ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިއުމަން ޓްރެފިކް ކޮށްގެން ހޯދާ ފައިސާ ދައުލަތަށް ނެގޭ ގޮތަށް އިސްލާހު ހުށަހަޅައިފި

ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު -- ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މީހުން ޓްރެފިކްކުރުން ހުއްޓުވައި ޤާނޫނާއި ޚިލާފަށް ހިންގާ މިބޮޑު ޖަރީމާ ހުއްޓުވައި، އެފަދަ ވިޔަފާރިތަކުން މަންފާ ހޯދާ ފަރަތްތަކުގެ މުދަލާއި ފައިސާ ދައުލަތަށް ނެގޭ ގޮތަށް ޤާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހަމޫދެވެ. ބިލު ހުށަހަޅުއްވަމުން ޖީހާން ވިދާޅުވީ މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނު މިހާރު އޮތް ގޮތުން، އެ އަމަލުގެ ތެރެއިން ގެންނަ މީހުންނާއި ހަވާލުވުމާއި އެ މީހުން ގެންގުޅުން އަދި ރެކްރޫޓް ކުރުމަކީ ގާނޫނީ ކުށަކަށް ނުހެދޭ ކަމަށެވެ.

އަދި ޓްރެފިކްކުރެވޭ މީހުންނަށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ކޯޓަށް ނަގައިދެވޭނެ ބަދަލުތަކުގެ ބާވަތްތައް ޤާނޫނުގައި ކަނޑައެޅުމަށްވެސް ވަނީ އިސްލާހު ހުށަހަޅާފައެވެ.

ބިލުގައި ބުނެފައިވާ ގޮތުން، ބާރުގެ ބޭނުންކޮށްގެން ނުވަތަ ބާރުގެ ބޭނުންކުރާނެ ކަމުގެ ބިރުދައްކައިގެންނާއި އޮޅުވާލައިގެން އަދި މަގާމުގެ ނަހަމަ ބޭނުންކޮށްގެން ނުވަތަ އެ މީހާގެ މައްޗަށް ބާރު ހިންގޭ މީހަކަށް ފައިސާ ދީގެން ކުރާ ނަމަ އެކަންތައްތައް ފެތޭނީ ހިއުމަން ޓްރެފިކިންއަށް ކަމުގައި ވަނީ ކަނޑައަޅާފައެވެ.

ހިއުމަން ޓްރެފިކިންގެ ގޮތުގައި ކަނޑައަޅާފައިވާ ކަންތައްތައް:

  • ބޭރުގައުމަކުން ރާއްޖެއަށް ގެނައުން ނުވަތަ ބަދަލުކުރުން އަދި ރާއްޖޭން އެހެން ގައުމަކަށް ވެސް މީހަކު ގންދިއުން ނުވަތަ ބަދަލުކުރުން.
  • ރާއްޖޭގެ އެއްތަނުން އަނެއް ތަނަށް ގެންދިއުން ނުވަތަ ބަދަލުކުރުން.
  • އެގޮތަށް ގެންނަ މީހަކާ ހަވާލުވުން ނުވަތަ ބެހެއްޓުން.
  • ވަޒީފާއަށް ނުވަތަ މަސައްކަތަށް ރެކްރޫޓްކުރުން.

މިމައްސަލާގައި ވާހަކަ ދެއްކެވި މެމްބަރުން ވަނީ މިއީ ދުނިޔޭގައި ކުރިމަތިވެފައިވާ މޫސުމީ މައްސަލައެކޭ އެއްފަދައިން އޮތް ބޮޑު އިންސާނިއްޔަތާއި ޚިލާފް މައްސަލައެއް ކަމަށް ވިދާޅުވެފައެވެ. މިމައްސަލަ ހައްލު ކުރުމުގައި ދުނިޔޭގެ ގިނަ ގައުމުތަކަށް ހުރަސްތަކެއް ކުރިމަތިވެފައިވާއިރު މިކަން ފުޅާދާއިރާއެއްގައި ރާއްޖޭގައިވެސް ކުރަމުންދާކަމަށެވެ. ރާއްޖޭގައި މިކަން ކުރާ މީހުން ބޮޑެތި މަހުޖަނުންނަށްވެ، ނުއަގުގައި އެކި ޤައުމުތަކުން މީހުން ގެނެސް އެމީހުންނަށް އެންމެ ކުޑަމިނުން ދޭންޖެހޭ އިންސާނީ ހައްގުވެސް ދެމުން ނުދާކަމަށް މެމްބަރުން ވަނީ ފާހަގަކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރެވެމުންދާ މީހުން ޓްރެފިކްކުރުން ހުއްޓުވުގެ ޤާނޫނާއި ގުޅޭގޮތުން މަޖިލިސް ރައީސް ވިދާޅުވީ މިމައްސަލަޔަކީ މުޅި ދުނިޔޭގައި އޮތް ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. މިމައްސަލަ އިތުރުވެގެންދަނީ ލިބޭ އާމްދަނީއާއި، ދެވޭ އުޖޫރަވެސް ކުޑަވުމުން ކަމަށާއި މިކަމަށް ހައްލެއް ގެވޭނީ އެންމެ ކުޑަވެގެން ދެވޭ އުޖޫރައެއް ކަޑައެޅިގެންކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. މިބިލު ރައްޔިތުންގެ މަޖިލީހުން ވަނީ މިއަދު ބަލައިގަނެފައެވެ.

މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަކީ ކަނޑައަޅާފައިވާ މީހުން ޓްރެފިކްކުރުމުގެ ކުށާއި، ކުޑަކުދިން ޓްރެފިކްކުރުމުގެ ކުށާއި، އެކްސްޕްލޮއިޓޭޝަންގެ ޢަމަލު ހިންގުމުގެ މާނަ، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެއް ކަމުގައިވާ “ޔުނައިޓަޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ޓްރާންސްނެ ޝަނަލް އޯގަނައިޒްޑް ކްރައިމް” ގެ ޕްރޮޓޮކޯލްއެއް ކަމުގައިވާ “ޕްރޮޓޮކޯލް ޓު ޕްރިވެންޓް، ސަޕްރެސް އެންޑް ޕަނިޝް ޓްރެފިކިންގ އިން ޕަރސަންސް އެސްޕެޝަލީ ވިމެން އެންޑް ޗިލްޑްރަން” އާ އެއްގޮތް ކުރުމަށްޓަކައި ހުށަހެޅިފައިވާ އިސްލާހުތަކެކެވެ.

ބިލު މަޖިލީހަށް ބަލައިގަތުމަށް މިއަދު ފާސްކޮށްފައިވާއިރު، ބިލު ދިރާސާކުރެއްވުމަށް ފޮނުވާފައިވަނީ ހިއުމަންރައިޓް އެންޑް ޖެންޑާ ކޮމިޓީއަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: