ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިއާންގެ މަރުގެ މައްސަލައިގެ ހުކުމް އިއްވުން ފަސްކޮށްފި

ޖިއާންގެ މަރަށް އެއް އަހަރު ވާން ގާތްވެފައި، އާއިލާއިން ބޭނުން ވަނީ އިންސާފު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ހަދަމުންދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ކުޑަކުއްޖަކު މަރުވި މައްސަލައިގައި ހަ މީހަކަށް ދައުލަތުން ކުރާ ދައުވާގެ ހުކުމް ކްރިމިނަލް ކޯޓުން ހޯމަ ދުވަހު އިއްވަން ހަމަޖެއްސުމަށް ފަހު، އެހެން ދުވަހަކަށް ފަސްކޮށްފި އެވެ.

މިދިޔަ ޑިސެމްބަރު މަހު ޑަބްލިއު ކޮންސްޓްރަކްޝަން ކުންފުނިން އިމާރާތް ކުރަމުންދިޔަ ތަނަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހުނީ ޖިއާން އޭނާގެ މައިންބަފައިންނާ އެކު މަގުމަތިން ހިނގާފައި ދަނިކޮށެވެ. ޖިއާން މަރުވީ ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ. އެ މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ އިންޑިއާގެ ހަތަރު މީހަކަށާއި ދެ ދިވެއްސެއްގެ މައްޗަށެވެ. ޖިއާން މަރުވި މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ އިންޑިއާގެ ރައްޔިތުން ކަމަށްވާ ރައްޖާވް އަލީ އާއި މުތުމަނި ރަމަޗަންދުރަން އާއި ކެޝަރިލަލް ޗައުހާން އަދި ގުލަމް މުހައްމަދުގެ އިތުރުން ދެ ދިވެހިން ކަމަށްވާ ދަފްތަރު ނަމްބަރު 8424 މޫސާ ހަސަން އާއި ދަފްތަރު ނަމްބަރު 7198 އާދަމް ޝަފީގްގެ މައްޗަށެވެ.

މައްސަލައިގެ އަޑުއެހުންތައް ސެޕްޓެމްބަރު 30 ވަނަ ދުވަހު ނިންމާލުމަށްފަހު، މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ވިދާޅުވެފައިވަނީ އެ މައްސަލައިގެ ހުކުމް އިއްވުން އޮކްޓޯބަރު 14 ގައި އޮންނާނެ ކަމަށެވެ. ޖިނާއީ އިޖްރާއާތުގެ ގާނޫނު ބުނާގޮތުން އަޑުއެހުންތައް ނިންމާލާ ހުލާސާ ބަޔާން އިއްވާތާ ގިނަވެގެން 30 ދުވަސް ތެރޭގައި އެ މައްސަލައެއްގެ ހުކުމް އިއްވަން ޖެހޭނެ އެވެ.

ޖިއާންގެ އާއިލާއިން އެދެނީ، ޖިއާންއަށް އިންސާފު ލިބުމަށް

މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާ ރައްޖާވްގެ މައްޗަށް ކުރާއިރު މުތުމަނިގެ މައްޗަށް ކުރަނީ މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއްގައި ބައިވެރިވުމުގެ ދައުވާ އެވެ. ކެޝަރިލަލް އާއި ގުލަމްގެ މައްޗަށް ކުރަނީ ކުރިމަތިވެދާނެ ކަން އެނގޭ ނުރައްކަލެއްގެ އިންޒާރު ނުރައްކަލުގައިވާ މީހާ އަށް ނުދިނުމުގެ ދައުވާ އެވެ. މޫސާ ހަސަން އާއި އާދަމް ޝަފީގަށް ކުރަނީ މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އެވެ.

ދައުލަތުން ބުނިގޮތުގައި ބަސްތާތައް އިމާރާތުގެ މައްޗަށް ނެގުމަށް ވިންޗް އޮޕަރޭޓް ކުރަން ހުރި ރައްޖާވަށް ވިންޗް ލައިނަށް ދޫދެވިގެން ސިމެންތި ބަސްތާ ވެއްޓުނުއިރު އޭނާ އެ މަސައްކަތް ކުރަމުން ދިޔައީ އެ މަސައްކަތް ކުރުމުގެ ހުއްދަ ނެތީސްކަން ހެކިންގެ ބަހުން ސާފުވާ ކަމަށެވެ. އޭނާ އެ މަސައްކަތް ކުރަމުން ދިޔައިރު އެ ސަރަހައްދުގެ މަގުމަތި ބަންދުކޮށްފައި ނެތުމުންނާއި އެ ސަރަހައްދުން އޭރު ވެސް މީހުން ހިނގަމުން ދިޔަކަން އެނގޭއިރު އެއީ އޭނާ ކުރި ފަރުވާ ކުޑަ އަމަލެއް ކަމަށް ބެލެވޭނެ ކަމަށް ދައުލަތުން ބުންޏެވެ. އަދި މަސައްކަތް ކުރަމުންދިޔައިރު ޕޭވްމެންޓު މަތީގައި ބޯޑެއް ބަހައްޓާފައި ހުރީވެސް އެތަނުގެ އަރިއްމައްޗަށް ކަމަށެވެ. އެހެން ކަމުން، އެއީ މަސައްކަތް ކުރަމުންދާކަން އަންގައިދޭނެ ވަރުގެ ނިޝާނެއް ނޫންކަމަށް ހުލާސާ ބަޔާން އިއްވަމުން ދައުލަތުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ސިމެންތި ބަސްތާތައް މައްޗަށް ފޮނުވުމުގައި ހަރަކާތްވެ އުޅުނު ކެޝަރިލް އާއި ގުލަމް އެ މަސައްކަތް ކުރަމުންދިޔައީ އެ ސަރަހައްދު ބަންދު ނުކޮށް ކަމަށާއި އެ ސަރަހައްދުން ހިނގަމުން ދިޔަ އެއްވެސް މީހެއް ހުޓުވާފައި ނުވާކަމަށް ދައުލަތުން ވަނީ ބުނެފައެވެ. އެތަނުގައި ހަމައެކަނި ބޯޑެއް ބަހައްޓާފައި ހުރިއިރު ޕޭވްމެންޓު އަރިމައްޗަށް ވާގޮތަށް ބޯޑު ބަހައްޓާފައި ހުރިއިރު އެއީ ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އެކަށީގެންވާގޮތެއްގައި ދީފައިވާކަމަށް ބެލެވޭ ސަބަބެއް ނޫން ކަމަށް ވެސް ދައުލަތުން ވަނީ ބުނެފައެވެ.

ޖިއާންގެ އާއިލާއިން އެދެނީ ޖިއާންއަށް އިންސާފު ލިބުމަށް

ދައުވާލިބޭ މީހުންގެ ވަކީލް އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ޕޭވްމަންޓްގައި ބޯޑެއް ބަހައްޓާފައި ހުރިކަން ސާފުކޮށް އެނގޭތީ ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރެއް އެ މީހުން ދީފައިވާ ކަމަށް ބަލަން ޖެހޭނެ އެވެ. އޭރު އެތަނުގައި ބަހައްޓާފައި ހުރީ “ނުރައްކާ” ބޯޑެއް ކަން ސިޓީ ކައުންސިލްގެ ރިޕޯޓުން އެނގޭ ކަން ފާހަގަ ކުރައްވައި، އޭނާ ވިދާޅުވީ އެ ހާލަތުގައި އެތަނުގައި މަސައްކަތެއް ކުރަމުންދާ ކަމުގެ އިންޒާރު ހިނގާ މީހުންނަށް ދީފައިވާ ކަމަށް ބެލެވޭނެ ކަމަށެވެ.

ޖިއާންގެ އާއިލާއިން އެދެނީ ޖިއާންއަށް އިންސާފު ލިބުމަށެވެ

އިމާރާތުގެ ސަލާމަތީ ކަންކަން ފުރިހަމަނުވާ ކަމަށް ބުނާ ޕްލޭނިން މިނިސްޓްރީގެ ރިޕޯޓާ ގުޅޭގޮތުން ޝަމީމް ވިދާޅުވީ އެ ރިޕޯޓަކީ ގާނޫނާ ޚިލާފް ރިޕޯޓެއް ކަމަށާއި އެ ރިޕޯޓް ޝަރީއަތަށް ބަލައިނުގަނެވޭނެ ކަމަށެވެ. އަދި ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރީ އެ ރިޕޯޓަކީ ދިވެހި ބަހަށް އިސްކަން ދިނުމުގެ ގާނޫނާ ޚިލާފަށް އިނގިރޭސި ބަހުން ނެރެފައިވާ ރިޕޯޓެއް ކަމަށްވާތީއެވެ.

ގާނޫނުލް އުގޫބާތު އޮންނަ ގޮތުން މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ އަސާސީ އަދަބަކީ ހަ އަހަރުގެ ޖަލު ހުކުމެކެވެ. އެކަމަކު، އެ ކުށުގައި ބައިވެރިވާ މީހާގެ އަދަބުގެ މިންވަރު އެއް ދަރަޖަ ދަށްވާނެތީ ބައިވެރިވާ މީހާގެ މައްޗަށް ކުށް ސާބިތުވިޔަސް، އަންނާނީ ހަތަރު އަހަރާއި ހަ މަހުގެ ޖަލު ހުކުމެކެވެ.

ކުރިމަތިވެދާނެ ކަން އެނގޭ ނުރައްކަލެއްގެ އިންޒާރު ނުރައްކަލުގައިވާ މީހާއަށް ނުދިނުމުގެ ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އަދި މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ކުށުގެ އަދަބުގެ އަސާސީ މިންވަރަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: