ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީގެ ހޯމް މިނިސްޓަރ އަޒްލީނަށް ކުރެވޭ ތުހުމަތަކަށް ޖަވާބުދާރީ ވެއްޖެ!

ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު: ފޮޓޯ މީސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި މަރުގެ ހުކުމާ ދެކޮޅަށް މޯލްޑިވްސް ޑިމޮކްރަސީ ނެޓުވޯކް (އެމްޑީއެން) އިން މަސައްކަތް ކުރާތީ ޖަމްއިއްޔަތުއް ސަލަފް އިން 2017 ވަނަ އަހަރު، އޭރުގެ ހޯމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އަޒްލީން އަހުމަދަށް ސިޓީއަކުން އެކަން ދަންނަވާފައިވާކަން އަޒްލީން ސަންގަށް ކަށަވަރުކޮށްދެއްވައިފިއެވެ.

މި ސިޓީގެ ވާހަކަ ފެންމަތިވުމާއި ގުޅިގެން ސަންގަށް ދެއްވި އިންޓަރވިއުއެއްގައި އަޒްލީން ވަނީ އޭނާގެ ސެކެޓްރީއަށް ގުޅުއްވައި މިފަދަ ސިޓީއެއް ހުށެއެޅިކަމަށް ބުނަމުންދާއިރު އެސީޓީ އަޒްލީނާއި ހަމަޔަށް ނައީ ކީއްވެތޯ ސުވާލުކުރައްވާފައި ވާކަން ހާމަކުރައްވާފައެވެ. އެ ސިޓީއަކީ ޖަމްއިއްޔާއަކާ ބެހޭގޮތުން ހުށައަޅާފައިވާ ސިޓީއަކަށް ވާއިރު ޖަމްއިއްޔާތަކަށް ފިޔަވަޅު އަޅަނީ ޖަމްއިއްޔާތަކާއި ބެހޭ ރަޖިސްޓްރާރު ކަމަށް ވެފައި އަދި ގާނޫނީގޮތުންވެސް އެ ބާރު ރަޖިސްޓްރާރަށް ލިބިދީފައި އޮތުމުން، ގާނޫނީގޮތުން ވަޒީރެއްގެ ބަހެއް އެކަމަށް ބޭނުން ނުވާ ހިނދު، އެސިޓީ ރަޖިސްޓްރާރަށް ސީދާ ރޫޓުކޮށްފައިވާކަމަށް އަޒްލީންގެ ސެކެޓްރީއާއި ހަވާލާދީ އޭނާ ވިދާޅުވިއެވެ.

“އަޅުގަނޑާއި ހަމަޔަށް އެސިޓީ އައިސްފައެއް ނެތް، އަޅުގަނޑަކަށް އެ ސިޓީ ފެނިފައެއް ނެތް އިނގޭތޯ. އެއިރު އެމްޑީއެން އިން ރަސޫލާ އަށް ފުރައްސާރަކޮށް ﷲ ވޮޑިގެން ނުވާކަން ދައްކައި ބޮޑެތި ޖަރީމާ ހިންގާފައިވާކަމަށް އަޅުގަނޑުމެންގެ ސަމާލުކަމަށް އައިސްފައެއް ނެތް. އެހެން ނަމަވެސް އަމިއްލަ ޖަމްއިއްޔާއަކުން، އެފަދަ ޖަރީމާތަކެއް ހިންގަމުން އަންނަކަމަށް މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމަށް ސިޓީއެއް ފޮނުއްވާފައި އޮތުމުން، އެއީ ރަސްމީކޮށް އެއްވެސް ފަރާތަކުން މިދަންނަވާ ކަހަލަ ރިޕޯޓެއް އައިސްފައެއް ނެތް. އަދި ރިޕޯޓެއް ނުވެސް ނެރާ ކަމަށް ވަނީ، އެމީހުން އޭރު ސަމަރީ ނޯޓެއް ނެރުނު. އޭގައި މިހާރު ނެރެގެން އެޅޭ ކަހަލަ ބޮޑެތި ޖަރީމާއެއް ނެތްކަމަށް ވަނީ.” އަޒްލީން ވިދާޅުވިއެވެ.

އަޒްލީން ވިދާޅުވީ އެ ސަމަރީ ނޯޓާއި ގުޅިގެން އަމިއްލަ ޖަމްއިއްޔާއަކުން ހުށަހެޅި މައްސަލައިގައި އެމްޑީއެންގެ ފަރާތުން ލާދީނީ ހަރަކާތްތަކެއް ހިންގަމުންދާ ކަމަށް ތުހުމަތުކޮށްފައިވާތީ އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ރަޖިސްޓްރާރަށް ފޮނުވައިފާކަމުގެ މައުލޫމާތު އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ހޯއްދެވި ކަމަށެވެ. އޭނާ ވަނީ އެކަންކަމާއިގުޅިގެން ސީދާ އެޅި ފިޔަވަޅުތައް ރަޖިސްޓްރާރަށް އެނގޭނެކަން ފާހަގަކުރައްވާފައެވެ.

ޖަމްއިއްޔާތަކާއި ބެހޭ ރަޖިސްޓްރާރް ކަމުގެ މަގާމުގައި އޭރު ހުންނެވި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޔޫސުފް އަބްދުލް ޣަފޫރު ސަންގަށް ވިދާޅުވީ މިކަމާއި ގުޅިގެން އަޒްލީން އޭނާއާ ގުޅުއްވި ކަމަށާއި އެ ވިދާޅުވާ ސިޓީއެއް ދުށް ހަނދާނެއް ނެތް ކަމަށެވެ. އެހެން ނަމަވެސް އެ ސިޓީ ލިބިފައި ނެތްކަމަކަށް ޔޫސުފް އަބްދުލް ޣަފޫރު ވިދާޅެއް ނުވެއެވެ. އޭނާ ވަނީ އެކަން ރަނގަޅަށް ބަލާފައި ނޫނީ އޭރު އެޅިފައި ހުރި ފިޔަވަޅުތައް ސީދާ ތެދުތެދަށް ދަންނަވަން ދަތިކަން ފާހަގަކުރައްވާފައެވެ.

“އަޅުގަނޑު ބަޔަކު ހާޒިރުކުރި ހަނދާންވޭ ކޮންމެވެސް ފޮޓޯއެއް ޝާއިއުކޮށްގެން ހުށައެޅުނު މައްސަލައަކާއި ގުޅިގެން. އޭރު އޮންނާނެ ބުނެފަ އެކަހަލަ ކަމެއް ތަކުރާރުކޮށްފިއްޔާ ފިޔަވަޅު އަޅާނެކަމަށް. އަޅުގަނޑަށް މިނިސްޓަރ ތިޔަ ބުނާ ސިޓީއެއްވެސް ފޮނުވައިފި. އަޅުގަނޑު ބަލާލައިފިން. އޭގައިވެސް ހުރީ އެ ޖަމްއިއްޔާގެ މައްޗަށް ތުހުމަތުތަކެއް ކޮށްފައި. އެއް ޖަމްއިއްޔާއިން އަނެއް ޖަމްއިއްޔާއަށް ތުހުމަތުތަކެއް.” ޔޫސުފް އަބްދުލް ޣަފޫރު ވިދާޅުވިއެވެ.

އޭނާ ވަނީ އެފަދަ މައްސަލަތަކުގައި އާންމުކޮށް ފިޔަވަޅު އެޅުމުގައި އަމަލުކުރާ އުސޫލަކީ އިސްލާމިކް މިނިސްޓްރީއާއި ގުޅިގެން ކުރިޔަށް ދިއުމެވެ. އޭނާ ވަނީ ޖަމްއިއްޔާގެ ރަޖިސްޓްރީ އާއި ބެހޭ ސެކްޝަން އިން އެކަންކަމުގެ ތަފްސީލް އިތުރަށް ބަލައިގެން އޭރުގައި އެޅިފައިހުރި ފިޔަވަޅުތައް އެނގެން އޮންނާނެކަން ފާހަގަކުރައްވާފައެވެ. އަދި މިހާރު މިހިންގާފައިވާ ބޮޑު ޖަރީމާއެއް އޭރު އެޖަމްއިއްޔާއިން ހިންގާފައި ނުވާކަމަށްވެސް ޔޫސުފް އަބްދުލް ޣަފޫރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: