ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރިން ބޭނުން ދާއިރާއަކުން ކުރިއަށް ދިއުމަށް ފުރުސަތުދީ: ރައީސް ޞާލިހް

ފޮޓޯ:ވަން އޮންލައިން.. ރައީސް ޞާލިހް އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ބެލެނިވެރިންގެ ދައުރަކަށް ވާންވީ ވަކި ރޮނގަކުން ކުރިއަށް ދާން ދަރިވަރުންނަށް މަޖުބޫރު ނުކޮށް މަގުދައްކައިދީ އަދި ދަރިންނަށް ހިތްވަރުދޭ ބަޔަކަށް ކަމަށް ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް އެމޭރެމުން ވާހަކަފުޅު ދެއްކެވީ ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭގައި މިދިޔަ އަހަރުގެ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި، ހަނދާނީ ލިޔުން ދިނުމަށް ބޭއްވެވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދަރިވަރުން ކުރިއަށް އެންމެ ދާހިތްވާ ދާއިރާއަކުން ކުރިއަށް ދިއުމުގެ ފުރުސަތު ދިނުމަކީ ވަަރަށް މުހިންމު ކަމެއް ކަމަށާއި އެކަމުގައި ބަަލަންވީ މައިންބަފައިން ހުވަަފެން ދެކޭ ނުވަތަ އުންމީދުކުރާ ދާއިރާއަކުން ދަރިފުޅު ކުރިއަށް ފޮނުވުމަށް ނޫން ކަމަށްވެސް ރައީސް ޞާލިހް ވިދާޅުވިއެވެ.

“ބެލެނިވެރިންގެ ދައުރަކަށް ވާންވީ، ވަކި ރޮނގަކުން ކުރިއަށް ދާން ދަރިވަރުންނަށް މަޖުބޫރު ނުކޮށް މަގުދައްކައިދިނުން. އަދި ދަރިވަރުންނަށް ހިތްވަރުދީ، މަގުފަހިކޮށްދިނުން. އޭރުން އެ ކުދިންގެ ފަރާތުން ޢާއިލާއަށާއި ޤައުމަށް ލިބޭ ފައިދާ މާ ބޮޑުވާނެ. އެ ކުދިންގެ ކުރިމަގުވެސް މާ އުޖާލާވާނެ” ރައީސް ޞާލިހް ވިދާޅުވިއެވެ.

ދަރިވަރުން ކުރިއަށްދާން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމުގެ ފުރުސަތު ދިނުމުން އެކަމުން މުޖުތަމައަށްވެސް ކުއްޖާގެ އާއިލާއަށްވެސް ކުރާ ފައިދާމާ ބޮޑުވާނެ ކަމަށެވެ.

ރައީސް ޞާލިހް ވަނީ ކިޔަވާ ދަރިވަރުންނަށް މައިންބަފައިން ދެއްވާ ހެޔޮ ނަސީހަތް ގަބޫލުކޮށް މާތްވެގެންވާ އިސްލާމްދީނުގައި އަބަދުވެސް ސާބިތުވެ ހުރުމަށް އެދިލައްވާފައެވެ.

ޢިލްމު ހޯދުމަށް ނުވަތަ ދިރިއުޅުމެއް ފެށްޓުމަށްޓަކައި ދުނިޔޭގެ ހަތަރު ބިތަށް ދަތުރުކުރިޔަސް ވެސް ދިވެހި ފަސްގަނޑުގެ އުފަން ދިވެހި ދަރިންކަން، ހިނދުކޮޅަކަށްވެސް ހަނދާނުން ކައްސާލިޔަދީގެން ނުވާނެ ކަމަށްވެސް ރައީސް ޞާލިހް ވިދާޅުވިއެވެ.

“އަޅުގަނޑު މިއަދު ތިޔަ ދަރިވަރުންގެ ފަރާތުން އެދޭ ވަރަށް ބޮޑު އެދުމެއް އެބައޮތް. އެއީ މައިންބަފައިންނާއި ބެލެނިވެރިންގެ ހެޔޮ ނަޞޭޙަތް ޤަބޫލުކޮށް، އިސްލާމީ ރިވެތި އަދަބު އަޚުލާޤުގައި ސާބިތުވެ ތިބުން. ކޮންމެ ކަމެއްގައިވެސް ތެދުވެރިކަމާއި އަމާނާތްތެރިކަން އިސްކުރުން. އަނެކުންނަށް އިޙްތިރާމް ކުރުމާއެކު، އަނެކުންގެ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތުން” ރައީސް ޞާލިހް ވިދާޅުވިއެވެ.

ރައީސް ޞާލިހް ވިދާޅުވީ، މިޒަމާނަކީ އެންމެންވެސް ހައްގުގެ ވާހަކަ ދައްކާ ޒަމާނެއް ކަމަށާއި، ކޮންމެ ކުއްޖެއްވެސް ހަނދާން ކުރަންވީ ތިމާއަށް ލިބެންޖެހޭ ކޮންމެ ޙައްޤަކާ އެކުގައި، ތިމާ އަދާކުރަންޖެހޭ ޒިންމާތަކެއްވެސް ހުންނާނެ ކަން ކަމަށެވެ.

ރައީސް ޞާލިހް ވަނީ އެ ރަސްމިއްޔާތުގައި ވަނަތައް ހޯދި ދަރިވަރުންނަށް ހޫނު މަރުހަބާ އެއް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: