ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އެދުރުވިޔަކަސް” “ފަތެއް” ނުލިބޭނެ!

ފޮޓޯ.. ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިން ބުނެ އުޅޭތީ އަޑު އަހަމެވެ. ފޮތެއް އޮތަކަސް އެދުރެއް ނުވާނެއެވެ. މި ބަސް ބުނެ އުޅެނީ  ފޮތެއް އޮތަކަސް އެއިން އެއްޗެހި އޮޅުން ފިލުވައިދޭނެ މީހަކު ނެތި އަމިއްލަޔަށް އުނގެނި ނުގަނެވޭނެކަން އަންގައި ދިނުމުގެ ގޮތުންނެވެ. މި ބަހުގައި ބުނެވިދިޔަގޮތަށް ދިވެހިންގެ ތެރެއިން ގިނަ ބަޔަކީ އެ ބުނާ މޭރުމުން ތައުލީމަށް ލޯބިކުރާ ހޭހަން ބަޔަކު ދިރިއުޅޭ މުޖުމަތަމައުއެއްގެ ވެރިބައެކެވެ.

ކޮންމެއަކަސް، ތިމާގެ ޖީބުން ބޮޑު ޚަރަދުތަކެއްކޮށްގެން، ތިމާގެ އަގު ހުރި ވަގުތު ތައުލީމް އުނގެނުމަށް ހުސް ކުރަނީ އެދުރުވާން ބޭނުންވާތީއެވެ. އޭގެ ބޭނުމަކީ، ތިމާ އަކީ މުޖުތަމައުގައި ބޭނުން ހިފޭ، ތަހުޒީބު މީހަކަށްވުމެވެ. ތައުލީމް އުނގެނުމުގެ ބޭނުމަކީ ތިމާގެ ޢިލްމާއި ޚިލްމު އިތުރުކުރުން އެކަންޏެއް ނޫނެވެ. ތައުލީމް އުނގެނެނީ ތިމާ އެދޭ ވަޒީފާ އަށް ޤާބިލް މީހަކަށް ވުމަށްޓަކައެވެ. މުސްތަޤްބަލް އުޖާލާކޮށް މަޤާމްތަކަށް ކުފޫ ހަމަވާ މީހަކަށް ވުން ވެސް އުނގެނުމުގެ އެއް މަޤްސަދަކަށް އޮންނަނީ ވެފައެވެ. ކިޔަވަންދާ ދަރިވަރު ކޮންމެ ދުވަހަކު ކުރާ އުންމީދަކީ، ކިޔަވާ ނިމުމުން ބަނޑުފުރާނަ މުއްތި ކުރަން ވަޒީފާއެއް ހޯދަން ސަލާން ނުޖެހޭނެ ކަމުގެ އުންމީދެވެ. ކިޔަވާ ނިމުމުން ތިމާގެ ހުވަފެން ހަގީގަތަކަށް ވާނެ ކަމުގެ އުންމީދެވެ. ހައިބަތު ރަނގަޅު ވަޒީފާތަކަށް ގޮސް، ޤައުމަށް ޚިދުމަތް ކުރުމުގެ ފުރުސަތު ލިބޭނެ ކަމުގެ އުންމީދެވެ. ހަމައެހެންމެ ޤައުމަށް ޚިދުމަތްކޮށް، ލިބޭ ޢިލްމާއި ޚިލްމުގެ ބޭނުން ކުރެވޭނެ ކަމުގެ އުންމީދެވެ. 

އެކަމަކު ހަގީގީ ދުނިޔެއަށް ހޭލައްވާނީ ވަޒީފާގެ މައިދާނަށް ނުކުންނަން އެ ދަރިވަރު ފައި ނަގާ ހިސާބުންނެވެ. ދަސްވެނިވުމާއި ހަމައަށް ކުރި ބުރަ ދަތުރުގެ އަގެއް އެބައޮތްބާއޭ އެ ދަރިވަރު ހިތައް އަރާ މިންވަރަށް އޭނާ މާޔޫސްކޮށްލައެވެ. މިއަދުގެ މި މުޖުތަމައު އަށް ބަލާލީމަ ސަހަނރޯ ހީވާހާ ވެއެވެ. ތިމާގެ އުމުރުން އެތައް ދުވަހެއް ތައުލީމް ހާސިލްކުރުމަށް ހުސް ކުރި ޒުވާނުން ތިބެންވީ ކަރުއެލުވާލައިގެންނެވެ. އަތުގައި އޮތް ތައުލީމީ ސެޓްފިކެޓުން ވަޒީފާ އަށް ލިބޭ މާ ބޮޑު ކުރިއެރުމެއް ނޯވެއެވެ. ގިނަ ފަހަރު، އެ ސެޓްްފިކެޓްގެ ސަބަބުން މުސާރައިގެ ކުރިއެރުމެއް ނުލިބެއެވެ. ޑިޕްލޮމާ އާއި ޑިގްރީގެ ސެޓްފިކެޓް ހިފައިގެން އެއް އިންޓަރވިއުއިން އަނެއް އިންޓަރވިއުއިން ދުވާމީހުން މި ރާއްޖޭގައި މަދެއް ނޫނެވެ. އެތައް ދުވަހެއްގެ ތަޖުރިބާ އާއި އެކު މެނުވީ ތަނެއްގެ މެނޭޖަރެއް ނޫނީ ސުޕަވައިޒަރެއްގެ މަޤާމުވެސް އާންމު މީހާ އަށް ލިބެނީ މަދު ފަހަރެއްގައެވެ. ދަރަނިވެރިވެގެން އުނގެނުނު ތައުލީމްގެ ބޭނުމަކީ މިއީބާއޭ އެ ދަރިވަރުން ހިތަށް އަރައެވެ. 

މި ހާލަތުގައި ފެންނަ މަންޒަރަކީ ގްރޭޑް ދިހައެއްގެ ހަތަރު މާއްދާއިން ފާސް ނުވާ މީހާ އަށް ކޯޑިނޭޓަރުކަން ދިން ވާހަކައެވެ. މިވެނި އެވެނި ސިޔާސީ މީހެއްގެ ތިމާގެ މީހަކަަށް، ސްޓޭޓް މިނިސްޓަރުކަން ދިން ވާހަކައެވެ. މިއީ ތައުލީމް އުނގެނިގެން ތިބި ޒުވާނުންނަށް ކުރާ މަލާމާތަކަށް ނުވޭތޯއެވެ. ޒުވާނުންގެ ތެރެއިން އެއްބަޔަކު ނިދި ނަގާލާފައި ތައުލީމް އުނގެނެން ތިބި އިރު އަނެއް ބަޔަކު ތިބީ ސޯޝަލް މީޑިއާގައި ސިޔާސީ މީހުންނަށް ހަޖޫ ޖަހާށެވެ. އެއްބަޔަކު ފޮތް ބޮނޑިތައް ހިފައިން ދެއިރު ދެ ދަޅައަށް ކޮލެޖްތަކާއި ޔުނިވަރސިޓީތަކަށް ދިޔައިރު، މި ދެންނެވި މީހުންތިބީ ހިތްރުހޭ ސިޔާސީ ވެރިންގެ ޓްވީޓްތައް ރީޓްވީޓް ކުރާށެވެ. ތައުލީމް އުނެގުނުނަސް، އުނގެނުނު އެއްޗެއްގެ ބޭނުން ހިފެނީ ހާލަކުން ފަހަރެއްގައެވެ. ވާނީވެސް އެހެންތާއެވެ. ތައުލީމީ މީހުންގެ އާރުކާޓީންނަށް ލާފައި ތިބި މީހުންނަކީ ސިޔާސީ ކުލައިން ފުރިފަވާ މީހުންނެވެ. 

ކޮންމެ ވެރިއަކު ވެސް ކިޔާާ ލަވައަކީ ޤައުމު ބާރުވެރި ކުރުވުމުގެ ލަވައެވެ. ޤާބިލް ތައުލީމީ ޖީލެއް ބިނާ ކުރުމުގެ ވާހަކަ ނުދައްކަވާ ޕޯޑިއަމްއެއް ހަރާމެވެ. 

އެހެންނަމަވެސް، ހަގީގަތް ދަންނަވަންތޯއެވެ؟ ވެރިކަމަށް އައުމުން ވަޒީފާގެ ވައުދު ފުއްދާ ދިނުމުގައި އިސްކަން ދެނީ އެއްކަލަ ރީޓްވީޓްކުރަން އުޅުނު ކުދިން ކޮޅަށެވެ. ސިޔާސީ ދަތުރުތައް ކޮށް، ނެގި ފޮޓޯތައް “ހިތް ހެޔޮ ރައީސް” މިހެން ލިޔެފަ މީސް މީޑިއާ ދޫކޮށްލުމުން، ހަދިޔާއެއްގެ ގޮތުގައި ވެރިކަމަށް ވަޑައިގެން ދެއްވަނީ ވަޒީފާގެ ފަތްކޮޅެވެ. މަތީ ތައުލީމް ހާސިލްކޮށްގެން އައިސް ތިބި ފަންނީ މުވައްޒަފުންނަށް އަމުރުކުރަން ތިބީ އެ ދާއިރާގެ އަލިފުވެސް ނުދަންނަ، ދާއިރާ އަށް ބީރައްޓެހި މީހުންނެވެ. އަދި ތައުލީމީ ގޮތުން ކިތަންމެ ފެންވަރު ރަނގަޅަސް އެ މީހަކަށް ވަޒީފާއެއް ލިބޭތޯ އާދޭސް ކުރަން ދާން ޖެހެނީ ކޮންމެވެސް ސިޔާސީ މޭސްތިރީހެއްގެ ފައިބުޑަށެވެ.

ތައުލީމީ މީހުންނަށް “ހައްގު މިންވަރު” މިއީ ބާވައެވެ؟

ޒުވާނުން ބާރުވެރިކުވާ، ތައުލީމީ ޤާބިލް ޒުވާނުންގެ ވާހަކަ ދައްކަން ތިބި ބައެއް ފަރާތްތަކަށް ލިޔެފައި އޮންނަ އެއްޗެއް ބަލައިގެން ކިރިޔާ ކޮށައި، ބޮށައި އެ ލިޔަން އެނގޭވަރު ވަނީއެވެ. ކޮންމެ ވެރިޔަކު ވެސް ވެރިކަމަށް ވަޑައިގަންނަވަނީ މަޤާމުތަކަށް ނަޒާހަތްތެރި ފަސްބައި ސާފު، ޤާބިލް ބޭފުޅުން އައްޔަން ކުރައްވާނެ ކަމަށް ވިދާޅުވެއެވެ. އެހެންނަމަވެސް އެ ވާހަކަތައް ވަނީ ބިލާހަކަށެވެ. ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ މަޤާމްތައް ދެއްވަނީ އަރިހުގައި ސިޔާސީ ދަތުރުތައް ކުރެއްވި ފަރާތްތަކަށެވެ. މި ދައްކަނީ ސިޔާސީ މަޤާމްތަކުގެ ވާހަކަ އެކަންޏެއް ނޫނެވެ. ދެންް މަޤާމްތަކަށް އައްޔަން ކުރަނީ ވެރިކަމަށް ގެންނަން ފަންޑު ކުރި މީހާ ރުހުން ދޭ ބައެކެވެ. ބާކީ މަޤާމެއް ހުރިއްޔާ، އެ މަޤާމްތައް ބަހާލަނީ އެކުގައި މަސައްކަތް ކުރި ކޯލިޝަން ހިތްރުއްސަންވެގެންނެވެ. 

އެންމެ އާދައިގެ ވަޒީފާ ވެސް ދިނުމުގެ ކުރިން ބަލަނީ ވަޒީފާ އަށް އެދުނު މީހާ ހުރި ޕާޓީއެވެ. ގިނަ ފަހަރު މަޤާމަކަށް އިޢުލާން ކުރަނީ ވަކި މީހަކަށް ފަހާ ހެދުމެއްހެންނެވެ. އެ މަޤާމަށް ކިތަންމެ ޤާބިލް މީހަކު ކުރިމަތި ލިޔަސް ހޮވާނީ “ވެރިޔާ” ވިދާޅުވާ ފަރާތެކެވެ.

ކަންކަން މި ހިސާބަށް ދިޔައިމަ، ޒުވާނުން މާޔޫސް ވީމާ ހައިރާންވާކަށް ނުޖެހެއެވެ. މިއަދު ކިޔަވައިގެން ވަޒީފާއެއް ނުލިބި ހުރި ދަރިވަރު ހިތަށް އަރާނެއެވެ. އަހަރެންވެސް ޓްވީޓް ކުރަން ހުރި ނަމަ، ވަޒީފާއެއް ލިބުނީސް ތޯއްޗެކެވެ. އެހެންވީމައި މިހާރު ކަންހިނގާ ބީދައަށް ބަލާއިރު، ލިބޭ ލަޤަބް ފިޔަވާ އުގެނުނު ތައުލީމަކުން ލިބުނު ކުރިއެރުމެއް ނެތެވެ. ހާސިލް ކުރި ހިލްމަކުން ތިމާއަށް ލިބުނު ހިތްހަމަޖެހުމެއް ނެތެވެ. ވަޒީފާ ހޯދަން ޖެހެނީ ސިޔާސީ މީހެއްގެ “އުނގަށް” ވެއްޓެން ދާށެވެ. އެ މީހުންނަށް ޚުޝާމަތު ނުކުރާހައި ހިނދަކު ވަޒީފާ ގަނޑެއް އަތަކު ނުޖެހެއެވެ.

 

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: