ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެމިކަލް ގުދަންތައް ހުސްކުރުމަށް ސަރުކާރުގެ ހުއްޖަތް: ޤަވައިދެއް ނެތް!

ކެމިކަލް ގުދަންތަށް ހުސްކުރުމަށް ސަރުކާރުގެ ހުއްޖަތަކީ ޤަވައިދެއް ނެތުން. ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ކެމިކަލް ގުދަންކޮށްފައިވާ 126 ގުދަނެއް ފާހަގަކުރެވިފައިވާއިރު އެތަން ތަން އާންމުން ދިރިިއުޅޭ ސަރަޙައްދުތަކާއި ދުރަށް ބަދަލުކުރުމަށް އޮތް ހުރަހަކީ ކެމިކަލް އާއި ގުޅޭ ޤާނޫނެއް ނެތުން ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.

އަލިފާން ރޯވި ގުދަނަކީ އެތަށް ފަހަރެއްގެ މަތިން އެ ސަރަޙައްދުގައި ދިރިއުޅެމުންދާ އާންމުންގެ ފަރާތުން ކަމާއި ބެހޭ އިދާރާތަކަށް ސިޓީގެ ޒަރިއްޔާއިންނާއި އަދި އެހެނިހެން ގޮތް ގޮތުންވެސް ޝަކުވާ ހުށަހަޅާފައިވާ ތަނަކަށް ވާއިރު ކުރީބައިގައި ފިޔަވަޅު ނޭޅުނީ ކީއްވެތޯ ސަންގުން ކުރި ސުވާލުގެ ޖަވާބުގައި މިނިސްޓަރ މާރިޔާ ވަނީ ސީދާ މައްސަލަ ހުށަހެޅީ ކާކުކަން ނޭގޭހާ ހިނދަކު “ސީދާ” ޖަވާބު ދެއްވަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި ކެމިކަލްއާއި ގުޅޭ ގަވައިދެއް ނެތްކަން ތަކުރާރު ކުރައްވާ މިނިސްޓަރ ވަނީ އެކަމަށް އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް ދޭހަވާ ފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ.

“މިހާ ހިސާބަށް މި ރާއްޖޭގައި ކެމިކަލް ގުދަންކޮށްގެން ގެންގުޅެމުން ގެންދިޔައިރު، ކެމިކަލާއި ބެހޭ ގަވާއިދެއް ނެތް ހެދިފަކާއެއް. އެހެންވީމަ އަޅުގަނޑުމެން އައިސް އެ ގަވާއިދު ހަދަން އަވަސްވެގަތިން.” މާރިޔާ ވިދާޅިވިއެވެ.

އޭގެ އިތުރުން 2018 ވަނަ އަހަރު ޑިސެންބަރު މަހުގެ 21 ވަނަ ދުވަހު ޓުވިޓާގައި ޒުވާނަކު ވަނީ ގ.ފެހިމާގޭގައި ހުރި ގޯޑައުންއެއްގައި އަލިފާން ހިފާ ޒާތުގެ ކެމިކަލްތަކެއް ގުދަން ކޮށްފައިވާކަމުގެ މައުލޫމާތު މިނިސްޓަރ މާރިޔާ އާއި މާލޭ ސިޓީ ކައުންސިލް ޝިފާގެ ސަމާލުކަމަށް ގެނުވާފައެވެ. އެކަމާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލު ދެއްނެވުމުން އެ ސުވާލަށް މާރިޔާ ޖަވާބު ދެއްވާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

މިހާތަނަށް އައިރު ކެމިކަލް ގެންގުޅުމާއި ގުޅޭގޮތުން ގަވައިދެއް ހެދިފައި ނުވާކަން އަނެއްކާވެސް ތަކުރާރު ކުރެއްވުމަށްފަހު މާރީޔާ ވިދާޅުވީ މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު ކެމިކަލްއާއި ގުޅޭ ޤަވައިދެއް ހެދުމަށް އަވަސްވެގަތް ކަމަށެވެ. އެގަވައިދު ތައްޔާރުކޮށް ޑްރާފްޓް ކޮށް އޭޖީ އޮފީހަށް ހިއްސާކޮށްފައިވާ ކަމަށް އެކަމަނާ  ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ގަވައިދަކީ ވަރަށް ފުޅާދާއިރާއެއްގައި ދިރާސާ ކުރުމަށްފަހު ހެދިފައިވާ ގަވައިދެއް ކަމަށެވެ. މި ގަވައިދުގައި ނިންމަން ހުރި އެންމެ ފަހުގެ ކަންކަން ނިންމުމަށްފަހު އަންނަ ހޯމަ ދުވަހު ގެޒެޓު ކުރާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކުފުޅުގައި މިހާދިސާއާއި ގުޅިގެން އާންމުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ  ތަންތަނުގައި ކެމިކަލް ގުދަންކުރެވިފައި ހުންނަ ގޮތާއި ކެމިކަލް ގުދަނެއްގައި ރޯވުމުން ކަމަށެވެ. އެކަންކަން ދިރާސާކުރަމުންދާ ކަމަށާއި އަދި ސްޓޭކް ހޯލްޑާޒްއިންނާވެސް ވާހަކަދައްކަވަމުން ދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރޯވި ގުދަން އެންމެ ފަހުން އިންސްޕެކްޓް ކުރެވުނީ މެއި މަހުގެ ތެރޭގައި ކަމަށެވެ. އަދި އެ ތަނަށް ކެމިކަލް  ފަދަ ނުރައްކާތެރި އަލިފާން ހިފާ އާލާތްތައް ގުދަން ކުރުމަށް ހުއްދަ ދެވިފައި ނުވާކަމުގައި މާރިޔާ ވިދާޅުވިއެވެ.

މިހާތަނަށް ހެދި ދިރާސާތަކުން ދައްކާގޮތުގައި މާލޭގެ އެކި ސަރަޙައްދުތަކުގައި ކެމިކަލް ގުދަން ކުރެވިފައިވާ 126 ގުދަން އެބަހުރި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިހާރުވެސް މިތަންތަނުގައި ތަފާތު އެކި ވައްތަރުގެ ކެމިކަލް ގުދަން ކުރެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކެމިކަލް ހުރި އިމާރާތްތަކުގެ ތެރެއިން 82 ގުދަނަކީ މީހުން ދިރިއުޅޭ އިމާރާތްތަކުގައި ހުރި ގުދަންތަކެވެ. މާލޭގައި ހެދިފައިވާ ގުދަންތަކުގެ ތެރެއެއިން 98 ގުދަނަކީ މީހުން ދިރިއުޅޭ އިމާރާތްތަކާއި އިންވެގެން ހުރި ގުދަންތަކެއް ކަން ފާހަގަކޮށްލެވެއެވެ.

ދިރާސާގެ އަލީގައި ފާހަގަވެފައިވާ ކަންކަމާއި މެދު މަޝްވަރާ ކުރެއްވުމަށްފަހު ފައިނަލްވި 4 ކަމެއް މިނިސްޓަރ ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ޢާންމުކުރައްވާފައެވެ.

އޭގެ ތެރޭގައި މީހުން ދިރިިއުޅޭ ސަރަޙައްދުތަކުގައި ކެމިކަލް ގުދަން ކުރުން މަނާކުރުމާއި ބޮޑެތި ކެމިކަލް ގުދަން ހެދުމަށް ތިލަފުށި، ގުޅީފަޅު ފަދަ ރަށްރަށުން ބިން ދިނުމާއިއެކު އެކަން ކުރެވޭނެ މަގު ފަހިކޮށްދިނުން ހިމެނެއެވެ.

ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ކެމިކަލް ނައްތާލުމުގެ ކަންކަން ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތްތައް ކަމުގައިވާ އެންވައިރަމަންޓް މިނިސްޓްރީއާއި، ހެލްތް މިނިސްޓްރީއާއި މާލޭ ސިޓީ ކައުންސިލާއި ވެމްކޯއާއި ގުޅިގެން ނައްތާލުމުގެ އިންތިޒާމު ހަމަޖެއްސުމެވެ. ހަތަރުވަނަ ކަމެއްގެ ގޮތުން މިހާރުން މިހާރަށް ވީހާވެސް އަވަހަށް ކެމިކަލް ޤަވައިދު ގެޒެޓު ކުރުން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: