ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވާނުވާގެ ސަބަބުން ގައިދީން ތިބެނީ ރުންކުރުވެފައި!

މުއްދަތެއް ނެތި ޖަލުގައި ބަންދުކޮށްފައި ތިބޭ މައްސަލައަށް ހެއްލެއް ބޭނުންވާކަމަށް މުނާޒް ވިދާޅުވެފައިވޭ: ފޮޓޯ/ ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ތަފާތު އެކި ކުށްތަކުގައި ޖަލަށް ގެންދެވޭ މީހުންނަށް ވާނުވާ ޖެހުމުގެ ސަބަބުން، އެ މީހުންގެ ރުން ކުރުވެ އަބަދުވެސް ހަމަ ނުޖެހުން ހިންގުމަށް މަަސައްކަތް ކުރާކަމަށް ކޮމިޝަނާ އޮފް ޕްރިޒަން އަބްދުﷲ މުނާޒް ވިދާޅުވެއްޖެ އެވެ.

މާފުށީ ޖަލުގައި ގައިދީންތަކަކަށް އަނިޔާކޮށް، ބޯ ޓްރިމް ކުރި މައްސަލައެއް ފެންމަތިވެގެންދިޔައިރު ވެސް މުނާޒް ވަނީ ވާނުވާގައި ތިބޭ މީހުންގެ ހައްގުގައި ވާހަކަ ދައްކާފައެވެ. އެގޮތުން އެމީހުން ގިނަ އަހަރުތަކެއް ވަންދެން އެއްވެސް ޝަރީއަތެއް ކުރިޔަށް ނުގެންގޮސް ތިބުމާއި އަދި ވާނުވާގައި ތިބުމުގެ ސަބަބުން އެ މީހުންނާއި “ގައިދީން” ގެ ނަމުން ބަޔަކު މުހާތަބުކޮށް ވާހަކަ ދައްކަން ބޭނުން ނުވާކަމަށް ވެސް މުނާޒް ވިދާޅުވެފައިވެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި މޯލްޑިވްސް ކަރެކްޝަން ސާވިސް (އެމްސީއެސް) ގެ 48 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި މުނާޒް ވަނީ ޖަލުގައި ގައިދީންނާ އޮފިސަރުންނާ ދެމެދު ހިގާ ހަމަނުޖެހުތަކަށް އަލި އަޅުވާލައި ވާހަކަފުޅު ދައްކަވާފަ އެވެ. ކުށުގެ ވެއްޓަކަށް އާދަވެފައި ތިބެ ބަޔަކު ބެލެހެއްޓުމަކީ އުނދަގޫ މަސައްކަތެއްގެ ގޮތުގައި ސިފަ ކުރައްވާ މުނާޒް ވިދާޅުވީ އެ މީހުންގެ ވިސްނުން ހެޔޮ ބަދަލަކަށް ގެނައުމަށް ކަރެކްޝަންސްއިން މަސައްކަތްތަކެއް ކުރާކަމަށެވެ.

ބަންދުގައި ތިބޭ މީހުން ޖަލު އޮފިސަރުންނަށް އަނިޔާ ކުރަނީ ކަރެކްޝަންސްގެ އޮފިސަރުންގެ ސަބަބުންކަމަށް މާފުށީގެ ޖަލުގެ ހާދިސާއަށްފަހު ވަރަށް ބޮޑަށް ދެކެވިގެން ދިޔައެވެ. އެހެން ނަމަވެސް، މުނާޒް ވަނީ ގިނަ ފަހަރަށް ގައިދީން ހަމަނުޖެހުން ހިންގަނީ ޖަލު ބަލަހައްޓާ އޮފިސަރުންގެ ސަބަބުން ނޫންކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ބަންދުގައި ތިބޭ މީހުން އޮފިސަރުންނަށް ހަމަލާދީ އަނިޔާ ކުރަނީ “ވާނުވާ” ގައި ގިނަ އަހަރުތަކަކަށް އެ މީހުން ތިބެން ޖެހުމުން ކަމަށެވެ.

ޖަލުު އޮފިސަރުންނަށް ލިބޭ އަނިޔާތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މުނާޒް ވިދާޅުވީ، މާފުށީ ޖަލުގައި އެކަނިވެސް ޖަލު އޮފިސަރުންނަށް ޖިސްމާނީ އަނިޔާ ދިނުމާއި އެކި ގޯނާތައް ކުރުމުގެ 40 އަށް ވުރެ ގިނަ މައްސަލަ ރެކޯޑު ކުރެވިފައިވާ ކަމަށެވެ.

“މިއީ ޖަލު އޮފިސަރުންނާ ހަގީގަތުގައި މައްސަލައެއް ޖެހިގެން ގައިދީންނާ ބަންދު މީހުން ކުރާ ކަންތައްތަކެއް ނޫން، ކަރެކްޝަނަލް އޮފިސަރުން މިއަދު ގަބޫލު ކުރަނީ އެކަން އެހެން އެވަނީ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށްފަހު ވާނުވާގަ އަހަރު ދެ އަހަރު ވަންދެން ނުވަތަ އެއަށްވުރެ ވެސް ގިނަދުވަސް ވަންދެން ބޭތިއްބުމާ ގުޅިގެން ކަމަށް.” މުނާޒް ވިދާޅުވި އެވެ.

ގައިދީން 24 ގަޑިއިރު ބަންދުގައި ނުބައިތިއްބުމުގެ ގޮތުން ޖަލުގެ ޔާޑްތަކުގައި ގައިދީން އުޅެވޭނެ ގޮތް ހެދުމުގެ ބޭނުމުގައި ޔާޑްތައް ތަރައްގީކުރަން މިހާރު ފަށައިފައިވާ ކަމަށް ވެސް މުނާޒް ވިދާޅުވި އެވެ. އިތުރަށް ވިދާޅުވީ، ގައިދީންނަށް އާއިލީ ބައްދަލުވުންތަކަށް ހިތްވަރު ދިނުމުގެ ގޮތުން އާއިލީ ބައްދަލުވުން ދެ ގަޑިއިރަށް އިތުރުކޮށް، ގައިދީން ބަންދު ނުވާނެ ގޮތަކަށް އަމަލުކުރުމުގެ ގޮތުން ވިޔަފާރީގެ އުސޫލުން ކެންޓީނުން ގައިދީންނަށް ތަކެތި ގަނެވޭނެ އިންތިޒާމު މިހާރު ހަމަޖައްސައި ދީފައިވާނެ ކަމަށެވެ.

މާފުށީގައި ބޭއްވި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 48 ވަނަ އަހަރީ ޖަލްސާގައި ވާހަކަ ދައްކަވަމުން މުނާޒު ވިދާޅުވީ، އެ މުއައްސަސާއާ ހަވާލުވިއިރު މުއައްސަސާގެ ހާލަތު އޮތީ ރައްޔިތުންނާއި ގައިދީންނާއި އަދި ބަންދު މީހުންގެ ދޫތަކުން ކަރެކްޝަން ސާވިސްއާ ދޭތެރޭގައި ހެޔޮ ބަހެއް ބުނެލަން އުދަނގޫވާފަދަ ނިކަމެތި ދަރަޖައެއްގައި ކަމަށެވެ.

ޖަލުގެ ހާލަތު ދަށްވުމުގެ ސަބަބުން އެ މައްސަލަތައް ދޭތެރެދޭތެރެއިން މީޑިއާތަކުގައި ފެންމަތިވޭ — ސަންގު/ ފައިލް ފޮޓޯ

“ގައިދީންނާއި ބަންދު މީހުންގެ އާއިލާތަކަށް އަދި ޖުމްލަކޮށް ދިވެހި ރައްޔިތުންނާއި ޖަވާބުދާރީވާންޖެހޭ ވެރިންނަށް، ޔަގީންކޮށް މި އަރުވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ހުރިހާ އޮފިސަރުންނާއި ސިވިލް މުވައްޒަފުން ހިމެނޭ ގޮތަށް ލީޑާޝިޕުން މިހާރު ކުރަމުންދާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މި ދެންނެވި ކަޅު ސޮފްހާ ނިމުމަކަށް ގެނެސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަކީ ރައްޔިތުން ބަލައިގަންނަ. އިތުބާރު ހިފޭ މުއައްސަސާއަކަށް ދާދި އަވަހަށް ﷲގެ ރަހުމަތްފުޅާއެކު ވެގެންދާނެ،” މުނާޒު ވިދާޅުވިއެވެ.

ކޮމިޝަނާ ވިދާޅުވީ ހުކުމެއް ނެތި އެހާ ގިނަ ދުވަހު ބަންދުގައި ތިބެން ޖެހޭތީ ގައިދީން އަބަދުވެސް ތިބެނީ ރުންކުރުވެ، ކުރިމަތިލުމެއް ހިންގަން ބޭނުންވެފައި ކަމަށެވެ.

އެގޮތަށް ގިނަ ދުވަހު ރިމާންޑުގައި ތިބެންޖެހޭ މައްސަލަ ހައްލު ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް އާއި ސުޕްރީމް ކޯޓާ މީގެ ކުރިން މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މުނާޒް ވިދާޅުވީ މީގެ ކުރިން އަމަލު ކުރަމުން އައީ ހުކުމް ކުރެވޭ ހިސާބުން އެ މީހަކު “ކޮއްޓެއް” ކަހަލަ ތަނެއްގައި ބަންދުކޮށްގެން ގެންގުޅޭ އުސޫލަށް ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ވިސްނުމަކީ ކުށްވެރިން އަނބުރާ މުޖުތަމަ އަށް ނުކުންނައިރު އެމީހުން އިސްލާހު ވެގެން އަންނާނެ ގޮތް ހެދުމަށް ކަމަށް ކޮމިޝަނާ ވިދާޅުވި އެވެ. ނަމަވެސް އެކަމަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށް ވިދާޅުވި އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް ވިދާޅުވީ، ޖަލު ބެލެހެއްޓުުމުގެ އަސާސީ މިންގަނޑެއްގެ ގޮތުގައި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން ކަނޑައަޅާފައިވާ މަންޑޭލާ ރޫލްސްގެ މިންގަނޑަށް ވާސިލްވުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ. އެ މިންގަނޑުގެ ތެރެއިން ހިންގުމުގެ ނިޒާމެއް އެކުލަވާލުމަށާއި ގައިދީންނާއި ބަންދު މީހުންގެ އަސާސީ ހައްގުތައް ކަށަވަރު ކުރުމަށާއި މަސައްކަތްތަކާއި ކުށުގެ ވެށިން މީހުން ސަލާމަތްކޮށް އަނބުރާ މުޖުތަމައުއަށް ގެނައުމުގެ އިތުރުން މުވައްޒަފުންގެ ގާބިލްކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން މުނާޒު ފާހަގަކުރެއްވިއެވެ. ޖަލުތަކުގެ އޮޑިޓް ރިޕޯޓްގައި ފާހަގަކުރެވިފައިވާ ގިނަ ކަންތައްތަކުގެ ތެރެއިން ގައިދީންނާއި ބަންދު މީހުންގެ ހައްގުތައް ހިމާޔަތް ކުރުމަށްޓަކާ ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ވެސް މިހާރު ކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: