ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުބާއީ ކުންފުންޏަށް 75 އިންސައްތަ ފައިސާ ދައްކާފައި، ވެންޓިލޭޓަރުތައް ގެންނަން ކުންފުނިން މިހާރު ބޭނުމީ ފުލް ޕޭމަންޓު!

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން/ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އަމީނަށް ތުހުމަތުތަކެއް ވެސް ކުރެވުނު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑާއި ދެކޮޅަށް ކުރި މަސައްކަތްތަކުގެ ތެރެއިން، ރާއްޖެއަށް ވެންޓިލޭޓަރުތައް ގެނައުމަށް ހަވާލުކުރި ދުބާއީ ކުންފުނީގެ 75 ވެންޓިލޭޓަރުތައް ގެނައުން ލަސްވަނީ އެ ކުންފުނިން ވެންޓިލޭޓަރުތަކުގެ ފުލް ޕޭމަންޓު ދެއްކުމަށް ޑިމާންޑުކުރަމުން ދާތީ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފިއެވެ.

ވެރިރަށް މާލެއިން ކޮޑިޑުގެ ކޭސްތައް ފެނުމުގެ ކުރިން ވެސް ވެންޓިލޭޓަރުތައް ގެނައުމުގެ މަޝްވަރާތައް ފެށި، ކުންފުނިތަކާއި އެ މަސައްކަތްތައް ހަވާލު ކުރެވުނުއެވެ. އަދި މާލެއިން ކޮވިޑުގެ ކޭސްތައް ފެނުމަށްފަހު. ބަލި ފެތުރިދާނެކަމަށް އަންދާޒާ ކުރެވުނު އަދަދުތަކުގެ ސަބަބުން، ވެންޓިލޭޓަރުތައް ގެނައުން ވީހާވެސް އަވަސް ކުރުމަށް އާއްމުން ވެސް ގޮވާލަމުން ދިޔައެވެ. ނަމަވެސް ވެންޓިލޭޓަރުތައް ރާއްޖެ ގެނުމަށް ހަވާލު ކުރި ކުންފުނިތަކާއި މެދު ސުވާލު އުފެދުނީ، އެ ވެންޓިލޭޓަރުތައް ގެންނަން ހަވާލު ކުރި ތާރީހުތައް ހަމަވީއިރު ވެސް އެއްވެސް ވެންޓިލޭޓަރެއް ގެނެވިފައިނުވުމާއި އެކު، ވެންޓިލޭޓަރުތައް ގެނައުމަށް ކުންފުނިތަކަށް ފައިސާ ހަވާލު ކުރުމުގައި މާލިއްޔަތު ގާނޫނާއި ހިލާފުވެފައިވާކަމަށް ދެކެވުނު ވާހަކަތަކާއި އެކުއެވެ.

ރާއްޖެއަށް ވެންޓިލޭޓަރު ގެންނަން ހަވާލު ކުރީ، ތިން ކުންފުންޏަކާއިއެވެ. އެއީ ނާޑު ޕްރައިވެޓް ލިމިޓެޑް 24 ވެންޓިލޭޓަރު އަދި މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް 50 ވެންޓިލޭޓަރާއި އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ، ދުބާއީއަށް 75 ވެންޓިލޭޓަރެވެ. މީގެ ތެރެއިން އެއްވެސް ކުންފުންޏެއް ހަވާލު ކުރި އަދަދަށް ވެންޓިލޭޓަރުތައް ނުގެނެއެވެ. ނަމަވެސް މައުލޫމާތު ލިބޭ ގޮތުން މި މަހުގެ ތެރޭގައި ނާޑު އާއި، މެޑްޓެކްއިން ނުގެނެވި ހުރި ވެންޓިލޭޓަރުތައް ރާއްޖެ ގެންނާނެއެވެ. ނާޑު ކުންފުނިން އަދި މިހާތަނަށް އެއްވެސް ވެންޓިލޭޓަރެއް ރާއްޖެ ނުގެނެއެވެ.

ރާއްޖޭގައި އަނެއްކާވެސް ކޮވިޑުގެ ހާލަތު ގޯސްވެ، ވެންޓިލޭޓަރުތަކުގެ ވާހަކަތައް ވަނީ ދެކެވެން ފަށާފައެވެ. އެގޮތުން ރޭގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެންޓިލޭޓަރުތައް އައުން ލަސްވުމާއި އަދި ރާއްޖެއަށް އެ ގެނެވޭނެ ތާރީހަކީ ކޮބައިތޯ ނޫސްވެރިއަކު ސުވާލު ކުރުމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ވެންޓިލޭޓަރުތައް ގެނައުން ލަސްވަނީ އެތަކެތީގެ ފުރިހަމަ އަގު އެއްކޮށް ދެއްކުމަށް ދުބާއީ ކުންފުނިން އެދެމުންދާތީ ކަމަށެވެ. އެހެން ނަމަވެސް، އެގޮތަށް ނަހަދައި ފައިސާގެ ކަންކަން ނެގޯޝިއޭޓު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިއީ މިދިޔަ މޭއި މަހުގެ ތެރޭގައި ލިބޭނެކަމަށް ބުނި ވެންޓިލޭޓަރުތަކެވެ. ދުބާއީގެ އެގްޒެކިއުޓާސް ކުންފުނީގެ ސައްހަ ކަމާއި މެދު ވެސް ސުވާލު އުފެދޭއިރު ވެންޓިލޭޓަރުތަކުގައި 75 އިންސައްތަ ފައިސާ ދައްކާފައިވާނެކަން މީގެ ކުރިން ކޮވިޑާއި ގުޅޭ މައުލޫމާތުތައް ހިއްސާކުރި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވެސް ވަނީ ވިދާޅުވެފައެވެ. އެ ކުންފުންޏާއި 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކޮށް ވަނީ ދެ މިލިއަނަށް ވުރެ ގިނަ ޑޮލަރު ނުވަތަ ދިވެހި ފައިސާއިން 34 މިލިއަން ރުފިޔާ ދައްކާފައެވެ. މިކަން ވެސް އޭރު ބައްދަލުވުންތަކުގައި މަބްރޫކް ކަޝަވަރުކޮށްދީފައިވެއެވެ.

ދުބާއީ ކުންފުންޏާއި ހަވާލު ކުރި ވެންޓިލޭޓަރުތަކުން މިހާތަނަށް ގެނެސްފައިވަނީ 10 ވެންޓިލޭޓަރެވެ. އެހެން ނަމަވެސް އޭގެއިން އެއްވެސް އެއްޗެއްގެ ޝަރުތު ހަމަނުވާއިރު، ވެންޓިލޭޓަރުތައް ވަނީ އަލުން އަނބުރާ ފޮނުވާލަން ޖެހިފައެވެ.

މެޑްޓެކްއިން ރާއްޖެ ގެނައި ވެންޓިލޭޓަރުތައް/ އެ ކުންފުނިން ވެސް ހަވާލު ކުރި ހުރިހާ ވެންޓިލޭޓަރެއް ނުގެނޭ

އެންމެ ފަހުން މޭއި މަހުގެ ތެރޭގައި ވެންޓިލޭޓަރުތައް ގެނައިފަހުން، މާބޮޑު އަޕްޑޭޓުތަކެއް ލިބިފައި ނުވެއެވެ. އަދި ޖޫން މަހުގެ ތެރޭގައި މަޑުމަޑުން މާލޭގައި ކޮވިޑުގެ ކޭސްތައް މަދުވާން ފެށުމާއި އެކު ވެންޓިލޭޓަރުގެ ވާހަކަތައް ވެސް ހިނދިގެން ދިޔައީއެވެ. މީގެ ކުރިން ވެސް ނޫސްވެރިންގެ ބައްދަލުވުންތަކުގައި، ނޫސްވެރިން ވެންޓިލޭޓަރުތަކާއި ގުޅޭގޮތުން ސުވާލުކުރިއެވެ. އެހެން ނަމަވެސް މާބޮޑު އަޕްޑޭޓެއް ނުލިބެއެވެ. ހާއްސަކޮށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު އުވާލުމަށްފަހު ވެންޓިލޭޓަރުތަކުގެ އެއްވެސް ވާހަކައެއް ނުދެކެވެއެވެ.

އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ ކުންފުންޏާއި ގުޅޭގޮތުން ސުވާލު އުފެދި، އެކަމާއި ގުޅިގެން ނޫސްވެރިން ތަކުރާރުކޮށް މީގެ ކުރިން ސުވާލު ކުރިއެވެ. އޭރު ކުންފުނީގެ ސައްހަކަމާއި މެދު އުފެއްދި ސުވާލަށް އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެފައިވަނީ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ ކުންފުންޏަކީ ލެޖިޓިމޭޓް ކުންފުންޏެއް ތޯ ބަލާފައިވާނެ ކަމަށެވެ. އަދި ހެލްތް މިނިސްޓްރީން ކުންފުންޏާއި މަސައްކަތް ހަވާލުކޮށްފައިވަނީ އެކަން ޔަގީން ކުރުމަށްފަހުގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ނަމަވެސް އޭރު އެންއީއޯސީން ވެސް ބުނަމުން ދިޔައީ، ވެންޓިލޭޓަރުތައް ގެނައުން ލަސްވަނީ ދުނިޔޭގެ ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމުން ކަމަށެވެ. ގައުމުތަކުގެ އިގްތިސޯދު އަލުން ފަށާ ދަތުތައް ވެސް ފަށާފައިވާއިރު ރާއްޖޭގެ ވެސް ބޯޑަރު ހުޅުވާލިތާ މަހަކާއި ގާތް ވަނީއެވެ. އެހެން ކަމުން ވެންޓިލޭޓަރު ގެނައުން ލަސްވާންޖެހޭ ސަބަބެއް ނެތެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: