ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ ޖިންސުގެ މެދުގައި ހަމަހަމަކަން ގާއިމް ކުރުން!

ދެ ޖިންސުގެ ހަމަހަމަ ކަމުގެ ވާހަކަ ދައްކާއިރު ހައްގުތައް ސާފިވެސް ވާން ޖެހޭނެ: ފޮޓޯ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވަކި ޖިންސަކަށް ވަކި ބާވަތެއްގެ މަސައްކަތް ޙާއްޞަކުރުމުގެ ނަތީޖާއަކަށް ވެގެންދަނީ، ވަކި ޖިންސެއްގެ މީހުންނަށް ފުރުސަތު ނުލިބި، ހަމަހަމަކަން ގެއްލި، ޤާނޫނީގޮތުން އެމީހަކަށް ލިބިދޭންޖެހޭ ޙައްޤުތަކާ އަދި ރައްކާތެރިކަން ގެއްލިގެން ދިއުމެވެ. ވަޒީފާގެ މާޙައުލުގައި އަންހެނުންނާއި ފިރިހެނުން ބާރުވެރިކުރެވޭނީވެސް ދެ ޖިންސުގެ މީހުންނަށް ހަމަހަމަ ފުރުސަތުތައް ތަނަވަސްކޮށްދީ، ހަމަހަމަގޮތެއްގައި ނަތީޖާ ޙާޞިލްކުރުމުގެ މަގުފަހިވެގެންނެވެ. ޖިންސަށްބަލައި ތަފާތުކުރުމަކީ، އަސާސީ ޙައްޤުތަކާއި މިނިވަންކަން އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަކަމާއެކު ލިބުމަށް އޮތް ޙައްޤަށް އުނިކަންލިބޭ ގޮތަށް ނުވަތަ ނެތިގެންދާ ގޮތަށް، އެމީހަކު ނިސްބަތްވާ ޖިންސަށް ނުވަތަ ޖެންޑަރއަށް ބިނާކޮށް ވަކިކަމަކުން އެކަހެރިކުރުން، ނުވަތަ ވަކިކަމެއް މަނާކުރުން ނުވަތަ ވަކި ކަމެއްގައި ތަފާތުކުރުމެވެ. އެގޮތުން ސީދާގޮތުންނާއި ނުސީދާގޮތުންވެވޭ ކޮންމެ ތަފާތުކުރުމެއްވެސް ވާނީ ޖިންސަށްބަލައި ތަފާތުކުރުމަކަށެވެ.

ކޮންމެއަކަސް ރާއްރާއްޖޭގައި ދެ ޖިންސުގެ ހަމަހަމަކަން ގާއިން ކުރުމުގެ ފޮތުން ޖެންޑަރ އިކުއަލިޓީގެ ގާނޫނެއް މަޖިލީހުން ފާސްކޮށް އަމަލު ކުރަން ފަށާފައި ވަނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ. ސުވާލަކީ ދެ ޖިންސުގެ ހަމަހަމަ ކަމުގެ ވާހަކަ ދައްކާއިރު ނުވަތަ ހަމަހަމަ ކުރުމުގެ ވާހަކަ ދައްކާއިރު ޖިންސުގެ ހަމަހަމަކަން ގާއިމް ކުރުމުގެ ގާނޫނުން ލިބިދޭ ހައްގުތައްް އެނގެނީ ކިއްތައް މީހުންނަށްތޯއެވެ؟

ޖެންޑަރ އިކުއަލިޓީގެ ގާނޫނަކީ ދިވެހިރާއްޖޭގައި ޖެންޑަރ އިކުއަލިޓީ ގާއިމުކުރުމުގެ ގޮތުން ޢަމަލުކުރާނެ ގޮތުގެ މައިގަނޑު އުސޫލުތަކާއި، ޖެންޑަރއަށް ބަލައި ތަފާތުކުރުން މަނާކުރުމާބެހޭ ސިޔާސަތުތަކާއި، ޖެންޑަރ އިކުއަލިޓީ ގާއިމުކުރުމުގައި ދައުލަތުގެ މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ މަސްއޫލިއްޔަތާއި ޒިންމާ ބަޔާންކުރުމުގެ ގާނޫނެވެ.

މި ދެންނެވި ގާނޫނުގެ މަގުސަދަކީ އަސާސީ ހައްގުތަކާއި މިނިވަންކަން ލިބުމުގައި އެމީހެއްގެ ޖިންސަށް ނުވަތަ އެނޫންވެސް ކަންކަމަށް ބަލައި ތަފާތުކޮށްގެން ނުވާނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވީ ހިނދު، އަދި ގާނޫނުގެ ރައްކާތެރިކަމާއި، ގާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ހަމަ ކޮންމެ މީހެއްގެ ވެސް ހައްގެއް ކަމަށް ގާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވީ ހިނދު، ގާނޫނުއަސާސީއާއި ގާނޫނުތަކުން ލިބިދޭ އަސާސީ ހައްގުތަކާއި މިނިވަންކަން، ވަކި ޖިންސަކަށް ނުވަތަ ޖެންޑަރއަށް ބަލައި ތަފާތުކުރުމެއްނެތި، ހަމަ ކޮންމެ މީހަކަށްވެސް ފުރިހަމައަށް ލިބިގެންވާކަން ކަށަވަރުކޮށްދިނުމެވެ.

ހަމައެހެންމެ އަންހެނުންނާ ދެކޮޅަށް ކުރެވޭ އެންމެހައި ތަފާތުކުރުންތައް ނައްތާލުމާބެހޭ ބައިނަލްއަގްވާމީ މުޢާހަދާއަށާއި އެ މުޢާހަދާގެ އޮޕްށަނަލް ޕްރޮޓޮކޯލަށް ރިޢާޔަތްކޮށް، ވަކި ޖިންސެއްގެ މީހަކަށްވީތީ ކުރާ ތަފާތުކުރުންތައް ހުއްޓުވުމަށް އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް އެޅުމަށާއި، އަންހެނުންނާއި ފިރިހެނުންގެ މެދުގައި ތަފާތުކުރުމަށް ބާރު އަޅާ ވިސްނުމާއި ފިކުރާއި އުސޫލުތައް ހުއްޓުވުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް މަގުފަހިކުރުމަކީ ވެސް މިފަދަ ގާނޫނެއް ގެނައުމުގެ އެއް މަގުސަދެވެ.

މީގެއިތުރުން އަންހެނުންނާ ދެކޮޅަށް ކުރެވޭ އެންމެހައި ތަފާތުކުރުންތައް ނައްތާލުމާބެހޭ ބައިނަލްއަގްވާމީ މުޢާހަދާއަށާއި އެ މުޢާހަދާގެ އޮޕްށަނަލް ޕްރޮޓޮކޯލަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ އިގްތިސާދީ، އިޖްތިމާޢީ، ސަގާފީ، މަދަނީ އަދި ސިޔާސީ މައިދާނުގައި ފިރިހެނުންނާ އެއްހަމައެއްގައި އަންހެނުންނަށް އިންސާނީ ހައްގުތަކާއި، އަސާސީ ހައްގުތަކާއި އަދި ފުރުސަތުތައް ލިބިގެންވާކަން ކަށަވަރުކުރުމަކީ ގާނޫނުގެ މަގުސަދެކެވެ.

ޖިންސުގެ ހަމަހަމަކަން ގާއިމް ކުރުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި ވަކި ޖިންސެއްގެ މީހުންނަށް ވަކި ބާވަތްތަކުގެ މަސައްކަތެއް ހާއްސަކުރުމުގެ ނަތީޖާއެއްގެ ގޮތުން، ވަކި ޖިންސެއްގެ މީހުންނަށް ފުރުސަތު ނުލިބޭ ގޮތަށް އުފެދިފައިވާ ހަމަހަމަކަން ގެއްލިފައިވާ ނިޒާމެއްގެ ސަބަބުން ކުރިމަތިވާ ނިޒާމީ ތަފާތުކުރުން ބެލެވޭނީ، ޖެންޑަރއަށް ބަލައި ތަފާތުކުރުން ކަމުގައެވެ.

އެގޮތުން “ހަމަހަމަކަން ގެއްލިފައިވާ ނިޒާމް” އަކީ އިޖްތިމާޢީ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް، މުޖްތަމަޢުގައި ވަކި ޖިންސެއްގެ ދައުރާބެހޭ ގޮތުން ނުރަނގަޅު ގޮތެއްގައި މީހުން ގަބޫލުކުރާ ކަންކަން، ގާނޫނުތަކާއި ސިޔާސަތުތަކާއި އާދަކާދަތަކާއި ސަގާފަތުގެ ގޮތުގައި އުފައްދައި، އެކަންކަން އެގޮތުގައި ދެމެހެއްޓޭނެ ގޮތަށް ބައްޓަންކުރެވިފައިވާ ނިޒާމުތައް ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ.

ގާނޫނުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ބަލާއިރު ޤަވައިދަކުން ނުވަތަ މުއައްސަސާއަކުން ޢަމަލުކުރާ އުޞޫލެއްގެ ދަށުން ޙައްޤުތައް ލިބިގަތުމުގައާއި، ޒިންމާތައް އަދާކުރުމުގައި އަންހެނުންނާއި ފިރިހެނުންގެ މެދުގައި ކަނޑައެޅިގެން ފެންނަން އޮންނަ ތަފާތުކުރުމެއް ބަޔާންކޮށްފައިވާނަމަ ނުވަތަ ރައްކާތެރިކަން ލިބިގެންވާ ސިފައެއް މީހެއްގެ ކިބައިގައި ހުރުމުގެ ސަބަބުން ނުވަތަ މީހެއްގެ ކިބައިގައި ހުންނަ ޝަހްސީ ސިފައެއްގެ ސަބަބުން، އެމީހަކާމެދު ފަހިކަން ކުޑަގޮތަކަށް ޢަމަލުކުރުން ނުވަތަ ޢަމަލުކުރަން އުޅުން ވެގެންދާނީ، ސީދާގޮތުން އެމީހަކާމެދު ތަފާތުކުރުން ކަމުގައެވެ.

މީގެއިތުރުން ދެ ޖިންސުގެ މެދުގައި ނުސީދާކޮށް ތަފާތުކުރުންކަމުގައި ބެލެވޭނީ، ވަކިވަކި ޤަވައިދަކީ، ސިޔާސަތަކީ ނުވަތަ ޢަމަލުކުރަމުންދާ އުސޫލަކީ ފެންނަ ފެނުމަށް ހަމަހަމަކަން ޤާއިމުކުރާ ކަމެއްކަމުގައިވިޔަސް، އެ ޤަވައިދެއް، ސިޔާސަތެއް ނުވަތަ ޢަމަލުކުރަމުންދާ އުސޫލެއް އެކުލަވާލުމުގެ ކުރިން ހުރި ބޭއިންސާފު ކަންކަން ނައްތާލުމަށްޓަކައި އެކަށީގެންވާ މިންވަރަށް ސަމާލުކަން ދެވިފައިނުވުމުގެ ސަބަބުން، ވަކި ޖެންޑަރއަކަށް ހަމަހަމަނޫން ނަތީޖާތަކެއް ކުރިމަތިކުރުވާ ކަންކަމެވެ.

މީގެއިތުރުން، ވަކި ކަމެއް  ކުރުމަށްޓަކައި ނުވަތަ ޙާޞިލުކުރުމަށްޓަކައި ކަނޑައަޅާފައިވާ ޝަރުތެއްގެ ސަބަބުން، ހުންނަންޖެހޭކަމަށް ބަޔާންކޮށްފައިވާ ސިފައެއްގެ ސަބަބުން ނުވަތަ އެފަދަކަމެއްކުރުމުގައި ޢަމަލުކުރަމުންދާ ގޮތެއްގެ ސަބަބުން އެކަމަކީ ނުވަތަ އޭގެ ނަތީޖާއަކީ ޤާނޫނުގެދަށުން ރައްކާތެރިކަން ލިބިދޭ ފަދަ ޙާލަތެއްގައި ހުރި މީހަކަށް އެކަށީގެންނުވާ ގޮތެއްގައި ދެރައެއް ނުވަތަ ދަތިކަމެއް ކުރިމަތިކުރުވާ ކަމެއްކަމުގައިވާނަމަ، އެކަމެއްވެސްވާނީ ނުސީދާކޮށް ތަފާތުކުރުމަށެވެ.

ކޮންމެއަކަސް ދެ ޖިންސުގެ ހަމަހަމަ ކަމާއި ބެހޭ ގޮތުން ނިންމާލުމުގެ ކުރިން ފާހަގަ ކޮށްލަން ބޭނުން ވަނީ  ސީދާގޮތުންވިޔަސް ނުސީދާގޮތުންވިޔަސް މީހެއްގެ ޖިންސަށް، ، އާއިލީ ޒިންމާއަށް ޢާންމުގޮތެއްގައި ވަކިޖިންސަކަށް ނިސްބަތްކުރާ ސިފަތައް ނުވަތަ އެ ޖިންސަކަށް ނިސްބަތްނުކުރާ ސިފަތަކަށް ބަލައި ތަފާތުކުރާނަމަ، އެކުރެވެނީ ޤާނޫނީގޮތުން މަނާކަމެކެވެ. ހަމައެހެންމެ އަންހެނުންނާއި ފިރިހެނުންނާއި ދެމެދު އޮންނަ ހަމަހަމަކަން ނެތިގެންދާ ނުވަތަ ވަކިމީހެއްގެ ކަރާމާތަށް ގެއްލުމެއް ލިބޭގޮތަށް ޢަމަލުކުރެވޭ އުސޫލުތަކަކަށް ޢަމަލުކުރުންވެސް ވެގެންދާނީ، ޤާނޫނީގޮތުން މަނާކަމަކަށެވެ.

މިފަދަކަމެއް ވަޒީފާގެ މާޙައުލުގައި މެދުވެރިވާނަމަ، އެކަމުގެ ޝަކުވާ ނުވަތަ މައްސަލަ އެމީހަކަށް ހުށަހެޅޭނެއެވެ. އަދި ހުށަހެޅުނު ޝަކުވާއެއްގެ މައްސަލައެއް ބަލައި ނިންމިއިރު އެއްވެސް ފަރާތަކުން އިޙުމާލުވިކަން ނުވަތަ ތަފާތުކުރުމުގެ ޢަމަލެއް ހިންގިކަން ކޮމިޓީއިން ކުރި ތަޙުޤީޤަށް ސާބިތުވެއްޖެނަމަ، އިޙުމާލުވި ފަރާތަކާމެދު ނުވަތަ ތަފާތުކުރުމުގެ ޢަމަލު ހިންގި ފަރާތާއިމެދު ފިޔަވަޅުއެޅުމަށް ވަޒީފާދޭފަރާތަށް އަންގަންވާނެއެވެ.

ހަމައެހެންމެ، ވަޒީފާދޭ އެންމެހައި ފަރާތްތަކުގެތެރެއިން އެ އިދާރާއަކަށް ޝަކުވާ ހުށަހަޅައި، ވަޒީފާދޭފަރާތުން މައްސަލަ ބަލާފައިވާގޮތާއިމެދު ހިތްހަމަނުޖެހޭނަމަ، އެ މައްސަލަ އަލުން ބަލަންބޭނުންވާ ފަރާތްތަކުން މައްސަލަ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭނެއެވެ. ހައްގުތަކުގެ ވާހަކަ ދައްކާއިރު ގާނޫނުން އެ ހައްގުތައް ލިބިދެވޭ ގޮތް ސާފުވެފައި އޮތުމަކީ ވަރަށް ވެސް މުހިންމު ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 25%ވަރަށް ދެރަ 75%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: