ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިތަކަށް މަގު ލިބުމުން ހިއްލާލި ސުޕީޑްގެ އާޚިރު ނަތީޖާ

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އެންމެ ފަހުން، ނެގި ބޯހިމެނުމުގެ ނަތީޖާ ދައްކާ ގޮތުން އާބާދީގެ 27 އިންސައްތަ އަކީ ފުރާވަރުގެ ކުދިންނެވެ. އާބާދީގެ ބޮޑު އިންސައްތައެއް ފުރާވަރުގެ ކުދިން ހިއްސާ ކުރާއިރު އެ ކުދިންނަކީ ގައުމުގެ މުސްތަގުބަލެވެ. ގައުމު މާދަމާ ދާނެ މިސްރާބު އޮތީ އެ ކުދިންގެ އަތްމަތީގައެވެ. އެހެން ކަމުން ފުރާވަރުގެ ކުދިން ޒިންމާދާރު ކުރުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ވެސް ޒިންމާއެކެވެ.

އެއްގަމު ދަތުރުފަތުރު ކުރުމުގައި ހަރުކަށި އުސޫލުތަކާއި ގަވާއިދުތައް ލިޔެފައި ހުންނަނީ ހަމައެކަނި ދައުލަތަށް ފައިދާތަކެއް ހޯދުމަކަށް ނޫނެވެ. އެއީ މަގުތައް ބޭނުންކުރާ ކޮންމެ މީހެއްގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައެވެ. ރާއްޖޭގައި މަގުމަތީގެ އެކްސިޑެންޓްތަކާއި ހާދިސާތައް އަހަރަކަށް ވުރެ އަހަރެއް އިތުރުވަމުން ދާއިރު، މަގުމަތީގެ ޤަވާއިދުތަކާއި އުސޫލުތަކަށް އަމަލު ކުރާ މީހުން އިތުރުވެއްޖެ ހެއްޔެވެ؟ހަމަގައިމު ވެސް އެ މަންޒަރު މަގުތަކުންނެއް ނުފެނެ އެވެ.

މިމަހުގެ 27 ވަނަ ދުވަހުގެ ރޭ 10 ޖަހާކަން ހާއިރު، ބާރު ސްޕީޑްގައި މާލޭ އަމީނީމަގުން ދަރުމަވަންތަ ހޮސްޕިޓަލާއި ދިމާ ބޮޑުތަކުރުފާނު މަގަށް ނިކުތް ސައިކަލެއް ކޮންޓްރޯލްނުވެ ގޮސް ދުވާ ޓްރެކް މައްޗަށް އަރައި ހިނގި އެކްސިޑެންޓެއް ގައި ސައިކަލް ފަހަތުގައި އިން ނަޒްރާ ނިޔާވީ ފަރުވާ ދެމުން ދަނިކޮށެވެ. ސައިކަލް ދުއްވީ ލައިސަންސް ނެތް އުމުރުން 24 އަހަރުގެ ފިރިހެނެކެވެ.

އެންމެންގެ ލޯބިވާ ނަޒްރާ ކުއްލި ގޮތަކަށް ވަކިވީ އަލަތު ކައިވެންޏަށް ތައްޔާރުވަމުން ދަނިކޮށެވެ.

2008 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ތ. ތިމަރަފުށީ އިރަމާގޭ އުމުރުން 62 އަހަރުގެ އިބްރާހިމް ރަޝީދު އާދަމް ހުޅުމާލޭ ހަބީބު ބޭންކު ސަރަހައްދުގައި ހުއްޓާ 18 އަހަރު ނުފުރޭ ކުޑަކުއްޖަކު ދުއްވި ސައިކަލަކުން ޖެހި އޭނާއަށް އޭޑީކޭގައި ފަރުވާ ދެނިކޮށް ވަނީ މަރުވެފައެވެ. ފަސް ކުދިންގެ ބައްޕަ ކުއްލިއަކަށް މަރުވީ އެ ހާދިސާގައި އޭނާގެ އެއްވެސް ކުށެއް ނެތިއެވެ. އޭނާއަކީ އާދައިގެ މީހެއް ފަދައިން އެންމެންނަށް ބޭނުންކުރަން އޮތް މަގު ބޭނުން ކުރި މީހެކެވެ.

ރަޝީދުގެ މަރަށް ނުވަ މަސްވާން ކައިރިވެފައި ވަނިކޮށް، ހޮނިހިރު ދުވަހުގެ ރޭ ހަމަ އެފަދަ ހާދިސާއެއްގައި އުމުރުން 24 އަހަރުގެ މުހައްމަދު ސޮބާހު ހުސައިން މަރުވީއެވެ. އޭނާ ދިޔައީ މައިން ބަފައިންނާއި އާއިލާގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އާކިޓެކްޗާ ކިޔަވަމުންނެވެ. ފުރާވަރުދެ ދެ ޒުވާނަކަށް ހިތަކަށް މަގު ލިބުމުން ހިއްލާލި ސްޕީޑުގެ އާހިރު ނަތީޖާއަކީ އެންމެންގެ ލޯބިވާ ސޮބާހުގެ ކުއްލި މަރެވެ.

މިފަދަ އެތައް ހާދިސާއެކެވެ. މިއަދު ސޮބާހުއެވެ. މާދަމާ އަޅުގަނޑު ނުވަތަ އެހެންމީހެއް ނޫކަން ވެސް ނޭނގެއެވެ. ބާރު ސްޕީޑުގައި ދުއްވާ ސައިކަލުތައް ނުވަތަ ވެހިކަލްތައް ހުއްޓުވޭނީ ފަރުދީ ޒިންމާއަދާކޮށްގެންނެވެ.

ފުރާވަރުގެ ކުދިން ލައިސަންސް ނެތި ސައިކަލު ދުއްވާ މައްސަލައަކީ އަބަދުވެސް ދައްކާ ވަަހަކައެކެވެ. އާންމުކަމެކެވެ. ނަމަވެސް ވަރިހަމަވެގެން ތިބެވޭ ވަރަށް ވުރެ ބޮޑު މައްސަލައެކެވެ. މުޅި ރާއްޖެއަށް ބަލާއިރުވެސް މި މައްސަލައަކީ އާންމު މައްސަލައެކެވެ. ނަމަވެސް ސުވާލަކީ ފުރާވަރުގެ ކޮންމެ ކުއްޖަކީ ސައިކަލެއް ގަނެވޭނެ ފެންވަރުގެ ކުއްޖަކަށް ނުވާއިރު އެމީހުންނަށް އެ ފުރުޞަތު ލިބެނީ ކިހިނެއްބާއެވެ.

ހަމަ ޔަގީނުންވެސް އެނގޭ އެއް ކަމަކީ މަޔަކު ބަފަޔަކު ކުއްޖާ އަތަށް ވަޅިއެއް ދީފައި މާރާމާރީ ހިންގާކަށް ނުފޮނުވާނެކަމެވެ. ނަމަވެސް ހަމަ އެއްކަލަ ކުއްޖާއަށް ސައިކަލް ދީފައި ފޮނުވާ މައިންބަފައިންވެސް މި ކުރަނީ އެފަދަ ކަމެއް ނޫންބާއެވެ. ސައިކަލެއް ކޮންޓްރޯލް ކުރެވޭ ފެންވަރުގެ ވިސްނުން ސިކުނޑީގައި ނެތް ކުއްޖާއަށް ސައިކަލް ދީފައި ފޮނުވާއިރު އެ ކުއްޖާއަށް ނޭނގި ނަމަވެސް އެކްސިޑެންޓެއް ހިނގައި މީހަކަށް ގެއްލުންވެދާނެކަން މައިންބަފައިން އެބަ ދަންނަން ޖެހެއެވެ.

ކުއްޖާ ފުރާވަރަށް އަޅައި، ބޭރަށް ފެންނަ ފެނުމަށް ކުއްޖާގެ ހަށިގަނޑު ބޮޑުވުމަކީ އޭނާގެ ނާށިގަނޑު ތެރޭގައި އޮތް ސިކުނޑި ތަސައްރަފު ފުދުމެއް ނޫންކަން މައިބަފައިން ދަންނަން އެބަޖެހެއެވެ. މަގުމަތީގައި ހުންނަ ފުލުސް މީހައަށް ކުއްޖާ ބަލާލާފައި އޭނާއަކީ 18 އަހަރު ނުވާ ކުއްޖެއްކަން ފަހަރުގަކުރަން ނޭނގިދާނެއެވެ. ނަމަވެސް މައިބަފައިން ދަންނަން ޖެހެނީ އެގޮތަށް އެއްފަހަރު ދެ ފަހަރު އަނދަވަޅަކަށް ނުވެއްޓި ދުއްވިދާނެ ކަމެވެ. ނަމަވެސް ތިން ވަނަ ފަހަރު ދުއްވަން ނުކުމެ އުޅޭ ކުއްޖާ އަތުން ހިނގާ ކަމަކުން އުމުރު ދުވަހު ގޮޅިއެއްގައި ބެދި ދާނެކަން ދަންނަން ޖެހެއެވެ.

ފުރާވަރު ޒުވާނުންގެ ހިތަކަށް މަގުލިބުމުން ހިއްލާލި ސުޕީޑްގެ އާޚިރު ނަތީޖާއަކަށްވެގެން ދިޔައީ، އެއްވެސް ކުށެއްނެތް އެތައް ބައެއްގެ ފުރާނަ ގެއްލިގެން ދިޔުމެވެ. މަގުތަކުގައި ދުއްވޭނެ ސްޕީޑް ލިމިޓް ލިޔެފައި އޮތީ ހަމައެކަނި ފޮތުގަ އެވެ. އަމަލު ކުރާނެ ބައެއް ނެތެވެ. އެތައް ބައެއްގެ އުއްމީދުތަކާ ގުޅިފައިވާ ތާރީޚީ ސިނަމާލެ ބްރިޖް އާންމުންނަށް ހުޅުވާލި ފަހުން ބްރިޖް މަތިން މުޅިންހެން ފެންނަނީ އެ މަންޒަރެވެ. އުސޫލުތަކާ ޚިލާފަށް އަމަލު ކުރާ މީހުން ވަރަށްވެސް ގިނަ އެވެ. އެއްގަމު އުޅަނދު ދުއްވަމުން ފޯނުން މުއާމަލާތް ކުރުމާއި، މަގާ ވީ ފަޅީގައި ކުޑަކުދިން ގޮވައިގެން ހިނގާފައި ދިއުމާއި، ބެލްޓް ނާޅާ ކުޑަކުދިން އަރުވައިގެން ސައިކަލު ދުއްވުން ފަދަ ކަންކަން ގާނޫނުގައި މަނާކޮށްފައި އޮތަސް، ބައެއް މީހުން އެއަށް ފަރުވާލެއް ނުބަހައްޓަ އެވެ.

ކިތަންމެ ހަރުކަށިކޮށް ވެސް ގާނޫނުތައް ލިޔެވިދާނެ އެވެ. މައްސަލައަކީ އަމަލު ކުރާނެ ބަޔަކު ނެތުމާއި ނިސްބަތުން އެފަދަ މީހުން މަދުވުމެވެ. އެހެންކަމުން އަބަދުވެސް ކުރިމަތިވާ އެންމެ ބޮޑު ފާޑުކިޔުމަކީ ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް އެކަންކަން ނުހުއްޓުވޭ ކަމުގެ ޝަކުވާ އެވެ. ގާނޫނު ތަންފީޒު ކުރުމަކީ ދައުލަތުގެ ޒިންމާއެއް ކަމާ މެދު ދެބަސް ވެވޭކަށް ނެތެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ދީފައި ތަންފީޒީ އިދާރާތައް ހިންގަނީ އެ ބޭނުމުގަ އެވެ. އެހެންނަމަވެސް، އެއީކީ ގާނޫނުތައް މުގުރާލުމަށް ފަހު، ކޮންމެ ކަމަކުން ރެކުމަށް ދެއްކޭނެ އުޒުރެއް ވެސް ނޫނެވެ. މަގުމަތީގެ ގާނޫނުތަކާއި އުސޫލުތައް ހިފެހެއްޓުމަށް ކަމަށް ބުނެ ކޮންމެ މީހެއްގެ ފަހަތުގައި ނުވަތަ ސައިކަލެއްގެ ފަހަތުގައި ފުލުހަކު ނުބެހެއްޓިދާނެ އެވެ. ފަރުދީ ޒިންމާ ކޮބާ ހެއްޔެވެ؟

ދަރިން ތަރުބިއްޔަތު ކުރުގެ ބޮޑު މަސްއޫލިއްޔަތު މައިންބަފައިންގެ ބޮލުގައި އެޅިފައި އޮތް ނަމަވެސް މުޖްތަމައުގެ ކޮންމެ މީހަކީވެސް ކުދިން ހަރުދަނާ ބަޔަކަށް ހެދުމުގައި ޒިންމާވާން ޖެހޭ ބައެކެވެ. ތިމާގެ ސައިކަލް މީހަކަށް ދޭއިރު އެ މީހަކީ ލައިސަންސް އޮތް މީހެއްތޯ ޔަގީން ކުރަންޖެހެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: