ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަހަރު ދުވަސް ނުވަނީސް މުވައްޒަފުންގެ އިތުބާރު ގެއްލުނު ފުރަތަމަ ވަޒީރު: އައިޝަތު ނަހުލާ!

އައިޝަތު ނަހުލާ ވަޒީރުކަމުގެ ފަތްކޮޅާއި ހަވާލުވެވަޑައިގެންނެވި ދުވަސް. ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

2018 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ރައްޔިތުން އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބުކުރެއްވީ އޭރުގެ ރައީސް، ރައީސް އަބްދުﷲ “ޔާމީން ނޫން ގޮތެއް” ހޯދުމުގެ އަޒުމުގައެވެ. އެއީ މައިގަނޑު ވިސްނުންކަމުގައިވީނަމަވެސް “ޔާމީން ނޫން ގޮތެއް” ހޯދުމަށްވުރެ ބޮޑަށް “ޔާމީނަށްވުރެ ރަނގަޅު ގޮތެއް” ދިވެހިން ބޭނުންވީއެވެ. މުޅި ގައުމު އޮތީ ބިރުވެރިކަމެއްގައެވެ. އިންވެސްޓަރުން ބިރެއް ތެރޭގައެވެ. ނޫސްވެރިން ބިރެއް ތެރޭގައެވެ. ފަނޑިޔާރުން ނޭވާ ނުލެވިފައެވެ. ސަރުކާރު މުވައްޒަފުން ބޮޑު މަޖުބޫރީ ބިރުވެރިކަމެއްގައެވެ، ކޮންމެ ހިނދެއްގައިވެސް ވަޒީފާ ގެއްލި އާއިލާތަކެއް ބިކަވެދާނެއެވެ.

ރައީސް ޔާމީންގެ އާރާއި ބާރު ހުރި މިންވަރުން، އަދި ރާއްޖޭގެ ސިޔާސީ ލީޑަރުން ޖަލުގައި ނުވަތަ ގައުމުން ބޭރުގައި އަރުވާލެވި “ރައީސުލްޖުމްހޫރިއްޔާކަންކުރުމުގެ ވިލާޔަތު ނިގުޅައިގަނެވިފައިވާތީއެވެ. ކޯލިޝަނެއް އެކުލަވާލަން މަޖުބޫރުވީއެވެ. އެއް ކެންޑިޑޭޓް ނެރުން ނޫން ގޮތެއް ނެތުނީއެވެ. އެންމެނަށް އެއްބަސްވެވުނު ކެންޑިޑޭޓަކީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހެވެ. ރަނިންގމޭޓްގެ ސްލޮޓް ލިބުނީ ޖުމްހޫރީޕާޓީއަށެވެ. ރައްޔިތުން ހަނދާނަށް ގެންނާށެވެ، ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އާއިޝަތު ނަހުލާ ފައި ނެންގެވީ އެމަގާމަށެވެ. ސޯޝަލް މީޑިއާގައި ތަފާތު ކެމްޕެއިންތައް ދިޔައީ ކުރަމުންނެވެ، ނަހުލާގެ ނަން ރިޔާސީ ޓިކެޓްގައި އިބްރާހިމް މުހައްމަދު ސޯލިހާއެކު ބޭއްވުމަށެވެ. އެންމެ ބޮޑަށް ދެކޮޅު ހެދީ އެމްޑީޕީއިންނެވެ. ސަބަބަކީ ނަހުލާ ގޮވައިގެން ރިޔާސީ ރޭސް ކާމިޔާބު ނުކުރެވިދާނެދީ އެމްޑީޕީގެ ގްރާސްރޫޓުން އަޑު އުފުލަމުންދިޔައީ “އައިޝާ (ނަހުލާ) ނޫން ނަމެއް” ދިނުމަށެވެ. ޖުމްހޫރީޕާޓީތެރޭގައި އެމަގާމަށް ޝައުގުވެރިވާ އިތުރު ނަންތަކެއް ހުރުމާއި، ގާބިލް ބޭފުޅުން ތިބުމާއެކު ޖުމްހޫރީޕާޓީގެ ވެރިންވެސް (ގާސިމް އިބްރާހިމާއި މަދު ބަޔަކު ފިޔަވާ) ތިބީ ދޫ ދޭގޮތަކަށް ނޫނެވެ. ނަތީޖާއަކަށްވީ ނަހުލާ “ތިމަންކަމަނާ ތިޔަ މަގާމެއް ބޭނުމެއް ނޫނޭ” ބުނި ހިސާބަށް ދިޔުމެވެ. 

ނަހުލާ އާއި ފިރިކަލުން ގާސިމް. ފޮޓޯ: ސޯޝަލް މީޑިއާ

ސެޕްޓެމްބަރު 23،2018 ގައި ނެގުނު ވޯޓު ތަނަވަސް އަގްލަބިއްޔަތަކުން ކާމިޔާބުކުރައްވާ އިބްރާހިމް މުހައްމަދު ސޯލިހެވެ. ކެބިނެޓް ޖެހުނީ ބަހަންށެވެ. ކޭކު ފަޅިކުރިއިރު ޖުމްހޫރީޕާޓީއަށް ލިބުނު ސްލޮޓްގައި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ މިނިސްޓަރުކަން ޖޭޕީގެ ސްލޮޓްގައި ވަޑަައިގަތީ ގާސިމް އިބްރާހިމްގެ އަނބިކަނބަލުންގެތެރެއިން އާއިޝަތު ނަހުލާއެވެ. އޭރުވެސް އާއްމުން އެކަމާއި ދެކޮޅު ހެދިއެވެ، އެމިނިސްޓްރީ ހިންގުމުގެ ގާބިލްކަންހުރި އެތައް އެތައް ބައެއް މިދިވެހި ގައުމުގައިވެސް، ޖޭޕީގައިވެސް ތިބޭނެކަމަށެވެ. ހިންގުމުގެ ތަޖުރިބާއާއި، ތައުލީމާއި، އެކަމަށް އެކަށޭނެ މުހިއްމު ނަންތައް ގައުމުގައި އެބަތިބިކަމަށެވެ. ފިރިކަލުން އަތުގައި އެއަރލައިނެއް އޮތުން ނުވަތަ އެއަރޕޯޓެއް އޮތުން އެއީ ކަންކަން ފުރިހަމަވުން ނޫންކަމަށެވެ. ނަމަވެސް ނަހުލާއަށްވެސް މިކަން ވެދާނެ ނޫންހޭ، އިނގޭނީ ވަޒީރުކަމާއި ހަވާލިވީމާ ނޫންހޭ ބުނި މީހުންވެސް ތިއްބެވެ. ކޮންމެއަކަސް މިޒިންމާ ރައީސް ސޯލިހު މަތިކުރެއްވީ އައިޝަތު ނަހުލާއާއިއެވެ. 

ވެރިކަމަށް އަދި އަހަރެއް ނުފުރެއެވެ. ވަޒީރެއްގެ އިތުބާރު ގެއްލުނުކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައެއް ނާޅާއެވެ. އެހެންވީމާ މަޖިލީހާއި ސަރުކާރުގެ އިތުބާރު ހުރިހާ ވަޒީރުންނަށް އެބައޮތެވެ. ނަމަވެސް އިތުބާރު މިނެކިރަނީ ހަމައެކަނި ރައްޔިތުންގެ މަޖިލިސްތެރެއިންނެއް ނޫނެވެ. ނުވަތަ ރައީސުލްޖުމްހޫރިއްޔާ އެކަންޏެއް ނޫނެވެ. އެހެން އިންޑިކޭޓަރުތައްވެސް ހުރެއެވެ. ރައްޔިތުންގެ އިތުބާރު އެވަޒީރަކަށް އޮތްތޯ ބެލޭ ގޮތްތައްވެސް ހުރެއެވެ. މިސަރުކާރު ގެނެވުނީ ވަޒީފާގެ ބިރު ނައްތާލުމަށެވެ. މިއަދު ހެނދުނު ވަޒީފާ ޔަގީންކަން ނޯންނަ މާހައުލު ނައްތާލުމަށެވެ. ހިތްހަމަޖެހިގެން މަސައްކަތްކުރުމުގެ ޔަގީންކަން ހޯދުމަށެވެ. މިގައުމު ގައުމެއްގެ ގޮތުގައި އޮންނަނީ މިގައުމުގެ އާއްމު މީހާގެ މަސައްކަތުންނެވެ. ވުޒާރާއެއް ހިންގަމުންދާއިރު އެއޮފީހެއްގެ އެންމެ އާދައިގެ މުވައްޒަފުން ގޮވައިގެން ކުރިއަށްދާން ނޭނގޭ މީހަކީ ފެއިލިއަރެކެވެ. ލީޑަރޝިޕް ކޮލިޓީ ނެތީއެވެ. އެމުވައްޒަފުންނަކީ ވަޒީރުކަން ބޭނުންވެގެން އުޅޭ ބައެއް ނޫނެވެ، ބޭނުންވަނީ ގޭގައިތިބި އަނބިދަރިންގެ ކަންކަން ހަމަޖައްސާލެވޭވަރުގެ އެއްޗެކެވެ. މިނިސްޓްރީ ހިންގަނީ ވަޒީރެއް ނޫނެވެ، ނުވަތަ ސިޔާސީ މަގާމްތަކުގައި ތިބޭ ބައެއްވެސް ނޫނެވެ. މައި އިންޖީނަކީ އެންމެ ދަށުގައި އުޅޭ މުވައްޒަފުންނެވެ. އޮފީސް ހިންގަނީ، ގައުމު ހިންގަނީ އެމީހުންނެވެ، ސިވިލް ސަރވަންޓުންނެވެ. 

ސުވާލުކުރެއްވުމަށް ނަހުލާ މަޖިލީހަށް ހާޒިރުކުރެވުނު ދުވަހެއް. ފޮޓޯ: މަޖިލިސް

މި އިންޑިކޭޓަރުން މިނާއިރު، ރައީސް ސޯލިހުގެ ސަރުކާރުގެ އެންމެ ފުރަތަމަ އިތުބާރު ނެތްކަމަށް މުވައްޒަފުން ނިންމި ވަޒީރަކީ ސިވިލް އޭވިއޭޝަން މިނިސްޓަރ އާއިޝަތު ނަހުލާއެވެ. ގާތްގަނޑަކަށް 50 މުވައްޒަފުން ރައީސް ސޯލިހުއަށް ފޮނުވި ޕެޓިޝަންގައިވަނީ ވަޒީރުގެ އިތުބާރު ނެތްކަމަށް ނިންމާފައެވެ. އެއް އޮފީހެއްގެތެރެއިން އެހާ ގިނަ މުވައްޒަފުން އެކައްޗެއް ކިޔާ ވަޒީރުގެ އިތުބާރު ނެތްކަމަށް ބުނުމުން ހަގީގަތުގައިވެސް އިތުބާރު އެ ނެތީއެވެ. 10 ވަރަކަށް މުވައްޒަފުންގެ ޕެޓިޝަނެއްނަމަ އެއީ ފަރުވާކުޑަ ކުދިންކޮޅެއް ކޮށްލި “ސިޔާސަ” ކަމެކޭ ބުނެވިދާނެއެވެ. ނަމަވެސް ގަނޑުކޮށް 50 މުވައްޒަފުން އަޑު ހަރުކޮށް ނަހުލާގެ އިތުބާރެއް ނެތޭ، ނަހުލާގެ ލީޑަރޝިޕްގެ ދަށުގައި ވަޒީފާގެ ޔަގީންކަމެއް ނެތޭ، ވަޒީފާގެ ބިރު އެބަ އޮތޭ ބުނުން އެއީ މިސަރުކާރު ގެނައި މައިގަނޑު އަސާސާއިވެސް ހިލާފްވީއެވެ. 

60 ސަފްހާގެ މިސިޓީގައި މުވައްޒަފުން ފާހަގަކޮށްފައިވަނީ ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަން ހިތުނިޔަތް ގަތް ހިސާބުން ފެށިގެން އޮފީހުގެ މާހައުލު ގޯސްވެގެން ދިޔަކަމަށާއި އެކަމުގެ މައުލޫމާތު އެ އޮތޯރިޓީގެ ސިވިލް ސާވިސް މަގާމުގައި ތިބި ފަރާތްތަކާއި ހިއްސާ ކުރުމުން “އެއީ އެމީހުންނަށް އެނގިފައިވާ ކަމެއް ނޫން” ކަމަށް ބުނެފައިވާ ކަމަށެވެ. މުވައްޒަފުން ކުރި މައްސަައްކަތްތަކުގެ ތެރެއިން، ތަނުގެ ޕާމެނެންޓު ސެކްރެޓަރީ އެއީ “އަސްލު ވާހަކައެއް” ކަމަށް ބުނެއިވާކަމަށް ސިޓީގައި ވެއެވެ. މީގެ އިތުރުން ރައީސް ސާލިހް ވެެރިކަމަށް ވަޑައިގެންނެވުމަށް ވީ ބޮޑު ވައުދެއް ފުއްދުމަށް ވެސް ހަމަ އެ މުވައްޒަފުން މަސައްކަތް ކުރީ އުފަލާއި އެކު އެއްވެސް ވަރުބަލި ކަމެއް ނެތިކަމަށް ސިޓީގައި ފާހަގަކުރިއެވެ. އެގޮތުން ހެލްމެޓު ޕްރޮގްރާމްގެ ދަށުން ހުކުރެއް، ހޮނިހިރެއް ނެތި މަސައްކަތްކޮށް އާއިލާއަށް ވެސް ވަގުތު ދެވިފައި ނުވާކަމަށް ބުނެފައިވެއެވެ. މުވައްޒަފުން ގަޑިއާއި ގުޅޭގޮތުން ވާހަކަ ދައްކާއިރު އިތުރު ގަޑީގެ އުޖޫރަ ނުލިބޭ ކަމަށާއި، އެހެން ނަމަވެސް އެއްވެސް މަސައްކަތެއް ޑިއުޓީއިން ބޭރު ކުރުމަށް ޝަކުވާއެއްކޮށްފައި ނުވާނެކަމަށް ބުނެފައިވެއެވެ.

ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަންއުޅޭ ވާހަކަ ފެންމަތިވުމުން ވަޒީރު އެކަންވެސް އަޅުއްވަނީ ރައީސް ސޯލިހު އިސްތަށިފުޅުގައެވެ. އެ މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާ ބައްދަލު ކުރައްވާ، އޮތޯރިޓީގެ މަސައްކަތްތަކަށް ދަތިވި ނަމަވެސް އަދި މަސައްކަތްތައް ހުއްޓުމަކަށް އައި ނަމަވެސް މުވައްޒިފުންނަށް ފިޔަވަޅު އަޅަން ރައީސުލްޖުމްހޫރިއްޔާ ލަފާ ދެއްވާފައިވާ ކަމަށް ވަޒީރު ވިދާޅުވިކަމަށް، ސިޔާސީ ބޭފުޅުންނާއި ހަވާލާދީ މުވައްޒަފުން އަންނަނީ ބުނަމުންނެވެ. މިކަން މިހެން ހިނގާފާނެއެވެ. ދާދިފަހުން ޓެކްސީ ޑްރައިވަރުން އަގާއިމެދު ޝަކުވާކުރެއްވުމުން ވަޒީރު ނަހުލާ އެކަންވެސް ޖެއްސެވީ ރައީސް ސޯލިހުގެ އިސްތަށިފުޅަށެވެ. ވަޒީރުގެ ތަޖުރިބާ ނެތީކަމެއް، ނުވަތަ ގަސްދުގައި ރައީސް ސޯލިހަށް ރައްޔިތުންގެ ނަފްރަތު އުފައްދަން ކުރައްވާކަމެއްކަމެއް ނޭނގެއެވެ. 

ކޮންމެއަކަސް މިސިޓީއާއި ގުޅިގެން ވަޒީރުގެ ފަރާތުން މީޑިއާގައި ވިދާޅުވެފައިވަނީ ޓްރާންސްޕޯޓް އޮތޯރިޓީގެ އެއްވެސް މުވައްޒަފަކު ކަނޑާލާނެ ކަމުގެ ބިރު ދައްކާފައި ނުވާނެ ކަމަށާއި ނަމަވެސް ހާޒިރީއިން ފަރުވާކުޑަކަމަށް ފާހަގަކުރެވޭ މުވައްްޒަފުންނާ މެދު ސިވިލް ސާވިސްގެ ގާނޫނާއި ގަވާއިދުގެ ތެރެއިން އަމަލު ކުރާނެ ކަމަށެވެ. ނަމަވެސް ޓްރާންސްޕޯޓް އޮތޯރިޓީގެ 50 ވަރަކަށް މުވައްޒަފުން ހުށަހެޅި އެ ޕެޓިޝަނުގައި ބުނެފައިވަނީ، އެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ދައްކާ ސަބަބަކީވެސް ހާޒިރީ ކަމަށެވެ. އެހެން ނަމަވެސް ހާޒިރީއަށް ފަރުވާކުޑަވުމުގެ ސަބަބުން މީގެ ކުރިން ދުވަހަކުވެސް މުވައްޒަފުންނަށް އަނގަބަހުން ނަސޭހަތެއް ނުވަތަ ލިޔުމުން ނަސޭހަތެއް ދީ އިންޒާރެއް ދީފައި ނުވާކަމަށެވެ. އެހެންކަމަށްވާނަމަ އުސޫލުގެތެރެއިން ފުރަތަމަ ކުރަން ޖެހޭނީ ނަސޭހަތްދީ، އިންޒާރުދީ، އިޖުރާއަތްތައް ފުރިހަމަކުރުމެވެ. ލިސްޓެއް ހަދައިގެން ބިރު ދެއްކުމެއް ނޫނެވެ. 

ސަންގުޓީވީއަށް ވަނީ މިނިސްޓަރ އާއިޝަތު ނަހުލާ މުވައްޒަފުންނާއި ބޭއްވި ބައްދަލުވުމެއްގެ ވީޑިއޯ ލިބިފައެވެ. ނަމަވެސް އެވީޑިއޯ އާއްމުކޮށްފިނަމަ އެވީޑިއޯ ސަންގުޓީވީއަށް ފޯރުކޮށްދިން މުވައްޒަފުގެ ވަޒީފާ އިތުރު ނުރައްކަލަކަށް ހުށަހެޅިދާނެތީ އަޅުގަނޑުމެން ނިންމީ އޯޑިއޯ އެކަނި އާއްމުކުރުމަށެވެ. އެއޯޑިއޯއިންވެސް ސާފުވާ ބައެއް ކަންކަން އެބަހުއްޓެވެ. ވަޒީރުގެ ކިބައިގައި މުވައްޒަފުންތަކެއް ގޮވައިގެން އުޅުމުގެ ލިޔާގަތާއި ފެންވަރު ނެތްކަމެވެ. ތިމަންކަމަނާއަކީ ” މާ މަތީ މީހެއް” ކަމަށް އަމިއްލައަށް ފެނިފައި ހުރިކަމެވެ. މިކަންކަން ނިމި، ގޮސް ގުޅެނީ ހަމަ ބިރު ދެއްކުމަށެވެ. ބިރު ދެއްކުމަކީ ސަރީހަ ބަހުން ތިމަންކަމަނާ މިދައްކަނީ ބިރޭ، ބިރު ގަންނާށޭ ބުނުމެއް ނޫނެވެ. ދެ ޖުމްލަ ދޭތެރޭގައި “ކަނޑާލަން ޖެހިއްޖެއްޔާ ކަނޑާލާނަމޭ”، “އެއްވެސް ޖެހިލުމެއްނެތި ވަޒީފާ ބަދަލު ކުރާނަމޭ”، “އަޅުގަނޑޭ ކިޔައިގެން ކޮންމެ އެއްޗެއް ކިޔަސް ވާނެ އެއްވެސް ކަމެއް ނޯންނާނެއޭ”، “މިހިރީ ވަރަށް ފުދިފައޭ، އުނި އެއްވެސް އެއްޗެއް ނެތޭ” ބުނުމަކީ އަނެކާ ދަށްކޮށްލުމެވެ. 

ރަނގަޅަށް މަސައްކަތްކުރާ ބޭފުޅުންނަށްވުރެމިތާ ތިބީ ވަރަށް ހިތާމަވެރިކޮށް ވަރަށް ދެރަވަރު ވަރަށް ދެރަ ފެންވަރުގައި މަސައްކަތްކުރާ ބޭފުޅުން.

ކޮފީގަ ނުވަތަ އެހެން ތަންތާނގަ ތިއްބަވާ ސްޓާފުން، އަންހެން ބޭފުޅުން ފިރިހެން ބޭފުޅުން އަޅުގަނޑަށް ހިތްހަމަ ނުޖެހިގެން އަޅުގަނޑުގެ މައްސަލައެއް އޮވެގެން ނެތިގެން އެއްޗެހި ކީމަ ނިމުނީއެއް ނޫން.

އަޅުގަނޑުގެ ވާހަކަ ހިތްހަމަ ނުޖެހިގެން ކިތަންމެ ވަރަކަށް ދެއްކިޔަސް އަޅުގަނޑަށް ވާނެ ކަމެއް ނޯންނާނެ. 

ކިތަންމެ ގިނަ ބޭފުޅުންތަކަކަށް އަޅުގަނޑު ފިޔަވަޅު އަޅަން ޖެހުނަސް ފިޔަވަޅު އަޅާނަން ފަހަރެއްގަވެސް ހީނުކުރާތި އަޅުގަނޑަށް ލިބޭ 60 ،70 ހާސް ރުފިޔާގެ ބޭނުމުގައޭ މިހުންނަނީ. އަޅުގަނޑަށް އުނި އެއްވެސް ކަމެއް ނެތް. 

ކޮންމެ ހައިސިއްޔަތެއްގެ ކޮންމެ ލެވެލްއެއްގެ ބޭފުޅަކުވެސް މައްސަލައެއް އުޅެންޏާ… އަޅުގަނޑު ބަދަލުކުރަން ޖެހޭ މީހަކު އަޅުގަނޑު ބަދަލު ކުރާނަން. ވަރަށް ސާފުކޮށް މިދަންނަވަނީ.

މީތި ސަޅި؟ މުވައްޒަފުންނާއި މިގޮތަށް މުއާމަލާތްކުރުން ސަޅިއެއް ނޫން. ފޮޓޯ: ސޯޝަލް މީޑިއާ

ވަޒީރު ނަހުލާއެވެ. ފަރުވާކުޑަ ވީމާ ފިޔަވަޅު އަޅަންވީއެވެ. ނަމަވެސް މުވައްޒަފުންނާއި ދެއްކުނު ވާހަކައިން މުވައްޒަފުގެ ހަގީގީ މައްސަލައެއް ވިދާޅެއް ނުވެވުނެވެ. ދެއްކުނީ ކަމަނާގެ އަސްލު ސޫރައެވެ. ކަމަނާ ވިދާޅުވީމުނޫންތޯއެވެ، “ވަކި އެއްޗެއްގެ ފަހަތުން ދުވާނީ ވަކި އެއްޗެއް ބޭނުން ވެގެން، އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތް”، އާނއެކެވެ، ކަމަނާ ގަބޫލުކުރައްވަނީ ވަކި އެއްޗެއް ފަހަތުން ދުވާނީ ވަކި އެއްޗެއް ބޭނުންވީމައެވެ. އެވަރު ކަންކަން އިނގޭނީ ކަމަނާއަށެވެ. 

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނަކީ މިސަރުކާރުގެ މުހިއްމު ވުޒާރާއެކެވެ. އެއީ ވިލާ ކުންފުންޏެއް ނޫނެވެ، ނުވަތަ އޭގެ ސަބްސިޑަރީއެއް ނޫނެވެ. ފްލައިމީއެއް ނޫނެވެ. މާމިގިލީ އެއާރޕޯޓެއް ނޫނެވެ. އެތަނުގައި ތިބި މުވައްޒަފުންނަކީ ވިލާގެ މުވައްޒަފުންނެއް ނޫނެވެ. ކުންފުނީގެ މުވައްޒަފުންނާއި ބަސްމަގު ގެންގުޅުއްވާ ގޮތަކަށް މިދިވެހި ރައްޔިތުންނަށް ހިދުމަތްދޭންތިބި ދަރިންނާއި މުހާތަބެއް ނުކުރެވޭނެއެވެ، މުއާމަލާތްކުރަންޖެހޭނީ އިހްތިރާމާއެކުއެވެ، ފިޔަވަޅު އަޅަންޖެހޭނީ އުސޫލުގެތެރެއިންނެވެ، މުވައްޒަފުން ގެންގުޅެންވީ ބިރުދައްކައިގެން ބަޑިޖައްސައިގެނެއް ނޫނެވެ. ހިތަށް އެރިހާ ގޮތަކަށް އަމަލެއް ނުކުރެވޭނެއެވެ. ވަޒީރު އާއިޝަތު ނަހުލާއެވެ. ތިޔަ ހުންނެވީ ތަންކޮޅެއް އުސްކޮށެވެ، ތަންކޮޅެއް ތިރިއަށް ވަޑައިގަންނަވާށެވެ. މިއަދު ތިޔަހުރީ މިސަރުކާރުގެ މުވައްޒަފުންގެ އިތުބާރު ގެއްލިވަޑައިގަތް ފުރަތަމަ ވަޒީރުގެ ގޮތުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: