ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަނޑުގައި މެޗެއް ކުޅެނީ އެއްނޫން، މިއީ ބިދޭސީންގެ ކިއު!

ދުރުން ބަލާއިރު މިއީ ސަޕޯޓަރުން ކަމަށް ފެނުނު ނަމަވެސް މިއީ ބިދޭސީންގެ ކިއު. ފޮޓޯ:ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދުރުން ފެންނައިރު ސިފަވެގެންދަނީ ރާއްޖެ ކުޅޭ ފޯރިގަދަ ފުޓުބޯޅަ މެޗެއް ކުރިއަށްދާހެން، އެހެންނޫންތޯ؟ އަޅުގަނޑަށް ސިފަވެގެން ދިޔައީ ސާފު ޗެންޕިއަންޝިޕްގެ މެޗު ކުރިއަށްދިޔަ ދުވަސްވަރު ގަލޮޅު ދަނޑު ސަޕޯޓަރުންނާއިގެން ފުރާލާފައި އޮތް މަންޒަރެވެ. ނަމަވެސް ދަންނަވަންތޯއެވެ. މިއީ ފުޓުބޯޅަ މެޗެއް ކުރިއަށްދާތީ ބަލަން އައިސްތިބި ސަޕޯޓަރުންނެއްނޫނެވެ. މިއީ ޖަލުގެ ތޭރިތަކުގެ ބިއްދޮށަށް ދާން ބޭނުންނުވެގެން ރާއްޖޭގައި ތިބި ޤަވައިދާއި ޚިލާފް ބިދޭސީން ޤަވައިދުގެ ތެރެއަށް ވަންނަން އައިސް ތިބި މަންޒަރެވެ. މިތަނުގައި މިހާރުވެސް 2000 އެއްހާ ބިދޭސީން އެބަތިއްބެވެ.

ކިއު ހެދުމުގެ ކުރިން ބިދޭސީންނަށް ވަނީ ސިޑިބަރީގައި ތިބެވޭނެ އިންތިޒާމު ހަޖައްސާފަ. ފޮޓޯ: ސަންގު

ރާއްޖެއަށް އަންނަ ބިދޭސީންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، މައްސަލަ ކޮންޓްރޯލްނުވެ މިހާރު މިވަނީ ބޮއްސުންލާފައެވެ. ރާއްޖޭގައި ޤަވައިދާ ޚިލާފަ އުޅޭ ބިދޭސީން އިންތިހާއެވެ. ސަންގަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖޭގައި 3 ލައްކައެއްހާ ބިދޭސީން އެބައުޅެއެވެ. ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަލުން ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގައި ބައިވެރިވާން ބޭނުންވާ މީހުންގެ އަދަދު ގިނަކަމުން އައު އިންތިޒާމްތަކެއް ހަމަޖައްސައި އެކަން މިއަދު ގަލޮޅު ބޯޅަ ދަނޑުގައި ފެށުމާއެކު ދަނޑުގައި އެކަމަށް ހާއްސަކުރެވިފައިވާ ސިޑި ބަރިތައް ވަނީ ފުރާލާފައެވެ.

ހެނދުނު 7:30ގައި ހުޅުވާލި ގޭޓާއިއެކު މިއޮއްހާ ދުވަހު ފިލައިގެން އުޅުނު ބިދޭސީންނަށް ހީވީ މިނިވަންކަން ލިބުނު ހެންނެވެ. ސިފަވެގެން ދިޔައީ ފޯރިގަދަ މެޗެއް ބެލުމަށް ސަޕޯޓަރުންނަށް ގޭޓު ހުޅުވާލިހެންނެވެ.

ޖާނާ މާލުހުސްކޮށްގެން މިމީހުން ޤައުމު ދޫކޮށް ރާއްޖެއައީ ބަނޑުފުރާނަ މުއްތިކުރުމަށެވެ. ކޮންމެ މަސައްކަތެއް ކޮށްގެން ވިޔަސް މައިންބަފައިން ބެލެހެއްޓުމަށާއި އަނބި ދަރިންނަށް ޚަރަދުކުރާނެ ފައިސާ ހޯދުމަށެވެ. ނަމަވެސް ގިނަ ފަހަރަށް މި ބިދޭސީން ޤަވައިދާ ޚިލާފަ އުޅެން މަޖުބޫރުވަނީ އެމީހުން ގެންނަ އޭޖެންސީތަކުން އެމީހުން ރާއްޖެ ގެނައުމަށްފަހު ބިކަކޮށްލާތީއެވެ.

ބިދޭސީންގެ ބޮޑު ޝަކުވާ: އަޅައެއް ނުލާ، “ބޮސް”ވީ ތަނެއް ނޭގޭ!

ސަންގުން ވާހަކަދައްކާލި ގިނަ ބިދޭސީން ބުނާގޮތުގައި އެމީހުން ރާއްޖެ ގެންނަނީ މަސައްކަތް ހަވާލުކުރާނެ ކަމަށް ބުންޏެވެ. އެއްބައި މީހުން ފަހާތަންތަނަށެވެ. އަނެއްބައި މީހުން ރެސްޓޯރެންޓް ހޮޓާ، ކެފޭ ތަކަށެވެ. އަނެއްބައި މީހުން ކޮންސްޓްރަކްޝަން ކުންފުނިތަކަށެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް ކުންފުނިތަކަކީ ވުޖޫދުގައިވެސްނެތް ކުންފުންޏެއްކަން އިނގެނީ ރާއްޖެ ގެންނަ ފަހުން ކަމަށެވެ.

ސަންގުން ވާހަކަދައްކާލި ބިދޭސީއަކު ބުނީ އޭނާ ރާއްޖެއައީ އޭނާގެ ދަނޑު ވިއްކާލުމަށްފަހުއެވެ. ރާއްޖެ ގެނައުމަށްފަހު އެމީހުން އައިޑީކާޑާއި ޕާސްޕޯޓު ނެގިކަމަށެވެ. އަދި ގެނައިތާ 15 ދުވަސްފަހުން ވަކިން ކޮޓަރިއަކަށް އޭނާ ބަދަލުކުރިކަމަށާއި ބަދަލުކުރީ ކީއްވެގެން ކަމެއް ނޭނގޭ ކަމަށެވެ. އޭގެ ފަހުން ބޮޑު މީހާ ހަބަރުނުވާކަމަށް އޭނާ ބުންޏެވެ. އޭނާ މިހާރު ރާއްޖޭގައި އުޅޭތާ 2 އަހަރު ވެފައިވާ ކަމަށާއި ވަގުތީ ގޮތުން މަސައްކަތް ކުރަމުންދަނީ އެއާޕޯޓު ފެރީ ކުރިމަތީގައި ހުންނަ ހޮޓަލެއްގައި ކަމަށްވެސް ބުންޏެވެ.

ސަންގުއާއި ވާހަކަދެއްކި އިތުރު ބިދޭސީއަކު ބުނީ އޭނާ މިހަރު ރާއްޖޭގައި ހުންނަން ބޭނުންނުވާކަމަށެވެ. އޭނާވެސް ރާއްޖޭ ގެނެސް މަސައްކަތް ކުރުވި ކަމަށާއި ނަމަވެސް މަހުން މަހަށް މުސާރަ ނުދޭ ކަމަށެވެ. އަދި ޤަވައިދުން ވިސާ ދެއްކުމަށް ކަމަށް ބުނެ މުސާރައިން ވަކި އަދަދެއް ކަނޑާ ކަމަށާއި ނަމަވެސް ވިސާ ފީ ނުދައްކާ ކަމަށެވެ. އަދި ވޯކްޕާމިޓްވެސް އަތުގައި ނެތް ކަމަށެވެ. މިހާރު އޭނާގެ ބެލެނިވެރި ފަރާތް ވީތަންވެސް ނޭނގޭ ކަމަށް އޭނާ ބުންޏެވެ. މިހާރު އޭނާ ހުރީ އަމިއްލަ ވަޒަނަށް އާއިލާ ކައިރިއަށް ދެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.

އަހަރެމެންވެސް މިއީ އިންސާނުން

މި ތަނުގައި ތިބި ގިނަ ބިދޭސީން ވަނީ އެމީހުންނާއި މެދު ދިވެހިން ކަންތައް ކުރާ އިހާނެތި ގޮތުގެ ވާހަކަވެސް ވަނީ ސަންގާއި ހިއްސާކޮށްފައެވެ. ކޮންމެ ގޮތެއް ހަދައިގެން ވިޔަސް، ކިތަންމެ “ދަތީގައިވިޔަސް” ލާރި ހޯދުމަށް ބޭނުންވެއެވެ. ނަމަވެސް އުޅެން ޖެހެނީ އަލިފާން ފޮއްޓެއްގެ ތެރޭގައެވެ. އެއީ އިންސާނުން ދިރިއުޅެން ހެޔޮނުވާ ވަރުގެ ފެންވަރު ދަށް ތަންތަނެވެ.

ކޮޓަރިއެއްގައި 10 ނޫނީ 15 މީހުން އުޅޭއިރު މުޅި އިމާރާތުގައި ވެސް އެންމެ ފާހާނާއެއް ހުންނަތަންތަން ގިނައެވެ. ބިދޭސީން ތިބޭ މިފަދަ “އަލިފާންފޮށި” ތަކުގައި ކެއުމާއި ފާހަނާ ކުރުމާއި ނިދުމުގެ އިންތިޒާމު އެއްކޮޓަރިއެއްގައި ހަމަޖައްސާފައި އެބަ ހުއްޓެވެ.

އެވަރުންވެސް ރާއްޖޭގައި މަސައްކަތް ކުރަން ހިޔާރުކުރަނީ ކީއްވެގެންތޯ ސަންގުން ސުވާލު ކުރުމުން އެމީހުން ބުނަނީ “މިނޫންގޮތެއް ނެތް”! މިހެންނެވެ. އެމީހުން ބުނާގޮތުން ނުވެސް ދަންނަ ބައެއްގެ ތެރެއަށް ގޮސް އުޅޭއިރު އެބައެއްގެ ފަރާތުން ނަފްރަތާއި މަލާމާތް ރައްދުވަނީނަމަ ހިތުގައި ޖެހޭނެ ކަމަށެވެ.

“އެކަން ދިވެއްސަކު ތަޖުރިބާ ކުރަންވީމާ އެނގޭނީ. އެކަމަކު ބަރާބަރު ދިވެހިންވެސް އުޅޭ. ބައެއް މީހުން ވަރަށް ރަނގަޅު.” ބިދޭސީއަކު ބުންޏެވެ.

ޤަވައިދާ ޚިލާފަ އުޅޭ ބިދޭސީންގެ ތެރޭގައި ގަސްތުގައި ޤަވައިދާ ޚިލާފުވާ މީހުން:

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ. ކުންފުނިތަކުން ކޮންޓްރެކްޓް އުސޫލުން ގެންނަ ބިދޭސީން ޕްރޮޖެކްޓް ނިމުމުން އަނބުރާ ޤައުމަށް ފޮނުވާލަން މަސައްކަތް ކުރުމުން ފިލާ މީހުންވެސް މަދެއް ނޫނެވެ. އެފަދަ ބިދޭސީއަކު އޭނާގެ ނަން ހާމަނުކުރުމަށް އެދި ސަންގަށް މައުލޫމާތު ދެމުން ބުނީ އޭނާ ރާއްޖެ މަސައްކަތް ކުރަން އައީ 1 އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ކަމަށެވެ.

ބަންގްލަދޭޝްގައި ލިބޭ މުސާރައަށް ވުރެ އެތައް ގުނައެއް ރާއްޖޭގައި ލިބޭ މުސާރަ ބޮޑު ކަމަށެވެ. ބަންގްލަދޭޝްގައި އޭނާގެ މައިންބަފައިންނާއި އަތްބަކާއި 3 ދަރިން އެބަތިބި ކަމަށާއި ރާއްޖޭގައި ރާއްޖޭގައި މަސައްކަތްކޮށްގެން އެމީހުންނަށް ދިރިއުޅެވޭވަރަށް ލާރި ފޮނުވޭ ކަމަށެވެ. ނަމަވެސް ކޮންޓްރެކްޓް ހަމަވުމުން އެމީހުން ފޮނުވާލަން މަސައްކަތްކުރި ހިސާބުން އޭނާ ފިލީ ކަމަށެވެ.

އަދި މިހާރު މަސައްކަތް ކުރަނީ ހުޅުމާލޭގައާއި މާލޭގައި ކަމަށާއި އެގޮތް މިގޮތުން މަސައްކަތްކޮށްގެން މަހެއްގެ މައްޗަށް 200 ޑޮލަރު ޖެހޭ ކަމަށެވެ. ނަމަވެސް ޤަވައިދާ ޚިލާފަށް އުޅެން ބޭނުންނުވާ ކަމަށާއި މިހާރު ބޭނުންވަނީ ރެޖިސްޓްރީވެގެން މަސައްކަތް ކުރުމަށް ކަމަށް އޭނާ ބުންޏެވެ.

ބިދޭސީއަކު ސަންގަށް މައުލޫމާތުދެނީ. ފޮޓޯ: ސަންގު

މިއީ ސަރުކާރުން ހުޅުވާލީ ރަނުގެ ފުރުސަތެކެވެ. ސަންގަށް މައުލޫމާތު ދެމުން އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މިއަދު ކުރިއަށްދަނީ ބިދޭސީ ފަރާތްތަކަށް ވަޒީފާ ހޯދުމަށް މަސައްކަތް ކުރުމުގެ ހުއްދަ ދޭ ކާޑު ދޫކުރަމަށް އެދި އެޕޮއިންޓްމަންޓް ނެގުން ކަމަށެވެ.

އެގޮތުން މަޖީދީމަގަށް ވާގޮތަށް ހުރި ސިޑިބަރީގައި އެމީހުން އިށީންދެގެން ތިބުމުގެ އިންތިޒާމުތަށް ހަމަޖައްސާފައިވާއިރު ވަކިން ސަފެއް ހަދައިގެން އިކޮނޮމިކް މިނިސްޓްރީއިން ހަދާފައިވާ 40 ކައުންޓަރުން ފަހަރަކު މީހަކަށް ފުރުސަތުދެއެވެ.

މިކަން ކުރަނީ ފުލުހުންގެ އިރުޝާދާއި ބެލުމުގެ ދަށުންނެވެ. ކޮންމެ ބިދޭސީއެއްގެ ފޮޓޯ ކައުންޓަރުތަކުގައި ތިބޭ މިނިސްޓްރީގެ އޮފިޝަލުން ނަގާ އެމީހުންގެ މައުލޫމާތު އެއްކޮށް އިނގިލީގައި ފާހަގަޖަހައެވެ. އަދި އެޕޮއިންޓްމަންޓް ހަމަޖެހުނު ކަމުގެ މެސެޖެއް ބިދޭސީ މީހާގެ ފޯނަށް ދާނެ އެވެ.

2000 ހެއްހާ ބިދޭސީން އެތާ ތިބިއިރު އެމީހުން ފާހަނާ ކުރުމުގެ އިންތިޒާމާ ފެނާއި އަދި ބޯނެ އެއްޗެއްހި ލިބޭނެ އިންތިޒާމުތަށް އިކޮނޮމިކް މިނިސްޓްރީއިން ވަނީ ހަމަޖައްސާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: