ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ އަހަރުގެ ކުޑަ ކުއްޖަކު ރޭޕް ކުރުން: ޝިދާތާ އަވަހާރަފުޅު ނުލައްޕަވާ “ފްރައިޑޭ ހިނގުމުގައި”

ދެ އަހަރުގެ ކުޑަ ކުއްޖަކު ރޭޕް ކުރުން: ޝިދާތާ "ފްރައިޑޭ ހިނގުމުގައި" - ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިންނަކީ، މައުސޫމެއްގެ ވެރި ބައެކެވެ. އެ ކުދިންނަށް އަނިޔާއެއް ދިނުމާއި އޭގެއިން ކުއްޖެއްގެ އިފަތްތެރިކަން ފޭރިގަތް މީހާގެ ނުބައި ކަމާއެވެ. އަދި އެކަން ފޮރުވާ، އެކަމަށް ފިޔަވަޅު ނޭޅިބައެއްގެ ޖާހިލުކަމާއެވެ. މި ވާހަކަ ރީތި ގޮތަކަށް ދެއްކޭނެ ގޮތެއް ނޭނގެއެވެ. ހިތަށް ވަންނަ ނުބައި ނުލަފާ ވިސްނުންތަކެއްގެ ސަބަބުން މައުސޫމް ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރާނީ ވަލު ޖަނަވާރުންތަކެކެވެ. އެ މީހުންނަށް ދެވޭނެ އެއްވެސް މާފެއް ނެތެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާގެ ވާހަކަ ދައްކަން ޖެހިފައިމިވަނީ ލަދުން ހުރެއެވެ. އެ ކުދިންނަށް އަހަރެމެންނަކަށް ރައްކާތެރިކަން ފޯރުކޮށް ނުދެވުނީމައެވެ. އެ ކުއްޖާގެ މުޅި މުސްތަގުބަލު ދުއްވާލަން ޖެހޭނީ “އަހަރެންގެ ކުށަކީ ކޮބައިތޯ” ހިތާހިތާ ސުވާލުކޮށް ހުރެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ އެތައް މައްސަލައެއް ފެންމަތިވާއިރު ކަމާއި ބެހޭ މުވައްސަސާތަކުގެ ހުންނަނީ ވާގި ނެތިފައެވެ. ކުރެވޭ ކަމެއް ނޯވެއެވެ. މި މީހުން މުޖްތަމައުއަށް ދޫވެފައި ހުރުމުގެ ނަތީޖާއަކީ އެކަންކަން ތަކުރާރުވުމެވެ. އިތުރު ކުއްޖެއްގެ މުޅި ދިރިއުޅުން ހަލާކުވުމެވެ. ދެން މިވާހަކަތައް ދައްކަން ފެށުމުން ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ދެއްވި ޖަވާބަކީ، “މި މައްސަލަ އައުމާއި އެކު އަޅުގަނޑުމެން ނުވެސް ނިދަން، އެކަަމަކު މިތާ ތިބި އެންމެން ރޭ ނިދި” މިހެންނެވެ.

ދެ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރު ކުރި މީހުން

ރޭއިން ފެށިގެން މުޅި ސޯޝަލް މީޑިއާ ކެކެމުން އަންނަނީ 2 އަހަރުގެ ކުއްޖަކަށް 3 މީހަކު ޖިންސީ ގޯނާ ކުރި މައްސަލައިގެއެވެ. ގެއަށް ދުރުން އައިސް ވަން މީހެއް ނޫނެވެ. ދުުރުތާ ތިމާގެ މީހެއްވެސް ނޫނެވެ. ކުއްޖާގެ ބައްޕަ އާއި، ކާފަ، އަދި މުނި ކާފައެވެ. މިއީ ވަލު ޖަނަވާރުންވެސް އުޅޭ ވައްތަރެއް ނުނެވެ. މައްސަލަ އާއި އެކު ހުރިހާ ވާހަކައެއް ދައްކަން ޖެހުނީ އާއްމުންނާއި އެކު މީޑިއާތަކެވެ. ޝިދާތާ ތިމަންނާމެން ނުނިދަމޭ ބުންޏަސް މިނިސްޓްރީ އޮތީ ނިދާފައެވެ. މިނިސްޓްރީއަށް ވާނެ ކަމެއް ވެސް ހަރާމެވެ.

2 އަހަރުގެ ކުއްޖާއަށް އިންސާފު ހޯދުމަށް ހަމަގައިމުވެސް އަޅުގަނޑަށް ކުރެވެން ހުރި ކަމެއް ކުރާނަމެވެ. އާއްމުންވެސް ކުރާނެއެވެ. އެކަން ސާބިތުވެސް ވެއްޖެއެވެ. ޖެންޑާ މިނިސްޓްރީ އިމާރާތުގެ ކުރިމައްޗަށް މިއަދު ނިކުތީ ޒުވާނުންތަކެވެ. އެކަމާ ފަހުރުވެރިވަމެވެ. ގައުމުގެ ކުރިމަގު ނިކުމެ، އަންނަން އޮތް ޖީލު ނުރައްކަލުން ސަލާމަތް ކުރުމަށް އަޑު އުފުލަނީއެވެ.

އެތައް ޒުވާނުނެއް މިއަދު އެ ސަރައްދަށް އެއްވިއެވެ. އެތަނަކު ސިޔާސީ އެކްޓިވިސްޓެއް ނެތެވެ. ޒުވާނުންނެވެ. ގައުމުގެ ދަރީންނެވެ. ބޯޑުތަކުގައި ލިޔެފައިވަނީ ރޭޕްއިން ކުޑަކުދިން ސަލާމަތް ކުރުމަށެވެ. ކަމާއި ބެހޭ މުވައްސަސާތައް އިތުރަށް ހަރުދަނާ ވުމަށެވެ. ރޭޕްއަކީ އާދައިގެ ކަމެއް ނޫން ކަމަށެވެ. ރޭޕް ކުރާ މީހާއަށް ހިމާޔަތް ދިނުން ހުއްޓާލުމަށެވެ. އެ މީހުންނަށް ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށެވެ.

https://www.facebook.com/RashidaDawood/posts/10213217881842092

އިރުކޮޅަކުން މި ސަރަހައްދަށް މިނިސްޓަރު ޝިދާތާ ވަޑައިގެންނެވިއެވެ. ހިތުން ގަޓު ހުރިކަން ދައްކާލުމަށެވެ. ނޫސްވެރިންގެ ސުވާލުތައް އައީ ފުލުފުލުންންނެވެ. މިނިސްޓަރ ފެއިލް ވެފައިވާ ކަމާއި، އަދި އިސްތިއުފާދޭން ޖެހޭ ކަމަށް ގަބޫލު ކުރަންތީ އެއްސެވުމުން ޖަވާބުގައި ވިދާޅުވީ އިސްތިއުފާ ދޭން ނުޖެހޭ ކަމަށެވެ. އަދި މިނިސްޓްރީގެ ޒިންމާއަކީ، މީހުން ހައްޔަރުކޮށް ތަހުގީގު ކުރުން ނޫން ކަމަށާއި އެ މިނިސްޓްރީގެ ޒިންމާއަކީ ކުޑަ ކުދިންނަށް ރައްކާތެރިކަންދީ، އަނިޔާ ލިބޭ ފަރާތްތަކާއެކު މަސައްކަތް ކުރުން ކަމަށެވެ. އެކަންކަން ކުރުމަށްޓަކައި ތަހުގީގީ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

“އަޅުގަނޑު އިސްތިއުފާ ދޭނަމަ އިސްތިއުފާ ދޭނީ، މިވަގުތު އަޅުގަނޑު އިސްތިއުފާ ދީގެން ދެން އެއްވެސް ކުއްޖެއްގެ ސެކްސިއުލް އެބިއުސް މައްސަލައެއް ނާންނާނެ ކަމުގެ ޔަގީންކަން އަރުވަން ޖެހޭ،” ޝިދާތާ

ޝިދާތާ ފެއިލް ވެއްޖެކަން ގަބޫލު ކުރަން ވެއްޖެއެެވެ. އެންމެ މައްސަލައެއް ނޫނެވެ. އެތައް މައްސަލައެކެވެ. ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްވެސް އަޑު އައްސަވާށެވެ. ޝިދާތާ ފެއިލްވީ ހިސާބަކީ ވެސް އިބްތިހާލުގެ މަރާއި ހަމައިންނެވެ. ނުފޮރޮޅާ އެންމެ ގަލެއްވެސް ނުބާއްވާނެ ކަމަށް ބުނާއިރު ޝިދާތާއަކީ ފޮރޮޅަން ޖެހިފައިވާ ގާތަކުން އެއް ގަލެވެ. ދެން ކޮން ވާހަކައެއް ހެއްޔެވެ.

އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު ހިޔާއިން ފިލި މައްސަލަ ފުރަތަމަ އޮޅުވާލީއެވެ. ކަންކަން މީޑިއާތަކުން ފަޅާއަރުވާލުމާއި އެކު ޖަޒުބާތުގައި ޖެހި ހުންނަވާ ދެއްވި ޕްރެސްގައި ދޭން ނުޖެހޭ އެތައް މައުލޫމާތެއް ދެއްވިއެވެ. މިދިޔަ އަހަރު ބާލިދީއެއްގެ ތެރެއަށް ވިހެއުމަށްފަހު ލީ ތުއްތު ކުއްޖާ ކޮބައިކަން ޝިދާތާ ޖަވާބު ދެއްވާށެވެ. ފެއިލް ވަނީ ކިހާ ހިސާބަކުން ކަން އެނގިވަޑައިގަންނަވާނެ އެވެ.

މިއަދުގެ އިހުތިޖާޖަށްފަހު، ނޫސްވެރިންނަށް ދެއްކެވި ވާހަކަައެއް ދައްކަވާ މިނިސްޓްރީގެ ކުދިންކޮޅު ގޮވައިގެން ގޯޅި ކަންކަން މަތީން ހިންގެވީއެވެ. ނޫސްވެރިން ޖެހުނީ ފަހަތުން ދުވާށެވެ. ހިތުން ގަޓުކަން ދައްކާލީއެވެ. މޭގަނޑު އަތަށް ލައި ހަނި ގޯޅިގޯޅިތަކުން ގޮސް ވަދެ ނިކުތީ ޓްރެކު ސަރަހައްދަށެވެ. ހައިރާން ވާ ވަރުވެއެވެ. ހިނި އައިސް ހުރެ، މާލެ ވަށާ ހިންގަވަމުންދާއިރު ފަހަތުން އައި މީހުން ކޮބައިތޯ ވެސް ބެއްލެވިއެވެ. ދެ ފަހަރެއްގެ މަތީން އެސްއޯއިން މަގުމަތީން ބައިވެެރީންނަށް ހުރަސްވެސް އެޅިއެވެ. އެހެން ނަމަވެސް މަގު ބަންދު ނުކުރުމަށް ޝިދާތާ ވިދާޅުވިއެވެ. އެހެން ނޫނަސް ހުރަސް އަޅައިގެން ނުވާނެއެވެ. 27، 28 ވަނަ މާއްދާގެ ދަށުން ނޫސްވެރިންނަށް އެޅޭނެ ހުރަހެއް ނޯންނާނެއެވެ.

ފޮޓޯ: ސަންގު

މިހާ ވަރުބަލިވާ ހިސާބަށް އާދެވުމަށްފަހު، ކާރުކޮޅު ޓްރެކް ސަރަހައްދާއި ހަމައިން ކައިރިކޮށްލިއެވެ. އެއަށްފަހު ނޫސްވެރިންނަށް ދެއްވީ ނަސޭހަތަކެވެ. މައުލޫމާތު ރަނގަޅު ގޮތުގައި ފެތުރުމަށެވެ. ނޫސްވެރިޔަކު ސުވާލު ކުރީ “މި ހާހިސާބަށް ހިންގަވާފައި ވަޑައިގެންނެވީ ކީއްވެގެންތޯ” ޖަވާބުގައި ޝިދާތާ ވިދާޅުވީ މިއީ “އަޅުގަނޑުގެ ފަރައިޑޭ، އެހެންވީމަ ހިނގާލީ”.

މިއަށް ދެން ބުނާނެ ބަހެއް ވެސް ނޭނގެއެވެ. ރައްޔިތުން މިއޮއް ހަނާ ވަނީއެވެ. އާއްމުން ކެކި އަރަނީއެވެ. ޝިދާތާ “ފްރައިޑޭ ސެލެބްރޭޓު” ކުރުމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: