ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެސްޓްހައުސްއާއި ސިޓީހޮޓާ އަޅަން ބިމަށް އެދި ކުރިމަތިލުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފި

އައްޑޫ ގައި ގެސްޓްހައުސްއާއި ސިޓީހޮޓާ އަޅަން ބިމަށް އެދި ކުރިމަތިލުމަށް އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފި - ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ގެސްޓްހައުސްއާއި ސިޓީހޮޓާ އަޅަން ބިމަށް އެދި ކުރިމަތިލުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވާފައިވާ ގޮތަށް “ރަށު ފަތުރުވެރިކަމަށް” އައްޑޫން ބިން ދޫކުރުމަށްޓަކައި ސިޓީ ކައުންސިލާއި މިނިސްޓްރީއާ ދެމެދު އެއްބަސްވެފައިވާ ކަމަށެވެ. ރާއްޖޭގެ ދެކުނުގެ ފަތުރުވެރިކަން ރަނގަޅު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ އަމާޒަކީ ހަތަރު އަހަރުގެ ތެރޭގައި އައްޑޫގައި ފަތުރުވެރިންނަށް ހިދުމަތްދޭ އެނދުގެ އަދަދު އަށް ހާހަށް އިތުރު ކުރާނެކަމަށްވެސް އެ މިނިސްޓްރީއިން ބުނެއެވެ. މިދިޔަ ޖުލައި 29 ވަނަ ދުވަހު ޓޫރިޒަމްގެ މާސްޓާ ޕްލޭން އެކުލަވާލުން އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ސާލިހު ވަނީ ރާއްޖޭގެ 11 ރަށަކުން ގެސްޓްހައުސް ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާކަން އިއުލާނުކުރައްވާފައެވެ.

ސަރުކާރުން ނިންމާފައި ވަނީ އައްޑޫގެ ޓޫރިޒަމް ތަރައްގީކުރުމަށް އެ ސަރަހައްދަށް 8،000 އެނދު އިތުރު ކުރުމަށެވެ. އޭގެ ތެރެއިން 4،000 އެނދު އިތުރު ކުރަން ނިންމާފައި ވަނީ ގެސްޓްހައުސްއާއި ސިޓީ ހޮޓާތަކުންނެވެ.

އައްޑޫ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ގެސްޓްހައުސްއާއި ސިޓީ ހޮޓާ އެޅުމަށް ދޫކުރަން ނިންމާފައިވާ ސަރަހައްދުތަކުން ބިން ހޯދުމަށް ދިވެހިންނާއި ބޭރުގެ ފަރާތްތަކަށްވެސް ހުޅުވާލާފައިވާ ކަމަށެވެ.

އިއުލާނުގައިވާ ގޮތުން ބިޑު ވިއްކާނީ 20 އޮކްޓޯބަރު 2019 އިން ފެށިގެން 13 ނޮވެންބަރު 2019 ވަނަ ދުވަހާ ހަމަޔަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ފެށިގެން މެންދުރު 12:00 އާ ހަމަޔަށް އައްޑޫ ސިޓީ ކައުންސިލް އިދާރާއިންނެވެ. އަދި ބިޑު ޑޮކިއުމެންޓު ވިއްކާ އަގަކީ ދިވެއްސެއް ނަމަ 2,000 ރުފިޔާ އަދި ބޭރުގެ ފަރާތެއްނަމަ 300 ޑޮލަރެވެ. އައްޑޫ ސިޓީ ކައުންސިލްއިން ބުނެފައިވާގޮތުން ޕްރީބިޑް ބައްދަލުވުން އޮންނާނީ 06 ނޮވެންބަރު 2019 ވާ ބުދަ ދުވަހުގެ 11:00 ގައި އައްޑޫ ގަމުގެ އީކުއޭޓަރ ވިލެޖްގައެވެ. އަދި ބިޑް ބަލައިގަތުން އޮންނާނީ 11 ޑިސެންބަރު 2019 ވާ ބުދަ ދުވަހުގެ 11:00 ގައި އައްޑޫ ގަމުގެ އީކުއޭޓާ ވިލެޖްގައެވެ.

https://twitter.com/AdduCityCouncil/status/1180050643731410944

ބިން ދޫކުރުމާއި ގުޅޭގޮތުން އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ ދޫކުރާ ބިމުގެ އަދަދު އެނގޭނީ އިންވެސްޓްމެންޓަށް ބެލުމަށް ފަހު ކަމަށާއި މުޅި ކޮންސެޕްޓްގެ މަސައްކަތް ނިމުމުން ބިމުގެ އަދަދު ޔަގީންވާނެ ކަމަށެވެ. ސޯބެ ވިދާޅުވީ އެނދު ތަރައްގީ ކުރާނީ ގެސްޓު ހައުސް އަދި ސިޓީ ހޮޓާ އެޅުމަށް ކަމަށާއި މިއެނދު ތަރައްގީ ކުރާއިރު ބިން ދޫކުރަން އިސްކަން ދެވޭނީ އިންވެސްޓަރުންނަށް ކަމަށެވެ.

އައްޑޫ ސިޓީގެ ފަތުރުވެރިކަން ކުރިއަރުވާ ތަރައްޤީ ކުރުމަށް އައްޑޫސިޓީ ކައުންސިލުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އައްޑޫސިޓީ ކައުންސިލުގެ އެހީތެރިކަމާއެކު އައްޑޫގެ އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ވަނީ، އިކުއަޓޯރިއަލް ޓްރެވެލް އެންޑް ޓޫރިޒަމް އެސޯސިއޭޝަން (އެޓާ)ގެ ނަމުގައި ޖަމްޢިއްޔާއެއްވެސް އުފައްދާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: