ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޟްވާންގެ ރިޕޯޓް އާއްމު ކުރުމާއި ދައުވާ ސާބިތުކުރުމާއި ގުޅުމެއް ނެތް: މާރިޔާ

ޑިފެންސް މިނިސްޓަރ މާރިއާ: ފޮޓޯ އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނޫސްވެރިޔާ އަހުމަދު ރިލްވާނާ ގުޅޭ ގޮތުން ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ތަފުސީލު ރިޕޯޓް އާއްމު ކުރުމާއި ދައުވާ ސާބިތުކުރުމާއި ގުޅުމެއް ނެތް ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ ރިޟްވާންގެ މައްސަލައިގެ ރިޕޯޓް އާއްމު ކުރުމުން ހެއްކަށް އަސަރުކޮށް މައްސަލަ ސާބިތުކުރަން ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށް ބައެއް ފަރާތްތަކުން ވިދާޅުވަމުން ގެންދަވާތީ ކުރެއްވި ޓްވީޓެއްގައެވެ.

މާރިޔާ ވިދާޅުވީ ރިޕޯޓްގައި ހުރި މައުލޫމާތައް ބިނާކޮށް ދައުވާ ކުރެވޭނެނަމަ މީގެ ކުރިންވެސް އޮންނާނީ ދައުވާކޮށްފައިކަމަށާއި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރުވެސް މަރުތަކާ ބެހޭ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދުގެ ރިޕޯޓްގައި ވަނީ ފުލުހުންގެ އަތުގައި ހުރި މައުލޫމާތުތައް ކަން ފާހަގަކުރެއްވިކަމަށެވެ.

އެހެންކަމުން ދައުވާ ސާބިތުވުމާއި ރިޕޯޓް އާއްމުވުމާއި ގުޅުމެއްވާ ކަމަށް ނުފެންނަކަމަށާއި ރައްޔިތުންނަށް ކަންކަން އޮޅުންފިލުން މާ މުހިންމުކަމަށް މާރިޔާ ވިދާޅުވިއެވެ. 

ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒް: ފޮޓޯ މިހާރު

މާރިޔާ މިހެން ވިދާޅިވެފައިވާއިރު ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާނާ ގުޅޭ ގޮތުން ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް، ރަައްޔިތުންގެ މަޖިލީހަށް ހިއްސާ ކުރުމަކީ އެ ކޮމިޝަނުން ހެދި ގޯހެއް ކަމަށް، ކުރީގެ އުއްތަމަ ފަނޑިޔާރު، އަހުމަދު ފާއިޒް ހުސައިން ވަނީ ވިދާޅުވެފައެވެ.

ފާއިޒް ވިދާޅުވީ ދުނިޔޭގެ ފެންވަރުގެ ޓެރަރިސްޓް ޖަމާއަތްތަކަކަށް ނިސްބަތްވާ ތަހުގީގު ރިޕޯޓެއް އެގޮތަށް ހާމަކުރުމުން ތަހުގީގަށް ބޮޑެތި ހުރަސްތަކެއް އެޅޭނެ ކަމަށެވެ.

އޭގެ ސަބަބުން ހެކި ނައްތާލުމުގެ ފުރުސަތު، ތުހުމަތުކުރެވޭ މީހުންނަށް ލިބޭނެ ކަމަށާއި އަދި ޝަރީއަތުގައި ހެކިބަސް ދޭން ހެކިން ދެކޮޅުހެދުމަކީ ވެސް ވުން ވަރަށް ގާތް ކަމެއް ކަމަށް ފާއިޒް ވިދާޅުވިއެވެ.

ފާއިޒް ވިދާޅުވީ އެ ކޮމިޝަނަށް މައުލޫމާތު ދިނީ ކޮން ބައެއްތޯ އެ ޖަމާއަތްތަކުން ބަލާނެކަމަށާއި އޭގެ ސަބަބުން އެ މައުލޫމާތު ދިން މީހުންނަށް ނުރައްކާތައް ކުރިމަތިވާނެ ކަމަށެވެ.

އެފަދަ ކަންކަމަކީ ކޮށްގެން ނުވާނެ ކަމެއްވެސް ފާއިޒް ވިދާޅުވިއެވެ.

ތަހުގީގަަށް އެއްބާރުލުން ދިން މީހުން ޝަރީއަތުގައި ހެކިބަސް ނުދިނުމަމީ އެކަށީގެންވާކަމެއްކަން ފާހަގަކުރައްވައި ފާއިޒް ވިދާޅުވީ މީގެ ކުރިން ވެސް އެކަހަލަ ކަންކަން ހިނގާފައި ހުރިކަމަށެވެ.

ފާއިޒް ވިދާޅުވި ތަހުގީގަށް މީހުން ހާޒިރު ކުރުމުގެ ބާރު ގާނޫނުން ރިޔާސީ ކޮމިޝަނަށް ދީފައިވާއިރު އެކަން ނުކޮށް ތުހުމަތުކުރެވޭ މީހުންގެ ނަންތައް ހާމަކޮށްގެން ނުވާނެކަމަށެވެ.

ފާއިޒް ގަބޫލުކުރައްވާ ހަމަޔަކީ އެ ތަހުގީގު ފުރިހަމަވާނީ ތުހުމަތުކުރެވޭ މީހުންގެ ބަޔާންތައް ނެގުމުންކަމަށެވެ.

މަ މައްސަލައިގައި ޝަރުއީ ދާއިރާއާއި އަދި ޤާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާ ގިނަފަރާތްތަކުން ބުނަނީ ރިޟްވާން ގެއްލުވާލި މައްސަލައިގައި ހިމެނޭ ފަރާތްތަކަށް މީގެ ކުރިންވެސް ހައްގު އަދަބު ދެވިފައިނުވަނީ ޝަރީއަތަށް ސާބިތުކުރެވޭ މިންވަރަށް ހެކި ނެތުމުންކަމަށެވެ.

އެ މައްސަލާގައި ތުހުމަތު ކުރެވޭ ގިނަ މީހުން ވަނީ ސީރިޔާއަށްގޮސްފައިކަމަށާއި އިތުރަށް ބައިވެރިވެފައިވާ މީހުން މިނިވަންވެފައި ތިބީ ސާބިތުކުރެވޭ މިންވަރަށް ހެކި ނެތުމުންކަމަށެވެ.

ރިޟްވާންގެ މައްސަލާގައި އެމްޑީޕީ އިން ބުނަނީ މުޅި ދައުލަތް އިހުމާލުވެފައިވާކަމަށް. ދާދި ފަހުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވަނީ ރިޟްވާން މަރާލީ މޯލްޑިވްސް ޕޮލިސް ސަރވިސްއިންކަމަށް ވިދާޅުވެފައެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް: ފޮޓޯ ވީނިއުސް

ނަމަވެސް މީގެ ކުރިން އޭނާ ވަނީ ރިޟްވާން ގެއްލުވާލުމާ ރައީސް ޔާމީނާ ގުޅުވައި މީސް މީޑިއާގައި ޚިޔާލު ފާޅުކުރައްވާފަ. އެމްޑީޕީއަށް ތާއީދުކުރާ ގިނަ ބަޔަކު ބުނަމުންދަނީ ރިޟްވާން ގެއްލުވާލުމުގައި ކުރީގެ ސަރުކާރުގެ ބައިވެރިވުމެއް ނެތަސް ރިޟްވާންގެ އާއިލާއަށް އިންސާފު ހޯދައިދިނުމުގައި އިހުމާލުވެފައިވާކަމަށެވެ.

އެހެން ނަމަވެސް މަރުތަކާ ބެހޭ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު، ރިޟްވާންގެ މަރާ ރައީސް ޔާމީނާ އެއްވެސް ގުޅުމެއް ނެތްކަމަށް ވިދާޅުވުމުން އެމްޑީޕީން ކުރިން ދައްކަމުން ގެންދިޔަ ވާހަކަތަކާ މެދު ސުވާލުއުފައްދައި ޕީޕީއެމުން މީގެ ކުރިން ބާޔަނެއް ނެރެފައިވެއެވެ.

އެ ބަޔާނުގައި ބުނީ ރައީސް ޔާމީނާ ރިޟްވާން ގެއްލުވާލުމާ އެއްވެސް ބައިވެރިވުމެއް ނެތްކަން ރައްޔިތުންނަށް ހާމަވެގެންގޮސްފައިވާކަމަށެވެ.

ރިޟްވާންގެ އާއިލާއަށް އިންސާފު ހޯދައިދިނުމުގައި ކުރީގެ ސަރުކާރުން އިހުމާލުވީކަމަށް ދެކެވޭ ވާހަކަތަކުގެ ރައްދުގައި އޭރުގެ ސަރުކާރަށް ޚިދުމަތް ކުރެއްވި ބޭފުޅުންނާއި ތާއީދު ކުރާ ފަރާތްތަކުން ބުނަމުންދަނީ އެ މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތައް ހައްޔަރުކޮށް ތަހުގީގުކޮށްފައިވާ ކަމަށާއި ޝަރީއަތަށް ސާބިތުކުރެވޭ މިންވަރަށް ހެކި ނެތުމަކީ ކުރިމަތިވި ގޮންޖެހުމެއް ކަމަށެވެ.

މަރު ކޮމިޝަނުގެ ރިޕޯޓާއި ގުޅިގެން އަދުގެ ސަރުކާރުގެ އިސްފަރާތްތަކުންނާއި އަދި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުގެ ވާހަކަތައްވެސް މިއަދު ބިނާވެފައިވަނީ އެފަދަ މޭރުމަކުންކަން ފާހަގަކޮށްލެވެއެވެ.

ނަމަވެސް ރިޟްވާންގެ އާއިލާއިން ބުނާގޮތުން ކުރީގެ ސަރުކާރުން އެ އާއިލާއަށް އިންސާފުހޯދައި ދިނުމަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

އެ އާއިލާއިން ގަބޫލުކުރާގޮތުގައި އިންސާފު ލިބޭނީ ކޯޓުތަގެ ފަނޑިޔާރުން ބަދަލުކޮށްގެން. އިސްލާމީ ޝަރީއަތުގައި މީހެއްގެ މައްޗަށް ކުށެއް ސާބިތުކުރެވެނީ އަމިއްލަ އިއުތިރާފުން ނުވަތަ އެކަށީގެންވާ މިންވަރަށް ހެކި ލިބިގެންކަންވެސް ފާހަގަކޮށްލެވެއެވެ. 

ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ބުނަމުންދަނީ ޝަރީއަތަށް ސާބިތު ނުކުރެވެންޏާ ދެން އޮތްގޮތަކީ އެ މައްސަލާގައި ހިމެނޭ ހުރިހާ ފަރާތްތަށް ފަޅާއަރުވާލުންކަމަށެވެ. 

ނަމަވެސް މަރުކޮމިޝަންގެ ތަފްސީލީ ރިޕޯޓް ކަމާ ނުބެހޭ ފަރާތްތަކަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އެރުވުމާގުޅިގެން އެ ރިޕޯޓުގައި ހިމެނޭ ސިއްރު ހެކިން ހާމަވެގެން ދިއުމުގެ ފުރުސަތު ބޮޑުވެ އެފަރާތްތަކާ ނުރައްކާތަކެއް ކުރިމަތިވުމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި އާންމުންގެ ތެރޭގައިވެސް ދަނީ ފާޅުކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: