ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަލު އިސްލާހު ވާނީ އޮފިސަރުން ބަދަލު ވެގެން: މިނިސްޓަރ އިމްރާން

ކަރެކްޝަނަލް ސާރވިސްގެ 48 ވަނަ އަހަރީ ދުވަހު ބޭއްވި ޖަލްސާގައި މިނިސްޓަރ އިމްރާން ވާހަކަފުޅު ދައްކަވަނިކޮށް...ފޮޓޯ: ކަރެކްޝަނަލް ސާރވިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ތަސައްވަރު ކުރާ ފަދަ ތަނަކަށް ޖަލު ހެދުމަށްޓަކައި ޖަލުތަކަށް ގެންނަން ޖެހޭ ހެޔޮ ބަދަލުތަކެއް ގެނެވޭނީ މޯލްޑިވްސް ކަރެކްޝަންސް ސާވިސްގެ އޮފިސަރުންގެ ވިސްނުމަށް އެ ހެޔޮ ބަދަލުތައް ގެނެވިގެން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހު ކ.މާފުށީގައި ބޭއްވި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 48 ވަނަ އަހަރީ ދުވަސް ފާހަގަކުރެއްވުމަށް ބޭއްވި ހާއްސަ ޖަލްސާގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރ ވިދާޅުވީ، ކުށްކުރާ މީހުން ޖަލުގައި ބަންދުކުރަން ޖެހޭ ސަބަބަކީ، މުޖުތަމައު ސަލާމަތްކޮށް އިސްލާހުކޮށް އަދި އެކުށް ތަކުރާރު ނުކުރާ ބައެއްގެ ގޮތުގައި އަލުން އަނބުރާ މުޖުތަމައަށް ގެނައުމަށް ކަމަށެވެ.އިމްރާން ވިދާޅުވީ ރާއްޖޭގެ ޖަލުތަކަކީ ސަލާމަތީ މުއައްސަސާތަކުން ބަލަހައްޓަމުންދާ ހައްދުފަހަނައަޅާފައިވާ އަނިޔާވެރި އަމަލުތަކެއް ހިނގާ “ހުރަގެއެއް” ކަމުގައި ބުނާ ބުނުމަށް ބަދަލު ގެނެވިއްޖެ ކަމަށެވެ.

ޖަލުތަކަށް ގެންނަންވީ ބަދަލުތައް މިހާރު ދެނެގަނެވިފައިވާ ކަން ފާހަގަކުރައްވާ މިނިސްޓަރު އިމްރާން ވިދާޅުވީ، އެކަށީގެންވާ ހަލުވި މިނެއްގައި ފިޔަވަޅު އެޅިފައި ނުވި ނަމަވެސް ކޮންމެ ވެސް މިންވަރަކަށް ޖަލުތަކަށް އިސްލާހީ ބަދަލުތަކެއް ގެނެވިއްޖެ ކަމަށެވެ.

ޖަލުގައި މީހުން ބަންދު ކުރުމުގައި އަޅުގަނޑުމެން މި ގެންގުޅޭ ފަލްސަފާ ތި އޮފިސަރުން ބަލައިގަންނަން ޖެހޭ. ޖަލުގައި ބަންދުކޮށްފައި ހުންނަ މީހާއާ މެދު ދެކޭ ގޮތް އެބަ ބަދަލު ވާން ޖެހޭ. އެ މީހާ އަލުން މުޖުތަމައަށް އިސްލާހުވެފައިވާ މީގެއްގެ ގޮތުގައި ނެރުމަށްޓަކައި ތި ބޭފުޅުން އެ މީހުންނާ މެދު އަމަލު ކުރަންވާނީ ހެޔޮ މަގު ދައްކާ ބައެއްގެ ގޮތުގައި.” އިމްރާން ވިދާޅުވި އެވެ.

މީގެއިތުރުން އިސްލާހު ކުރަން ޖެހޭ ކަންކަން އިސްލާހު ކުރުމަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ކޮމިޝަނާ އޮފް ޕްރިޒަންސްއާއި ކަރެކްޝަންސްގެ ހުރިހާ އޮފިސަރުންނަށް އިމްރާން އިލްތިމާސް ކުރެއްވިއެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް އަންނަ ބަދަލުތައް ފެންނަންވާނީ ހަމައެކަނި ކަޅާއި ހުދުން ލިޔާ ގަލަމަކުން ނޫންކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ސަޔާސަތުތަކަށް އަންނަ ބަދަލު ފެންނާނީ އެކަންކަން ތަންފީޒު ކުރަން ތިބޭ ފަރާތްތަކުގެ ކިބައިން ކަމަށެވެ. ކަރެކްޝަނަލް ސާވިސްއަށް ގެންނަ ބަދަލުތައް މުޅި މުއައްސަސާގެ އިތުރުން ވަކިވަކި އޮފިސަރުންގެ ކިބައިން ފެންނަން ޖެހޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކަރެކްޝަނަލް ސަރވިސްގެ ވަޒީފާއަކީ ހަމައެކަނި އާމްދަނީ ހޯދުމަށް އޮތް ފުރުސަތެއް ކަމުގައި ދެކިގެން ނުވާނެ ކަން ފާހަަގަކުރައްވާ މިނިސްޓަރ އިމްރާން ވިދާޅުވީ، އެ މުއައްސަސާގެ ނަމުންވެސް ރަމްޒުކޮށްދޭ ފަދައިން އެއީ ވަރަށް އަގުހުރި ހިދުމަތެއް ކަމަށެވެ.

ކޮންމެ އޮފިސަރަކީވެސް ޤައިދީން އަނބުރާ މުޖުތަމައަށް ގެނައުމަށް އެހީތެރިވެދޭ އާރުކާޓީއެއް އިތުރުުން އިންސާނީ، އިޖުތިމާއީ އަދި ފާރަވެރިއެއްގެ ގޮތުގައި ވާން ޖެހޭ ކަމަށްވެސް މިނިސްޓަރ ގެ ވާހަކަފުޅުގައި ފާހަކުރެއްވިއެވެ.

ކަރެކްޝަނަލް ސާރިވިސްގެ 48 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން.. ފޮޓޯ: ހޯމް މިނިސްޓްރީ

އިމްރާން އިތުރަށް ވިދާޅުވީ ކަރެކްޝަންސް ސާވިސްގެ ކާމިޔާބީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން މިންކުރުމަށް ބަލާނެ މިންގަނޑަކީ ޖަލު ގޮޅިގައި ބަންދުކުރެވިފައި ތިބޭ މީހުންގެ އަދަދަކަށް ނޫން ކަމަށެވެ. މީގެ އިތުރުން ޖަލު ހުކުމް ތަންފީޒުކޮށް މީހަކު ޖަލުން ނުކުމެ އިސާހިތަކު ކުރިއަށްވުރެ ބޮޑު ކުށަކަށް އަރައިގެންފިނަމަ ބެލެވޭނީ ޖަލުގައި އޭނާ އިސްލާހު ކުރުމުގައި ބަދަލުގައި ކުރިއަށްވުރެ ބޮޑު ކުށްވެރިއަކަށް ހެދީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“ތިއިން ކޮންމެ އޮފިސަރަކީ މުޖުތަމައުގެ ރައްކާތެރި ކަމަށް ބަންދު ކުރެވޭ ބަޔަކު އެ މުޖުތަމައަށް ފައިދާ ވާނެ ބަޔަކަށް ބަދަލު ކުރުމަށް އެހީތެރިވެދޭ އާރުކާޓީއެއް، ތިއިން ކޮންމެ އޮފިސަރަކީ އިންސާނީ ހިދުމަތްތެރިއެއް، އިޖުތިމާއީ ހިދުމަތްތެރިއެއް، ފާރަވެރިއެއް، އެކުވެރިއެއް، މުރުޝިދެއް، އެހެންކަމުން ސަރުކާރުގެ ސިޔާސަތުތަކަށް އަންނަ ބަދަލު ފެންނަން ވާނީ ކަރުދާހަކުން ނޫން، ތި އޮފިސަރުންގެ ކިބައިން،” އިމްރާން ވިދާޅުވި އެވެ.

ޖަލާއި ގުޅޭ ކަންކަން ކަށަވަރު ކުރުމުގެ ގޮތުން ޖަލުގައި ބަންދުކުރާ މީހުންނާއި ސީދާ ގޮތުން އަދި ނުސީދާ ގޮތުން މުއާމަލާތު ކުރާ އެންމެންނަށް އދ އިން ބަލައިގަންނަ، ބަންދުކުރެވޭ މީހުންނާ މެދު އަމަލުކުރާނެ އެންމެ ދަށް މިންގަނޑު ކަމަށްވާ ނެލްސަން މަންޑޭލާ ރޫލްސްގެ ދިވެހި ތަރުޖަމާ ހަވާލު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކަރެކްޝަނަލް ސާރިވިސްގެ 48 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން.. ފޮޓޯ: ހޯމް މިނިސްޓްރީ
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: