ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑުފިނޮޅުން ހައްޔަރު ކުރި ބިދޭސީން ދިފާއުގައި ވާހަކަ ދެއްކުމުން ފުލުހުން ބުނަނީ “ތި ވާހަކައެއް ބަޔާނުގައި ނުހިމެނޭނެ”!

ބޮޑުފިނޮޅުގެ ހަމަނުޖެހުންތަކާއި ގުޅިގެން ހައްޔަރު ކުރި ބައެއް ބިދޭސީން
ޝެއާރކޮށްލާ ކަހަލަދޯ؟

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބޮޑު ފިނޮޅުގެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ބަޔާންތަކަށް ފުލުހުން ހުރަސް އަޅަމުން ގެންދާ ކަމަށާއި، އަދި ބިދޭސީންގެ ދިފާއުގައި ދައްކާ ވާހަކަތައް ބަޔާނުގައި ހިމެނުމަށް ވެސް އިންކާރު ކުރަމުންދާކަމަށް ބިދޭސީންގެ ގާނޫނީ ވަކީލުން ބުނެފިއެވެ.

ސަންގުޓީވީގެ “ނިއުސްރޫމް”އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ބިދޭސީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، ހަލީމާ މުހައްމަދު ވިދާޅުވީ ޖުލައި މަހުގެ 02 ގައި ބޮޑު ފިނޮޅުގައި ހިނގައިދިޔަ ކަންތަކަށްފަހު ރަށުން 19 ބިދޭސީއެއް އޭގެ ޖެހިގެން އައި ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މީހުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުން އަންނަ ކަމަށާއި، ޖިނާއި ބޮޑު ތުހުމަތެއްކޮށް ފުލުހުންގެ އަމާޒު ހުރީ ތަހުގީގު މުޅިން އެހެން ކޮޅަކަށް އަނބުރާލާ ވަކި ޖަވާބުތަކެއް ހޯދުމަށް ކަމަށެވެ.

ހަލީމާ ވިދާޅުވީ ޖިނާއި ބޮޑު ތުހުމަތެއް ކުރާއިރު، ބިދޭސީން ދޭ ބަޔާނަކީ. އެއީ ޝަރުއީ މަރުހަލާގައި ކޯޓަށް ވެސް ހުށަހެޅޭނެ ބަޔާންތަކެއް ކަމަށެވެ. އެގޮތުން ބިދޭސީން ވެސް އެ މީހުންގެ ދިފާއުގައި ބޭނުން ކުރެވޭނެ ވާހަކަތަކެއް ބަޔާންތަކުގައި ހިމަނަން ބޭނުންވީ ނަމަވެސް ފުލުހުން އެ ފުރުސަތެއް ނުދޭ ކަމަށް ހަލީމާ ވިދާޅުވިއެވެ. ގާނޫނީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޓީމަށް އެކި ގޮތްގޮތުން ހުރަސް އަޅާ، ބިދޭސީންނާއި ވަކި ވާހަކަތަކެއް ދެއްކުމަށް ފުލުހުން ހުރަސް އަޅަމުން އަންނަ ކަމަށް ވެސް ހަލީމާ ވިދާޅުވިއެވެ.

އެކި ގޮތްގޮތުން ދަތި ކުރަން މަސައްކަތްކޮށް، ވަކި ވާހަކަތަކެއް އެއީ ނުދެއްކޭނެ ވާހަކަތަކެއް ކަމަށް ބުނުމާއި، އަދި ކުރާ ވަކި ސުވާލަކަށް ޖަވާބު ނުދެވޭނަމަ ދިފާއުގައި ދައްކާފައިވާ އެހެން ވާހަކައެއް އެއީ ނުހިމެނޭނެ ވާހަކައެއްގެ ގޮތުގައި ބުނެ ބިދޭސީންނާއި ވާހަކަ ދެއްކުމަށް ވެސް ފުލުހުން ހުރަސް އަޅަމުން ގެންދިޔަ ކަމަށް ހަލީމާ ވިދާޅުވިއެވެ.

“މި މައްސަލައިގައި ބަޔާންތައް ނެގުން ފުލުހުން ވަނީ ވަރަށް ބޮޑަށް ލަސްކޮށްފައި. އެގޮތުން ދެވަނަ ފަހަރަށް މުއްދަތު ޖެހުމަށްފަހު ވެސް 26 ޖުލައިގައި ބަޔާން ނެގުމަށް މެސެޖު ހުރީ ވެސް އެރޭ ދަންވަރު 12 ގެ ފަހުންކަން ފާހަގަ ކުރަން. އޭގެ އަނެއް ދުވަހަށް ގަޑިއެއް ދީފަ މި ހުންނަނީ. ދެން އަޅުގަނޑުމެންނަށް ވިސްނުނީ ފުލުހުން ވަރަށް ބޮޑަށް ބޭނުންވެޔޭ، ބަޔާން ނަގާގަޑީ ލޯޔަރު ނެތި ބަޔާން ނަގަން…. އެއީ ރޭގަނޑު 12 ގެ ފަހުން މެސެޖުކޮށްފަ މި ބުނަނަނީ ހެނދުނު ދާން. ހަ ގަޑިއިރު ތެރޭ ލޯޔަރު ނައައިސްފިނަމަ ފުލުހުންނަށް އެބައޮވޭ ބަޔާން ނަގަން. ދެން ވިސްނެނީ އެގޮތަށޭ އަމަލު ކުރަން އުޅެނީ” ހަލީމާ

ބޮޑު ފިނޮޅުން ހައްޔަރުކޮށްފައިވަނީ 19 ބިދޭސީއެއް، އެ މީހުންގެ ބަންދަށް މާދަމާ 30 ދުވަސް ހަމަވާނެ

ހަލީމާ ވިދާޅުވީ، ބައެއް ފަހަރު ހެނދުނުން ފެށިގެން ދޫނިދޫގައި ބޭތިއްބުމަށްފަހު ހަވީރު ވާ ފަހުން ވެސް ތަހުގީގު ކެންސަލް ކުރާ ކަމަށެވެ. އަދި މިހާތަނަށް ވެސް ނެގުނު ބަޔާންތަކުގައި ވަކި ވާހަކަތަކެއް ނުހިމެނުމަށް ފުލުހުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރިކަމަށް ވެސް އޭނާ ފާހަގަކުރިއެވެ. ހަލީމާ ވިދާޅުވީ ސުވާލުތަކަށް ފަހު ބިދޭސީމީހާ އިތުރު ވާހަކައެއް ދައްކަން ބޭނުން ވިޔަސް އެކަމަށް ވެސް ފުލުހުން ޖާގަ ނުދޭ ކަމަށެވެ. އަދި އެ ވާހަކަތައް ބަޔާނުގައި ހިމެނުމަށް ވެސް ދެކޮޅު ހަދާ ކަމަށެވެ.

ބިދޭސީންނަށް އަމާޒުކޮށް “ތި ވާހަކައެއް ނުދެއްކޭނެ”، ނުވަތަ “ކުރިން މި ސުވާލަށް ޖަވާބު ނުދޭތީ، ތި ވާހަކައެއް ނުހިމެނޭނެ” ކަމަށް ބުނެ ވާހަކަތައް ދައްކާ ކަމަށް ހަލީމާ ވިދާޅުވިއެވެ. އަދި ބައެއް ވާހަކަތައް ދެއްކުމުން އެއީ ތަހުގީގާއި ގުޅުން ހުރި ކަންތަކެއް ނޫންކަމަށް ބުނެ ވެސް ފުލުހުން އެ ވާހަކަ ހުއްޓުވާ ކަމަށެވެ.

މީގެ އިތުރުން ހަލީމާ ވިދާޅުވީ، ގާނޫނީ ޓީމުގެ ޓްރާންސްލޭޓާރ އަށް ވެސް ފުލުހުން ހުރަސް އަޅާކަމަށެވެ. އެގޮތުން އޭނާ ޑީޕޯޓުކޮށްލާނެކަމަށް ބުނުން ހިމެނޭ ކަމަށެވެ.  

“މިހާ ބޮޑެތި ޖިނާއީ ތުހުމަތުތަކެއްގައި ހައްޔަރުކޮށްފައި ތިބި ބައެއް. އެ މީހުންގެ ދިފާއިގައި އެއްވެސް ވާހަކައެއް ހަމަ ބަޔާނުގައި ނުހިމެނުމަށް ފުލުހުން ދަނީ.” ހަލީމާ

ބިދޭސީންނަށް މުސާރައެއް ނުދީ މަސައްކަތް ކުރުވާތާ 08 މަސް ދުވަސް ވެފައިވަނިކޮށް، ކުރި މުޒާހަރާ ހަމަނުޖެހުމަކަށް ބަދަލުވެ ހިނގައިދިޔަ ކަންތަކުގެ ތެރެއިން ހައްޔަރު ކުރި ބިދޭސީންނާއި ފުލުހުން ވާހަކަ ދައްކާފައި ނުވާކަމަށް ވަކީލުންގެ ޓީމުން އާއްމު ކުރި ބަޔާނެއްގައި ވެސް މީގެ ކުރިން ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގައި ބިދޭސީންގެ ވަކީލުންގެ ގޮތުގައި ބޮޑު ޓީމެއް މަސައްކަތް ކުރެއެވެ. އަދި މީޑިއާތަކަށް ވަކީލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ބިދޭސީންނާއި ބައްދަލު ކުރި ވަކީލުންގެ ތެރެއިން ވަކީލަކަށް މައްސަލަ ތަހުގީގު ކުރަމުންދާ ފުލހުންގެ ތެރެއިން އިންވެސްޓިގޭޓަރެއް ގުޅާ ނުފޫޒު ފޯރުވުމަށް ވެސް މަސައްކަތްކޮށްފައިވާ ކަމަށެވެ.

ވަކީލުންގެ ބަޔާނުގައި ބުނެފައިވަނީ، މުޒާހަރާތައް ކުރި 16 މޭއި އާއި ޖުލައި 02 ގައި ހިނގައިދިޔަ ހާދިސާތަކުގައި ބިރު ދެއްކުމުގެ އަމަލުތައް ހިނގާފައިވާކަމަށެވެ. އަދި ބިދޭސީންނަށް އިންޒާރުދީ، އެ މީހުންގެ ފުރާނަ ގެއްލޭވަރުގ ބޮޑު އަނިޔާއެއް ލިބިދާނެކަމަށް ބުނެ ވާހަކަ ދައްކާ ހެދިކަމަށް ބިދޭސީންގެ ވާހަކަތަކުން އެނގޭ ކަމަށެވެ. ބިިދޭސީންނަށް އިންޒާރުތައް ދީ އެ މީހުން ޑީޕޯޓުކޮށްލާނެކަމުގެ ބިރު ދައްކާފައިވާކަމަށް ބަޔާނުގައި ވެއެވެ. ވަކީލުން ބުނެފައިވަނީ، ބިދޭސީންނަށް އަމާޒުކޮށް އެ މީހުންނަށް އެއްވެސް ގެއްލުމެއް ވެއްޖެނަމަ އާއިލާއަށް ވާނެ ގޮތަކާއި މެދު ވިސްނުމަށް ވެސް ބުނެ ވާހަކަ ދެއްކިކަމަށެވެ. މި އަމަލުތަކުގެ ފަހަތުގައި ތިބީ ސީލް މޯލްޑިވްސްގެ ތިން މީހެއްކަމަށް ބިދޭސީން ތުހުމަތުކުރާކަމަށް ވަކީލުން ބުނެއެވެ.

މީގެ އިތުރުން ބިދޭސީން މުސާރަ ދިނުމަށް އެދުމުން ރަށުގައި މަސައްކަތް ކުރާ ބިދޭސީއަކަށް ގޮތް ނޭނގޭ ފޯނު ކޯލެއްގައި މީހަކު ގުޅާ “ކަރު ބުރިކޮށްލާނަމޭ” އަދި “ކަރު ބުރިކޮށްލައިފިނަމަ އަނބިމީހާ އާއި ދަރިފުޅަށް ވާނީ ކިހެނެއްހޭ” ބުނެ ފުރާނައަށް ނުރައްކާވާ ގޮތްތަކަށް އިންޒާރު ދިން ކަމަށް ވަނީ ބުނެފައެވެ.

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބޮޑު ފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީންނަށް މުސާރަ ނުދޭތާ އެތައް މަހެއް ވަނީ ވެފައެވެ. މި މައްސަލައިގައި ސީލް ކުންފުންޏާއި، ރިޒްއިން ވަނީ އެއް ކުންފުނި އަނެއް ކުންފުންޏަށް ބޮޑެތި ތުހުމަތުތަކެއް ވެސް ކުރަމުންނެވެ. އެގޮތުން ރިޒްއިން ބުނާ ގޮތުން ބިދޭސީންނަށް މުސާރަ އައި ކެއުން ހަމަޖައްސަން ޖެހެނީ ސީލްއިން ނަމަވެސް އެ ކުންފުނިން އެގޮތަށް އަމަލެއް ނުކުރެއެވެ. އޭގެ ރައްދުގައި ސީލްއިން ބުނެފައިވަނީ މުސާރަ ދެވޭވަރަށް އިތުރަށް ވެސް ކުންފުންޏަށް ފައިސާ ދީފައިވާނެ ކަމަށެވެ.

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ އެ ރަށުން ބިދޭސީން މިހާރު ވަނީ ބާލުވާފައެވެ. އަދި އެ މީހުން ރަށުން ބޭލުވުމުގެ ކުރިން ރަށުން ފެނާއި، ކަރަންޓު ކަނޑާލާފައިވެއެވެ. އަދި ކެއްކޭނެ އިންތިޒާމުތަކަށް ވެސް ހުރައް އަޅާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: