ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިންގެ ތެރޭގައި ހުރި ބައެއް ނުރަނގަޅު އާދަތައް

ފޮޓޯ:މީސްމީޑިއާ..
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ ކަނޑުތެރެއަށް އުކާލެވިފައިވާ މުތީތަކެއް ފަދަ އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެއަކީ އެތައް ބައެއްގެ ދުލުން ދުނިޔެމަތީގައިވާ ސުވަރުގެ ގޮތުގައި ސިފަ ކުރާ ތަނެކެވެ.

މިތަނަށް ޒިޔާރަތްކުރާ ކޮންމެ މެހެމާނަކަށް މަރުހަބާ ކިޔަނީ މިދީބުގެ ހަމަހިމޭންކަމާއި އަމާންކަމެވެ. ހިތަށް ފިނިކަމެއް ގެނެސްދެނީ ކާޅާއި ކޮއްވެއްޔާއި އަދި އެހެނިހެން ދޫނިސޫފާސޫފީގެ ނަލަ މިއުޒިކީ ރާގުންނެވެ. މިތަނަށް ޒިޔާރަތްކުރާ ކޮންމެ މެހެމާނެއްގެ ދުލުންވެސް ތައުރީފްގެ ބަސްތައް އޮހެނީ އަޅުގަނޑުމެންގެ ތެރޭގައި މިވާ އެކުވެރިކަމާއި އެއްބައިވަންތަ ކަމަށެވެ.

މިގައުމަށް ޗުއްޓީ ހޭދަކޮށްލުމަށް ޒިޔާރަތްކުރާ ގިނަ މީހުން ތިބެނީ މި ހިތްފަސޭހަ މަންޒިލް ދޫކޮށް ދާހިތް ނުވެފައެވެ. ނަމަވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ މިއަދު އަޅުގަނޑުމެން ދިިރިއުޅެމުންމިދާ މުޖުތަމައުގައިވެސް ރަނގަޅު ކުރަން ލަސްވެފައިހުރި އެތައް ކަމެއް ހުރިކަމެވެ.

އެހެން ގޮތަަކަށް ދަންނަވާނަމަ އަޅުގަނޑުމެންގެ ބައެއް އަމަލްތައް ހުންނަ ގޮތުން މިގައުމުގެ އިޖްތިމާއީ ފޭރާން މިދަނީ ދުވަހަކަށްވުރެ ދުވަހެއް ބޮޑަށް ވީދެމުންނެވެ. މިހެން އަތް އުރާލައިގެން ތިބެވޭކަށް ނެތެވެ. އަޅުގަނޑުމެންގެ ތެރޭގައި އޮތް ރިވެތި އާދަތަކާއި އަހްލާގް އެއްކޮށް ނެތިގެން ނުދަނީސް މިކަން އިސްލާހު ކުރަންވެއްޖެއެވެ. ކުރިންވެސް ދެންނެވި ފަދައިން ދިވެހިންގެ ތެރޭގައި މިވަނީ އެތަކެއް ނުރަނގަޅު އާދަތަކެއް ހަރުލާފައެވެ. ދިވެހިންގެ ތެރޭގައި ހަރުލާފައިވާ ކަންބޮޑުވާންޖެހޭ ބައެއް ކަންކަމަށް ބަލައިލަމާ ހިންގާށެވެ.

ދިވެހިންގެ ތެރެއިން ނެތެމުންދާ އެންމެ މާޔޫސްވާން ޖެހޭ އެއްކަމަކީ އަޅުގަނޑުމެންގެ ކާބަފައިން އެ ޒާމާނުގައި ދަމަހައްޓަމުންދިޔަ ދިވެހިވަންތަ އާދަކާދައާއި ސަގާފަތް ނެތެމުންދިއުމެވެ. މިސާލަކަށް ބުނާނަމަ ކުރީ ޒަމާނުގައި ދިވެހި އަންހެނުން ސަގާފަރް ދިރުވައި އާލާކުރުމަށް ލައި އުޅުނު ދިވެހި ލިބާހެވެ.

ހިތާމައާއި އެކީ ފާހަގަކޮށްލަން ޖެހެނީ، އަދުގެ ޖީލުގެ އަންހެން ކުދިންނަށް ދިވެހި ކަސަބު ބޯވަޅުން ޖަރީކޮށްފައިވާ ދިވެހި ލިބާސް ލުމަކީ ފޫހި ކަމަކަށް ވެފައިވާ ކަމެވެ.

ދިވެހިވަންތަ ހެދުންތަކުގެ ބަދަލުގައި ވެސްޓާން ހެދުންތައް ލުމަށް ލޯބި ކުރެއެވެ. އައުރަ ފޮރުވޭ ނަލަނަލަ ދިވެހި ލިބާހުގެ ބަދަލުގައި ދިވެހި އަންހެން ކުދިން އިހްތިޔާރު ކުރަނީ، ތިމާގެ އައުރަ ނުފޮރުވޭ، ހަށިގަނޑުގެ ވަނާތައް އިނގޭނެ ހެން ހުންނަ އެކި ޒާތްޒާތުގެ ވެސްޓާން ހެދުން ތަކަށެވެ.

ދިވެހި ލިބާސް މާސަޅިއެއް ނޫންތޯއެވެ؟ ލިބާހުގެ ބޯވަޅު ރަންކުލައިގެ ކަސަބުން ޒިީނަތްކޮށްފައިވާއިރު، ޝާހީ ގޮތްގަނޑެއް ދައްކުވައިދެއެވެ.

ދިވެހި ލިބާސް ލުމުން މިއަދުވެސް ދިވެހި އަންހެނުންގެ ރީތިކަން އެތައް ގުނައެއް އިތުރުކޮށްދެއެވެ. ދިވެހި ލިބާހަކީ ދިވެހިވަންތަކަން ދައްކުވައިދޭ ޡަގާފީ ހެދުމެވެ. އަހަރަމެންގެ ދިވެހިންގެ އަމިއްލަ ޗާލު ހެދުމެއް އޮތް އިރު އެހެން ގައުމުތަކުގެ މީހުން ހެދުން އަޅާ ގޮތަށް ކޮޕީ ކޮށްގެން ހެދުންލުމުން ވާނެ ފައިދާއެއް އެބައޮތް ހެއްޔެވެ؟

ދެން އޮތީ ދިވެހި ބަހަށް ހަދާ އިހާނެތިގޮތުގެ ވާހަކައެވެ. ދިވެއްސެއްކަން އަންގައިދޭ އެންމެ ބޮޑު އެއް ރަމްޒު ކަމަށްވާ އަޅުގަނޑުމެންގެ މާދާރީ ބަހުގެ ބަދަލުގައި އެހެން ބަސްތަކަށް މުހިންމު ކަން ދޭ މަންޒަރެވެ.

ހިތާމައަކީ ދިވެހިންގެ އަތުން ދިވެހިންގެ މާދަރީ ބަސް ނެތިދާނެ ފަދަ ގޮތްތަށް އަމަލުކުރަމުންދާ ކަމެވެ. ދިވެހި ބަހަކީ، އަޅުގަނޑުމެންގެ ފަޚުރޭ، އެވެނިއެއްޗެކޭ، މިވެނިއެއްޗެކޭ ކިޔައި މޮޅެތި ވާހަކަތައް ދައްކާއިރު، އެދައްކާ ވާހަކަތަކާއި ދިވެހިންގެ އަމަލުތައް ހުންނަ ގޮތާއި ދިމާ ނުވާތީ އަޅުގަނޑުވެސް ލަދު ގަނެއެވެ. ހިތާމަވެސް ކުރަމެވެ.

ދިވެއްސެއްކަން އަންގައިދޭ އެންމެ މުހިންމު އެއް އެއްޗަކީ ދިވެހި ބަހޭ ކިޔާފަައި ދިވެހި ބަހާއި ކޮންމެވެސް އެހެން ބަހަކާއި މަސްހުނިކޮށްގެން ވާހަކަދެއްކުން ކަޑަ ނުންތޯއެވެ؟ އެހިސާބުން އެއޮތީ ތިމާ ބުނާ ބަހުގައިވެސް ނުހިފެހެއްޓިފައެއް ނުން ތޯއެވެ؟ އަމިއްލައަށް ވިސްނާލައްވާށެވެ.

އަޅުގަނޑުމެން ވާހަކަ ދައްކާއިރު ކޮންމެ ޖުމުލައެއްގެ ދޭތެރެއަށް އިނގިރޭސި ލަފްޒެއް ނުވަތަ ހިންދީ ލަފްޒެއް ލައިގެން ވާހަކަ ދައްކައި ހެދުމުން އަޑު އަހަންވެސް ހަޑި ނުންތޯއެވެ؟ އެގޮތަށް ދިވެހި ބަހާއި އެހެން ބަސްތައް މަސްހުނި ކޮށްގެން ވާހަކަ ދެއްކުމުން ދިވެހި ބަހުގެ ހަމަތަކަށާއި، ގަވައިދުތަކަށްވެސް ބުރޫ އަރައެވެ.

ދިވެހިންގެ އާދަކާދަތަކާއި ސަގާފަތުގެ ވާހަކަ ދައްކާއިރު ރިޕޯޓު ފެށުމުގެ ކުރިން ކުރިންވެސް ފާހަގަކުރިފަދައިން އަޅުގަނޑު މެންނަކީ މުސްލިމުންކަމުގައި ވާތީ ގެންގުޅެންޖެހޭ ހަމަތަކާ އުސޫލްތަކެއްވެސް އޮވެއެވެ.

އެގޮތުން އަމިއްލަ އެދުން އިސްކުރުމާއި، އެހެން މީހުންނާއި ދޭތެރޭ އިހާނެތިކޮށް ކަންތައްކުރުމުގެ އާދަ މުސްލިމުންގެ ތެރޭގައި އޮވެގެން ނުވާނެއެވެ. މުސްލިމުން ވާންޖެހޭނީ އަމިއްލަ މީހާގެ އުފާތަކަށް ސަމާލުކަން ދޭ މިންވަރަށް އެމީހާގެ އަޚާގެ އުފާވެރިކަމަށްވެސް ސަމާލުކަން ދޭން ބަޔަކަށެވެ.

މުސްލިމުން ވާން ޖެހޭނީ، އެއްބައިވަންތަ އެކުވެރި ބަޔަކަށެވެ. ތިބާގެ އަޚާގެ އުފާވެރިދުވަސްތަކުގެ ހިއްސާއަކަށް ވާ ބީދައިން، ތިބާގެ އަޚާގެ ދިރިއުޅުމަށް އަންނަ ކަނު އަނދިރި ދުވަސްތަކުގައި ވެސް އޭނާގެ ހިތްވަރަކަށެވެ. މުސްލިމުން ވާން ޖެހޭނީ އެކަކު އެނަކަކަށް އަޅައިލާ އޯގާވެރި ބަޔަކަށެވެ.

އެއްވެސް ހާލެއްގައި އަނެކާއަށް ދެރައެއް ދިނުމަށް މަސައްކަތްކުރާ ބަޔަކަށް އަޅުގަނޑުމެން މުސްލިމުން ވެގެން ނުވާނެއެވެ. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަންވީ އެއްބައިވަންތަ އެކުވެރި ބައެއްގެ ގޮތުގައި ތިބުމަށެވެ. އެކަކު އަނެކަކަށް އެހީތެރިވާ ބައެއްގެ ގޮތުގައި ތިބުމަށެވެ. ފަރުދީ ޒިންމާ ރަނގަޅަށް ނަގައި، މުޖުތަމައުގައި ރަނގަޅު ކުރަން ހުރި ކަންކަން ރަނގަޅު ކުރުމަށެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 25%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: