ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަހުގީގަށް ލުތުފީ ދިން ވީޑިއޯ ބަޔާން ޝަރީއަތުން ބަލަން ނިންމައިފި

ފޮޓޯ: އިސް ގާޒީ ހައިލަމް، މިއަދު ބާއްވާފައިވަނީ ރައީސް ޔާމީންގެ ފަސް ވަނަ ޝަރީއަތުގެ އަޑުއެހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިން ދައުވާގެ ޝަރީއަތުގައި ހެކި ބަސް ދޭން އިންކާރު ކުރެއްވި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީ ފުލުހުންގެ ތަހުގީގަށް ބަޔާން ދެއްވި އިރު ރެކޯޑު ކުރި ވީޑިއޯ ބަލަން ޝަރީއަތުން ނިންމައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގެ ފަސް ވަނަ އަޑުއެހުން ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ވަނީ ބާއްވާފައެވެ. ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލާގައި ދައުލަތުގެ ހެއްކެއްގެ ގޮތުގައި ހުށަހެޅި، އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ ހެކި ބަސް ދޭން ވަޑައިނުގެންނެވުމުން އޭނާގެ ބަޔާނުގެ ވީޑިއޯ ރެކޯޑިން ޝަރީއަތުގައި ބަލަން އެދިފައިވަނީ ދައުލަތުންނެވެ.

ހެކި ބަސްދެއްވުމަށް މިދިޔަ އަޑުއެހުމުގައި އުޒުރުވެރިވެވަޑައިގެންފައިވާކަން ފާހަަގަ ކުރައްވަމުން ދައުލަތުން ބުނެފައިވަނީ ލުތުފީގެ ހެކިބަސް ނެގުމަށް އޭނާ ހާޒިރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި ލުތުފީ އެމްބަސީއަށްވެސް ހާޒިރުކުރުމަށް މަސައްކަތްކޮށްފައިވާނެކަމަށާއި އޭނާ ހެކި ބަސް ދިނުމަށް ދެކޮޅު ހަދަމުންދާއިރު ޖިނާއީ އިޖުރާތުގެ ގާނޫނުގެ ދަށުން އޭނަ ގަދަކަމުން ކޯޓަށް ގެނެސް ހެކި ބަސް ނުނެގޭނެކަމަށެވެ.

މައްސަލައިގައި ލުތުފީ ދެއްވާފައިވާ ބަޔާނުގެ ރެކޯޑިން ޝަރީއަތުގެ މަޖިލީހުގައި ބެލޭނެ އިންތިޒާމް ހަމަޖައްސައިދެއްވުމަށް ދައުލަތުން އެދުނީ އެއީ އޭނާ ބަޔާން ދެއްވީ ފުލުހުން ބިރު ދައްކައިގެން ކަމަށް ވިދާޅުވާ ވިދާޅުވުމާ އެއްގޮތަށް އެކަން ނުހިނގާކަން ސާބިތު ކުރުމަށެވެ.

އަދި ވިދާޅުވީ އެ ވީޑިއޯއިން ފުލުހުން ބިރު ނުދައްކާކަން އެނގޭނެ ކަމަށާއި ބޮޑީ ލޭންގްވޭޖުން ވެސް އެކަން ސާފުވާނެ ކަމަށެވެ.

ނަމަވެސް، މައްސަލަ ރައްދުވާ ރައީސް ޔާމީން ވަނީ، ވީޑިއޯއެއް މެދުވެރިކޮށް މީހަކަށް ބިރު ދައްކާފައިވާކަން ނުވަތަ ނޫންކަން ވެސް ނޭނގޭނެ ކަމަށެވެ. އަދި މީހެއްގެ “އެކްސްޕްރެޝަން” އާއި “ބޮޑީ މޫވްމެންޓް، އަދި ބޮޑީ ލޭންޖުއޭޖް” ދެނެގަތުމަށް އުނދަގޫވާނެ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ އެކަމަށް އިންކާރު ކުރައްވާފައެވެ.

32 މިނިޓުގެ އެ ބަޔާން ވީޑިއޯ ބަލައިގަތުމާއި ގުޅޭގޮތުން ބުދަ ދުވަހުގެ އަޑުއެހުމުގައި ގޮތެއް ނިންމަވައި އިސް ގާޒީ ހައިލަމް ވިދާޅުވީ ވީޑިއޯ ބަލަން ޝަރީޢަތުން ނިންމީ ޝަރީއަތުގެ ބޭނުމަށް ކަމަށާއި އެހެން ނަމަވެސް އެ ވީޑިއޯ ޝަރީއަތުގެ މަޖިލީހުގައި ނުދައްކާނެ ކަމަށެވެ.

ހައިލަމް ވިދާޅުވީ ސީޑީ ބެލުމަށްފަހު ތަހުގީގު ބަޔާނުގައި ބުނާ ކަންކަމާއި ގުޅޭގޮތުން އޭގައި ހުރި ވާހަކަތަކަށް ސުވާލު ކުުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ ލުތުފީގެ ވީޑިއޯ ބަލަން ނިންމި ނަމަވެސް އެ ވީޑިއޯއަކީ ހެއްކެއްގެ ގޮތުގައި ބަލައި ޝަރީޢަތުން ބަލައި ނުގަންނަ ކަމަށެވެ.

އެކަމާއި ގުޅޭގޮތުން ވާހަކަ ދެއްކުމަށް ދިފާއީ ވަކީލުންނަށް ފުރުސަތު ދެއްވުމާއި އެކު ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަލީ ޝާހު ވަނީ “އެ ސީޑީއަކީ، ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި އެއްޗެއް ނޫން ކަމަށް” ވިދާޅުވެފައެވެ.

ގާޒީގެ ނިންމެވުމާއި މެދު ސުވާލު ކުރެއްވުމުން ގާޒީ ވަނީ އެކަމަށް ޝަރީއަތުން ގޮތެއް ނިންމާފައިވާ ކަމަށާއި، ޝަރީއަތުގައި އެ ވީޑިއޯ ނުބަލާނެ ކަމަށް ވިދާޅުވެފައެވެ. އަދި، ޝަރީއަތުން ނިންމާ ނިންމުންތަކަށް ސުވާލު ނުއުފެއްދުމަށް އިލްތިމާސްކުރައްވާފައެވެ.

ލުތުފީ ވަނީ މީގެ ދުވަސްކޮޅެއް ކުރިން ހެކި ބަސް ނުދޭނެ ކަމަށް ވިދާޅުވެ، ފޭސްބުކްގައި ވެސް ޕޯސްޓެއް ކުރައްވާފައެވެ. ހެކި ބަސް ދެއްވުމަށް ލުތުފީ ދެކޮޅު ހައްދަވާއިރު ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވެ އެ ފައިސާ އޭސީސީއާ ހަވާލުނުކޮށް ބޭނުން ކުރި މައްސަލާގައި ރައީސް ޔާމީނަށް ދައުވާ ކުރާއިރު އެ މައްސަލާގައި ދައުރު ހަމަވެފައިވާ އޭސީސީގެ ކުރީގެ ރައީސް މުއައްވިޒު ރަޝީދު ވަނީ ހެކި ބަސް ދެއްވާފައެވެ.

ލުތުފީ ވިދާޅުވެފައިވާ ގޮތުން ރައީސް ޔާމީނާއި ދެކޮޅަށް ބަޔާންދީ ދޮގު ހެކި ބަސް ދިނުމަށް މި ސަރުކާރުގެ ބާރުވެރި ފަރާތްތަކުން އޭނާއަށް ބިރު ދައްކައި އިންޒާރުދެއެވެ. އަދި ލުތުފީ މީގެކުރިން ވަނީ އޭނާއަށް މަގުމަތިން އިންޒާރު ދިނުމުގެ ސަބަބުން ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ކަމަށް ވިދާޅުވެފައެވެ. އޭނާއަށް އިންޒާރު ދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކަމަށް ވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: