ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ފަހުރުވެރި އާއިލާ” އެއް ބިނާ ކުރުން މިއީ މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު!

މިއީ ސަރުކަރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ"ފަހުރުވެރި އާއިލާ" ގެ ސިޔާސަތު - ފޮޓޯ: ސަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ފަހުރުވެރި އާއިލާ” އެއް ބިނާ ކުރުން ވެގެން ދިޔައީ މި ސަރުކާރު އުފެދިގެން އައި އެންމެ ބޮޑު އެއް ސަބަބަށެވެ. ބޯހިޔާވަހިކަމުގެ ވަހަކަތައް ދެކެވޭތާ އަހަރުތަކެއް ވެފައިވާއިރު، އެ ސިޔާސަތުތައް ވެގެންދިޔައީ ފޮތަކުން “އުކާލެވުނު ގަނޑު” ތަކަކަށެެވެ. އޭރު ނެތީ ހަރުދަނާ ޕްލޭނެކެވެ. އަންނަން އޮތް ޖީލުތަކަށް ވެސް ލުޔެއް ލިބިގެންދާނޭ “މެނިފެސްޓޯ” އެއް ނެތުމެވެ. ކަމަކަށް ކަމެއްގެ އުސޫލުން ދޫކޮށްލުމުގެ ނަތީޖާއަކަށް ވީ މި ރާއްޖޭގައި ބޯހިޔާވަހިކަމަށް ބޭނުންވާ އެތައް އާއިލާއެއް ތިބުމެވެ. ދިމާވާ އެންމެ ބޮޑު ދައްޗަކީ މާލީ ދަތިކަމެވެ.

މިއީ ސަރުކަރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭން (އެސްޕީއޭ) ގައި ހިމަނާފައިވާ “ފަހުރުވެރި އާއިލާ” ގެ ސިޔާސަތާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ ވިދާޅުވި ވާހަކައެވެ.

ނޫސްވެރިންނާއި އެކު، ބޭއްވި ނުވަގަޑި ސައިގެ ތެރެއިން ނޫސްވެރިންގެ ވެސް ބޮޑު ސަމާލުކަމެއް ހުއްޓުނީ “ޑިގްނިފައިޑް ފެމިލީ” ނުވަތަ “ފަހުރުވެރި އާއިލާ” އެއް ބިނާ ކުރުމައި ގުޅޭގޮތުންނެވެ. ޕްލޭން ހެދުމަށް ކުރެވުނު ދިރާސާތަކާއި ކުރެވޭ އުންމީދުތައް މި ސިޔާސަތުތައް އެކުލަވާލުމުގައި އެންމެ ބޮޑު ހިއްސާއެއް ކުރި ޝައުނާ ފާހަގަކުރެއްވިއެވެ.

އެސްއޭޕީގައި ހިމަނާފައިވާ ކަންތައް، މިއީ ރަނގަޅަށް ޕްލޭން ކުރެވިފައިވާ ކަންތަކެއް- ފޮޓޯ: އަވަސް އޮންލައިން

އެސްއޭޕީގައި ބުނެފައިވާ ގޮތުން ފަސް އަހަރުގެ ތެރޭގައި 20،000 އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ އެވެ. މިއީ ވަކި ސަރަހައްދެއްގައި އަޅާ ފްލެޓުތަކެއްގެ ވާހަކައެއް ނޫނެވެ. މުޅި ރައްޖޭގެ އެކި ކަންކޮޅުތަކުގެ ޖުމްލައެވެ. ފަސް އަހަރުގެ ތެރޭގައި 20،000 ހައުސިން ޔުނިޓް އެޅުމާއި ގުޅޭގޮތުން ޝައުނާ ވިދާޅުވީ މި ވަގުތުވެސް މި މަސައްކަތުގެ “މޮޑެލް” އެއް ވަނީ ތައްޔާރު ކުރެވިފައެވެ. އެގޮތުން މީގެ ތެރެއިން އެއް މޮޑްލްއަކީ ރަށްރަށުގައި ހުރި ފަޅު ގޯޅިތަކުގައި މީހުން ދިރިއުޅޭނެ ގެދޮރު އަޅައިދިނުން ކަމަށެވެ. ދެވަނަ މޮޑެލް އަކީ އަމިއްލަ ގެދޮރު އެޅުމުގެ ތަނަވަސްކަން ނެތިފައި ނެތް މީހުންނަށް ހަތް އިންސައްތައިގައި ހައުސިން ލޯނު ދޫކުރުމެވެ. ދެން އޭގެ ތެރޭގައި ހިމެނެނީ ސަރުކާރުގެ ހައުސިން މަޝްރޫއުތަކެވެ. ނުވަތަ ފްލެޓުތަކެވެ.

ހައުސިން މިނިސްޓްރީއިން ކުރިޔަށް ގެންދަންޖެހޭ “މުޅި ރާއްޖޭގެ ހައުސިނ ނީޑްސް އެސެސްމެންޓު” ނިމިފައިވާކަން ފާހަގަކުރައްވާ ޝައުނާ ވިދާޅުވީ، ހައުސިން ޔުނިޓުތައް ބަހާނެ ގޮތްތައް ކަނޑައަޅާނީ އެއަށް ބެލުމަށްފަހުގައި ކަމަށެވެ. ޝައުނާ ވަނީ، ބޯހިޔާވަހިކަމުގެ ވައުދުގެ ދަށުން ރައްޔިތުންނަށް އަތްފޯރާ ފަށެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ “ފަހި ދިރިއުޅުން ކޯޕަރޭޝަން” ފާހަގަ ކުރައްވާފައެވެ.

އެސްއޭޕީގައި ހިމަނާފައިވާ ކަންތައް، މިއީ ރަނގަޅަށް ޕްލޭން ކުރެވިފައިވާ ކަންތަކެއް- ފޮޓޯ: ރައީސް އޮފީސް

“ފަހި ދިރިއުޅުން ކޯޕަރޭޝަން” އަކީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އިސްނަގައިގެން، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް މަސައްކަތް ކުރިޔަށް ގެންދާނެ ކޯޕަރޭޝަންއެވެ. އަދި ބޯހިޔާވަހިކަމާ ގުޅޭގޮތުން ކުރިއަށް އޮތް ތަނުގައި ހިންގާނެ މަޝްރޫއުތަކާއި މާލީ ހާލަތު ދަށް ފަރާތްތަކަށް ސަބްސިޑައިޒް ރޭޓެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ފުރަތަމަ ފަހަރަށް ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ބަލަހައްޓާ، ފަހި ދިރިއުޅުން ކޯޕަރޭޝަންއިން ކުރިޔަށް ގެންދާނެއެވެ.

ބައެއް ހައުސިން ޔުނިޓުތަކަށް މަސައްކަތް މިހާރުވެސް ވަނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި ފަށާފައެވެ. ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަަކީ 20،000 ޔުނިޓުގެ ކުލި ވީހާވެސް ކުޑަ ކުރުމެވެ. ނަމަވެސް، މާލެއާއި އަތޮޅުތަކާއި އަގުގެ ގޮތުގައި ބައެއް ތަފާތުތަކެއް ހުންނާނެެއެވެ. އަދި އެ އުސޫލު ގަބޫލުވެސް ކުރެވެއެވެ. އެ އަގުތައް ކަނޑައެޅުމުގެ މަސައްކަތް މިހާރުވެސް ކުރިޔަށްދާއިރު، ރިޔާސީ އިންތިހާބުގެ ދުވަސްވަރު އަދި ރިޔާސީ ބަޔާން އިއްވެވިއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ސަރުކާރުގެ އަމާޒަކަށް ވާނީ ބޯހިޔާވަކި ކަމުގެ ސިޔާސަތުން ދޫކުރާ ފެލެޓުތަކުގެ އަދު 6،000 ރުފިޔާއިން މަތި ނުކުރުން ކަމަށް ވިދާޅުވެފައެވެ.

ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތަކެއް، ފްލެޓުގެ އަގު 6000 ރުފިޔާ އަށް ވުރެ މަތި ނުކުރުމަކީ ސަރުކާރުގެ އަމާޒު – ފޮޓޯ: ސަން އޮންލައިން

ޝައުނާ ވަނީ، ސަރުކަރުގެ ހައުސިން ޕޮލިސީ ފަރުމާކޮށްފައިވާ ގޮތުން، މި ގޮތަށް ކަނޑައަޅާ ކުޑަ އަގަށް ވުރެ ވެސް ކުޑަކޮށް ހައުސިން ފޯރުކޮށްދެވިދާނެ ކަމަށް ވިދާޅުވެފައެވެ. ހައުސިން ޔުނިޓުތަކަށް ބަލާއިރު މާލެ ސަރަހައްދުގައި އެޅުމަށް ހަމަޖެހިފައިވާ 4،200 ސޯޝަލް ޔުނިޓުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފެށިގެންދާނެއެވެ.

ކޮންމެ ކަމެއް ފުރިހަމަ ކުރުމަށް ވަގުތު ބޭނުންވާކަން ފާހަގަކުރައްވާ ޝައުނާ ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ހުރިހާ މަސައްކަތެއްވެސް އެއް ޕްލޭނެއްގެ ދަށުން މަސައްކަތް ކުރުންކަމަށެވެ. އެގޮތުން އެސްއޭޕީއަކީ އޭގެއިން އެއްވެސް މަސައްކަތެއްގެ ގޮތުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

ޝައުނާ ވިދާޅުވީ ކަމެއް ހާސިލު ކުރެވެނީ އެކަމަކަށް ކޮންމެ ދުވަހަކު ވެސް ފޯކަސްކޮށްގެން ކަމަށެވެ. އެހެންވެ ސަރުކާރުގެ މިނިސްޓްރީތަކަށް ވަކިވަކިން މަސައްކަތް ކުރުމުގެ ބަދަލުގައި އެއް ޕްލޭނެއްގެ ދަށުން އެއް އަމާޒުތަކަށް މަސައްކަތް ކުރަން އެސްއޭޕީ ވަރަށް މުހިންމުކަން ފާހަގަ ކުރެއްވި އެވެ. ނޫސްވެރިންނާއި ވެސް، އެސްއޭޕީގެ ސަމަރީއެއް ހިއްސާކޮށް ޝައުނާ ވިދާޅުވީ އެސްއޭޕީ ސިޔާސަތުތައް ހިމެނޭ ފޮތުގައި ވާ ކަންކަން ރަންފީޒު ކުރާނެ މެކޭނިޒަމްއެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި އެއީ ވަކި ވަކި ޓާގެޓުތަކެއްކަމަށާއި، މި ސަރުކާރުން މަސައްކަތް ކުރާނީ އެކަންކަން ފުރިހަމަ ކުރުމަށް ކަމަށެވެ. އެގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ވޯކިން ގްރޫޕުތަކުން ބައްދަލުކޮށް ރިޕޯޓުތައް ތައްޔާރު ކުރުމާއި އެކު، ހާސިލް ކުރެވޭ މިންވަރު ކޮންމެ ތިން މަހަކުން ކެބިނެޓާއި ހިއްސާ ކުރަމުންދާނެކަމަށް ވިދާޅުވިއެވެ. ޕްލޭން އެކުލަވާލުމުގެ ތެރޭގައި އެންޖީއޯތަކުގެ ވަރަށް ބޮޑު އެހީއެއް ލިބިފައިވާކަން ފާހަގަކުރައްވާ ޝައުނާ ވިދާޅުވީ ޕްލޭން ތަންފީޒު ކުރަމުންދާއިރު އެންޖީއޯ ނެޓްވޯކަކާއި އެކަޑެމިކް ނެޓްވޯކްކަކާއި އެމްބެސެޑާ ނެޓްވޯކްގެ ބޭނުން ހިފައި ހިޔާލު ހޯދާ މަޝްވަރާ ކުރާނެ ކަމަށެވެ.

މި ސަރުކާރުން މަސައްކަތް ކުރާނީ އެކަންކަން ފުރިހަމަ ކުރުމަށް- ފޮޓޯ: މިހާރު އޮންލައިން

ދައުލަތުގެ ބަޖެޓާއި ގުޅޭގޮތުން ވާހަކަ ދައްކަވާ ޝައުނާ ވިދާޅުވީ އެސްއޭޕީގައި މެތް ކަމެއް ދައުލަތުގެ ބަޖެޓުގައި ނުހިމެނޭނެ ކަމަށެވެ. އެގޮތުން މީގެ ކުރިން ބަޖެޓަށް އެގޮތް މިގޮތް ވެގެންދާއިރު އެއްވެސް ވަރަކަށް ބަޖެޓަށް ފޯކަސްއެއް ވެސް ނުވާކަމަށެވެ. ނަމަވެސް، އެކަމަށް ބަދަލެއް މި ސަރުކަރުގެ ތެރެއިން ފެންނާނެ ކަމަށާޢި ދައުލަތުގެ ބަޖެޓަކީ ދެ ފުށް ފެންނަ ޓްރާންސްޕޭރެންޓު ނަތީޖާ ނެރެވޭނެ ބަޖެޓަކަށް ވެގެންދާނެކަން ޝައުނާ ފާހަގަކުރެއްވިއެވެ.

ޝައުނާ ވިދާޅުވީ އަންނަ އަހަރަށް ސަރުކާރުން ހުށަހަަޅާ ބަޖެޓްގައި ތިން މިނިސްޓްރީއެއްގެ ބަޖެޓް ޕްރޮގްރާމް ބަޖެޓަކަށް ބަދަލު ކުރާނެ ކަމަށެވެ. އެއީ ޕްލޭނިން މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީ އަދި ފިނޭންސް މިނިސްޓްރީގެ ބަޖެޓެވެ.

އެކްޝަން ޕްލޭން ބަހާލާފައި ވަނީ ސަރުކާރުގެ މެނިފެސްޓޯގެ މައިގަނޑު ފަސް ވައުދު ކަމަށްވާ ނޫ އިގްތިސާދާއި އޯގާތެރި ސަރުކާރާއި ފަހުރުވެރި އާއިލާ އާއި ޖަޒީރާ ދިރިއުޅުމުގެ އިތުރުން ހެޔޮ ވެރިކަމަށެވެ. މި ފަސް ބައިން ޖުމްލަ 33 ދާއިރާއަކުން މި ފަސް އަހަރު ތެރޭގައި ކުރަން ރާވާފައި ހުރި ކަންކަން އެ ޕްލޭންގައި ހިމަނާފައިވެ އެވެ. ކޮންމެ ކަމެއް ނިންމަން ކަނޑައަޅާ މުއްދަތުތައް ވެސް ވަކިވަކިން އެ ޕްލޭންގައި ހިމަނާފައިވެ އެވެ.

އެކްޝަން ޕްލޭން ބަހާލާފައި ވާ ތިން މައިގަނޑު ދާއިރާ، މިއީ ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތު – ފޮޓޯ: މަޖިލިސް

ފަސް އަހަރު ނިމޭއިރު މަދުވެގެން 20،000 އާއިލާ އަށް ފްލެޓް ހަމަޖައްސައި ދިނުމާއި ހައުސިން ލޯނުގެ ގޮތުގައި މަދުވެގެން އެއް ބިލިއަން ރުފިޔާ ދޫކުރުމަށް އެ ޕްލޭންގައި ހިމަނާފައިވާ އިރު، ސޯޝަލް ހައުސިން ސްކީމްތަކުގެ ތެރެއިން ޒުވާނުންނަށް ވަކި ކޯޓާއެއް ދިނުމަށް ވެސް ހިމަނާފައިވެ އެވެ. އަދި ވަޒީފާ އަށް ނުދާ މީހުންގެ އަދަދު މަދު ކުރުމަކީ ވެސް އެ ޕްލޭންގައި ހިމެނޭ ކަމެކެވެ.

އެސްއޭޕީ ތައްޔާރުކޮށްފައި ވަނީ ސަރުކާރުގެ އިދާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އަދި ދައުލަތުގެ މުއައްސަސާތަކުގެ ހުށަހެޅުންތައް ހިމަނައިގެންނެވެ. އަދި އެކި އެކި މަދަނީ ޖަމިއްޔާތަކުގެ ހުށަހެޅުންތައްވެސް އެ ޕްލޭނުގައި ހިމަނާފައިވެއެވެ. އެކި އެކި ދާއިރާތަކުގެ މާސްޓާ ޕްލޭންތަކާއި، ގާނޫނުތަކާއި، ކަމާ ގުޅުންހުރި ދިރާސާތަކުން ފާހަގަކޮށްލެވޭ ކަންކަންވެސް ޕްލޭނުގައި ހިމަނާފައިވެއެވެ. އެސްއޭޕީ ވިލަރެސްކޮށް ތައްޔާރު ކުރުމުގެ މަސައްކަތް ކުރީ ޕްލޭނިން މިނިސްޓްރީ އާއި ރައީސް އޮފީހުގެ ޕޮލިސީ އޮފީސް ގުޅިގެންނެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ހިމެނޭ ޖަޒީރާ ދިރިއުޅުމުގެ ދަށުން 41 ކަމެއް ހާސިލު ކުރުމަށް ވަނީ ކަނޑައަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: