ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރަސީ ނެޓްވޯކް އަކީ މިގައުމުގައި އުފެދިފައި އޮތް ބިރުވެރި ޖަމާއަތެއް: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ޝުޖާއު: ފޮޓޯ ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމް.ޑީއެން) އަކީ މިގައުމުގައި އުފެދިފައި އޮތް ބިރުވެރި ޖަމާއަތެއް ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

މެމްބަރު ޝުޖާއު މިހެން ވިދާޅުވީ ކޮންގްރެސް ކޯލިޝަނުން ރޭ ކ.ތުލުސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައީ އެމްޑީއެން ފަދަ ހައްދު ފަހަނައަޅާފައިވާ ލާދީނީ ފިކުރު ފަތުރަމުންދާ ފަރާތްތަކުގެ ވާހަކަ ދައްކާ ފަރާތްތަކާއި ރާއްޖޭގެ އިލްމުވެރިންގެ ދުވަސް “ދުއްވާލަން” ކަމަށެވެ.

“އަޅުގަނޑުމެން ހޯދި ދިރާސާތަކުން މި ޓެރަރިޒަމްގެ ގާނޫނުނަށް މިގެނެވުނު އިސްލާހުތަކަކީ މިއަދު މި މައްސަލަޖެހިގެން މިއުޅޭ ޑިމޮކްރަސީ ނެޓުވޯކްގެ ފަރާތުން އާންމު ކުރި ރިޕޯޓްގެ މައްޗަށް ގެނެވުނު އިސްލާހުތަކެއް ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު މި ލިބެނީ. މި ރިޕޯޓް ބަލާލާއިރު، ސުބުހާނަﷲ، މިއޮތީ އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުހައްމަދު ރަސޫލާ ސއވ އަށް ފުރައްސާރަ ކުރުމާއި މިކަހަލަ، މި ދިވެހި ރައްޔިތުން ހިމެނޭ ނެޓުވޯކެއްގެ ވާހަކަ މިދެންނެވީ.” ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަކީ މި ނެޓްވޯކުގެ މެމްބަރެއް ކަމުގައެވެ. އޭނާ ވިދާޅުވީ އިސްލާމިކް މިނިސްޓްރީ އިން ފުލުހުންނަށް އެމްޑީއެންގެ މައްސަލަ ބެލުމަށް ސިޓީ ފޮނުވުމުން ކޮމިޝަނަރ އޮފް ޕޮލިސް އެ މައްސަލަ ނުބައްލަވާނެކަމަށެވެ.

“މީނަ ބަލާނެހޭ މި މައްސަލަ. މީނަގެ ބައިވެރިވުން އޮންނަ ޖަމްއިއްޔާއެއްގެ މައްސަލައެއް އަދި އިސްލާމިކް މިނިސްޓަރު މީނަ ބުންޏޭ ކިޔާފަ ބަލާނެތަ؟ އިހަކަށް ދުވަހު އިސްލާމިކް މިނިސްޓަރ އަޅުގަނޑުމެންނަށް، ކޮންމެ ދުވަހަކު ހޭ ވެއްޓެންދެން އިސްލާމިކް މިނިސްޓަރ ހޯދަން އަޅުގަނޑުމެންގެ ޕާޓީއިން މިވަކާލާތުކުރަނީ. މިއަދު އަދި ކިރިޔާ މީނަގެ ބަހެއް އަޅުގަނޑުމެންނަށް މި އިވުނީ. މިހާރު ދިހަމަސް ވީ.” ޝުޖާއު ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް މި އަޑު އިއްވުމަށް މަސައްކަތް ކޮށް އެކަން ނާކާމިޔާބުވެފައިވާކަމަށް ޝުޖާއު ވަނީ ފާހަގަކުރައްވާފައެވެ.

ސަރުކާރުގެ އެކްޝަން ޕްލޭނަށް އަލިއަޅުއްވައި އޭނާ ވިދާޅުވީ ރައީސް ސާލިހު “ހަތް ތަނބު ޖަހާ އުސޫލުން” އެ ހަފްލާ އިފްތިތާހުކޮށްދެއްވައި އެމަނިކުފާނުގެ ޒިންމާ ނިމިފައިވާފަދަ މޭރުމަކުން ވާހަކަފުޅުދައްކަވާފައިވާކަމަށެވެ.

“ރައީސް ސާލިހު ވިދާޅުވަނީ އަޅުގަނޑުގެ ބައި ނިމުނީއޭ. ހުރިހާ މިނިސްޓަރުންނޭ، މިނިސްޓަރުން ކުރަންވާ ކަނަތައްތައް މިއޮތީ މީގައި ލިޔެފައޭ އަކުރުން އަކުރަށް. އެހެންވީމަ ވަޒީރުންނަށް ވަރަށް ފަސޭހަވާނެއޭ މަސައްކަތްކުރަން، ފާހަގަ ޖަހަމުން، ފާހަގަ ޖަހަނުން ނިންމާލާށޭ. ބަލަ މިނިސްޓަރުންނެއް ނޫނޭ އިބްރާހީމް މުހައްމަދު ސާލިހު، ފާހަގަޖަހަން ޖަހޭނީ. އަޅުގަނޑުމެނެ އިދިކޮޅުންނޭ ސަރުކާރުން ކުރާ މަސައްކަތުގައި ފާހަގަޖަހާނީ”. ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ރައީސް ސާލިހު އެ ޕްލޭނުގައި ފާހަގަ ޖެހުމަށް ވިދާޅުވިއިރު ޔޫތު މިނިސްޓަރ މަހުލޫފު އޭގައި ހުރި ގިނަކަންތައް ތައް ކޮށްފައިވާކަމަށް ވިދާޅުވެފައިވާ ކަަމަށެވެ. އެހެން ނަމަވެސް ކޮންގްރެސް ކޯލިޝަން އަކީ ސަރުކާރު ޖަވާބުދާރީ ކުރުވަން ތިބި ފަރާތްކަން ފާހަގަކުރައްވައި ޝުޖާއު ވިދާޅުވީ މިނިސްޓަރ މަހުލޫފް ކުރެއްވި ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

މިނިސްޓަރުންނަށްވެސް ރައީސުލް ޖުމްހޫރިއްޔާ މި ހިތްވަރު ދެނީ ވައްކަން ކުރަންކަން ފާހަގަކުރައްވައި ޝުޖާއު ވިދާޅުވީ މިސަރުކާރު ގެނައުމަށްޓަކައި ރައީސް ޔާމީންގެ ސަރުކާރުގައި ގޮނޑި ގެއްލުނު ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުން ބުރަކޮށް މަސައްކަތް ކުރެއްވި ކަމަށެވެ. އަދި އޭގެ ތެރެެއިން ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާގެ ނަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ މިސަރުކާރުގެ ތެރޭގައި އެންމެ ބޮޑެތި ވައްކަން ހިނގާ ކުންފުންޏަކީ ތިލަފުށި ކޯޕަރޭޝަން ކަމަށް މުސްތަފާ ވިދާޅުވެފައިވާ ކަމަށެވެ.

“އަޅުގަނޑުމެންވެސް މިދަނީ ނޯޓު ކުރަމުންނޭ. ރައީސް ސާލިހުގެ ސަރުކާރުން ހިންގާ ވައްކަމުގައި ފާހަގަ ޖަހަމުން މިދަނީ. އެވަގުތު ކައިރިވީމާ އަޅުގަނޑުމެން އެ ވައްކަންތައް ބަރާބަރަށް ފުރޮޅަމުން ގެންދާނަން.” ޝުޖާއު ވިދާޅުވިއެވެ.

ހެންވޭރު ބޮޑު ހުޅުގެ ހާދިސާއަށް އަލި އަޅުއްވައި ޝުޖާއު ވިދާޅުވީ ކެމިކަލް ގުދަންތައް މީހުން ދިރިއުޅޭ ސަރަހައްދުން ތިލަފުއްޓަށް ބަދަލު ކުރުމުގެ މަރުހަލާގެ ތެރޭގައިވެސް ކޮރަޕްޝަން ހިންގަމުން އަންނަކަމަށެވެ.

“މިހާރު މިއުޅޭނީ ކެމިކަލްއިން ވައްކަން ކުރަން. ކެމިކަލް ގުދަނުންވެސް ވައްކަން ކުރަން. އިއުލާން ނުކޮށް މިއުޅެނީ އިނގޭތޯ. އިއުލާން ނުކޮށް އެއްކަލަ ގުދަނަތައް އަޅަން ހުޅުވާލީމާ އެއްކަލަ ޕާޓީ މީހާއަށް ދިނީމާ އޭގެއިން އެއްޗެއް ވައްޓާލާނެ ތާ؟ އެވައްކަން މިއުޅެނީ ކުރަން.” ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ސަރުކާރުން ކުރަމުން އަންނަ ނޭއްގާނީ ކަންކަން އެނގޭ ކަމަށެވެ. އޭނާ ވަނީ ޒުވާނުންގެ ޖީލަށް އޮތް އެންމެ ބޮޑު އެއް ނުރައްކާ ކަމަށްވާ މަސްތުވާތަކެތީގެ ވަބާ އިހުނަށްވުރެ ފުޅާވެފައިވާކަންވެސް ފާހަގަކުރައްވާފައެވެ. އޮގޮތުގެ މަތިން ބާރުގަދަ މަސްތުވާތަކެތި މިފަހަކަށް އައިސް ގިނަވެފައިވާކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: