ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދުލުއިންސާފް ގާއިމް ކުރުމުގެ ބާރު ޕެރެލައިޒް ކޮށްފި: އުއްތަމަ ފަނޑިޔާރު

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ޝަރުއީ ކޯޓުތަކުގެ ކަންކަމާއި ފަނޑިޔާރުންގެ މަސައްކަތާއި ބެހި ފަނޑިޔާރުގޭގެ މަސައްކަތަށް ހުރަސް އަޅައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދުސްތޫރީ ވާޖިބް އަދާކުރުމަށް ހުރަސް އަޅައި ދިވެހިރާއްޖޭގެ އަދުލުއިންސާފުގެ ދާއިރާ ޕެރެލައިޒް ކޮށްފައިވާ ކަމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ. 

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް ރައްހިތުންގެ މަޖިލީޙުން ގެނައި އިސްލާހުގެ ދަށުން ޑީޖޭއޭ ޖޭއެސްސީގެ ދަށަށް ބަދަލު ކުރުމަށް ފަހު މިހާރު ހިގަމުންދާ ކަންތައްތަކާއި މެދު ކަންބޮޑުވުން ފާޅު ކުރައްވައި އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު ނެރުއްވި ބަޔާނުގައި ވިދާޅުވީ  ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ހ) ގައި އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެހާ ބާރުތައް ލިބިގެންވާނީ ކޯޓުތަކަށް ކަމަށް ބުނެފައިވީ ނަމަވެސް މި މާއްދާގެ ބާރު ކެނޑޭ ގޮތަށް ޝަރުއީ ކޯޓުތަކުގެ ކަންކަމާއި، ފަނޑިޔާރުންގެ މަސައްކަތާ ބެހި، ފަނޑިޔާރުގޭގެ މަސައްކަތަށް ހުރަސް އަޅައި، ދަތިކުރުމުގެ ބީދައިން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކޯޓުތަކުގެ އެތެރޭގެ ކަންކަމާއި އިދާރީ ނިޒާމުގެ ތެރެއަށް އަތްބާނަމުންދާ ކަމަށެވެ.

މީގެއިތުރުން ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި ފަނޑިޔާރުންގެ މަޖިލީހުގެ ބާރު ކަނޑުވާލައި، ކޯޓުތަކުގެ އިދާރީ އެންމެހައި ކަންކަން އެ ޑިޕާޓްމެންޓުގެ ދަށަށް ގެންދިޔުމަށް މަސައްކަތް ކުރަމުންދާކަމުގެ ޝަކުވާ ސުޕްރީމް ކޯޓަށް ލިބިފައިވާ ކަމަށްވެސް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

“ސުޕްރީމް ކޯޓުގެ އިދާރީ ނިޒާމު ވެސް އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރުންގެ އެއްވެސް ބާރެއް ނުހިނގާ ނިޒާމަކަށް ބަދަލުކޮށް ކޯޓުގެ ދުސްތޫރީ އަދި ގާނޫނީ ޒިންމާ އާއި މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އަޅައި ދިވެހި ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރު ޕެރެލައިޒް ކުރުމަށް މަސައްކަތް ކުރަމުންދާކަން ވަނީ ފާހަގަކުރެވިފައި” އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޝަރުއީ ކޯޓުތަކަކީ ޖުޑީޝަލް ސާވިސް ކޮމިޝަން ނުވަތަ ރައްޔިތުންގެ މަޖިލީހުގައި އޮންނަ ކޮމެޓީއެއްގެ ބެލުމުގެ ދަށުން ހިނގާ ތަންތަން ކަމުގައި ހެދޭނެ އެއްވެސް ގޮތެއް، ރާއްޖޭގެ ގާނޫނު އަސާސީ އާއި އެ ގާނޫނު އަސާސީން އެކަށައަޅާ ގާނޫނުގެ ހުކުމް ދެމި އޮތްހައި ހިނދަކު ނޯންނާނެ ކަމަށެވެ. އަދި އޮޅުވާލައިގެން ބަޔަކު ކިތަންމެ ކަމެއް ކުރި ކަމުގައިވިޔަސް ރާއްޖޭގެ ދައުލަތުގައި އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެހައި ބާރުތައް ލިބިގެންވާނީ ރާއްޖޭގެ ކޯޓުތަކަށް ކަމާއި، ރާއްޖޭގެ ސްޕްރީމް ކޯޓަކީ އެ ބާރުގެ އެންމެ އިސް ފަރާތްކަމީ ވަންހަނާ ނުވާނޭ މިންވަރަށް ގާނޫނުއަސާސީގެ ނައްސަުތަކުން އެނގި ކަށަަވަރު ވާން އޮތް ކަމެއް ކަމަށް އުއްތަމަ ފަނޑިޔާރު ނެރުނު ބަޔާނުގައި ވެއެވެ.

އުއްތަމަ ފަނޑިޔާރު ޑރ. ދީދީ ވިދާޅުވީ ކޯޓުތަކުގެ އިދާރީ މުވައްޒަފުންނާއި އިދާރީ ނިޒާމަކީ ފަނޑިޔާރުންގެ ބާރު ނުހިނގާ ނިޒާމަކަށް ވެއްޖެނަމަ އޭގެ ސަބަބުން ފަނޑިޔާރުންގެ މަސައްކަތަށް ގިރާ ނުކުރެވޭނެ ފަދަ ހުރަސްތަކެއް ކުރިމަތިވެގެން ދާނެ ކަމަށެވެ. އަދި ކޯޓުތަކުގެ އިދާރީ އަދި ނިޒާމީ އިންޓެގްރިޓީ ގެއްލި ކޯޓާއި ފަނޑިޔާރުންގެ މަސައްކަތް ނުކުރެވޭނެ ފަދަ މާހައުލެއް އުފެދޭނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ އިދާރީ ނިޒާމާ ބެހޭ ސިޔާސަތުތަކާއި އުސޫލުތައް ކަނޑައަޅައި އެކަށައެޅުމާއި އެ ސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތަށް ކޯޓު ހިންގުމުގެ ކަންކަމަކީ އުއްތަމަ ފަނޑިޔާރަށް ގާނޫނުތަކުން ދީފައިވާ ބާރެއްކަން އެނގެން އޮންނަ ކަމަށާއި އެއާ ހިލާފަށް އެކަން ކުރަން އުޅުމަކީ ގާނޫނާ ހިލާފު ޣައިރު ދުސްތޫރީ އަމަލެއްކަން ވަރަށް ސާފު ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ނެރުއްވި އަށް ސަފްހާގެ ބަޔާނުގައި ވިދާޅުވީ ސުޕްރީމް ކޯޓެކޭ އެއްގޮތަށް ހައިކޯޓާއި ސްޕީރިއާ ކޯޓުތަކުގެ އިދާރީ ހިންގުން އޮންނަން ވާނީ އެ ކޯޓެއްގެ އިސް ފަނޑިޔާރުގެ ބެލުމުގެ ދަށުންކަން ގާނޫނުން ސާފުވާ ކަމަށާއި އަދި މެޖިސްޓްރޭޓް ކޯޓުތަކުގައި އެ ދައުރު އޮތީ އިސް މެޖިސްޓްރޭޓަށްކަން ވެސް އެނގޭ ކަމަށެވެ. ކޯޓުތަކުގެ އިދާރީ ކަންކަމާ ބެހުމުގެ ބާރެއް އެއްވެސް ގާނޫނަކުން ޖޭއެސްސީއަށް ވެސް ޑީޖޭއޭއަށް ވެސް އަދި އެހެން ކޮމިޓީއަކަށް ވެސް ދީފައިނެތް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. 

އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި ޑީޖޭއޭއަކީ ކޯޓުތަކުގެ އާންމު އިދާރީ ނިޒާމުގެ ކަންކަން ސެންޓްރަލް ލެވެލްގައި ބަލަހައްޓައި ސުޕްރީމް ކޯޓުގެ އިރުޝާދާއި ޖުޑީޝަލް ކައުންސިލްގެ ސިޔާސަތުތަކާ އެއްގޮތަށް އަދި ކޯޓުތަކުގެ މަޝްވަރާގެ މަތިން ކޯޓުތަކުން އެދޭ ގޮތެއްގެ މަތިން އަދާކުރުމަށްޓަކައި އުފައްދާފައިވާ އިދާރާއެއް ކަމަށެވެ. އެއްވެސް ކޯޓެއްގެ ކޯޓް ލެވެލް އެޑްމިނިސްޓޭޝަންގެ އެއްވެސް ޒިންމާއެއް އެ އިދާރާއާ ހަވާލު ކުރެވިފައިނުވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އެހެންކަމުން މިހާރު ޑީޖޭއޭގެ އަމަލުތައް ހުރި ގޮތުން ފަނޑިޔާރުންގެ ދުސްތޫރީ ވާޖިބުތައް އަދާކުރުމަށް ދަތިވެ އަދުލްއިންސާފު ގާއިމް ކުރުމުގެ މުޅި ނިޒާމް ފުނޑުފުނޑުވެގެން ދާނެ ކަމަށް ވިދާޅުވި އެވެ. އަދި ނިޒާމް ޕެރެލައިޒްކޮށް ވަކި ގޮތަކަށް ނިންމުންތަކެއް ނިންމައިފިނަމަ ފަނޑިޔާރުންނާމެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެ ބިރު ދައްކައި އިންޒާރު ދިނުމަކީ މުޅި ދައުލަތުގެ އަސާސްތަކަށް ދެވޭ ހަމަލާއެއް ކަމަށް ވެސް ވިދާޅުވި އެވެ.

ބަޔާން ނިންމަވާލައްވަމުން އުއްތަމަ ފަނޑިޔާރު ވަނީ އެއްވެސް ފަރާތަކުން ދައްކާ ބިރަކަށް ޖެހިލުން ނުވެ، މިނިވަންކަމާއި މުސްތަގިއްލު ކަމާއެކު، މިނިވަން ފަނޑިޔާރު ގެއެއްގެ ހިޔާވަހިކަން އެއްވެސް ދިވެހި ރައްޔިތަކަށް ތަފާތު ކުރުމެއް ނެތި ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ގާނޫނު އަސާސީ އާއި ގާނޫނުތައް ނެގެހެއްޓުމުގެ މަސްއޫލިއްޔަތު ކޯޓުތަކުން އަދާކުރަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް އުއްތަމަ ފަނޑިޔާރު ވަނީ ރައްޔިތުންނަށް އަރުވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: