ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީއެންގެ ރިޕޯޓް ތައްޔާރު ކުރުމަށް ފަންޑު ކުރި ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަން ޖެހޭ: ޑރ ޝަހީމް

އޯއައިސީގެ ސެކްޓްރީ ޖެނެރަލްގެ އެޑުވައިޒަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު : ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓަކީ ރާއްޖެއިން ބޭރުގެ ފަރާތްތަކަކުން ދިވެހިންގެ ތެރެއިން ބަޔަކަށް ފަންޑުކޮށްގެން ނެރެފައިވާ ރިޕޯޓެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވާތީ އެ މައްސަލަ ބަލައި ތަހުގީގުކޮށް ގާނޫނީ ގޮތުން އަޅަން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރ އަދި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ ޝަހީމް އޭނާގެ ފޭސްބުކް ޕޭޖުގައި ލިޔުއްވާފައިވާ ލިޔުމެއްގައި ވިދާޅުވީ އެމްޑީއެންގެ ރިޕޯޓުގައި ހުރި ވާހަކަތަކަށް އިންކާރު ކުރެއްވަމުން ގެންދަވާ އެއްވެސް ފަރާތަކަށް ފިޔަވަޅު ނޭޅުއްވުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލައްވާ ކަމަށެވެ.

އިސްލާމީ ޢަޤީދާއާއި ކީރިތި ރަސޫލާގެ މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޝަޚްޞިއްޔަތަށް ބަދުބަސް ރައްދުކުރެވޭއިރު އެކަމަށް އިންކާރުކުރެވެންޖެހޭނެކަން ޑރ ޝަހީމް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެއީ މުސްލިމުންގެ ވާޖިބެެއް ކަމަށް ވެސް ޑރ ޝަހީމް ވިދާޅުވިއެވެ.

އެމްޑީއެންގެ ރިޕޯޓު އެކުލަވާލާފައިވަނީ ބޭރުގެ ފަރާތަކުން ބަޔަކަށް ފަންޑުކޮށްގެން ރާއްޖޭގެ އިސްލާމީ ޢަޤީދާ ނެތިކޮށްލަން ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކޮށްފައިވާއިރު، އެކަމުގެ ޙަޤީޤަތް ބަލައި ފުރިހަމަ ތަޙުޤީޤެއް ހިންގައި ޤާނޫނީ ފިޔަވަޅު އަޅަންޖެހޭނެ ކަމަށް ވެސް ޑރ ޝަހީމް ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ބަޔާންވެގެންވާ ގޮތުގެ މަތިން ޚިޔާލުފާޅުކުރުމާއި އިންސާނީ ޙައްޤުތަކާއި ދީމިޤުރާތީ އުޞޫލުތައް ރާއްޖޭގައި ކުރިއެރުވުމަކީ އެކަންކަމަށް ހުރިހާ ރައްޔިތުން ތާއިދު ކުރާ ކަންކަމެ ކަމަށާއި އަދި ދިވެހި ރައްޔިތުން މަދަނީ ޖަމްޢިއްޔާތަކުގެ މަސައްކަތްތަކުގެ އަގުވަޒަން ކުރެއެވާ ކަމަށް ވެސް ޑރ ޝަހީމް ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާން ވިދާޅުވި ގޮތުގައި މަދަނީ ޖަމްޢިއްޔާތަކުން ރާއްޖޭގައި ޚިދުމަތްކުރަމުންދަނީ އެއްވެސް ހުރަހެއް ނެތިއެވެ. އެއިގެ ތެރޭގައި އެކި ދާއިރާތަކުގައި މަސައްކަތްކުރާ ރާއްޖެއާއި ރާއްޖެއިންބޭރުގެ ޖަމިއްޔާތައް ހިމެނޭކަން ޑރ ޝަހީމް ފާހަގަ ކުރެއްވިއެވެ.

ދިވެހިރާއްޖެއަކީ މުސްލިމު މުޖުތަމަޢަކަށްވީ ހިނދު، އިސްލާމްދީނުގެ ޢަޤީދާއާ ޚިލާފު ވާހަކަތައް ރާއްޖޭގައި ފެތުރުމާއި ރަސޫލުންނަށް ބަދު ބަސް ބުނުމާއި މުޢުޖިޒާތްތަކަށް އިންކާރުކުރުމާއި މިއީ ޚިޔާލު ތަފާތު މައްސަލަތަކެއް ނޫންކަން ޑރ ޝަހީމް ފާހަގަ ކުރެއްވިއެވެ.

ޑރ ޝަހީމް ވިދާޅުވީ އިސްލާމްދީނަށް ތައުހީނު ކުރުމާއި ފުރައްސާރަކުރުމަކީ ދިވެހި ރާއްޖޭގެ ޤާނޫނުތަކުން ކަނޑައެޅިގެން މަނާކޮށްފައިވާ ކަންކަމެއް ކަމަށާއި މިފަދަ ކަންކަން ހުއްޓުވުމަށް ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތައް ތަންފީޒު ކުރުމަކީ ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް ކަމަަށެވެ.

ހަމައެހެންމެ އިސްލާމްދީނާ ގުޅުން ހުރި ރާއްޖޭގެ ދާޚިލީ ކަންކަމުގައި ބޭރުގެ އެކި އެކި ޖަމާޢަތްތަކުގެ ނުފޫޒަށް ބެލުމެއްނެތި ރާއްޖޭގެ ޤާނޫނު އަސާސީއާއި އިސްލާމްދީނުގެ އަސާސްތައް ޙިމާޔަތްކޮށް ދެމެހެއްޓުމަށް ހެދިފައިވާ އެންމެހާ ޤާނޫނުތައް ނަގަހައްޓައި ތަންފީޒުކުރުމަށް ޑރ ޝަހީމް ވަނީ އިލްތިމާސްކުރައްވާފައެވެ.

ޤާނޫނު އަސާސީގައި ބަޔާންވެގެންވާ ގޮތުގެ މަތިން ދިވެހިރާއްޖެއަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ އަމިއްލަ ވެރިކަންކުރާ އިސްލާމީ އުޞުލުތަކުގެ މައްޗަށް ޤާއިމިވެފައިވާ ދައުލަތެއްކަން ފާހަގަ ކުރައްވާ ޑރ ޝަހީމް ވިދާޅުވީ ދިވެހި ދައުލަތުން މި އުޞޫލު ދަމަހައްޓައި ނަގަހައްޓަންޖެހޭނެ ކަމަށެވެ.

މީގެއިތުރުން ރިޕޯޓްގެ މައްސަލަ ތަޙުޤީޤުކޮށް އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އެޅުމަކީ ދައުލަތުގެ މުއައްސަސާތަކުގެ ޒިންމާއެއް ކަމަށާއި އެއީ ދައުލަތުން ކުރަންޖެހޭނެ ކަމެއްކަން ޑޜ ޝަހީމް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެއްވެސް އެހެން އަމިއްލަ ފަރާތަކުން ނުވަތަ ޢާއްމު ފަރުދުން، އެރިޕޯޓު އެކުލަވާލި ފަރާތްތަކަށް ބިރު ދައްކައި އިންޒާރުދީ ގޯނާކޮށް ހަޑިހުތުރު އެއްޗެހި ގޮވައި ހެދުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ވސް ޑޜ ޝަހީމް ވަނީ ވިދާޅުވެފައެވެ. އަދި އެފަދަ އެއްވެސް ކަމަކަށް ތާއިދު ނުކުރައްވާ ކަމަށް ވެސް ޑރ ޝަހީމް ވިދާޅުވިއެވެ.

ޑރ ޝަހީމް ވިދާޅުވީ އިސްލާމްދީނުގެ އަޞްލުތަކާ ޚިލާފަށް (އެމްޑީއެން) އިން ނެރެފައިވާ ރިޕޯޓާ ގުޅިގެން ޢިލްމުވެރިން ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރެއްވި އިލްތިމާސްތަކަށް ފުރިހަމައަށް ތާއިދު ކުރައްވާ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ބައިވެރިވުމުގެ ދަޢުވަތު ލިބުނު ނަމަވެސް ރާއްޖެއިން ބޭރުގައި ހުރުމުގެ ސަބަބުން ބައިވެރިވެވޭ ގޮތް ނުވީ ކަމަށް ވެސް ޑރ ޝަހީމް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: