ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ދެ ސަރުކާރުގެ އިސް ބޭފުޅުން

ފޮޓޯ: ފުލުސް ޓްވިޓާ -- ދފޮމިހާރުގެ ސަރުކާރުގެ ހަތް ބޭފުޅަކަށް، މަޖިލީހުގެ 16 މެމްބަރަކަށް، އަށް ފަނޑިޔާރުންނަށް ހިޔާނާތުގެ ފައިސާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިނގި އެންމެ ބޮޑު ހިޔާނާތް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ފައިސާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެންބަރެއްގެ އިތުރުން މިހާރު މަޖިލީހުގެ 16 މެންބަރަކަށް ލިބިފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުންނާއި، އޭސީސީގެ އިތުރުން އެސެޓް ރިކަވަރީ ކޮމިޝަނުން ގުޅިގެން އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދުލުވުމެއްގައި، އެސިސްޓެންޓް ޕޮލިސް ކޮމިޝަނާ މުހައްމަދު ރިޔާޒް ވިދާޅުވީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތުގެ ފައިސާތައް ދައުރުވާން ފެށީ 2014 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ހަމައިން ކަމަށެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިޒަމަށް ދޫކުރި ރަށްތަކާއި ފަޅުތަކުން ދައުލަތަށް ލިބެން ޖެހޭ އާމްދަނީ ޖަމާކުރީ، މިއުޒިކް ބޭންޑެއްވެސް ހިންގަމުން އައި ސްކޯޒް އޮފް ފްލެއާ (އެސްއޯއެފް) ގެ އެކައުންޓަކަށެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހްގީގު ރިޕޯޓު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މި އަހަރުގެ ފެބްރުއަރީ މަހު ނެރުމާއި އެކު ތަފާތު އެތައް ކަމެއް ވަނީ ފެންމަތިވެގެން ގޮސްފައެވެ. އެގޮތުން ރާއްޖޭގެ ރަށްތަކާއި ފަޅުތައް ވިއްކައިގެން ލިބުނު ފައިސާ ދައުލަތުގެ ހަޒާނާއަށް ނުވަދެ ގެއްލިފައިވާއިރު  ހިޔާނާތުގެ ފައިސާ ލިބުނު އެންމެން އަދިވެސް ސާފެއް ނުވެއެވެ. ފައިސާ ޖަމާވި އެކައުންޓުތަކުގެ ތެރެއިން އޭސީސީގެ ރިޕޯޓުގައި ވަނީ މަދު ބައެކެވެ. އެއީ 177 މީހުންނެވެ. އެހެން ނަމަވެސް، އެ ފައިސާ އެކި ގޮތް ގޮތުން ވަނީ ދައުރުކޮށްފައެވެ. އެސްއޯއެފްއިން އެހެން އެކައުންޓަކަށް ފައިސާ ޖަމާކުރުމަށްފަހު، އަދި އެ އެކައުންޓުން އިތުރު އެކައުންޓަކަށް ހަމަ އެ ފައިސާ ޖަމާކުުރުމަށްފަހު، ނަގުދު ފައިސާގެ ގޮތުގައި މީހުންނާއި ވަނީ ހަވާލުކޮށްފައެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އާ ރައީސާ މަރިޔަމް ޝިއުނާ އަދި އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް މާ ގިނަ “އާ ވާހަކައެއް”ގެ އަޑެއް ނީވުނެވެ. ބަދަލު އައީ ހަމައެކަނި ނަމްބަރުތަކަށެވެ. މީޑިއާތަކާއި ތުންތުން މަތީން ދެކެވެމުން އައި ބައެއް ވާހަކަތައް ތަހުގީގީ އިދާރާތަކުން ކަށަވަރުކޮށްދިނެވެ.

ނޫސްވެރިންނާއި މައުލޫމާތު ހިއްސާކުރައްވަމުން އެންމެ ފުރަތަމަވެސް ރިޔާޒް ވިދާޅުވީ އޭސީސީގެ ކުރީގެ ތަހުގީގީ ރިޕޯޓުގައި 177 މީހުންގެ ނަން ހާމަކޮށްފައި ވީ ނަމަވެސް މިޙާރު ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު އެ އަދަދު 267 އަށް އަރާކަމަށެވެ. އެގޮތުން އޭގެ ތެރޭގައި މި ސަރުކާރުގެ 7 ބޭފުޅަކާއި، މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރަކާއި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެންބަރެއްގެ އިތުރުން މިހާރު ކޯޓުތަކުގައި ތިއްބެވި 8 ފަނޑިޔާރުންނަށް ވެސް ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ މަޖިލީސް އިންތިހާބާއި ދިމާކޮށް ޕާޓީތަކުން ބާއްވާފައިވާ ޕްރައިމެރީތަކާއި، ޕްރައިމެރީތައް ކާމިޔާބު ކުރުމަށްފަހު މަޖިލީސް އިންތިހާބަށް ވެސް ހިޔާނާތުގެ ފައިސާ ހަރަދުކޮށްފައިވާ ކަމަށެވެ. ރިޔާޒް ވިދާޅުވީ މެމްބަރުން މަޖިލީސް އިންތިހާބު ކާމިޔާބު ކުރުމަށްފަހު އޭގެ ފަހުން އައި މަޖިލީސް ރައީސަކު ހޮވުމަށްވެސް އެމްއެމްޕީއާރުސީގެ ފައިސާ ހަރަދުކޮށްފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ތެރެއިން ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީއަށް ބަދަލު ގެނައުމަށް ވެސް ފައިސާ ހަރަދުކޮށްފައިވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަގާމުތަކަށް މީހުން އައްޔަން ކުރުމާއި، ވަކި ކުރުމަށް ވެސް ނުފޫޒު ފޯރުވުމަށް ރިޝްވަތުގެ ގޮތުގައި މެމްބަރުންނަށް ފައިސާ ދީފައިވާކަމަށް ރިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން، ރިޔާޒް ވަނީ ބޮޑެތި މަގާމުތަކާއި ގުޅޭ ނިންމުންތަކާއި، އަދި އެކި ކަންކަމަށް ނެގޭ މުހިންމު ވޯޓުތަކަށް ވެސް އެމްއެމްޕީއާރުސީގެ ފައިސާ ބޭނުންކޮށްފައިވާ ކަަމަށެވެ. ރާއްޖޭގެ ސިޔާސީ މަޝްރަހަށް އައި ބޮޑެތި ބަދަލުތަކުގެ ތެރެއިން އެބޭފުޅަކު މަސައްކަތް ކުރަމުން އައި ސިޔާސީ ޕާޓީތައް ދޫކުރުމަށް އެމްއެމްޕީއާރުސީގެ ފައިސާ ހުށަހަޅާފައިވާކަން ރިޔާޒް ވަނީ ފާހަގަ ކުރައްވާފައެވެ.

ސިޔާސީ މައިދާނުގައި މަސައްކަތް ކުރަމުން އައި އެކި ބޭފުޅުންތަކަށް “އެހީ” ގެ ނަމުގައި ވެސް އެމްއެމްޕީއާރުސީގެ ފައިސާ ވަނީ ބަހާފައެވެ. އެގޮތުން ވިޔަފާރީގެ ޑިއުޓީ އާއި ޓެކްސް ދެއްކުން، ބަލިވެގެން ރާއްޖެެއިން ބޭރަށް ޑޮކްޓަރަަށް ދައްކަން ދިއުމާއި، ގޭގެ އެކި ހަރަދުތަކަށްވެސް އެހެން ނަމެއްގައި އެ ފައިސާ ދީފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާކަމަށް ރިޔާޒް ވިދާޅުވިއެވެ.

ފުލުހުންގެ މުވައްސަސާއާއި ދިވެހި ރާއްޖޭގެ ދިފާއި ބާރަށް ވެސް އެމްއެމްޕީއާރުސީގެ ފައިސާ ލިބުނެވެ. ރިޔާޒް ވިދާޅުވީ ފުލުހުންނާއި ސިފައިންނަށް ފައިސާ ދީފައިވަނީ “ސްޕޮންސާޝިޕް” ގެ ނަމުގައި ކަމަށެވެ. އަދި އެ ދެ މުވައްސަސާގެ ބައެއް އިވެންޓުތަކަށް ވަކި ވަކި މީހުންނަށް ވެސް ހިޔާނާތުގެ ފައިސާ ހަރަދުކޮށްފައިވާ ކަމަށެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި މީގެ ކުރިން ފުލުހުންގެ އިތުރުން އޭސީސީން ކުރި ތަހުގީގަށް ލިބިފައިނެތް ގިނަ ހެކިތަކެއް މިހާރު ލިބިފައިވާކަމަށެވެ. އެގޮތުން، ހިޔާނާތުގެ ފައިސާ މައިގަނޑު ގޮތެއްގައި ދައުރުކުރި އަމިއްލަ ކުންފުންޏެއްކަމަށްވާ އެސްއޯއެފްގެ އިސް ފަރާތްތަކުގެ އިތުރުން، ފައިސާތައް އެކި ފަރާތްތަކަށް ހަވާލުކުރުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި މީހުންގެ ފޯނުތަކާއި ލެޕްޓޮޕްތައް ފުލުހުންނަށް މިދިޔަ އޭޕްރީލް މަހު ލިބިފައިވާ ކަމަށް ރިޔާޒް ހާމަކުރެއްވި އެވެ.

ތަހުގީގު ކުރެވެމުންދާނީ އެއްވެސް މަޖިލީސް މެމްބަރެއް، ނުވަތަ ވަޒީރެއްގެ ނަން ހާމަ ކުރުމަށް ފުލުހުން ވަނީ އުުޒުރުވެރިވެވަޑައިގެންފައެވެ.

މީގެ އިތުރުން ރިޔަޒް ވިދާޅުވީ މީގެ ކުރިން އެ މުވައްސަސާގެ ތަހުގީގަށް ލިބިފައި ނުވާވަރުގެ “ކުރިއެރުންތަކެއް” ލިބިފައިވާ ކަމަށެވެ. އެމްއެމްޕީއާރުސީ ހިޔާނާތުގެ މައި “ތަނބު” އެސްއޯއެފް ގައި އުޅުނު މީހުންގެ ފޯނާއި، ލެޕްޓޮޕް އަދި އެކަކު އަނެކަކަށް ފޮނުވާފައިވާ މެސެޖުތަކާއި ކޯލް ހިސްޓްރީވެސް ލިިބިފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ރިޔާޒް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައަކި “ކޮމްޕްލެކްސް ފައިނޭންޝަލް ކްރައިމް” އެއް ކަމަށެވެ. އަދި ހިޔާނާތުގެ މުޅި މަންޒަރު ސާފުވާ އިތުރު ހެއްކާއި މެޓީރިއަލް މިހާރު ތަހުގީގަށް ލިބިފައިވާ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައްސަދު ވިދާޅުވީ މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު މި ހިޔާނާތުގައި “ބައިވެރިނުވާ މީހެއް، މުވައްސަސާއެއް ވެސް ނެތް” ކަމަށެވެ. ހިޔާނާތުގެ ފައިސާ ހަރަދުކޮށްފައިވަނީ ދައުލަތުގެ އިސްމަގާމުތަކުގައި ތިބި މީހުންނަށް ނުފޫޒު ފޯރުވުމަށާއި ނާޖާއިޒް ފައިދާ ހޯދުމަށް ކަމަށެވެ. އޭނާ ސިފަ ކުރެއްވިގޮތުން ހިޔާނާތުގައި މަޖިލީހާއި، ސަރުކާރު، މިނިވަން މުވައްސަސާތައް، އަދި ދައުލަތުގެ ހުރިހާ އިދާރާތްތައް ވެސް ހިމެނޭ ކަމަށެވެ. ހިޔަނާތުގެ ތަހުގީގަށް ނަގުދު ފައިސާއިން، އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު މީހުން އެނގެން މުހިންމި ކަމަަށް އޭނާ ވިދާޅުވިއެވެ. ފައިސާގެ މުއާމަލާތްތަކުގެ ތާރީހުތަކާއި އެ ދުވަސް ވަރު ގައުމުގައި ކަން ހިނގާ ދިޔަގޮތަށް ބަލާކަމަށް އައްސަދު ވިދާޅުވި އެވެ.

ހިޔާނާތުގެ ތުހުމަތު ކުރެވޭ މީހުން މިހާރުވެސް މަޖިލީހުގެ އިތުރުން ސަރުކާރާއި ފަންޑިޔާރުންގެ ތެރޭގައި ތިއްބެވިއިރު، އެ މީހުންގެ ނަންތައް ހާމަކޮށް ފިޔަވަޅު އަޅަން ލަސްވާ ސަބަބެއްގެ ގޮތުގައި އައްސަދު ވިދާޅުވީ ވިދާޅުވީ ތަހުގީގު ތެރެއިން ފެންމަތިވާ ކޮންމެ ނަމެއްގެ ވަށައިގެންވާ ގިނަ ކަންތައްތަކަކަށް ބަލަންޖެހޭ ކަމަށެވެ. އެގޮތުން އޭނާ ވަނީ ދާދިފަހުން ހިޔާނާތުގެ ލިސްޓާއި ގުޅުވާ ބައެއް ބޭފުޅުންގެ ނަންތައް އާމުވުމުން އެކަމާއި ކަންބޮޑުވެ “ކޯފާ” ވެގެން އުޅޭކަމަށް ވިދާޅުވެފައެވެ. އައްސަދު ވިދާޅުވީ ތުހުމަތެއް ކުރެވޭ ކޮންމެ މީހަކީ ހިޔާނާތުގެ ބައިވެރިއެކަށް ނުވެދާނެކަމަށެެވެ.

ހިޔާނާތުގެ ފައިސާ ފޯރާފައިވާ ބައެއް ބޭފުޅުންގެ ނަންތައް ޕްރޮސެކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއެއްގައި ވިދާޅުވެފައިކަމަށް މައުލޫމާތު ލިބެއެވެ. ކޮމިޓީ ސިއްރުކޮށް ނޫސްވެރިން ބޭރު ކުރުމުގެ ކުރިން ބިޝަމް ވިދާޅުވީ 19ވަނަ ރައްޔިރުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން މި ސަރުކާރުގެ ބައެއް ވަޒީރުންނާއި ފަނޑިޔާރުންނާއި ކުރީގެ މަޖިލިސް މެންބަރުންގެ މައްސަލަ ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ރިޕޯޓުގައި ހިމެނޭ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާ، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އަދި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ކަމަށް ބުނެފައިވާކަމަށް ސޯޝަލް މީޑިއާގައި އަޑުތައް ފެތުރެއެވެ. އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ބައިވެރިވެފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވެފައިވާކަމަށް ބުނެ ބިޝާމް މައްޗަށް އަބުރުގެ ދައުވާ ކުރައްވާނެ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: