ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަންދު ކޮލެޖަށް 50 މިލިޔަން! ބިމެއްވެސް ދެނީތަ؟

މަންދު ކޮލެޖްގެ ވެރިޔާ އިބްރާހީމް އިސްމާއިލް، އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް އަދި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރ ހަސަން އިސްމާއީލް
ޝެއާރކޮށްލާ ކަހަލަދޯ؟

މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި 50 މިލިޔަން ރުފިޔާ ދިންކަމުގެ މައުލޫމާތު ސަންގަށް ލިބިއްޖެއެވެ.

މިކަމާއި ގުޅޭ އިތުރު ތަފްސީލް ހޯދުމަށް ސަންގުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު އާއި ވަޓްސްއެޕް މެދުވެރިކޮށް ސުވާލު ކުރުމުން އޭނާ ވިދާޅުވީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއިން އެކަން ބެއްލެވުމަށެވެ. ނަމަވެސް ހަޔަރ އެޑިއުކޭޝަންގެ މިނިސްޓަރ ޑރ.އިބްރާހީމް ހަސަން ވަނީ އެކަން އެނގިވަޑައި ނުގަންނަވާކަން ކަށަވަރުކޮށްދެއްވާފައެވެ. މިނިސްޓަރ އިބްރާހީމް ހަސަން އެހެން ވިދާޅުވިފަހުން ހޫދު ވަނީ އެ ކޮލެޖަށް ދޭން ނިންމާފައިވާނީ ސިވިލް ކޯޓުގެ ހުކުމުގައި އޮތް އަދަދު ކަމަށް ވިދާޅުވެފައެވެ.

ސިވިލް ކޯޓުގެ ހުކުމުގެ ފަހު ސަފްހާގެ ބައެއް ސަންގަށް ވަނީ ލިބިފައެވެ. އޭގައިވާގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރު މަންދު ކޮލެޖް ހިންގަމުން އައި ކުރީގެ މާލެ އިންގްލިޝް ސްކޫލް (އެމްއީއެސް) އިމާރާތް ހުސްކުރަން އެންގުމުން ބަދަލުގެ ގޮތުގައި އެ ކޮލެޖަށް 3.4 މިލިޔަން ރުފިޔާ 6 މަސްދުވަސްތެރޭގައި ދައްކާ ޚަލާސްކުރުމަށް ހަޔަރ އެޑިއެކޭޝަން މިނިސްޓްރީގެ މައްޗަށް ހުކުމް ކޮށްފައިވެއެވެ. އެ ގަޟިއްޔާ ބައްލަވައި ނިޔާ ކަނޑައެޅުއްވީ ސިވިލް ކޯޓުގެ ގާޟީ ހާތިފް ހިލްމީއެވެ.

އެހެން ނަމަވެސް މަންދު ކޮލެޖު ހިންގަވަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި ގާނޫނު އަސާސީ އެކުލަވާލި ކޮމެޓީގެ މުގައްރިރު އިބްރާހިމް އިސްމާއިލް (އިބްރާ) ރައީސް އިބްރާހީމް މުހައްމަދު ސާލިހު އުފައްދަވާފައިވާ ބަދަލު ދިނުމުގެ ކަންކަމާއި ގުޅޭ ކޮމެޓީއަށް މި މައްސަލަ ހުށައަޅައި ކޮލެޖަށް ލިބުނު ގެއްލުމުގެ ބަދަލުގައި 250 މިލިޔަން ރުފިޔާ ހޯދުމަށް އެދިފައިވާކަމަށް މައުލޫމާތު ލިބެއެވެ. އަދި އެ ކޮމެޓީއިން އެ އަދަދު ދެވެން ނެތްކަމަށާއި ބަދަލުގެ ގޮތުގައި 50 މިލިޔަން ރުފިޔާ ދިނުމަށް ނިންމާފައިވާކަމަށްވެސް އަޑުތައް ވަނީ ފެތުރިފައެވެ.

ބަދަލު ދިނުމުގެ ކަންކަން ބަލަހައްޓަމުން ގެންދާ ކޮމެޓީގައި އިބްރާހީމް އިސްމާއިލްގެ ކޮއްކޯފުޅު އަދި އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމާއިލް ހުންނަވައެވެ. މީގެ ކުރިން މިސަރުކާރުން ބަދަލުދީފައިވާ ކުންފުނިތަކުގެ ތެރޭގައި އިބްރާހީމް އިސްމާއިލްގެ ކޮއްކޯފުޅު އަދި ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން އިސްމާއީލުގެ ހިއްސާ އޮންނަ ބިގް (ބިޒްނަސް އިމޭޖް ގުރޫޕް) ހިމެނެއެވެ. އެކުންފުންޏަށް 78 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދައުލަތުން ދީފައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: