ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ވިސިލް ބްލޯ ކުރާ ފަރާތްތައް ރައްކާތެރި ކުރުމުގެ ބިލް” ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

"ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރި ކުރުމުގެ ބިލް" ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފި
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާނާތާއި ކޮރަޕްޝަން ފަޅާއަރުވާލާ މީހުންނަށް ހިމާޔަތް ލިބޭ ގޮތަށް ހެދި “ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރި ކުރުމުގެ ބިލް” ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން މަޖިލިހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅުއްވި އެ ބިލް މަޖިލިހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެމްބަރުންގެ އިއްތިފާގުންނެވެ. ބިލް ފާސްކުރީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ގެނައި ބަދަލުތަކާއި ތަޅުމުން ގެނައި ބަދަލަކާ އެކުގަ އެވެ.

ކޮރަޕްޝަން ފަޅާ އަރުވާލާ މީހުންނަށް ހިމާޔަތް ދިނުމާ ބެހޭ ގާނޫނީ އޮނިގަނޑެއް ރާއްޖޭގައި މިހާރަކު ނެތެވެ. އެފަދަ ގާނޫނެއް ވުޖޫދަށް ގެނައުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިިޔާސީ ވައުދެކެވެ. ކޮރަޕްޝަނާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުއްވުމަކީ ވެސް އެމަނިކުފާނުގެ ރިޔާސީ ވައުދެކެވެ.

މަޖިލިހުގެ ތަޅުމުން އިސްލާހު ކުރި މާއްދާގައި ވަނީ ބިލަށް އަމަލު ކުރަން ފެށުމުގެ ކުރިން ވިސްލްބްލޯ ކުރުމުގެ ގޮތުން ކުރި ކަންކަމަށް ބިލްގެ ބާރެއް ނުހިނގާނެ ކަމަށެވެ. އަދި ބިލަށް އަމަލު ކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ކަމެއް ބިލްގެ ދަށުން ވިސްލްބްލޯ ކުރުމަށް ބިލް ހުރަސް ނާޅާ ކަމަށް އޭގައިވެ އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބިލު ދިރާސާކޮށް ގެނައި ބަދަލުތަކުގެ ތެރޭގައި މައްސަލަތައް ހުށަހެޅުމަށް، ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓްގެ ނަމުގައި ޔުނިޓެއް ހަދަން ޖެހޭނެއެވެ. އޭގެ އިތުރުން، ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓް އުފައްދަން ޖެހޭނީ ހިއުމަން ރައިޓްސް ކޮމިޝަންގައި ކަމަށާއި ޔުނިޓުގެ އެންމެ އިސްވެރިޔާ ހަމަޖައްސާނީ ވެސް އެ ކޮމިޝަނުން ކަމަށް ބިލުގައިވެއެވެ. އެހެން ކަމުން ބިލް ގާނޫނަކަށްވާތާ 21 ދުވަހުގެ ތެރޭގައި އެ ޔުނިޓަށް އިސް ވެރިއެއް ހަމަޖައްސަން ޖެހޭނެއެވެ.

ވިސްލްބްލޯވާގެ ޕްރޮޓެކްޝަން ޔުނިޓަކީ ވިސްލްބްލޯކުރާ މީހުންނަށް ބިލުން ލިބޭ ރައްކާތެރިކަން ހޯދައި ދިނުމަށް މަސައްކަތްކޮށް، އެފަދަ މީހުން ދޭ މައުލޫމާތު ބަލައިގަނެ ކަމާބެހޭ އިދާރާތަކަށް އެ މައުލޫމާތު ފޯރުކޮށްދޭ އިދާރާއެއް ކަމަށެވެ. އަދި ސަރުކާރުން ބިލް ހުށަހެޅި ބޭނުމަކީ ދައުލަތުގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކުގައި ހިނގާ ކޮރަޕްޝަން ހުއްޓުވާ އެތަންތަނުގައި ދެފުށް ފެންނަ، ނަޒާހާތްތެރި ސަގާފަތެއް އަށަގެންނެވުމެވެ.

ކޮރަޕްޝަން ހާމަ ކުރާ ފަރާތްތަކަށް ގާނޫނީ ހިމާޔަތް ދިނުމާ ބެހޭ ބިލުގައި ވާ ގޮތުން ގާނޫނީ ޒިންމާއެއް އާދަ ނުކުރުމުންނާއި އިންސާނީ ހައްގަކާއި ހިލާފުވުމުންވެސް މައުލޫމާތު ހާމަ ކުރެވޭނެއެވެ. ބިލުގައިވާ ގޮތުން އިންސާނީ ހައްގަކަށް އަރައިގަންނަ ކަން އެނގުމާއި، ގާނޫނީ ޒިންމާ އަދާ ނުކުރާ ކަމުގެ މައުލޫމާތާއި، ހިޔާނާތާއި މަގާމުގެ ނުފޫޒު ފޯރުވުމުގެ މައްސަލައެއް ނުވަތަ ތިމާވެއްޓަށް ގެއްލުންވާ ފަދަަ ކަމެއް ކުރާ ކަމުގެ މައުލޫމާތު ލިބިއްޖެ ނަމަ އެކަން ހާމަ ކުރާ ފަރާތްތަކަށް ހިމާޔަތް ފޯރުކޮށްދެވޭނެއެވެ. އަދި ބިލުގައި ވާ ގޮތަށް މައުލޫމާތު ހާމަ ކޮށްގެން ވަޒީފާއިން ވަކި ކުރުމާއި ޒިންމާއިން އެކަހެރި ކުރުމާއި ގެއްލުންދިނުމާއި ބިރު ދެއްކުން ފަދަ ކަންކަން ނުކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ. ވިސްލްބްލޯ ކުރާ ފަރާތުން ވިސްލްބްލޯ ކުރުމުގެ ގޮތުން ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ކުރާ ނުވަތަ ނުކޮށް ދޫކޮށްލާ ކަމެއްގެ ސަބަބުން އެއްވެސް ޖިނާއީ ދައުވާއެއް ނުވަތަ މަދަނީ ދައުވާއެއް ނުކުރެވޭނެ އެވެ. އެކަމާ ގުޅިގެން އެއްވެސް އިދާރީ ފިޔަވަޅެއް ވެސް ނޭޅޭނެ ކަމަށް ބިލްގައިވެ އެވެ. ހިޔާނާތާއި ކޮރަޕްޝަން ފަޅާ އަރުވާ މީހުންނާ ދޭތެރޭގައި ބަދަލުހިފުމުގެ ގޮތުން އެއްވެސް ކަމެއް ކުރާ ނަމަ އެކަން ކުރާ މީހަކަށް ބޮޑެތި އަދަބުތަކެއް ދިނުމަށް ވެސް ބިލްގައި ވަނީ ހިމަނައިފަ އެވެ.

އޭގެ އިތުރުން މައުލޫމާތު ހާމަކުރާ ފަރާތްތަކުގެ ވަނަވަރު ސިއްރު ކުރުމާއި އެކު އެމީހެއްގެ ނަމާއި އެޑްރެސް އުމުރު އަދި އާއިލާއާ ބެހޭ މައުލޫމާތު ސިއްރުކޮށްފައި ބާއްވަން ޖެހެއެވެ. އަދި ވިސްލްބްލޯ ކުރާ ފަރާތުން ދޭ މައުލޫމާތަކީ އެފަރާތުން އެކަން ހިނގިކަން ސާބޮތުކޮށްދޭން ޖެހޭނެ ކަމެއް ނޫން ކަމަށާއި ވިސްލްބްލޯ ކުރަން އުޅެގެން ނުވަތަ ކޮށްގެން އެކަން ހުއްޓުވަން ނުވަތަ އިންޒާރުދީ ހެދުމަކީ ގާނޫނީ ކުށެއްގެ ގޮތުގައި ބިލުގައި ވަނީ ހިމަނާފައެވެ.

ވިސްލްބްލޯގެ ގޮތުގައި ހުށަހެޅޭނެ ކަންކަމުގެ ތެރޭގައި ގާނޫނީ ޒިންމާއެއް އަދާނުކުރުމާއި އިންސާނީ ހައްގަކާ ހިލާފު އަމަލެއް ހިންގުމާއި ބައިނަލްއަގުވާމީ އިންސާނިއްޔަތުކަމުގެ ގާނޫނަކާ ހިލާފު ކަމެއް ކުރުމާއި ކޮރަޕްޝަންގެ އަމަލެއް ހިންގުމާއި ސިއްހަތަށް ނުވަތަ ރައްކާތެރި ކަމަށް ނުރައްކަލެއް އަދި ތިމާވެއްޓަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ކުރުމާއި ދައުލަތުގެ މަގާމު ނަހަމަ ގޮތުގައި ބޭނުން ކުރުމާއި އަދުލު އިންސާފަށް ހުރަސް އެޅުމާއި ވަސީލަތެއް ބޭރު ކުރުމާއި ވިސްލްބްލޯ ކުރުމުން ބަދަލު ހިފުން ހިމެނެ އެވެ.

ކޮރަޕްޝަން ފަޅާ އަރުވާލާ މީހުންނަށް ހިމާޔަތް ދިނުމުގެ ބިލެއް މަޖިލިހުން ފާސް ކުރި އިރު، މި ފަހުން ހިނގި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަ ކަމަށްވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތާ ގުޅޭ މައުލޫމާތުތަކެއް އާންމުކުރި މައްސަލާގައި ބީއެމްއެލްގެ ކުރީގެ މުވައްޒަފެއް ކަމަށްވާ ގާސިމް އަބްދުލްކަރީމްގެ މައްޗަށް ވަނީ ޖިނާއީ ދައުވާކޮށް، ކުށް ސާބިތުވެފަ އެވެ. ހުއްދަ ނޫން ގޮތެއްގައި މައުލޫމާތު އާންމު ކުރުމުގެ ދައުވާކޮށް، ގާސިމްގެ މައްޗަށް ކުށް ސާބިތުވެ ޖަލު ހުކުމެއް އިއްވިޔަސް ހުކުމުގެ މުއްދަތު ހަމަވުމުން އޭނާ މިދިޔަ އަހަރު ވަނީ މިނިވަންވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: