ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަދަލުކުރަންވީ ގުދަންތައް އެކަންޏެއް ނޫނެވެ! މާރިޔާއާއި މޭޔަރު ޝިފާވެސް ބަދަލުކުރަންވީއެވެ!

ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ، މިފަދަ ހާލަތަކަށް ހުންނެވީ ތައްޔާރުވެއެއް ނޫން. ފޮޓޯ: ޓައިމްސް
ޝެއާރކޮށްލާ ކަހަލަދޯ؟

2003 ސެޕްޓެމްބަރ 19،20 އެއީ ދިވެހި ތާރީހުގައި ހިތްދަތި ތާރީހީ ދުވަސްތަކެވެ. ޖަލުގައި އީވާން ނަސީމް މަރާލާ، އެތައް ދިވެހިންތަކެއް ގަޔަށް ރައީސް މައުމޫންގެ ޒައާމަތުގައި ބަޑި ޖެހި ދުވަހެވެ. މިއަދު ދިވެހިންގެ އެ ބޮޅަށް އިތުރުވީ 2019ސެޕްޓެމްބަރު 20 އެވެ. ޖަލުގައި ބަޑި ޖަހަން ބަޔަކު އޯޑަރު ދިނީއެއް ނޫނެވެ. ނުވަތަ ޖަލުގައި ބަޑިޖަހާ ލޭ އޮހޮރުވުމެއް ހިނގީއެއް ނޫނެވެ. ނަމަވެސް އެ ސެޕްޓެމްބަރު 19،20 އާއި މިއަހަރުގެ ސެޕްޓެމްބަރު 20 ގެ ހާދިސާ މިނެކިރާއިރު، ބިރުވެރިކަމާއި، އިހުމާލާއި، ލިބުނު ގެއްލުން ހަމަ އަގު ނުކުރެވެއެވެ. ކަމެއް ދިމާވުމުން ޒިންމާއިން ރެކުމުގެ ބަދަލުގައި ވެރިން އަބަދުވެސް ބަލަނީ ބޯ ދަމައިގަނެވޭތޯއެވެ. މިސާލު ނަންގަވާއިރު އެމެރިކާ އިނގިރޭސިވިލާތް އިންޑިއާއެވެ. ކަމަކާއި ޖެހުނީމާ އަމަލުކުރަނީ ޒިންބާބުވޭ، ދެކުނު އެފްރިކާ ލެވެލްގައެވެ. 

ހަނދާނަށް އަންނަނީ1956 ވަނަ އަހަރު އިންޑިއާގެ ޓެމިލްނާޑޫގައި ހިނގި ރެއިލްވޭ އެކްސިޑެންޓެއް މަތިންނެވެ. އެ އަހަރު ނޮވެމްބަރު މަހު ހިނގި ހިތާމަވެރި ހާދިސާގައި އެތައް ފުރާނައެއް ގެއްލުމާއެކު ރެއިލް މިނިސްޓަރ ލަލް ބަހާދަރު ޝާސްތްރީ މަގާމުން އިސްތިއުފާދެއްވިއެވެ. މި އިސްތިއުފާ އިންޑިއާގެ އޭރުގެ ބޮޑުވަޒީރު ޖަވާހިރުލާލް ނެހެރޫ ސިފަކުރެއްވީ ޒިންމާ ނެގުުމުގެ އެންމެ ފުރިހަމަ، ނަޒާހާތްތެރިކަމުގެ އެންމެ މަތީ ސިފައެއްކަމުގައެވެ. ނަމަވެސް ދަންނަވަންތޯއެވެ. ޓްރެއިން ދުއްވަން އިނީ ލަލް ބަހާދަރެއް ނޫނެވެ. ޓްރެއިންއަށް މީހުން އެރުވުމުގައިވެސް އޭނާގެ ސީދާ ދައުރެއް ނެތެވެ. ނަމަވެސް ލިބުނު ގެއްލުމުގެ ބޮޑުކަމާއިހުރެ އޭނާއަށް މަގާމުގައި ހުންނާކަށް ނުފެނުނެވެ. އޭނާއަށް ފެނުނުތަނުގައި ޒިންމާ ނެގުމަކީ އެއީއެވެ. ރާއްޖެ ހިނގަނީ މިއާއި ދިމާ އިދިކޮޅަށެވެ. ފުރާނަ ދިޔަޔަސް ހެވެވެ. އެތައް ސަތޭކަބަޔަކު މަގުމަތިވިޔަސްހެވެވެ. މިލިއަނުން ގެއްލުންވެ ދިރިއުޅުން ބަރުބާދުވިޔަސް ހެވެވެ. މަގޭ މަގާމާއި، ޝާނާއި ޝައުކަތު، އާރާއި ބާރު މާ މުހިއްމެވެ.

https://youtu.be/lAwrwVu5kl4

2003 ސެޕްޓެމްބަރު19،20 ގައި މާފުށި ޖަލުގައި ހިނގައިދިޔަ ހަމަނުޖެހުމެއްގައި ޖަލު އޮފިސަރުން ގައިދީން ގަޔަށް ބަޑި ޖެހިއެވެ. އީވާން ނަސީމާ އެތައް ޒުވާނެއްގެ ފުރާނަ ދުއްވާލިއެވެ. މާލެތެރެ ހަލަބޮލިވެ ގޯސްވާން ފެށުމުން އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޒިންމާ ނެންގެވިގޮތް ހަނދާނަށް ގެންނަވާށެވެ. ރައީސް މައުމޫން ވިދާޅުވީ، “ވަޔަށް، ޖައްވުގެ ތެރެއަށް، ފަޒާގެ ތެރެއަށް ބަޑިޖަހާ، އެވަރުންވެސް ކޮންޓްރޯލް ނުވުމުން ބައެއް މީހުން ގަޔަށް އުންޑަ އަރާގޮތަށް ހަތިޔާރުގެ ބޭނުން ކުރަން ޖެހުނީ” ކަމަށެވެ. ކިހާ އޮމާންތޯއެވެ. ޒިންމާ ނެގުމުގެ ކިހާ ފުރިހަމަ މިސާލެއްތޯއެވެ. ކުށްވެރިވެ އަދަބު ލިބުނީވެސް އާދައިގެ ދަށް ރޭންކުތަކުގައި ތިބި އޮފިސަރުންނެވެ. 

އޭގެ16 އަހަރު ފަހުން 2019 ސެޕްޓެމްބަރު20 ގައި މާލޭގެ ހެންވޭރުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާ މައުސޫމް ދިވެހި އަންހެން ދަރިއެއްގެ ފުރާނަ ދިޔައެވެ.6 ގެޔެއް ބޭނުން ނުކުރެވޭވަރު ވިއެވެ.400 އެއްހާ މީހުން ވަގުތީ ހިޔާތަކަށް ބަދަލުކުރެވުނެވެ. އެތައް ސަތޭކަބަޔަކު މަގުމަތިވެ، އެތައް ބައެއްގެ ހަޔާތް ބަރުބާދުވިއެވެ. ހާދިސާ ހިނގި ގޮތަށް ބެލިއިރު، އެކަން މެދުވާން ދިމާވީ ކެމިކަލް ގުދަންތަކެއްގައި ރޯވެގެންނެވެ. ކެމިކަލް ގުދަންތައް ރައްކާތެރިކަން ކުޑަކޮށް، އާއްމުން ދިރިއުޅޭ ގެތަކުގެ ތިރީގައްޔާއި، ޖެހިގެންހުން ގުދަންތަކުގައި ހުންނަ ވާހަކަ ތަކުރާރުކޮށް މީހުން ދެއްކިއެވެ. ޑިފެންސް މިނިސްޓަރ މާރިޔާ ދީދީއާއި، މާލޭ ސިޓީގެ މޭޔަރ ޝިފާ ޓެގް ކުރައްވާ އެކަން އާއްމުން ދިޔައީ ސަމާލުކަމަށް ގެންނަމުންނެވެ. މާލޭގައި 126 ކެމިކަލް ގުދަން ހުރި އިރު، 82 ގުދަނަކީ މީހުން ދިރިއުޅޭ ގެތަކުގައި ހުންނަ ގުދަންނެވެ. މިއީ މަދަކަ ބައިވަރެއް ނޫނެވެ، މިއަށްވުރެ ނުރައްކާކަންބޮޑީ ވަކި ކޮން ކަމެއްތޯއެވެ. 

 

https://twitter.com/RilwanLatheef_/status/1076120857615904768?s=20

“ގެރެންޓީ ފައިބަރ ގްލާސް ގޯޑައުން، ގ.ފެހިމާގޭގައި ފައިބަރ ގްލާސް މަސައްކަތަށް ބޭނުންކުރާ ހުޅުހިފާ ޒާތުގެ ކެމިކަލް ރައްކާކުރަމުން އެބަދޭ! ހިތާމަވެރި ހާދިސާއެއް ހިނގަންދެން މަޑުކޮށްގެން ބަލަން ތިބޭނީތަ ނޫނީ މިކަމަށް ރައްކާތެރި ފިޔަވަޅު އަޅާނީތަ ޑިފެންސް މިނިސްޓަރ މާރިޔާ، މާލޭ މޭޔަރ ޝިފާ” ރިލްވާން ލަތީފް ނަމަކަށް ކިޔާ ބޭފުޅެއް ޑިސެމްބަރު21،2018 ގައި މާރިޔާއާއި ޝިފާއާއި ޓުވިޓަރގައި ސުވާލުކުރެއެވެ. ކެމިކަލް ޖަހާފައި ހުރި ފޮޓޯއާއި އެކު، ހެއްކާ އެއްކޮށެވެ. ހިތާމަވެރި ހާދިސާއެއް ހިނގަންދެން މަޑުކޮށްގެން ބަލަން ތިބޭނީތޯއެވެ، ނުވަތަ ރައްކާތެރި ފިޔަވަޅު އަޅާނީތޯއެވެ. ޝިފާއާއި މާރިޔާއަށް ފެނުނީ މަަޑުކޮށްގެން ބަލަން ތިބެންށެވެ. އޭގެ9 މަސް ފަހުން ބޮޑު ގޮވުން ގޮވީއެވެ. ހޭވެރިކަންވީއެވެ. 

ޑިފެންސް މިނިސްޓަރ މާރިޔާ ޓީވީއަށް އަރުއްވައިފިއެވެ. ރައީސް މައުމޫނަކަށް ދުލެއް ނުކުރެއްވިއެވެ. ރައީސް މައުމޫން، ވައިގެ ވާހަކައާއި ޖައްވުގެ ވާހަކައާއި ފަޒާގެ ވާހަކަ ދެއްކެވިއިރު، ޖުމްލަކޮށް ތިން ބަސް ބޭނުންކުރެއްވިއިރުވެސް މިދައްކަނީ ހަމަ ވަޔަށް ބަޑި ޖެހި ވާހަކައެވެ. މާރިޔާވެސް ހަމަ އެހެންނެވެ. މާރިޔާ ގަވާއިދަކުން ނުނެއްޓުނެވެ. ނޫސްވެރިންގެ އެ ބައްދަލުވުމުގައި ގަވާއިދު ގަވާއިދު ގަވާއިދު، ކިތައް ފަހަރު ގަވާއިދު ވިދާޅުވިކަން އެނގޭހެއްޔެވެ. އެއް ފަހަރަކު ދެ ފަހަރަކު ނޫނެވެ. ދިހަ ބާރަ ފަހަރަކު ނޫނެވެ. އަށާރަ ނަވާރަ ފަހަރަކު ނޫނެވެ. ވިހި ބާވީސް ފަހަރަކު ނޫނެވެ. 27 ފަހަރުއެވެ. ކެމިކަލް ބޭނުންކުރުމުގެ ގަވާއިދެއްގެ ވާހަކައެވެ. ހަމަހުރެފާ ގަވާއިދެއް ނެހެދޭނެ ވާހަކައެވެ. ގަވާއިދަކަށް ގަވާއިދެއް ނެހެދޭނެ ވާހަކައެވެ. ގަވާއިދެއް ނެތި ގަވާއިދާ އެއް ގޮތަށް ކަންތައް ނުކުރެވޭނެ ވާހަކައެވެ. ހާދަހާ ވަރުގަދަ ގަވައިދެއްތާއެވެ. ވެރިކަމަށް އަހަރެއްވަނީއެވެ، މާރިޔާ އާއި ޝިފާގެ ސަމާލުކަމަށް އެކަން ގެނެވުނުތާވެސް ނުވަ މަސް ވީއެވެ. ގަވާއިދެއް ހަދައިގެން ހައްލުކުރަންވެސް މިއީ ލައްކު ކުރު މުއްދަތެއްތާއެވެ. ނަމަވެސް ނުވަ މަހުން ނުވިކަމެއް މާރިޔާ މިއަދު ވިދާޅުވަނީ ދެ ދުވަހުން އެއްކަލަ ގަވައިދު ހަދާލާނެކަމަށެވެ.

https://www.facebook.com/100000004050760/videos/2744702068873235/

މާރިޔާ، މީޑިއާއަށް އަރުއްވާ އަމިއްލަ ނަފްސާއި މަގާމުވެސް ދިފާއުކުރައްވައިފިއެވެ. ޒިންމާ ނުނެންގެވިޔަސް އެންމެ ރަނގަޅުތާއެވެ. ދެން ހުންނެވީ މާލޭ މޭޔަރު ޝިފާ މުހައްމަދެވެ. 2012 އިން 2018 އާއި ހަމައަށް މާލޭސިޓީގެ ކަންބޮޑުވުމެއްގެ ވާހަކަ ބުނުމުން ޝިފާ ވިދާޅުވަނީ ކައުންސިލްތަކަށް ބާރު ނެތް ވާހަކައެވެ. ބަޖެޓް ނެތް ވާހަކައެވެ. ސަރުކާރާއި ގުޅުން ނެތް ވާހަކައެވެ. އަލިފާނުގެ މި ބޮޑު ހާދިސާ ހިނގިއިރު މޭޒު މިވަނީ ބަދަލުވެފައެވެ. އޮތީ ޝިފާމެންގެ ސަރުކާރެވެ. އާރާއި ބާރު އެބަ އޮތެވެ. ނަމަވެސް މިއަދުވެސް މީޑިއާއަށް އަރުއްވާފައި އަދިވެސް ދައްކަނީ ރައީސް ޔާމީންގެ ނާގާބިލް ވާހަކައެވެ. ފައިސާ ނެތް ވާހަކައެވެ. މައްސަލައެއް ނެތެވެ، ޔާމީން ގޯހެވެ، ރައްޔިތުން ވެރިކަން ބަދަލުކުރިން އެހެންވެގެންތާއެވެ. ކަންކަން ރަނގަޅު ކުރުމަށެވެ. އިހު އޮތް ގޮތަށް ނުބޭއްވުމަށެވެ. އިހު އޮތް ވަރަށްވުރެ މިއަދު ގޯސްވީމާ މިއަދު ރައްޔިތުން ޝިފާމެން ތިޔަ ޖަހާ ސަކަރާތް ބަލާނެ ހެއްޔެވެ. އަނެއްކާވެސް ޝިފާ ފެންނާނީ އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުންގެ ތާއީދު ހޯއްދެވުމަށް ކަންނޭނގެއެވެ. އެދުވަހު އަނެއްކާވެސް އިވޭނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މާލެ ސިޓީ އަމާން ތަނަކަށް ހައްދަވާނެކަމުގެ ހުސް ވާހަކަތައް ކަންނޭނގެއެވެ. 

މާލޭ މޭޔަރު ޝިފާ، އަދިވެސް ދައްކަވަނީ ކުރީ ސަރުކާރުގެ ވާހަކަ. ފޮޓޯ: ސޯޝަލް މީޑިއާ

މިހާރު މާލޭގެ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި ކެމިކަލް ފަދަ ނުރައްކާތެރި ތަކެތި ރައްކާކުރާ ގުދަންތައް މީހުން ދިރިއުޅޭ ސަރަހައްދުތަކާ ދުރަށް ބަދަލުކުރުމުގެ ކަންކަން ކުރިޔަށްގެންދަވާނެ ޕްލޭނެއް އެކުލަވާލެއްވުމަށް ވަޒީރުންގެ މަޖިލީހުން މިވަނީ ނިންމަވާފައެވެ. ނަމަވެސް މިމައްސަލައިގެ އަސްލަށް ބަލާއިރު ބަދަލުކުރަންވީ ކެމިކަލް ގުދަންތައް އެކަންޏެއް ނޫނެވެ. ޑިފެންސް މިނިސްޓަރ މާރިޔާ ދީދީއާއި މާލޭ ސިޓީ މޭޔަރު ޝިފާވެސް ބަދަލުކުރަންވީއެވެ. ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށާއި އެހެން ދިރިތިބީންނަށް ފިލާވަޅެއްގެ ގޮތުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: