ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑައިރުގެ ހުވަފެން: ބާޢީ ލުތުފީ ހައްޔަރުކޮށް މާލެ ގެންނަތަން ލޮލަށް ފެނުން!

ހުޅުލެ ، 10 ޖުލައި 2019 -- ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ އިސްކޮށް ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ހައްޔަރުކޮށް ރާއްޖެ ގެނައުން -- އަހުމަދު ޝުރާއު | އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ލަންކާގެ ތަމަޅަ ގްރޫޕެއް ގޮވައިގެން މާލެ އެރި ހެންވޭރު ހާޖަރާގެ އަބްދުﷲ ލުތުފީ އެންމެފަހުން ރާއްޖެ ގެންނަ ވާހަކަ އަޑުއެހީ ވަރަށް އުފަލާއި އެކުގައެވެ. ހާޖަރާގޭ ލުތްފީއަށް މިހިތުގައި އޮތް ރުޅިވެރިކަމާއި ނަފްތަރު ދުވަހަކުވެސް ކުޑައެއް ނުވާނެއެވެ. އެކަމަށް ބަދަލެއް ވެސް ނާންނާނެއެވެ. 1997 ގައި އުފަންވިޔަސް، އެންމެ ޅަ އުމުރުން ފެށިގެން އައިސް މިއަދާއި ހަމައަށްވެސް އުމުރުން ދުވަސްވީ މީހުންގެ ފަރާތުން އަޑުއިވުނު ވާހަކައަކީވެސް އެއީއެވެ. ދަރިފުޅުމެންނަ ދުވަހަކުވެސް އެފަދަ ދުވަހަކާއި ކުރިމަތިލާން ނުޖެހޭނެކަމަށް އަބަދުވެސް ދުއާ ކުރާ ވާހަކައެވެ. އެދުވަހުގެ ބިރުވެރިކަމާއި ނާމާންކަމުގެ ވާހަކައެވެ. އެދުވަހު ގައުމުގެ ދިފާއުގައި، ދިވެހި ލޭ ހުރި ކުދިން ނިކުމެ ކުރި ޖިހާދުމަތިން ދުވަހަކުވެސް ހަނދާން ނައްތާނުލުމަށް މާމަމެންނާއި ކާފަމެން އެދުނެވެ. ސްކޫލުން އަޑުއިވުނީ، ގައުމުގެ ދިފާއުގައި ނިކުތް މީހުންގެ ހިތްވަރާއި އެ އަޒުމުގެ ވާހަކައެވެ. ގައުމަށްޓަކާ މޭ އަޑަނައަކަށް ހަދާ ނިކުތީ ކެރިގެންކަމެވެ. އެ ދުވަހު ޝަހީދުވި ޝަހީދުންގެ ވާހަކައިވޭވޭ ކޮންމެ ފަހަރަކު އަހަރެން ފަހުރުވެރިވަމެވެ. 

ނޮވެމްބަރު 3 ގެ އުދުއާނީ ހަަމަލާގައި ގައުމަށްޓަކާ މޭ އައްޑަނައަކަށް ހެއްދެވި ޝަހީދުން

އަހަންނަކީވެސް، މާ ވަތަނީ ވަތަނީ މީހަކަށް ނުވެދާނެއެވެ. އެހެން ނަމަވެސް، މިގައުމުގެ ފަސްގަނޑަށް ބޮންއުކާ، އަމިއްލަ އެދުމުން ފޯވެ ހުރެ މި ބިން ނައްތާލުމަށް އައި މީހަކަށް ނަފްރަތު ނޫން އެހެން އެއެއްޗެއް ނެތެވެ. ޝަހީދުން ގައުމަށްޓަކާ ވީ ގުރުބާނީއަށްވާ އެ ފަހުރާއި އެއްވަރަކަށް ބާޢީ ލުތްފީ ދެކެ އަހަރެން ނަފްރަތު ކުރަމެވެ. ސޯޝަލް މީޑިއާއަށް ވޭތުވެ ދިޔަ ދެ ހަފްތާއެއްހާ ދުވަހު އަހަރެންދޫކޮށްލީ ހަމަ އެ ނަފްރަތެވެ.

ނޫސްވެރިއެއްގެ ހައިސިއްޔަތުން ކަންކަން ހޯދާ ދެނެގަންނަން ލިބުނު ފުރުސަތުގައި ވަރަށް ގިނަ ކަންތަކެއް އެނގިގެންދިޔައެވެ. މިދިޔަ އަހަރުގެ ނަސްރުގެ ދުވަހުވެސް އަހަރެން ހަމަ ރިޕޯޓެއް ލިޔުނީމެވެ. ބާޢީ ލުތުފީ ކޮބައިތޯ އާއި، އޭނާ ފިލުވަން ޖާގަ ދިނީ ކޮން ބައެއް ކިހިނަކުންކަމާއި މެދު ވަރަށް ސުވާލު އުފެއްދީމެވެ. އޭރުވެސް، ނުވަ އަހަރަށްފަހު ވިޔަސް ނުވަތަ އެހެން ގޮތަކަށްވިޔަސް ލުތުފީ ގެންނަ ގޮތަކަށް މާލެ ގެންނައިރު އެއާޕޯޓުގެ އެރައިވަލް ކުރިމަތީ މައިކެއް ހިފައިގެން އެހެން ނޫސްވެރިންތަކަކާއި އެކު ހުންނަންޖެހިދާނެކަމަކަށް އެއްފަހަރުވެސް ހިތަކަށް ނާރައެވެ.

ރާއްޖެއަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައި ވަނިކޮށް ގިނަ ދުވަސްތަކެއް ވަންދެން ސްރީލަންކާގައި ފިލައިގެން އުޅުނު ލުތުފީ މާލެ ގެނެވުނު ދުވަސް — ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ލަންކާގެ ތަމަޅަ ގްރޫޕެއް ގޮވައިގެން މާލެ އެރި ހެންވޭރު ހާޖަރާގެ އަބްދުﷲ ލުތްފީ އެންމެފަހުން ރާއްޖެ ގެންނަ ވާހަކަ އަޑުއެހީ ވަރަށް އުފަލާއި އެކުގައެވެ. މުޅި ދުވަސް ނިމެންދެން އޮފީހުގައި ހުރެ ކުރި ބުރަ މަސައްކަތަށް ވަރުބަލިކަމެއް ހުއްޓަސް، އެންމެ ފުރަތަމަ ވެސް އިސްވެ ބޯ ހިއްލާލަމުން ބުނެލެވުނީ “އެ ބާޢީ ގެންނަތަނަށް ދާނީ އަހަންނެވެ”. އެއާއި އެކު، އިތުރު އެކަކު ގޮވާލާފައި ބުންޏެވެ. “މާތު، އަޅެ މަގޭ މަތިން އޭނަށް ތީ މިއަދުވެސް ބޮޑު ބާޢީއެކޭ” ގޮވާލަ ދެއްޗެވެ. ސަކަ ހިނިގަނޑެއްގައި އަހަންނަވެސް ބުނެވުނީ “މިރޭ ބިހާ ޓޮމާޓޯވެސް ގެންދަންވާނެ” މިހެންނެވެ. ކޮންމެއަކަސް، އެކުވެރި ނޫސްވެރިންނާއި، ތަނުގެ އޮންއެއާ އާއި އެކު ވަރަށް ތައްޔާޜުވެލީމެވެ. އެއާޕޯޓުގެ އެރައިވަލްއިން ލުތުފީ ނެރޭވަގުތު، ކަންތައް ކުރަންވީގޮތް އިސްމީހުން ދިޔައީ ފޯނު މެދުވެރިކޮށް ކިޔައިދެމުންނެވެ. އެރައިވަލްއިން ނިކުންނަ މީހުން ހުސްވުމާއި އެކު ކެމެރާތަކުގެ ފޯކަސް ހުރީ ދޮރު ހުޅުވޭނެ ވަގުތަކަށެވެ. އިރުކޮޅެއްގެ ތެރޭ ކުލަ ހެދުމުގައި ތިބި ފުލުހުން ނިކުންނަތަން ފެނުނެވެ. އެހެން ނަމަވެސް އަހަންނަ ލުތުފީ ފެންނަ ގޮތެއް ނުވިއެވެ.

އެއްގޮތަކަށް ވެސް ބޮޑު ބާޢީއަކު ދެ އަތް ފުޅާކޮށްލާފަ ނިކުމެދާނެއެކޭ އަހަރެންގެ ހިތަކަށްވެސް ނާރާނެތާއެވެ. ސިކުންތު ކޮޅެއްގެ ހުސްވަގުތަކަށްފަހު، އެއީ ބާޢީ ލުތުފީކަން ރޭކާލިއެވެ. އެއާއި އެކު އަހަރެންވެސް މައިކުން ވާހަކަ ދައްކަމުން އޭނާގެ ފަހަތުން ހިނގައިގަތީމެވެ. އެކި ދިމަ ދިމާތަކުން ދެމިގަނެގެން އަހަރެން އެރީ ލުތުފީގެ ކުރިމައްޗަށެވެ. އެހެރަ ބޮޑާ ކަމެކެވެ. އޭނާގެ މޫނުމަތީ ހުރީ ނުބައި ނުލަފާ ހިނިތުންވުކެވެ. ހުރީ ފަހުގެ ޓީޝާޓަކާއި، ޖީންސްއެއް ލާފައެވެ. ބޮލުގައި ތޮތްޕެއް އޮތެވެ. މަގުމަތީ އުޅޭ މީހެއްހެން އައިނު އޮތީ ކަންފަތާއި ދިމާލުން ދަތްދޮޅީގައި އަޅުވާފައެވެ. މުޅި އެއާޕޯޓުގެ އޮތް މާހައުލު ބަދަލުވެ އަޑު ގަދަވާން ފެށިއެވެ. ބާއީއަށް ގޮވާ “ހަޅޭއްލަވަން” ފެށިއެވެ. ލުތުފީ ހިނގާފައި ކުރިޔަށް ދާން ޖެހުނީ ދިވެހިންގެ ރުޅިވެރިކަމާއި ނަފްރަތާއި ހަޅޭކުގެ އަޑުގެ އަހަމުންނެވެ.

މަރަދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވިހެން އޭނާ އެއިނީ މުސްކުޅިވެފައެވެ. ޝަރީފަށްވުރެންވެސް ޒުވާންހެން ހީވެއެވެ. އެހެން ނަމަވެސް، ވަރަށް ވެސް ފިޓެވެ. ގައިގަ ވަރުވެސް އެބަހުޓެވެ. ފާއިތުވި ނުވަ އަހަރު އުޅުނީ އުފަލާ، މަޖަލާއި، އަރާމާއި، ބޭނުންހާ އެއްޗެއް ކައިގެން ބޮއެގެންކަން އަހަންނަށް ޔަގީނެވެ. 

ހާޖަރާގޭ އަބްދުﷲ ލުތުފީ މާލެ ގެނެވުނު ދުވަސް / ފޮޓޯ: ޙުސައިން މަޚްތޫމް | ދަޕްރެސް

ބާޢީ ލުތްފީ ހުރީ، ޝަރީފަށްވުރެ ވެސް ފިޓުކޮށެވެ. އެހެން ކަމުން، މުސްކުޅިއެކޭ ބުނެ، މައާފެއް ދެވޭނެ އެއްވެސް ޖާގައެއް ނެތެވެ. ހަމަ ގައިމުވެސް އަހަންނެއް ލުތުފީއަށް މާފެއް ނުކުރާނަމެވެ. މަގުމައްޗަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި ހަމަގައިމުވެސް އެންމެ ކުރީގައި ހުންނާނަމެވެ.

ދެން އަނެއްކާވެސް އިތުރު ވާހަކައަކަށް ޖެހިލާނަމެވެ. ފަހުގެ ތާރީޚުގައި ރާއްޖެ ދުށް އެންމެ ބޮޑު ޚާއިނު ނެރުނު އިރު އަތުގައި ބިޑިއެއް ނެތެވެ. އެހެންވެ މިއީ ރަސްމީ އިއްޒަތުގައި ލުތުފީ މާލެ ގަނައުންކަމަށް ބައެއް މީހުން ސިފަކުރިއެވެ. ލުތުފީ މާލެ އަރުވައި ފުރަތަމަ ގެންގޮސް ވެއްދީ އެންމެ ފަހު ނޭވާއާ ހަމައަށް ވެސް ދިވެހި ގައުމަށްޓަކައި މޭ އައްޑަނައެއްގެ ގޮތުގައި ދިއްކޮށް، ނޮވެމްބަރު 3 ގައި ޝަހީދުވި ހުސެއިން އާދަމްގެ ހަނދާނުގައި އިމާރާތްކުރި ފުލުހުންގެ މައި މަރުކަޒަށެވެ. އޭރަކުވެސް އޭނާގެ މޫނުމަތިން އަމިއްލަ ކުށް ގަބޫލު ކުރިކަމުގެ ނިޝާނެއް ނެތެވެ. އިނގިރޭސި ބަހުން، ނުވަތަ މި ޒަމާނުގެ ގޮތަށް ބުނާނަމަ ބާޢީ ހުރީ ވަރަށް “ކޫލްކޮށް، އެޓިޓިއުޑާއިއެކު” ހަމަޖެހިލައިގެންނެވެ.

ނަވާރަ ދިވެހިން ޝަހީދުކުރި މީހަކު ސެލެބްރިޓީ އެއްގޮތަށް ރާއްޖެ ގެނައުމަކީ ދިވެހިންގެ މޫނުމަތީގައި ޖެހި ތަފާލެކެވެ. އެ ނޫން ގޮތަކަށް އަހަންނެއް ނުބުނާނަމެވެ. ދެން އޮތީ ގައުމުގެ ޒުވާނުންގެ ވާހަކައެވެ. ޒުވާނަކަށްވެ ހުރެ، އަހަރެންވެސް މިވާހަކަ ދައްކަން ލަދުގަނެއެވެ. މުޅި ސޯޝަލް މީޑިއާގައި ބާޢީ ލުތުފީއަށް މީމްތައް ހަދައިފިއެވެ. ބައެއް އަންހެނުންގެ ހިތް ކުދިކުދިވެސް ވެއްޖެ. ބައެއް އޮންލައިން ވިޔަފާރި ކުރާ ކުންފުނިތަކުން ލުތުފީ މާކެޓިން ޓޫލްއަކަށް ހަދައިފިއެވެ.
ގައުމުގެ ހާލަތު، ދަށް ވާނީ މިހާވަރަކަށެވެ. ރިޕޯޓު ކުރުކޮށްލުމުގެ ކުރިން ކުރު ވާހަކައެއް ކިޔައިދޭނަމެވެ. ކުރިން މިފާހަގަކުރި މީމްތަކާއި، ލުތްފީ މާ ރީތިވެގެން ވާހަކަ ދައްކައި، ވަރަށް ގިނަ ޒުވާނުން ސޯޝަލް މީޑީއާގައި ޕޯސްޓުކުރިއެވެ. އެހެން ނަމަވެސް އެފަދަ ޕޯސްޓުތަކަށް ނަފްރަތުކޮށް ކޮމެންޓު ކުރި ޒުވާނުންތައް މަދެއް ނޫނެވެ. އެކަމާ އަހަރެން ވަރަށް އުފާވެސް ކުރަމެެވެ. އެއީ މި ގައުމުގެ ހުންގާނުގައި ހަގީގަތުގައިވެސް ހިފަންތިބީ ޒުވާނުންނެވެ. މި ގައުމުގެ ފަސްގަނޑު ދެކެ ލޯބިވާ ޒުވާނުންނެވެ. 

ލުތްފީ މާލެ ގެނައުމާއި ގުޅޭގޮތުން މީމް ހެދި މީހުންނަށް އަމާޒުކޮށް ޒުވާނަކު ކޮށްފައިވާ ފޭސްބުކް ޕޯސްޓެއް

ކޮންމެއަކަސް، ސޯޝަލް މީޑިއާގެ ޕޯސްޓުތަކުން އަހަރެންގެ ލޮލުގައި އަޅައިގަތް ޕޯސްޓެކެވެ. 2006  ވަނަ އަހަރު ކުޅުދުއްފުށީ ބޭއްވި ފޮޓޯ މައުރަޒަކުން އޭރު ކުޑަކުއްޖަކަށް ދިމާވި ހާދިސާއެކެވެ. ނަސްރުގެ ދުވަހާއި ގުޅުވައިގެން ބޭއްވި ފޮޓޯ މައުރަޒަށް މި ކުޑަކުއްޖާއަށް ދެވުނެވެ. ގަޔާ ކުރުވަނިވި ފޮޓޯތަކުން ހިތުގައި ގައުމީ ރޫޙު އާލާވަމުންދިޔަ އެ ކުއްޖާގެ ލޮލުގައި ކުއްލިއަކަށް އެޅައިގަތީ އަށް ފޫޓު ހަތަރު ފޫޓު ހުންނާނެ ބޮޑު ކުރެހުމެކެވެ. އެ ކުރެހުމުގައި ވަނީ، އަނިޔާވެރިންގެ ބަޑިތަކަށް ގައުމުގެ ދިފާއުގައި ނިކުތް ޒުވާން ޝަހީދު ހުސެއިން އާދަމްއެވެ. ފޮޓޯއިން ފެންނަނީ އެ ކުޑަ ގޮޅީގެ ތެރެއަށް ހުސެއިން އާދަމް ޝަހީދުވެފައި އޮއްވަ އެވެ. ނޭނގުމެއްގެ ތެރެއިން ކުށްލިއަކަށް ފެނުނު އެ ފޯޓޯއިން އެ ކުއްޖާއަށް ވަރަށް އަސަރުކުރިއެވެ. ހިތުގައި ބިރުވެރިކަން އުފެދުނެވެ. މިއަދު އެ ކުއްޖާ ޒުވާންވެ، ޖާނުން ވަރުގަދަޔަސް، އެ ކުރެހުން އޭނާގެ ފަހަތުން ދުވާކަހަލައެވެ.

ބާޢީ ލުތުފީދެކެ އޭނާ ކުރާ ނަފްރަތު އެ ޕޯސްޓުގައި ވެސް ލިޔުނެވެ. އޭނާ މީމްއަކަށް ހަދާމީހުންގެ ލަދުކުޑަކަމުގެ ވާހަކަ ދެއްކިއެވެ. ގައުމުގެ ހަލާކުގައި ނިކުތް ބާޢީއަށް މި ގައުމުގެ އެއްވެސް މީހަކު މައާފެއް ނުކުރާނެކަމަށް ބުންޏެވެ. ޕޯސްޓު ނިންމާލަމުން ބުނެފައިވަނީ މިހެންނެވެ. އަހަރެންގެ މި ޕޯސްޓު ކިޔާ މީހަކު ހިތަށް އަރާނީ އެ ކުޑަކުއްޖާއަކީ ކާކު ހެއްޔެވެ. އެ ކުއްޖާ މިއަދު ކޮބައިހެއްޔެވެ. އެއީ އެ ޕޯސްޓު ލިޔުނު ޒުވާނާއެވެ. އުމުރުން ވިހިއަހަރުން މައްޗެވެ. ޕޯސްޓު ކިޔާ ނިންމާލިއިރު އަހަންނަށްވެސް ބުނާނެ އެއްޗެއް ނޭނގުނެވެ. އާނއެކެވެ. ލުތުފީއަކީ ބާޢީއެކެވެ. ބޮޑު ބާޢީއެކެވެ.  ހެވިފައިހުރިގޮތުން ލަދެއްގެ ކަންފުޅެއްވެސް ހުރިހެނެއް ހިއެއްނުވެއެވެ. ހިތުންމީނަމީ “ސެލެބްރިޓީ” އެކެވެ. ކޮންމެމީހަކު ކޮންމެ އެއްޗެކޭ ބުންޏަކަސް ބާޢީއަކަށް ސަލާމާތް ވެވޭނެ އެންމެ މަގެއް ވެސް ނޯންނާނެއެވެ!

ލުތްފީ މާލެ ގެނައުމާއި ގުޅޭގޮތުން މީމް ހެދި މީހުންނަށް އަމާޒުކޮށް ޒުވާނަކު ކޮށްފައިވާ ފޭސްބުކް ޕޯސްޓެއް

ދިވެހި ގައުމާއި މި ފަސްގަނޑަށްޓަކާ މޭ އައްޑަނައަކަށް ހަދައި އެތައް ބަޔަކު ޝަހީދުވެގެން ދިޔައީ ރާއްޖޭގެ ނަން ރަންއަކުރުން ފަވާލާފައެވެ. އެ ހުރިހާ ބޭކަލުން ރާއްޖެއަށް ނަސްރު ހޯއްދަވައިދެއްވީ ވަރަށް ފުރިހަމަ ކަމާ އެކީގައެވެ. ނަމަވެސް އެދުވަހުގެ ބިރުވެރިކަމާ އެ ދުވަހުގެ ހަނދާންތައް ދިވެހިންގެ ލޯކުރިމަތިން ފެންނާނެ ކަމާއިމެދު އެއްވެސް ޝައްކެއްނެތެވެ. އެހެންކަމުން މިއަދު އެ ބޭކަލުން އެވީ މަތިވެރި ޤުރުބާނީގެ އަގުވަޒަންކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަދި ދަންނަވަންތޯއެވެ؟ ބާޢީ ލުތުފީއަށް ދިވެހިން އެއްފަހަރު މަޢާފްދީފިއެވެ. އެއީ އޭނާ މަރާލަން ކުރި ހުކުމް ލުއި ކޮށްދީ އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކުރުމެވެ. އެހެން ކަމުން ދެން ދިވެހިން ބާޢީ ލުތުފީއަށް ދޭނެ މާފެއް ނޯންނާނެއެވެ.

ދަންނައެވެ. ޓެރަރިސްޓުންނަކަށް މަޢާފެއް ނެތެވެ. އެހެންކަމުން އަދި އެތައް ހާސް އަހަރެއް ހުސް ވިޔަސް ލުތުފީ ވާނީ ހަމަ ބާޢީ އަކަށެވެ. އެ ހާދިސާ ދިވެހި ތަރީޚުގައި ލިޔާނީ ކަޅު ސަފްހާތަކުގައެވެ. ބާޢީން ޢާޒީންނަށް ހަދަން އުޅޭ މީހުންނަށް އަޅުގަނޑު ދަންނަވާލަން އޮތީ ހަމަ އެންމެ ވާހަކައެއްކެވެ. “ގައުމާ މަގެ ދީނާ މަގެ އަމްނާ ނުކުޅެއްޗޭ،  ތާރީހު ބަލާ އެނގިތިބެ ޣައްދާރު ނުވައްޗޭ” އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: