ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯޓުގެ ފޯނުން ފައިސާ ޓްރާންސްފާކުރީ ދަރިން، އަޅުގަނޑެއް ނޫން: އަލީ ހަމީދު

ސުޕްރީމް ކޯޓުގެ ފޯނުން، ފައިސާ ޓްރްނާސްފާކުރި ދަރިންކަމަށް އަލީ ހަމީދ ބުނުން: ފޮޓޯ- ސަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓުގެ ފޯނަކުން، އެ ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ދަރީންގެ ފޯނަށް ފައިސާ ޖަމާކުރެވިފައިވާނެކަމަށް އެއްބަސްވެވަޑައިގެން އެ އެ ކުދީންކޮށްފައިވާ ކަމެއް ކަމަށް އޭނާ ކޯޓުގައި ވިދާޅުވެއްޖެއެވެ.

ދެހާސް ދިހަ ވަނަ އަހަރުގެ ޑިސެމްބަރު މަހާއި 2011 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި، ސުޕްރީމް ކޯޓުގެ ފޯނަކުން، އަލީ ހަމީދުގެ އަމިއްލަ ދެ ދަރިންގެ ފޯނުތަކަށް ޖުމްލަ 2232 ރުފިޔާ ޓްރާންސްފާ ކުރި މައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން ވަނީ ސަރުކާރުގެ އެއްޗެއް އަމިއްލަ ފައިދާއަށް ބޭނުންކުރުމުގެ ދައުވާކޮށްފަ އެވެ. ދެ ފަހަރެއްގެ މަތިން އެ މައްސަލައިގައި ދައުވާކޮށްފައިވެ އެވެ.

ދައުލަތުން އެ ދައުވާ ކުރަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގެ 14 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ އެ މާއްދާގެ (ރ)ގެ ދަށުން އެވެ. އެ ކުށް ސާބިތުވެއްޖެ ނަމަ، އެންމެ ބޮޑު އަދަބަކަށް ވާނީ ކުށް ކުރާ މީހާ ނެގި ފައިސާ ދައްކަން ޖެހުމާ އެކު ތިން އަހަރު ދުވަހަށް ޖަލަށް ލުން، ނުވަތަ އަރުވާލުން ނުވަތަ ގޭބަންދު ކުރުމެވެ.

ފައިސާ ޖަމާވި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރި ތަހުގީގަކަށް ފަހު ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވުމުން، އެ ކޯޓުން ކުރިން ނިންމާފައި އޮތީ އެ މައްސަލަ ބެލެން ނެތް ކަމަށް އަންގާފައެވެ. އެހެންވެ، އޭރު އެ މައްސަލަ ދައުލަތުން އޭސީސީ އަށް އަނބުރާ ފޮނުވާލާފައި އޮތުމަށް ފަހު، އަނެއްކާވެސް ދައުވާކުރަން އޭސީސީން ފޮނުވުމުން ދެވަނަ ފަހަރަށް އަލީ ހަމީދުގެ މައްޗަށް ދައުވާކުރީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ.

އަޑުއެހުމުގައި ފުރުސަތަކަށް އެދިވަޑައިގެން ވާހަކަ ދައްކަވާ އަލީ ހަމީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ނަމުގައި ނަގާފައި އޮތް ސިޕް އޭނާގެ ފޯނަށް ލާއްވާފައި އޮއްވައި، އެކަން އެނގިވަޑައިނުގެން ފޯނުން ފައިސާ ޖަމާކޮށްފައިވަނީ އޭނާގެ ބޭފުޅުން ކަމަށެވެ.

ނަމަވެސް އެއީ ނޭނގުމެއްގެ ތެރެއިން ހިނގި ކަމެއް ކަމަށާއި ފައިސާ ޖަމާ ކުރެވިފައިވާކަން އެނގިވަޑައިގަތުމާއި އެކު އެ ބިލްތަކަށް އަމިއްލަ އިސް ނެންގެވުމުގައި ސުޕްރީމް ކޯޓަށް ފައިސާ ދައްކަވާފައިވާނެ ކަމަށެވެ. އެނާ ކޯޓުގައި ބުނިގޮތުން ދަރިން ފޯނުން ފައިސާ ޓްރާންސްފާކޮށްފައިވަނީ އަލީ ހަމީދަށް ނާންގަައެވެ. ފޯނަކީ “ފޮރުވާފައި” ބާއްވާ އެއްޗެއް ނޫން ކަމަށް ބުނެ އަލީ ހަމީދު ބުނީ އެއީ އަދި އޭރު “18 އަހަރުވެސް ނުވާ” ކުޑަކުދިން ކަމަށެވެ. ދަރީންގެ އަމަލު އެނގުމާއި އެކު ދަރިން ގާތުން އެކަން ސާފު ކުރި ކަމަށާއި އެއާއި އެކު އެނގުނީ ކުދިންގެ މަންމަ އާއި، ދައްތަމެންގެ ފޯނުންވެސް އެކި ފަހަރުމަތިން 10 ނުވަތަ 20 ރުފިޔާއިން ކްރެޑިޓް ޓްރާންފްސާ ކޮށްފައިވާކަން ކަމަށެވެ.

ދެ ވަނަ ފަހަރަށް ދައުވާ ކުރުމާއި ގުޅޭގޮތުންވެސް ވާހަކަ ދައްކަވާ އަލީ ހަމީދު ވިދާޅުވީ، ފައިސާ ޓްރާންސްފާ ކުރުމުގެ އަމަލު ހިނގާފައިވަނީ އެންމެ ފަހަރަކު ކަމަށެވެ. އެހެން ނަމަވެސް ކުރީގެ ބިލުތަކެއް އައުމުން އެކަން ތަކުރާރު ކުރީކަމަށް އޭސީސީއަށް ބެލެވުނީ ކަމަށެވެ. ބިލުތައް އައުމުން އަމިއްލަ އިސްނެގުމަށް ފައިސާ ދެއްކުމުން، އެކަމުންވެސް އެނގެނީ އޭނާގެ ނިޔަތް ރަނގަޅުކަން ކަމަށް އަލީ ހަމީދު ވިދާޅުވި އެވެ.

އަލީ ހަމީދުގެ ވާހަކަތަކަށް ފަހު މައްސަލަ ބައްލަވާ، ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ހައިލަމް ވިދާޅުވީ، ކުށުގެ ނިޔަތެއް ނެތް ކަމާއި، އަމަލެއް ނެތްކަން، އަލީ ހަމީދު ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި ހުށަހެޅުމުން، އެކަން ބެލުމަށް ފަހު ގޮތެއް ނިންމަވާނެ ކަމަށެވެ.

ދުވަސްތަކަކަށްފަހު، ބޭއްވި އެ ޝަރީއާތާއި މެދު އަލީ ހަމީދުގެ ވަކީލުން ސުވާލު އުފެއްދިއެވެ. އެއީ މައްސަލަ އަނބުރާ ފޮނުވާލާފައި ވަނިކޮށް އަލުން ދައުވާ ކުރުމާއި ގުޅިގެންނެވެ. އެހެން ނަމަވެސް އެކަމާއި ގުޅިގެން މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ހައިލަމް ވިދާޅުވީ، އަލުން މައްސަލަ ހުށަހެޅުމުން ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި މަޝްވަރާކުރެވުނު ކަމަށެވެ. އަދި އެ މައްސަލައިގެ ކަންހިނގާފައިވާ ގޮތް ބެލުމަށްފަހު ކުރިޔަށް ގެންދިއުމަށް ނިންމީ ކަމަށް ހައިލަމް ވިދާޅުވިއެވެ. މިހެން ވިދާޅުވުމަށްފަހު ހައިލަމް ދައުލަތާއި ސުވާލު ކުރީ މައްސަލަ ނުބެލޭނެ ކަމަށް ކޯޓުން ކުރިން ނިންމި ނިންމުން ދައުލަތުން އިސްތިއުނާފް ނުކުރި ސަބަބާ މެދު އެވެ. ޖަވާބުގައި ދައުލަތުން ބުނީ އެ ނިންމުން އޭރު އިސްތިއުނާފް ނުކުރީ ފަނޑިޔާރުންގެ މަޖިލީހުގެ ނިންމުމަކީ އިސްތިއުނާފް ކުރަންޖެހޭ ފަދަ ނިންމުމަކަށް ނުވާތީ ކަމަށެވެ.

ގާޒީ ހައިލަމް ވަނީ އިސްތިއުނާފް ކުރާކަށް ނުޖެހޭނެ ކަމަށް ދެކެނީ ކީއްވެގެންތޯ އާއި އެކަމުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ ދައުރަކީ ކޮބައިތޯ އައްސަވާފައެވެ. ޖަވާބުގައި ދައުލަތުން ބުނީ އޭރު އެ މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވާލާފައިވަނީ ގޮތެއް ކަނޑަނާޅާ ކަމަށެވެ. އަދި އޭސީސީން ދެވަނަ ފަހަރަށް ވެސް އެ މައްސަލައިގައި ދައުވާ ކުރުމަށް އެދި ފޮނުވީކަމަށް ދައުލަތުން ބުންޏެވެ.

އަލީ ހަމީދުގެ ވަކީލު ދެން ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގެ ދަށުން އެ މައްސަލައިގައި ދައުވާކޮށްފައިވާތީ އެކަން ނުކުރެވޭނެ ކަމަށެވެ، އަދި ކޮރަަޕްޝަން ހުއްޓުވުމުގެ ގާނޫނަކީ ހާއްސަ ގާނޫނެއް ނޫންކަން ފާހަގަކުރައްވައި ވަކީލު ވިދާޅުވެފައިވަނީ ހާއްސަ ގާނޫނުތަކުގައި ހުރި ކުށްތައް ފިޔަވައި އެހެން ކުށްތަކުގައި ދައުވާ ކުރެވޭނީ ގާނޫނުލް އުގޫބާތުގެ ދަށުން ކަމަށެވެ. އެއާއި އެކު ގާނޫނުލް އުގޫބާތުގައި އެފަދަ ކުށެެއް ނެތް ނަމަ އެކަމެއް ކުށަކަށް ނުވަނީކަމަށް ބަލަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ހަމީދުގެ ވަކީލުގެ އެ ވާޙަކަތަކަށް ދައުލަތުން ރައްދު ދިނެވެ. އެގޮތުން ދައުލަތުގެ ވަކިީލު ވިދާޅުވީ ގާނޫނުލް އުގޫބާތުގައި ބަޔާންކޮށްފައި ނެތް ކުށްތަކާއި ގުޅިގެން ދައުވާ ކުރެވޭނެ ކަމަށެވެ. އަދި އެއީ މިހާރުވެސް އަމަލު ކުރަމުން އަންނަ އުސޫލެއް ކަމަށް ދައުލަތުން ބުންޏެވެ.

ރައްދުގައި ދައުލަތުން ބުނީ ޚާއްސަ ގާނޫނަކަށް ނުވިޔަސް، ގާނޫނުލް އުގޫބާތުގައި ބަޔާން ކޮށްފައި ނެތް ކުށްތަކާ ގުޅިގެން އެހެން ގާނޫނުތަކުގެ ދަށުން ދައުވާ ކުރެވޭނެ ކަމަށާއި އެގޮތަށް މިހާރު ވެސް އަމަލުކުރާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: