު ހޯދުމަށް ހެލްތް މިނިސްޓްރީއިން ދިވެހި ބައެއް ކުންފުނިތަކާއި އެކު އެއްބަސްވެފައިވާ އަގުތަކަށްވުރެ ބޮޑު އަގެއްކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، މެޑްޓެކް ޕްރައިވެޓް ލިމިޓެޑާއި، ނާޑު ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އެހެން ފަރާތެއްވެސް މި މުޢާމަލާތު ގައި ބައިވެރިވެރިވުން ހިމެނޭހެން ލިޔެކިއުންތައް ހުރި އިރު، އެ ފަރާތާއި އެގްޒެކިއުޓާސް އާ އޮތް ގުޅުން އެނގެން ނެތް ކަމަށެވެ. އެގޮތުން 75 ވެންޓިލޭޓަރު ގަތުމާއި ގުޅޭގޮތުން ކޮށްފައި ހުރި މުއާމަލާތްތަކުގައި، އެގްޒެކިއުޓާސް ނަމުގެ އިތުރުން، އިމަރޖެންސީ ހެލްތު ކެއަރ ޓްރެއިނިންގ ސެންޓަރގެ ނަމުގައި މުޢާމަލާތް ކޮށްފައި ހުރިކަން ފާހަގަކުރެވުނު ކަމަށެވެ.

އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން މަސައްކަތްކޮށްދޭ ފަރާތަށް ނުވަތަ ޚިދުމަތް ފޯރުކޮށްދޭ ފަރާތަށް ނުވަތަ ތަކެތި ފޯރުކޮށްދޭ ފަރާތަށް އެޑްވާންސް ފައިސާ ދޭނަމަ، އެ ފަރާތަކުން އެ އެޑްވާންސް ޕޭމަންޓާ އެއްވަރުގެ ޕޭމަންޓް ގެރެންޓީއެއް ހޯދަންޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް ހެލްތް މިނިސްޓްރީއިން މާލިއްޔަތު ގާނޫނާއި ހިލާފުވެ ވެންޓިލޭޓަރުތައް ފޯރުކޮށްދިނުމަށް ދުބާއީގެ ކުންފުންޏާއި އެކު ހެދި އެއްބަސްވުމުގެ ދަށުން، ފިނޭންސްގެ ހުއްދައާއެކު، ދެ ފަހަރެއްގެ މަތިން މި ޕްރޮޖެކްޓްގެ އަގުގެ ޖުމްލަ 90 އިންސައްތަ ފައިސާ ދައްކާފައިވާކަމަށް ރިޕޯޓުގައި ވެއެވެ. އެއީ ދިވެހި ފައިސާގެ 30 މިލިއަން ރުފިޔާއެވެ. އެހެން ނަމަވެސް އެޑްވާންސް ޕޭމަންޓުގެ ގެރަންޓީއެއް ހެލްތްއިން ހޯދާފައި ނުވެއެވެ.

އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ނުހޯދައި، ޕްރޮޖެޓްގެ ޖުމްލަ އަގުގެ ބޮޑު އަދަދެއް އެޑްވާންސްގެ ގޮތުގައި ދީފައިވުމުގެ ސަބަބުން، އެގްޒެކިއުޓާސްގެ ފަރާތުން މަސައްކަތް ފުރިހަމަ ނުކޮށްފިނަމަ، އެޑްވާންސްގެ ގޮތުގައި ދެއްކި ފައިސާ އަނބުރާ ހޯދުމަކީ ދަތިކަމަކަށް ވާނެކަމަށާއި ނަތީޖާއެއްގެ ގޮތުން، މާލީގޮތުން ބޮޑު ގެއްލުމަކަށް ދައުލަތް ހުށަހެޅިފައި އޮތްކަމަށް އޮޑިޓު ރިޕޯޓުގައި ވަނީ ބުނެފައެވެ.

ރާއްޖެއަށް ވެންޓިލޭޓަރު ގެންނަން ހަވާލު ކުރީ، ތިން ކުންފުންޏަކާއިއެވެ. އެއީ ނާޑު ޕްރައިވެޓް ލިމިޓެޑް 24 ވެންޓިލޭޓަރު އަދި މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް 50 ވެންޓިލޭޓަރާއި އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ، ދުބާއީއަށް 75 ވެންޓިލޭޓަރެވެ. މީގެ ތެރެއިން އެއްވެސް ކުންފުންޏެއް ހަވާލު ކުރި އަދަދަށް ވެންޓިލޭޓަރުތައް ނުގެނެއެވެ. ނަމަވެސް މައުލޫމާތު ލިބޭ ގޮތުން މި މަހުގެ ތެރޭގައި ނާޑު އާއި، މެޑްޓެކްއިން ނުގެނެވި ހުރި ވެންޓިލޭޓަރުތައް ރާއްޖެ ގެންނާނެއެވެ. ނާޑު ކުންފުނިން އަދި މިހާތަނަށް އެއްވެސް ވެންޓިލޭޓަރެއް ރާއްޖެ ނުގެނެއެވެ.

މެޑްޓެކްއިން ރާއްޖެ ގެނައި ވެންޓިލޭޓަރުތައް

ރާއްޖޭގައި އަނެއްކާވެސް ކޮވިޑުގެ ހާލަތު ގޯސްވެ، ވެންޓިލޭޓަރުތަކުގެ ވާހަކަތައް ވަނީ ދެކެވެން ފަށާފައެވެ. އެގޮތުން ރޭގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެންޓިލޭޓަރުތައް އައުން ލަސްވުމާއި އަދި ރާއްޖެއަށް އެ ގެނެވޭނެ ތާރީހަކީ ކޮބައިތޯ ނޫސްވެރިއަކު ސުވާލު ކުރުމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ވެންޓިލޭޓަރުތައް ގެނައުން ލަސްވަނީ އެތަކެތީގެ ފުރިހަމަ އަގު އެއްކޮށް ދެއްކުމަށް ދުބާއީ ކުންފުނިން އެދެމުންދާތީ ކަމަށެވެ. އެހެން ނަމަވެސް، އެގޮތަށް ނަހަދައި ފައިސާގެ ކަންކަން ނެގޯޝިއޭޓު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެންމެ ފަހުން މޭއި މަހުގެ ތެރޭގައި ވެންޓިލޭޓަރުތައް ގެނައިފަހުން، މާބޮޑު އަޕްޑޭޓުތަކެއް ލިބިފައި ނުވެއެވެ. އަދި ޖޫން މަހުގެ ތެރޭގައި މަޑުމަޑުން މާލޭގައި ކޮވިޑުގެ ކޭސްތައް މަދުވާން ފެށުމާއި އެކު ވެންޓިލޭޓަރުގެ ވާހަކަތައް ވެސް ހިނދިގެން ދިޔައީއެވެ. މީގެ ކުރިން ވެސް ނޫސްވެރިންގެ ބައްދަލުވުންތަކުގައި، ނޫސްވެރިން ވެންޓިލޭޓަރުތަކާއި ގުޅޭގޮތުން ސުވާލުކުރިއެވެ. އެހެން ނަމަވެސް މާބޮޑު އަޕްޑޭޓެއް ނުލިބެއެވެ. ހާއްސަކޮށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު އުވާލުމަށްފަހު ވެންޓިލޭޓަރުތަކުގެ އެއްވެސް ވާހަކައެއް ނުދެކެވެއެވެ.

އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ ކުންފުންޏާއި ގުޅޭގޮތުން ސުވާލު އުފެދި، އެކަމާއި ގުޅިގެން ނޫސްވެރިން ތަކުރާރުކޮށް މީގެ ކުރިން ސުވާލު ކުރިއެވެ. އޭރު ކުންފުނީގެ ސައްހަކަމާއި މެދު އުފެއްދި ސުވާލަށް އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެފައިވަނީ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ ކުންފުންޏަކީ ލެޖިޓިމޭޓް ކުންފުންޏެއް ތޯ ބަލާފައިވާނެ ކަމަށެވެ. އަދި ހެލްތް މިނިސްޓްރީން ކުންފުންޏާއި މަސައްކަތް ހަވާލުކޮށްފައިވަނީ އެކަން ޔަގީން ކުރުމަށްފަހުގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ނަމަވެސް އޭރު އެންއީއޯސީން ވެސް ބުނަމުން ދިޔައީ، ވެންޓިލޭޓަރުތައް ގެނައުން ލަސްވަނީ ދުނިޔޭގެ ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމުން ކަމަށެވެ. ގައުމުތަކުގެ އިގްތިސޯދު އަލުން ފަށާ ދަތުތައް ވެސް ފަށާފައިވާއިރު ރާއްޖޭގެ ވެސް ބޯޑަރު ހުޅުވާލިތާ މަހަކާއި ގާތް ވަނީއެވެ. އެހެން ކަމުން ވެންޓިލޭޓަރު ގެނައުން ލަސްވާންޖެހޭ ސަބަބެއް ނެތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: