ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުކުމްތަކުން ސަލާމަތްވެފައި ވަނިކޮށް، އަދީބަށް ހިޔާނާތާއި ގުޅޭ އިތުރު ހަތް ދައުވާއެއް!

އަދީބުގެ މައްޗަށް ހަތް ދައުވާއެއް އުފުލައިފި / ފޮޓޯ: އަވަސް އޮންލައިން- އަހުމަދު ޝުރާއު
ޝެއާރކޮށްލާ ކަހަލަދޯ؟

ތަހުގީގަށް އެއްބާރުލުން ދިނުމަށް ދައުލަތާއި އެކު އެއްބަސްވުމެއް ގާއިމްކޮށްފައިވަނިކޮށް އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅޭ ހަތް ދައުވާއެއް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލައިފި އެވެ.

އަދީބުގެ މައްޗަށް ހަތް ދައުވާ އުފުލައި ކުރިމިނަލް ކޯޓަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ފޮނުވާފައިވަނީ އާދީއްތަ ދުވަހު އެވެ. އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރަމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ އަދީބުގެ މައްޗަށް ހަތް ދައުވާ ވެސް އުފުލީ އެމްއެމްޕީއާރްސީގެ ތެރެއިން 2014 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ނިޔަލަށް ހިންގި ކޮރަޕްޝަނާއި މަނީ ލޯންޑްރިން މައްސަލައާ ގުޅިގެން ކަމަށެވެ.

އެ ދައުވާތައް އުފުލާފައިވަނީ އެސެޓް ރިކަވަރީ ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ފުލުހުން ގުޅިގެން ހިންގި ތަހުގީގަށްފަހު ދައުވާކޮށް ދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވުމުންނެވެ. އެ މައްސަލަ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވި މި މަހުގެ 21 ވަނަ ދުވަހު އެވެ.

ސުޕްރީމް ކޯޓުގައި އަދީބާއި ގުޅޭގޮތުން މިހާރު ހިނގަމުންދަނީ ޅ.މާބިންހުރާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން އެމްއެމްޕީއާރުސީ އިން ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކުރުމުން އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެ ކުންފުނިން އެމްއެމްޕީއާރުސީ އަށް ދިން ފަސް މިލިޔަން ޑޮލަރަށް (77 މިލިއަން ރުފިޔާ) ޚިޔާނާތްތެރިވި މައްސަލައިގައި އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލުކުރުމުން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފް މައްސަލއެވެ. އަދީބުގެ މައްޗަށް އެ މައްސަލައިގައި އިއްވި އަށް އަހަރުގެ ޖަލު ހުކުމް ބާތިލުކުރުމަށްފަހު ހައިކޯޓުން ވަނީ އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އަންގާފއެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އަދީބަށް ދައުވާ ކޮށްފައިވަނީ ނުފޫޒުން އެއްކިބާވެފައިވާ ގޮތަށް ތަހުގީގު ކުރުމަކާ ނުލައި ކަމަށާއި އަދި މިހާރު ދައުވާކުރެވިފައިވާ ގޮތުގެ މަތިން އިތުރަށް ކުރިއަށް ގެންދިއުން ގާނޫނީ ހަމަތަކުގެ މަތިން ސައްހަ ވެގެން ނުވާ ނިންމައި އެ މައްސަލަ އަނބުރާ ޕީޖީ އޮފީހަށް ފޮނުވާލާފަ. އެހެންވެ ދައުލަތުން ނިންމީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށެވެ.

އަދީބުގެ މައްޗަށް މި ދައުވާތައް އުފުލާފައިވާއިރު މީގެ ދުވަސްކޮޅެއް ކުރިން އޭނާ ވަނީ އިންޑިއާއަށް ފިލައިގެން ވަޑައިގެންފަ އެވެ. އެކަމާ ގުޅިގެން ވެސް އޭނާގެ މައްޗަށް ވަނީ ދައުވާ އުފުލާފަ އެވެ. އޭނާ ރާއްޖެއިން ބޭރަށް ފިއްލަވަން މަސައްކަތް ކުރެއްވީ ވަކި ބަޔަކާ ދެކޮޅަށް ބަޔާން ދޭތީ އިންޒާރުތައް އަންނަ ކަމަށް ވިދާޅުވެ އެވެ. އަދީބު ވަނީ ފިލި މައްސަލާގައި ކުށަށް އިއުތިރާފުވެ މާފަށް އެދިވަޑައިގެންފަ އެވެ.

ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރެއްވި އަދީބު ވަނީ ދައުލަތާއެކު އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް ހަދާފަ އެވެ. އެއީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތަހުގީގަށް އެއްބާރުލުންދީ އޭގައި ޝާމިލްވި ފަރާތްތަކަށް ހާމަކުރުމަށެވެ. އަދީބު ފިއްލެވިއިރު ވެސް އެ އެއްބަސްވުމުގެ ދަށުން އޭނާ ގެންދެވީ މައުލޫމާތުތައް ފޯރުކޮށްދެއްވަމުންނެވެ.

ޅ.މާބިންހުރާ ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ ފައިސާގެ މައްސަލާގައި އަދީބަށް އިއްވި އަށް އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލްކުރި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު، އެ މައްސަލަ ނިމެންދެން އަދީބު ބަންދު ކުރުމަށާއި ޕާސްޕޯޓް ހިފަހައްޓަން ދައުލަތުން ކުރިން އެދުނެވެ. ކޯޓުން މިހާތަނަށް ނެރެދިނީ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް އެކަނި އަދި ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރެއް ނެރެ ނުދީ އޮތީ ކުރިން އެހެން ހުކުމެއްގައި އަދީބު ހުންނެވުމުން ކަމަށް ސުޕްރީމް ކޯޓުން ވަނީ ބުނެފައެވެ.

ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެފައި އޮއްވައި އަދީބު ރާއްޖެއިން ފިލައިގެން ދާން އުޅުނު މައްސަލައިގައި އޭނާއަށް އިއްވާފައިވަނީ 3 މަސް ދުވަހުގެ ޖަލު ހުކުމެކެވެ. އިސްތިއުނާފް ކޮށްފައިވާ މައްސަލައަކީ އެމްއެމްޕީއާރުސީން ކުރެއްދޫ ހޯލްޑިންގްސްއަށް ކުއްޔަށް ދިން ޅ. މާބިންހުރާގެ ފައިސާ އަދީބުގެ ބޮޑުބޭބެ ހާމިދު އިސްމާއިލް ހިއްސާވާ އަދި އަދީބު މިނިސްޓަރަކަށްވުމުގެ ކުރިން މަސައްކަތްކުރި ކުންފުންޏެއް ކަމަށްވާ މިލޭނިއަމް ކެޕިޓަލްގެ އެކައުންޓަކަށް ފަސް މިލިއަން ޑޮލަރު ޖަމާކުރި ކަމަށް ބުނެ 2016 ވަނަ ކްރިމިނަލް ކޯޓުން އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފުގެ އަޑުއެހުމެެކެވެ. އެ ހުކުމް ހައިކޯޓުން ކުރިން އޮތީ ދަމަހައްޓާފަ ނަމަވެސް މިއަހަރު މެއި މަހު ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފައެވެ.

ކްރިމިނަލް ކޯޓުގެ ހުކުމް ހައިކޯޓުން ބާތިލް ކުރި މައިގަނޑު ސަބަބަކީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރެވެ. އެގޮތުން ހައިކޯޓުގެ ހުކުމްގައި ފާހަގަކުރީ އެކެއް ފެބުރުއަރީގެ އަމުރުގައި ބައެއް މައްސަލަތައް ހާއްސަކޮށް ސިޔާސީ ފަރާތަކަށް ކުރި ޓެރަރިޒަމްގެ ދައުވާތަކަކީ ސިޔާސީ ނުފޫޒުގައި ގާނޫނު އަސާސީއިން ކަށަވަރުކޮށްދީފައިވާ ހައްގުތަކާ ހިލާފަށް، ޖިނާއީ އިޖުރާއަތްތަކާ ވެސް ހިލާފަށް އުފުލާފައިވާ ދައުވާތަކެއްކަން ފާހަގަކޮށްފައިވާ ކަމަށެވެ.

އެމްއެމްޕީއާރުސީ ހިޔާނާތާއި ބައެއް ޖިނާއީ މައްސަލަތަކުގައި ވެސް ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އަދީބު ވަނީ އޭނާގެ އަނބިކަނބަލުންނާއެކު މީގެ ދޮޅު މަސް ކުރިން ބޭސްފަރުވާއަށް އިންޑިއާއަށް ވަޑައިގެންފަ އެވެ. އޭރު އޭނާ އެއްކޮށް މިނިވަނެއް ނުވެ އެވެ. ސަރުކާރުން ދިން ހުއްދައާއެކު އަދީބު އިންޑިއާއަށް ގޮސް ޑޮކްޓަރަށް ދައްކާފައިވާއިރު ހަ މަސް ފަހުން އަނބުރާ ޑޮކްޓަރަށް ދެއްކުމަށް ވަނީ އަންގާފަ އެވެ.

ބޭސް ފަރުވާއިން އިންޑިއާއިން އެނބުރި ރާއްޖެ ވަޑައިގެން އަދީބު ވިދާޅުވެފައިވަނީ އޭނާއަކީ ޒިންމާއިން ރެކޭނެ އަދި ފިލައިގެން ދާނެ މީހެއް ނޫން ކަމަށެވެ.

އަދީބު ވަނީ ދައުލަތުގެ ހެއްކެއްގެ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން މައްސަލާގައި ހެކި ބަސް ދެއްވާފަ އެވެ. ހެކި ބަސް ދެއްވަމުން ވެސް އޭނާ ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި އޭނާ ވެސް ބައިވެރިވެފައިވާ ކަމަށް އެއްބަސްވެ އެކަމުގެ ސަބަބުން އަންނާނެ ހުކުމްތަކަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: