ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުއްތަމަ ފަނޑިޔާރު ޖޭއެސްސީއަށް: ސުލޫކީ މައްސަލައިގެ ނަމުގައި މައްސަލަތައް އުފެއްދުން ހުއްޓާލާ!

ކޮމިޝަނަށް ހާޒިރު ކުރުމުގެ ބާރެއް ޖޭއެސްސީއަށް ލިބިގެންނެއް ނުވޭ: އުއްތަމަ ފަނޑިޔާރު - ފޮޓޯ:ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ސުލޫކީ މައްސަލައިގެ ނަމުގައި މައްސަލަތައް އުފެއްދުން ހުއްޓާލާ ދުސްތޫރީ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުމަށް ހުރަސް ނޭޅޭނެ ފަދަޔަކުން ޖުޑިޝަލް ސަރވިސް ކޮމިޝަންގެ މަސްއޫލިއްޔަތުތައް އަދާކުރަމުން ގެންދިއުމަށް ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ގޮވާލައްވައިފިއެވެ.

އުއްތަމަ ފަނޑިޔާރު މިކަމަށް ގޮވާލެއްވިކަމަށް މައުލޫމާތު ލިބެނީ، ސުލޫކީ މައްސަލަ ބަލަން ނިންމުމާ ގުޅިގެން ފަނޑިޔާރަށް ދޭ ނޯޓިސް މިމަހުގެ 28 ވަނަ ދުވަހު އުއްތަމަ ފަނޑިޔާރަށް ފޮނުއްވުމުން އޭގެ ޖަވާބުގައި ފޮނުއްވި ސިޓީގައެވެ.

އުއްތަމަ ފަނޑިޔާރު ފާހަގަކުރައްވާގޮތުގައި އެމަނިކްފާނާއި ދެކޮޅަށް ބަލަން ނިންމާފައިވާކަމަށް ބުނާ މައްސަލައަކީ ފަނޑިޔާރުންނާ ދެކޮޅަށް އުފުލުން ޤާނޫނީގޮތުން ހުއްދަކުރާ ސުލޫކީ މައްސަލައިގެ މަފްހޫމަށް ފެތޭ މައްސަލައެއް ނޫނެވެ. 

… ޤާނޫނުއަސާސީއާއި، ދީމިޤުރާޠީ މުޖުތަމަޢުތަކުން ބަލައިގެންފައިވާ ޤާނޫނީ ޢާންމު އުޞޫލުތަކާ ޚިލާފަށް ސުލޫކީ މައްސަލައިގެ ނަމުގައި މައްސަލަތައް އަޅުގަނޑާ ދެކޮޅަށް އުފެއްދުން ހުއްޓާލައްވައި، ދައުލަތުގެ ތިންބާރުގެ ތެރެއިން ޢަދްލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ އެންމެ އިސްފަރާތުގެ ޙައިޘިއްޔަތުން އަޅުގަނޑާ ޤާނޫނުއަސާސީއިން މަތިކޮށްފައިވާ ދުސްތޫރީ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުމަށް ހުރަސް ނޭޅޭނެ ފަދަޔަކުން ޖުޑިޝަލް ސަރވިސް ކޮމިޝަންގެ މަސްއޫލިއްޔަތުތައް އަދާކުރަމުން ގެންދިއުމަށް އިލްތިމާސްކޮށް ދެންނެވީމެވެ.

މީގެ އިތުރުން އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވަނީ ޖޭއެސްސީގެ ތަޙުޤީޤަށް ޙާޒިރުވުމުގެ އަމުރަށް އެމަނިކްފާނު ޙާޒިރުނުވި ޤާނޫނީ ސަބަބުތަކާއި ޙައިޘިއްޔާތުތައް ބަޔާންކޮށް މީގެކުރިން ސިޓީއެއް ފޮނުވާފައި ވާނެކަމަށެވެ.

ޖޭއެސްސީއިން ބަލަން ނިންމި މައްސަލަތަކުގެ ގޮތުގައި 15 (ފަނަރަ) ކަމެއް ހިމަނައިފައި ވާއިރު، އޭގެ ތެރޭގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ދުސްތޫރީ މޭންޑޭޓުގެ ދަށުން އެ ކޮމިޝަނަށް ބެލުމުގެ ބާރު ލިބިގެންވާ ފަދަ ސުލޫކީ އެއްވެސް މައްސަލައެއް ނެތްކަމަށާއި، އެއިން ކޮންމެ ކަމަކީ ވެސް ޙަޤީޤަތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލިހުން ޤަޟާއީ ގޮތުން ނިންމައިފައިވާ ނިންމުމެއް ކަމަށް އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ.

ސުޕްރީމް ކޯޓުން ވިޔަސް، އަދި އެހެން ކޯޓަކުން ވިޔަސް، ނިންމައިފައިވާ އެފަދަ ޤަޟާއީ ނިންމުމެއް މުރާޖަޢާ ކުރުމާއި، އޭގެ ޞައްޙަކަން ބެލުމާއި، އެއީ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާ އެއްގޮތް ކަމެއްތޯ ނުވަތަ ނޫންތޯ ބެލުމަށް ޓަކައި ނޮން- ޖުޑީޝަލް އެއްވެސް އިޖުރާއާތެއް ހިންގުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ތަންދޭ، އަދި ޤާނޫނުއަސާސީ ދަންނަ ކަމެއް ނޫންކަމަށާއި،
އެފަދަ އިޖުރާއާތެއް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވިޔަސް، އަދި ދައުލަތުގެ އެހެން ބާރަކުން ވިޔަސް ހިންގުމަކީ ކަނޑައެޅިގެން ޣައިރު ދުސްތޫރީ އަދި ޣައިރު ޤާނޫނީ ބާޠިލު ޢަމަލެއްކަމުގައި މެނުވީ ނުވާނެކަމަށް އުއްތަމަ ފަނޑިޔާރު ފާހަގަކުރައްވާފައިވެއެވެ.

ނަތީޖާއެއްގެ ގޮތުން، ޙަވާލާދެވުނު ނޯޓިސްގައި ބަޔާންކޮށްފައިވާ މައްސަލަތައް ތަޙުޤީޤުކުރުމުގެ ނަމުގައި ތިޔަ ކޮމިޝަނުން އަޅުގަނޑަށް ފޮނުވާފައިވާ އިސްވެ އިޝާރާތްކުރެވުނު ނަންބަރު: D-TC105/TF2/2019/102 ;ތަޙުޤީޤަށް ޙާޟިރުވުމުގެ އަމުރު; އަކީވެސް އޭގެޒާތުގައި ބާޠިލު އަމުރެއްކަމުގައި އަޅުގަނޑުދެކޭ ކަމަށާއި، އެހެންކަމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 64 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެއްވެސް ފަރާތަކުން ކުރާ ޢައިރު ޤާނޫނީ އަމުރުތަކަށް ތަބާނުވުމަކީ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ އަސާސީ ޙައްޤެއްކަމުގައިވާތީ، ތަޙުޤީޤަށް ޙާޟިރުވުމުގެ އަމުރު ގައި ބަޔާންކޮށްފައިވާ ތަޙުޤީޤަށް ޙާޟިރުވުމަށް އަޅުގަނޑު ޢުޒުވެރިވާ ކަމަށް ބަޔާންކޮށްފައި ވާނެއެވެ.

މީގެކުރިން ޖޭއެސްސީއިންވަނީ އުއްތަމަ ފަނޑިޔާރަށް ފިޔަވަޅު އެޅުއްވުމުގެ ގޮތުން ނަސޭހަތް ދިނުމަށް ނިންމާފައެވެ. ނަމަވެސް އެކަންވެސް އުއްތަމަ ފަނޑިޔާރު ގަބޫލުފުޅެއް ނުކުރެއްވިއެވެ. ޖޭއެސްސީއަށް މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވީ، ނަސޭޙަތް ދިނުމަށް ނިންމިކަމަށް ބުނެ ފޮނުވި ލިއުމަކާ ޙަވާލު ނުވެ އަނބުރާ ކޮމިޝަނަށް ފޮނުވާލެއްވީ ލިއުން ސުޕްރީމް ކޯޓުގެ ސަރކިއުލަރ އާއި ޚިލާފަށް އެޑްރެސްކޮށް ފޮނުވާފައިވާ ލިއުމެއްކަމަށް ވާތީ އެ ލިއުން އިޞްލާޙުކުރުމުގެ މަޤްޞަދުގައިކަމަށެވެ.

ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ޖޭއެސްސީ އަށް ހާޒިރު ކުރާއިރު، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފްގެ އިތުރުން ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާ މެދު އެހެން މައްސަލައެއްގައި ސުލޫކީ ފިޔަވަޅެއް އެޅުމުގެ ގޮތުން އެ ތިން ބޭފުޅުންނަށް ނަސޭހަތް ދިނުމަށް ޖޭއެސްސީން އޮތީ ނިންމައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: