ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރަން ޖުޑިޝަރީ ކޮމެޓީން ޖޭއެސްސީއަށް އަންގައިފި

ޖުޑިޝަރީ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން : ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކާއި ހިލާފަށް ދައުލަތުގެ އެހެން މުއައްސަސާތަކުގެ ބޭރުގެ ތެއަށް ވަދެ ގާނޫޏުއަސާސީއާއި ގާނޫނުތަކާއި ހިލާފަށް ނިންމުންތައް ނިންމާފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީޙުގެ ޖުޑިޝަރީ ކޮމެޓީން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އަންގައިފިއެވެ.

ޖުޑިޝަރީކޮމިޓީން މިގޮތަށް ނިންމާފައިވަނީ ސުޕްރީމް ކޯޓުން ގާނޫނު އަސާސީއާ ހިލާފަށް ކޮށްފައިވާ 17 ކަމެއް ފާހަގަކޮށް ޖޭއެސްސީން ތައްޔާރުކުރި ރިޕޯޓު ދިރާސާކުރުމަށްފަހު ނިންމި ނިންމުމުގައެވެ.

ޖޭއެސްސީން ތައްޔާރުކުރި މި ރިޕޯޓުގައި ސުޕްރީމް ކޯޓުން ގާނޫނާ ހިލާފަށް ކޮށްފައިވާ ކަމަށް ފާހަގަކޮށްފައިވާ ބައެއް ކަންކަމަށް ބަލާއިރު ޖޭއެސްސީގެ ގާނޫނާ ހިލާފަށް ފަނޑިޔާރަކު މަސްއޫލިއްޔަތުން އެކަހެރި ކުރުމުގެ މައްސަލަ އާއި ގާނޫނީ ވަކީލުންނަށް ރާއްޖޭގެ ކޯޓު ތަކުގައި މަސައްކަތް ކުރުން މަނާ ކުރުމާއި، އިލެކްޝަން ކޮމިޝަންގެ ރައީސާއި ނައިބު ރައީސުގެ މައްޗަށް ޖިނާއި ކުށެއް ސާބިތުވާކަމަށް ނިންމާ މަގާމުން ވަކިކުރުން ހިމެނެއެވެ.

މީގެއިތުރުން ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ ހަސަން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލް ކުުރުމާއި، އެޗްއާރުސީއެމްގެ ބާރު ކަނޑުވާލައި ސުޕްރީމް ކޯޓުން އިސް ނަގައިގެން އެ ކޮމިޝަނުން އަމަލު ކުރަން ޖެހޭ ގައިޑްލައިން ކަނޑައެޅުމާއި، މަޖިލީހުން ނިންމާ އިތުބާރު ނެތްކަމުގެ މައްސަލަތައް ސައްހަ ވާނީ ސުޕްރީމް ކޯޓުން ބަލައި ގޮތެއް ކަނޑައެޅުން ވެސް ހިމެނެއެވެ.

ހަމައެހެންމެ މިދިޔަ އަހަރުގެ ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ ބައިތައް ހަމަ އެ ކޯޓުން ބާތިލުކުރީ ވެސް ގާނޫނާ ހިލާފަށް ކަމަށް ޖޭއެސްސީގެ ރިޕޯޓުގައި ބުނެފައިވެއެވެ.

ޖުޑިޝަރީ ކޮމިޓީއިން އެ ރިޕޯޓު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގައި ބުނެފައިވަނީ މި ނިންމެވުންތަކުގައި ބައިވެރިވެވަޑައިގެންނެވި ފަނޑިޔާރުން މި ނިންމެވުންތައް ނިންމާފައިވަނީ ތައައްސަބާއި ނުފޫޒުން އެއްކިބާވެ ތިއްބަވައިގެންކަމަށް ކޮމިޓީއަށް ބެލެވެން ނެތް ކަމަށެވެ.

“އެ ފަނޑިޔާރުންގެ ގާބިލިއްޔަތާމެދު ސުވާލު އުފެދޭ ކަމާއި، އަދި މިކަންކަން މިހެން ހުރުމަކީ އެ ފަނޑިޔާރުން މަގާމުން ވަކިކުރެވިދާނެ ހާލަތެއް ކަމަށް ވީ ހިނދު، މި ސަބަބުތަކުގެ މައްޗަށް ބިނާކޮށް އެ ފަނޑިޔާރުންގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނުން ބައްލަވައި ދެއްވައި، އެ ފަނޑިޔާރުންނާމެދު ފިޔަވަޅު އެޅުއްވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނަށް އެންގުމަށެވެ” ކޮމިޓީގެ ނިންމުމުގައި ބުނެފައިވެއެވެ.

ޖުޑީޝަރީ ކޮމިޓީން މިގޮތަށް ނިންމިއިރު ޖޭއެސްސީން މިހާރު ވެސް އަންނަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލަމުންނެވެ. އެގޮތުން ޖޭއެސްސީން ތަހިގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ ޖޭއެސްސީއަށް ހާޒިރު ވުމަށް އެންގިއެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޖޭއެސްސީން ތަހުގީގު ކުރަމުން ދަނީ ސުޕްރީމް ކޯޓިގެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ނޫން ކަމަށާއި އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީޙުން ނިންމާފައިވާ ނިންމުންތަކުގެ މައްސަލަތައް ކަމަށެވެ. އެހެން ކަުން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކުގެ މައްސަލަތައް ބެލުމަކީ ޖޭއެސްސީއަށް ލިބިގެންވާ ބާރެއް ނޫން ކަމަށް އައްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ ވަނީ ވިދާޅުވެފައެވެ.

ޖޭއެސްސީން ތަހުގީގުކުރަމުންދާ މައްސަލަތަކާއި ގުޅޭގޮތުން އުއްތަމަފަނޑިޔާރު ޑރ އަހުމަދު ނުރެއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ ފަނޑިޔާރުންަށް ބިރު ދައްކައި އިންޒާރުދީ ފަނޑިޔާރުގެ ވަކިބައެއްގެ ކޯންޓްރޯލްގެ ދަށަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. 

އުއްތަމަފަނޑިޔާރުގެ ބަޔާނުގައި ބުނެފައިވަނީ ގާނޫނު އަސާސީގައި ދައުލަތުގެ ތިން ބާރު ގާއިމްކޮށް، އެ ބާރުތައް ކަނޑައަޅާފައިވާ ގޮތުން އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެހައި ބާރުތައް ލިބިދީފައިވާ ފަރާތްތަކަކީ ދިވެހި ރައްޖޭގެ ސުޕްރީމް ކޯޓަށާއި ދިވެހި ރާއްޖޭގެ ހައި ކޯޓަށާއި ގާނޫނުން އުފައްދާ ދަށުކޯޓުތައް ކަން ގާނޫނު އަސާސީގެ 7 ވަނަ މާއްދާއާއި 141 ވަނަ މާއްދާގެ ހ އިން އެގެން އެބައޮތް ކަމަށެވެ. ފަނޑިޔާރުގޭގެ މިނިވަންކަމާއި މުސްތަގިއްލުކަން ނެތިގެންދާ ފަދަ ގޮތަކަށް ދައުލަތުގެ އެއްވެސް ބާރަކުން ނުވަތަ މުވައްސަސާއަކުން ނުވަތަ ދައުލަތުގެ ކަމާއި ހަވާލުވެހުރި އެއްވެސް ފަރާތަކުން އަމަލު ކުރުމަކީ ގާނޫނު އަސާސީގެ ބާރު ކަނޑުވައިލުމަށް މަސައްކަތް ކުރުން ކަމުގައި ބަޔާނުގައި ވެއެވެ. އަދި ގާނޫނު އަސާސީގެ 142 ވަނަ މާއްދާގެ ޞަރީޙަ ނަައްޞާ ހިލާފަށް ފަނޑިޔާރުން ބިރު ދައްކައި، ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް އަމަލު ކުރުމަށް ފަނޑޔާރުންނަށް މަޖުބޫރު ވާނެ ހާލަތެއް އުފައްދައި މިނިވަން ފަނޑިޔާރު ގޭގެ މައްޗަށް ޣައިރުދުސްތޫރި ގޮތެއްގައި ނާޖާއިޒު މުފޫޒު ފޯރުވުމަށް ކުރާ ކަމެއްކަން ކަށަވަރުވާ ކަމަށެވެ.

މީގެ އިތުރުން ސުލޫކީ މައްސަލައެއް ބަލާކަމަށް ބުނެ، ކޮމިޝަނަށް ހާޒިރުވާން އެންގުމަކީ، ސުޕްރީމް ކޯޓުން ގޮތެއް ނިންމުމުން، އެ ނިންމުމަށް ގޮންޖަހައި ތައުނު ކުރުމާއި، ސުޕްރީމް ކޯޓުގެ ނިންމުމަށް ތަބަޢަ ނުވުމާއި އެ ނިންމުމަށް އިހުތިރާމު ނުކޮށް ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ވެސް ބުނެފައިވެވެ. އަދި އެ ނިންމުން ނިންމި ފަނޑިޔާރުންނަށް ބިރު ދައްކައި ނުފޫޒު ފޯރުވައި އެ ނިންމުން ނިންމި ކަމަށްޓަކައި ފަނޑިޔާރުންނާއި ދެކޮޅަށް ފިޔަވަޅު އަޅާން މަސައްކަތް ކުރުމާއި ކޯޓުގެ ދުސްތޫރީ ނިންމުން ދުސްތޫރީ ނުވަތަ ގާނޫނީ ސައްހަކަމާއި މެދު ގޮތެއް ނިންމުމަށް ދައުލަތުގެ  އެއްވެސް ފަރާތަކުން މަސައްކަތް ކުރުން ފަދަ ކަންކަމަކީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމަށް ކުރެވޭ ދުސްތޫރީ އަމަލެއްކަމަށް އެ ބަޔާނުގައި އުއްތަމަ ފަނޑިޔާރު ވަނީ ފާހަގަކުރައްވާފައެވެ.

ފަނޑިޔާރަކު އޭނާގެ ޒިންމާ އަދާކުރުމުގެ ގޮތުން ކުރާ ހުކުމެއް ނުވަތަ ނެރޭ އަމުރަކާ ގުޅިގެން ސުލޫކީ މައްސަލަ ބެލުމަކީ ފަނޑިޔާރުން ޖަވާބުދާރީ ކުރުވުމުގެ ބައިނަލްއަގްވާމީ ހަމަތަކާއި ކުރިއަރާފައިވާ ގައުމުތަކުގައި ވެސް އަމަލުކުރާ އުސޫލުތަކާ ޚިލާފް ކަމެއް ކަމަށާއި، ގާނޫނު އަސާސީ އާއި ގާނޫނު މާނަކުރުމުގަ އާއި ޝަރީއަތުން ބަލާ އެ ނޫން މައްސަލަތަކުގައި ވެސް ސުޕްރީމް ކޯޓުގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ގާނޫނު އަސާސީގައި ބަޔާންކުރާ ކަން ފާހަގަކުރައްވައި، އުއްތަމަ ފަނޑިޔާރު ވަނީ އެ ބަޔާނުގައި އެ ކޯޓުގެ ނިންމުމަކާ ގުޅިގެން ފަނޑިޔާރުންނަށް ބިރު ދައްކައި، ފިޔަވަޅު އަޅަން މަސައްކަތް ކުރުމަކީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލަން ކުރާ މަސައްކަތެއް ކަމަށް ވިދާޅުވެފައެވެ.

ސުޕްރީމް ކޯޓަކުން ނިންމާފައިވާ އެއްވެސް ނިންމުމެއްގެ ބާރު ކެނޑިގެންދާ ގޮތަށް ނުވަތަ އެ ނިންމުމެއް ބަދަލުކުރަން ދައުލަތުގެ އެހެން ބާރުތަކުން މަސައްކަތް ކުރުމަކީ މަނާ ކަމެއް ކަން ބައިނަލްއަގްވާމީ މުއާހަދާތަކާއި ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސް އިން ނިންމާފައިވާ މައްސަލައެއްގައި ވެސް އޮތް ކަން އެނގޭ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އެގޮތުން އެ ބަޔާނުގައި ޔޫއެން ބޭސިކް ޕްރިންސިޕަލްސް އޮން ދި އިންޑިޕެންޑެންސް އޮފްދި ޖުޑީޝިއަރީގެ 4 ވަނަ އުސޫލާއި “މައުންޓް ސްކޮޕަސް އިންޓަނޭޝަނަލް ސްޓޭންޑާޑްސް އޮފް ޖުޑީޝިއަލް އިންޑިޕެންޑެންސް” ގެ 3.1 ވަނަ މާއްދާ ފާހަގަކުރެއްވިއެވެ. އަދި “އިންޓަނޭޝަނަލް ބާ އެސޯސިއޭޝަނުގެ މިިނިމަމް ސްޓޭންޑާޑްސް އޮފް ޖުޑީޝަލް އިންޑިޕެންޑެންސް” ގެ 19 ވަނަ މާއްދާއާއި “ޑްރާފްޓް ޔުނިވާސަލް ޑެކްލަރޭޝަން އޮން ދި އިންޑިޕެންޑެންސް އޮފް ޖަސްޓިސް (ސިންގްވީ ޑެކްލަރޭޝަން)” ގެ 6 ވަނަ މައްދާ ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުންވެސް ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސްއިން ނިންމާފައިވާ އިތުރު މައްސަކަތައް އެ ބަޔާނުގައި އުއްތަމަ ފަނޑިޔާރު ވަނީ ފާހަގަކުރައްވާފައެވެ.

ފަނޑިޔާރުންގެ ގާނޫނުގެ 9 ވަނަ މާއްދާގައި ފަނޑިޔާރަކު އޭނާގެ މަސްއޫލިއްޔަތާއި ވާޖިބު އަދާ ކުރުމުގައި ދިން ރައުޔުއަކާއި ގުޅިގެން ނުވަތަ ކުރި އަމުރަކާއި ގުޅިގެން ނުވަތަ ކުރި ހުކުމަކާއި ގުޅިގެން ގާނޫނު އަސާސީއާއި ގާނޫނުގައި ބަޔާންވެގެންވާ އިސްތިއުނާފު ކުރުމުގެ އުސޫލުތަކުގެ ބޭރުން ނުވަތަ ފަނޑިޔާރުންގެ ސުލޫކާއި ގުޅޭގޮތުން އެއްވެސް ފިޔަވަޅު އެޅުމަށް ގާނޫނު އަސާސީގައި ބަޔާންވެގެންވާ އުސޫލުތަކުގެ ބޭރުން އެއްވެސް ފަރާތެއްގައި އެ ފަނޑިޔާރަކު ޖަވާބުދާރީ އެއް ނުކުރެވޭނެ ކަމަށް އުއްތަމަ ވަނީ ފާހަގަ ކުރައްވާފައެވެ.

އުއްތަމަ ފަނޑިޔާރު ބަޔާން ނިންމާލައްވަމުން ވިދާޅުވެފައިވަނީ ޖޭއެސްސީއިން މިހާރު ހިންގާ އަމަލަކީ އަދުލްއިންސާފު ގާއިމް ކުރުމުގެ ބާރު ކަނޑުވާލައި މިނިވަންކަމާއި މުސްތަގިއްލުކަން ނިގުޅައިގަތުމަށް ހިންގާ ކަމެއް ކަމަށެވެ. އެއީ ދައުލަތުގެ ނިޒާމް ހަލާކުވެގެންދާނެ ކަމަކަށްވާތީ އެކަން ހުއްޓުވައިދިނުމަށް އުއްތަމަ ފަނޑިޔާރު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އިލްތިމާސް ކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: