މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގެ އަޑު ކަނޑުވާލަން މަސައްކަތް ނުކުރުމަށް ކުރީގެ އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވެއްޖެއެވެ.
އެމްޑީ÷ީ ރިޕޯޓިގެ އަޑު ކަނޑުވާލަން ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމުގެ އަޑުތަކެއް ފެތުރިފައި ވަނިކޮށް ނަވާޒް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އެމްޑީއެންގެ ރިޕޯޓަކީ ސީދާ އިސްލާމްދީނާއި ދެކޮޅަށް ހިންގާފައިވާ ބޮޑު ޖަރީމާއެއް ކަމަށެވެ.
އެމްޑީއެންގެ ރިޕޯޓުގެ ވާހަކަ ދައްކަން ޖެހޭނެ ކަމަށާއި އަދި އެ ފުރުސަތު އޮންނަން ވެސް ވާނެ ކަމަށް ނަވާޒް ވިދާޅުވިއެވެ. ހަމައެހެންމެ އެމްޑީއެންގެ ރިޕޯޓިގެ އަޑު ކަނޑުވާލާ އެ ރިޕޯޓިގެ ވާހަކަ ދެއްކަން ފުރުސަތު ނުދިނުމުގެ ބަދަލުގައި އެ ރިޕޯޓުގެ މައްސަލަ ތަހިގީގުކޮށް ފިޔަވަޅޫ އެޅުން މާ މާ މުހިންމު ކަމަށް ނަވާޒް ވިދާޅުވިއެވެ.
ނަވާޒް މިފަދައިން ވިދާޅުވެފައިވާއިރު އިސްލާމްދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގައި ހުރި ކަންކަމާ ގުޅޭ ވާހަކަ ނުދައްކަން ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއިންނަށް ވަނީ އަންގާފައެވެ.
އެ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. ހަސަން ހަމީދު، މުވައްޒަފުންނަށް ފޮނުއްވި ސާކިއުލާއެއްގައި ބުނެފައިވަނީ އިސްލާމްދީނަށް ފުރައްސާރަކޮށް އެމްޑީއެންއިން ނެރުނު ރިޕޯޓާއި ގުޅިގެން ރައްޔިތުންގެ ތެރޭގައި ނުތަނަވަސްކަން އުފެދިފައިވާ ކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ބައެއް ލެކްޗަރާއިން ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދި މުޖްތަމައު ހަލަބޮލި ވާ ގޮތަށް ސޯޝަލް މީޑިއާގައި ހިޔާލު ފާޅޫ ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން އާއްމުންގެ ޝަކުވާތައް ލިބެމުންދާކަމަށް ސާކިއުލާގައި ބުނެފައިވެއެވެ.
އެމްއެންޔޫގައި މަސައްކަތްކުރާ ލެކްޗަރާއިންނަކީ ރާއްޖޭގެ އެތަކެއް ޒުވާނުންގެ ކުރިމަގު ބައްޓަން ކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ ބަޔަކަށް ވާއިރު، އެ ބޭފުޅުންގެ ފަރާތުން އެފަދަ އަމަލުތައް ތަކުރާރުވާ ނަމަ އެކަމުގެ ނޭދެވޭ އަސަރު ކުރާނެކަން ޑރ. ހަސަން ވިދާޅުވެފައި ވެ އެވެ. އެގޮތުން ޔުނިވާސިޓީގައި މަސައްކަތް ކުރައްވާ އެއްވެސް ބޭފުޅަކު، މުޖްތަމައުގެ ތެރޭގައި ބައިބައިވުން އުފެއްދުމާއި، އެއްބަޔަކު އަނެއް ބަޔަކާއި މެދު ރުޅިވެރިކަން އުފެދޭނެ ފަދަ ވަސީލަތްތައް ސޯޝަލް މީޑިއާގައި އާއި އެ ނޫންވެސް ވަސީލަތެއް މެދުވެރިކޮށް ފެތުރުން ހުއްޓުވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅައިދިނުމަށް ސަރުކާރުން އެދިފައިވާކަމަށް ސާކިއުލާގައި ވެއެވެ.
ސާކިއުލާގައި ވަނީ ޔުނިވާސިޓީގެ ހުރިހާ މުވައްޒަފުން ވެސް، ތަނުގެ އަހުލާގީ ކޯޑުގައި ވާ ހަމަތަކާއި ގާނޫނުތަކާއި އެއްގޮތަށް އަަމަލުތައް ބެހެއްޓުމަށެވެ.
އެމްޑީއެންގެ ރިޕޯޓާ ގުޅޭ ވާހަކަ ނުދައްކަން އެންގިއިރު، އެ ޖަމިއްޔާއާ ދެކޮޅަށް ސޯޝަލް މީޑިއާގައި އެންމެ ގިނައިން ވާހަކަ ދައްކަވަމުން އަންނަ ދެ ބޭފުޅުންނަކީ އެ ޔުނިވާސިޓީގެ އިސް ދެ ބޭފުޅުންނެވެ. އެއީ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުގައި ހުންނެވި ޑރ. އިޔާޒް އަބްދުލް ލަތީފާއި ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ ލެކްޗަރާއަކަށް ހުންނެވި އަލީ ޒައިދެވެ. އެ ދެ ބޭފުޅުން އަންނަނީ އެމްޑީއެން އުވާލުމަށް ގޮވާލައި ކެމްޕެއިން ވެސް ކުރައްވަމުންނެވެ.
އިސްލާމް ދީނަށް ފުރައްސާރަކޮށް، ދީނުގައި އަންގަވާފައިވާ ކަންތަކާއި އަދި މާތްވެގެންވާ ރަސޫލާގެ ހަދީސް ބަސްފުޅުތަކަށް ކަނޑައެޅިގެން ސުވާލު އުފައްދާ މޯލްޑިވިއަން ޑިމޮކްރަސީ ނަމަކަށް ކިޔާ ޖަމިއްޔާއަކުން ވަނީ ރިޕޯޓެއް ނެރެފައެވެ.
އެމްޑީއެންގެ ރިޕޯޓުން އިލްމުވެރިން ފާހަގަ ކުރެއްވި ކަންބޮޑުވުން:
– އިސްލާމް ދީނާ މެދު ސުވާލު އުފައްދައި ދީނުގެ އަސްލުތަކާ މެދު އިންކާރު ކޮށްފައި ވުން.
– ގުރުއާނުގައި ބަޔާން ކޮށްފައިވާ ކަންކަން ސައިންޓިފިކް ހެކިތަކުން ސާބިތުނުވާ ކަމަށް ބުނެ އެއީ ފްލޯކް ވާހަކަތަކަށް ހެދުމަށް މަސައްކަތް ކުރުން.
– ގުރުއާންގެ ބައެއް އާޔަތްތަކުން ގެވެށި އަނިޔާއަށް ހިތްވަރު ދޭކަމަށް ބުނުން.
– ރަސޫލާ ދެކެ ލޯބިވާން އަންގަވާފައިވުމަކީ އެކަލޭގެފާނަށް ކުޑަ ކަލާނގެއެއްކަމުގެ ލަގަބު ދިނުން ކަމަށް ބުނެފައިވުން.
– ރަސޫލާގެ ބައެއް ހަދީސްތަކުން ހައްދުފަހަނާޅަދާން ހިތްވަރު ލިބޭ ކަމަށް ބުނުން.
– ޔަހޫދީންގެ ނުބައި ވާހަކަ ބަޔާން ކޮށްފައިވުމަކީ ހައްދު ފަހަނާޅައިި ދިއުން ކަމަށް ބުނުން.
ގާތްގަނޑަކަށް 125 ސޮފުހާގެ އެ ރިޕޯޓުގައި ކައިވެނިން ބޭރުން ހިނގޭ ޖިންސީ ގުޅުންތަކަކީ ދީން ހުއްދަ ކުރާކަމެއް ނޫންކަމުގައި އޮތް އޮތުމަށް ފާޑުކިޔާފައިވެއެވެ. އަދި ނުބައިވެގެންވާ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ޒިނޭއާއި އެއް ޖިންސުން ގުޅުން ހިންގުމާއި ގުޅޭގޮތުން ސްކޫލް ފިލާވަޅުތަކުގައި އެކަންކަމަކީ ހަރާމްވެގެންވާ ހަޑިމުޑުދާރު އަމަލުގެ ގޮތުގައި ސިފަކުރެވިފައި ހުރުމުން، އެ ފިލާވަޅުތަކަށް ހަޖޫޖަހައި ފާޑުކިޔާފައިވެއެވެ.