ދައުލަތުގެ އިސް ވެރިން ރާއްޖޭގެ ރަށްތަކަށްކުރައްވާ ދަތުރުތަކަށް މަރުޙަބާ ދެންނެވުމަށް، އެ ރަށެއްގެ ސްކޫލް މަދަރުސާތަކުގެ ދަރިވަރުން، ނެރެ ހަރަކާތްތައް ހިންގުމަކީ ތަރުހީބު ދޭ ކަމެއް ނޫން ކަމަށް ސަރުކާރުން ބުނެފިއެވެ.
ރައީސުލްޖުމްހޫރިއްޔާ، ނުވަތަ ދައުލަތުގެ އިސްވެރިން ކުރައްވާ ދަތުރުތަކުގައި، އެ ފަރާތްތަކަށް މަރުހަބާ ކިއުމުގެ ގޮތުން ސްކޫލް ދަރިވަރުން ނެރުން އެއީ އާއްމު ކަމެކެވެ. އަދި ޒަމާނުން ފެށިގެން ރާއްޖޭގައި އަމަލު ކުރަމުން އައި ސަގާފަތެކެވެ. އެހެން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު އުފެދުމުގެ ކުރިން، އޭރު އިދިކޮޅުގައި އޮވެ އެމްޑީޕީއިން އެންމެ ބޮޑަށް އަޑު އުފުލީ އެފަދަ ދަތުރުތަކުގައި ސްކޫލް ދަރިވަރުންތައް ބައިވެރިކުރުވާ ދަރިވަރުން ބޭނުންކޮށްގެން ހަރަކާތްތައް ހިންގުމެވެ.
ހއ. ހޯރަފުށީ އެއާޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް ރައީސް ސޯލިހް އެ ރަށަށް ވަޑައިގެންނެވިއިރު ރަށުގެ ސްކޫލް ދަރިވަރުން ވަނީ ރައީސަށް މަރުހަބާ ދެންނެވުމުގައި ކުރިޔަށް ގެންދިޔަ ހަރަކާތުގައި ބައިވެރިކޮށްފައެވެ. އޭގެ އިތުރުން ރައީސް ސޯލިހު ލ އަތޮޅަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރަކާއި ގުޅިގެން ލ. ގަމު ކައުންސިލްއިން ވަނީ ރަށުގެ ސްކޫލް ދަރިވަރުން ރައީސްއަށް މަރުހަބާ ކިޔަން ނެރެން އަންގާފައެވެ. އެކަން ހާމަވީ ސޯޝަލް މީޑިއާގައި އާއްމުވީ ސިޓީއަކާއި ގުޅިގެންނެވެ.
މި މައްސަލަތަކާއި ގުޅިގެން އާއްމުންގެ ފާޑުކިއުން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވަމުންނެވެ. ފާޑުކިއުންތަކާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އިސްވެރިންނަށް މަރުހަބާ ކިއުމަށް ސްކޫލް ދަރިވަރުން ބޭނުން ކުރުމަކީ ސަރުކާރުން ބާރު އަޅާ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ އެއްވެސް ހަރަކާތެއްގައި ސްކޫލް ދަރިވަރުން ބައިވެރިކުރުމަށް،ރައީސް އޮފީހުން ނުވަތަ ސަރުކާރުގެ އެއްވެސް ވުޒާރާއަކުން ސްކޫލަކަށް، ނުވަތަ ކައުންސިލް އިދާރާއަކަށް އަންގާފައި ނުވާނެ ކަމަށެވެ.
“ދައުލަތުގެ އިސް ވެރިން ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި މަރުޙަބާ ދެންނެވުމަށް، ރަށްރަށުގެ ސްކޫލް މަދަރުސާތަކުގެ ދަރިވަރުން، ނެރެގެން އެއްވެސް ޙަރަކާތެއް ހިންގުމަކީ، ސަރުކާރުން ތަރުޙީބުދޭ ކަމެއް ނޫނެވެ. އެފަދަ އެއްވެސް ޙަރަކާތެއްގައި ސްކޫލް މަދަރުސާތަކުގެ ދަރިވަރުން ބައިވެރިކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވެސް އަދި ސަރުކާރުގެ އެއްވެސް ވުޒާރާއަކުން ވެސް، އެއްވެސް ރަށެއްގެ ސްކޫލް މަދަރުސާއަކަށް، އަދި އެއްވެސް ކައުންސިލަކަށްވެސް އަންގައިފައެއް ނުވާނެ. މިދެންނެވި ފަދަ ޙަރަކާތްތަކުގައި، ރާއްޖޭގެ ސްކޫލް މަދަރުސާތަކުގެ ދަރިވަރުން ބައިވެރިނުކުރުމަށް، ދައުލަތުގެ ކަމާ ބެހޭ އެންމެހައި އިދާރާތަކަށް ރައީސް އިލްތިމާސް ކުރައްވަވާ” ހޫދު
ހޫދު ވިދާޅުވީ އެއްވެސް ރަށެއްގެ ކައުންސިލްއަކަށް ވެސް ހަރަކާތްތަކުގައި ސްކޫލް ދަރިވަރުންތައް ބޭނުން ކުރުމަށް އަންގާފައި ނުވާނެ ކަމަށެވެ. އަދި އެފަދަ އެންގުމަށް ސްކޫލެއް ވެސް ފޮނުވާފައި ނުވާނެ ކަމަށެވެ.
ދައުލަތުގެ އިސް ވެރިން ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި މަރުޙަބާ ދެންނެވުމަށް، ރަށްރަށުގެ ސްކޫލް މަދަރުސާތަކުގެ ދަރިވަރުން، ނެރެގެން އެއްވެސް ޙަރަކާތެއް ހިންގުމަކީ، ސަރުކާރުން ތަރުޙީބުދޭ ކަމެއް ނޫނެވެ
— Ibrahim Hood (@MvSpokesperson) December 2, 2020
އެޑިއުކޭޝަން މިނިސްޓްރީން 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ސާކިއުލާއެއް ނެރެ ވަނީ، ސަރުކާރުގެ އިސް ބޭފުޅުން ރަށްރަށަށް ވަޑައިގަންނަވާ އިރު މަރުހަބާ ދެންނެވުމަށް ދަރިވަރުން ނެރެގެން ނުވާނެ ކަމަށް ބުނެފައެވެ. އަދި އެގޮތަށް ދަރިވަރުން ނެރެ ގިނަ ވަގުތު ކޮޅަށް ބޭތިއްބުމާއި އަވީގަތި ބޭތިއްބުމަކީ ދަރިވަރުންގެ ސިއްހަތަށް ނޭދެވޭ އަސަރު ކުރާ ކަމެއް ކަމަށްވެސް އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު ސޮއި ކުރައްވައި ނެރުނު ސާކިއުލާގައިވެއެވެ. އަދި އެގޮތަށް ދަރިވަރުން ބޭނުން ކުރުމުން، އެ ދަރިވަރުންނާއި ބެލެނިވެރިންގެވެސް ވަގުތު ވަރަށް ބޮޑަށް ގެއްލިގެންދާކަމަށް އެ ސާކިއުލާގައި ވަނީ ފާހަގަކޮށްފައެވެ.