ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

18 ވުމުގެ ކުރިން ބޮޑު ކުށެއް ކުރިޔަސް، މަރުގެ އަދަބު ނުދެވޭ އިސްލާހު ބަލައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު، އަދި ހިއުމަން ރައިޓްސް އެންޑް ގެންޑާރ ކޮމިޓީގެ ޗެއާ ޖީހާން މަހުމޫދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އުމުރުން 18 އަހަރު ވުމުގެ ކުރިން ކޮށްފައިވާ ކުށެއް ޝަރީއަތަށް ސާބިތުވެ އެއީ މަރުގެ އަދަބު ދޭންޖެހޭ ކުށައް ނަމަވެސް، އެ ކުށަކަށް މަރުގެ އަދަބު ނުދެވޭ ގޮތަށް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފި އެވެ.

މި އިސްލާހުގެ ފުރަތަމަ ކިއުން މަޖިލީހުގައި އިއްވާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. އެއީ އެ މާއްދާގެ (01) ވަނަ ނަމްބަރުގެ ދަށަށް ތިން އަކުރެއް އިތުރު ކުރަންށެވެ. އޭގެއިން ކޮންމެ އަކުރެއްގައި ވެސް ކުޑަކުދިންގެ މައްޗަށް ހިންގާ ޝަރީއަތްތަކުގައި ކުށް ސާބިތުވާ ހާލަތުގައި އަދަބު ކަނޑައަޅާނެ ގޮތް، ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ބަޔާން ކުރަންވާނެ ކަމަށް ވަނީ ބުނެފައެވެ.

އުމުރުން 18 އަހަރު ނުވަނީސް ކުރާ ކުށްތަކަށް ބޮޑެތި އަދަބު ނުދެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް އިސްލާހުތަކެއް ހުށަހަޅުއްވާފައިވަނީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދެވެ. ޖީހާން އަކީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާރ ކޮމިޓީގެ ޗެއާވެސް މެއެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ޖީހާން ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި، އެ ގާނޫނަށް ބައެއް މާއްދާތައް އިތުރުކުރުމާއި ބައެއް މާއްދާތައް އުނި ކުރުން ހިމެނެއެވެ. އަދި ބޮޑެތި ބަދަލުތަކަކައި އެކު ހުށަހަޅާފައިވާ އެ އިސްލާހުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކުރެވެނީ އުމުރުން 18 އަހަރު ނުވަނީސް މަރުގެ އަދަބު ދޭންޖެހޭ ވަރުގެ ކުށެއް ކުރާ ކުއްޖާއަށް، އުމުރު ހަމަވުމަށްފަހު ވެސް މަރުގެ އަދަބު ނުދެވޭނެ ކަމަށް ބުނެ ހުށަހެޅި އިސްލާހެވެ.

މި އިސްލާހުގައި ވާ ގޮތުން މަރުގެ އަދަބު ދޭންޖެހޭ ކުށެއް ސާބިތުވެއްޖެ ނަމަ، އެ ކުއްޖެއްގެ މައްޗަށް ކަނޑައަޅާނީ އެ ކުށެއްގެ ހަތަރު ބައިކުޅަ ތިން ބަޔަށް ވުރެ ބޮޑު ނޫން އަދަބެކެވެ.

މީގެ އިތުރުން ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރުމަށްފަހު، އެ ކުއްޖާގެ ހާލަތަށް ރިއާޔަތްކޮށް ފުލުހުންގެ ބަންދުގައި ބެހެއްޓުމުގެ ބަދަލުގައި އެ ކުއްޖަކު ބަހައްޓަން ޖެހޭނީ އާއިލާ ގާތުކަމަށް އިސްލާހުގައި ވެއެވެ. އަދި ބަންދުގެ މުއްދަތު އިތުރު ކުރާއިރު ވެސް މި ކަންކަމަށް ރިއާޔަތް ކުރުމަށް ވަނީ ހިމަނާފައެވެ.

މި ބިލު އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާރ ކޮމިޓީއަށް ފޮނުވަން ފާސްކޮށްފައިވަނީ މަޖިލީހުގެ ވޯޓުގައި ބައިވެރިވި 59 މެމްބަރުންގެ އިއްތިފާގުންނެވެ.

މި އިސްލާހު މަޖިލީހަށް ހުށަހެޅުމުން ގިނަ އާއްމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ރާއްޖޭގައި ކުށުގެ ވެށިންނާއި، އަދި މަރުގެ ބޮޑެތި މައްސަލަތަކުގައި 18 އަހަރު ނުވާ ކުޑަ ކުދިން ހައްޔަރު ކުރެއެވެ. އަދި މާލޭގައި ދިޔަ މާރާމާރީތަކެއްގެ މައްސަލައިގައި ވެސް 18 އަހަރު ނުފުރޭ ކުދިންތަކެއް ހައްޔަރުކޮށްފައި ވެއެވެ.

މަރުގެ ޙުކުމް ރާއްޖޭގައި ތަންފީޒު ކުރަމުން ނުގެންދިޔަ ނަމަވެސް މަރުގެ ހުކުމް ރާއްޖޭގައި ތަންފީޒު ކުރުމަށް ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތެވެ. އެހެން ނަމަވެސް ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރާނެ ކަމަށް ރައީސް ސޯލިހްގެ ސަރުކާރުން ވަނީ މީގެ ކުރިން ބައިނަލްއަޤުވާމީ ބައެއް ބައްދަލުވުންތަކުގައި ހާމަކޮށްފައެވެ.

މަރުގެ އަދަބު ދޭން އަލުން ފަށާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ނަމަވެސް އެމަނިކުފާނުގެ ވެރިކަން ވެސް ނިމިގެން ދިޔައީ މަރުގެ އަދަބު ތަންފީޒު ނުކުރެވިއެވެ. އަދި އޭރު މަރުގެ އަދަބު ދޭނެ ގޮތްތަކާއި މެދު ހޫނު ބަހުސްތަކެއް ވެސް ދިޔައެވެ. ރައީސް ޔާމީން އޭރު ނިންމެވީ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ދިނުމަށެވެ. އަދި އެކަން ތަންފީޒު ކުރުމަށް މާފުށީ ޖަލުުގައި ވަކި ތަނެއް ވެސް ގާއިމް ކުރިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: