ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުރަގޭގައި ކެތްކޮށްލެވުނު ހަމައެކަނި ލީޑަރަކަށް ވެސް މިވީ ރައީސް ޔާމީން!

ރައީސް ޔާމީން ތަހުގީގަށް ހާޒިރުކުރުމަށްފަހު މާފުއްޓަށް ގެންދަނީ:_ ފޮޓޯ:- މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިއްޔެއަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ފަސް އަހަރުދުވަހުގެ ޖަލު ހުކުމެއް އިއްވައި ޖަލުގައި ހުންނަވާތާ އެއް އަހަރުވީ ދުވަހެވެ. ދައުލަތުން ދައުވާކުރި މަނީ ލޯންޑަރިންގެ މައްސަލައެއްގެ ކުށުގައި ރައީސް ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 28 ވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން ރައީސް ޔާމީން ހުންނެވީ ޖަލުގައެވެ. ބޭސްފަރުއަކާއަކަށް މާލެ ވަޑައިގަތުންފިޔަވައެވެ. އޭގެ އިތުރުން ބައެއް ޝަރީއަތުގެ މަޖިލީހަށްވެސް މާލެ ވަޑައިގަންނަވައެވެ.

ފާއިތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ރައީސް ޔާމީންގެ އާއިލާ ބައްދަލު ކުރެއްވުމަށް ނުވަތަ އެ ނޫންވެސް ކަމެއްގައި މާލެ ވަޑައިގަންނަވާފައެއް ނުވަތަ ގެންނަވާފައެއް ނުވެއެވެ. ވަކީލުންނާއި ބައްދަލުކުރައްވަނީ ޖަލުގައެވެ. އެވެސް މަދު ފަހަރަކުއެވެ. އެ ބައްދަލުވުމަކަށް ތިން ހަތަރު ގަޑިއިރެއް ނުނަގައެވެ. ސްޓްރެސް ފްރީ މާހައުލަކަށް ބަދަލުވާން ބޭނުންފުޅުވެގެން އުޅުއްވާފައެއް ނެތެވެ. އޮކްސިޖެން ފުޅިއަކާއި ނުލައި ނިދި ނުކުރެއްވޭތީ ގެއަށް ބަދަލުކޮށްދެއްވުމަށް އެދިވަޑައިގެންފައިވާ ކަމުގެ ޝަކުވާއެއް ނުވަތަ ޑޮކްޓަރުން އިރުޝާދު ދެއްވާފައިވާކަމެއް އެނގޭކަށް ނެތެވެ. ރޯދަ މަހާއި ދިމާކޮށް ރޯދަ ހިފާލުމަށް އާއިލާގާތަށް ގެއަކަށް ބަދަލެއް ނުވިއެވެ. ހަމަ ރަނގަޅަށްވެސް ރައީސް ޔާމީން ވިދާޅުވި ގޮތަށް “ސިޔާސީ ލީޑަރުންގެ ތެރެއިން ގުޑުވާނުލެވޭނީ ހަމައެކަނި އަޅުގަނޑު” އެބަހުގައި ހިފައްޓަވައިގެން ހުންނެވީހެއްޔެވެ. ނޫނީ ހަމަ ވިދާޅުވިހާ ގަޓު ރައީސަކީ ހެއްޔެވެ.

ރައީސް ޔާމީން ޖަލުގައި ހުންނެވިއިރު ސިއްހީ ގޮތުން ގިނަ މައްސަލަތަކެއް ކުރިމަތިވެ، މާލެ ގެނެސް ފަރުވާ ދެއްވަން ޖެހުނެވެ. އެގޮތުން އައިޖީއެމްއެޗްގައި އެޑްމިޓްކުރެވުނެވެ. އޭގެ އިތުރުން ރާއްޖެ އިން ލިބެން ނެތް ބައެއް ފަރުވާތައް ރައީސް ޔާމީނަށް ރާއްޖެ އިން ބޭރުން ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭން އައިޖީއެމްއެޗުގެ ޑޮކްޓަރުންގެ ޓީމަކުން ލަފާ ދެއްވެވިއެވެ. ހުދު އަމަނިކުފާނުވެސް ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވަން ޖެހޭ ސިއްހީ މައްސަލަތަކެއް ކުރިމަތިވެވަޑައިގެންފައިވާ ކަމަށް ހައި ކޯޓުގައި އޮތް އިސްތިއުނާފް އަޑުއެހުމެއްގައި ވިދާޅުވިއެވެ. ކޯޓުތަކުގެ ދޮރުގައި ޓަކި ޖައްސަވަމުން އިންސާފުލިބޭތޯ ރައީސް ޔާމިން މަސައްކަތް ކުރައްވަނީ އިޤުތިޞާދަށް ގެއްލުންދީ، ދިވެހިރާއްޖެ ބޮއިކޮޓުކޮށް، ޕާޓީގެ އެކްޓިވިސްޓުން މަގުތަކަށް ނުކުމެ ހަމަނުޖެހުން ހިންގުމަށް ގޮވާލަމަކުން ނޫނެވެ. ނުވަތަ ދުލަށް އައިހާ އެއްޗެއް ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިސް ފަރާތްތަކަށް ގޮވުމަށް އިރުޝާދު ދެއްވަމަކުންނޫނެވެ.

ރައީސް ޔާމީނުގެ ޞިއްޙީ ޙާލުކޮޅު ހުރި ގޮތުން އެމަނިކުފާނު ޑޮކްޓަރަށް ދެއްކެވުމަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށް ސަރުކާރުން ހުށަހެޅިއެވެ. އަދި މި ސަރަހައްދުން ވަޑައިގަންނަވަން ބޭނުންފުޅުވާ ގައުމެއް އެންގެވުމަށް ދެންނެވި ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.ނަމަވެސް އެކަމަށް ރައީސް ޔާމީން އިންކާރު ކުރެއްވިއެވެ. ސަބަބެއް ކަމަށް އެނގިފައިވަނީ އެ ހުށަހެޅުމާއެކު އިތުރު ޑިމާންޑްތަކެއް ރައީސް ޔާމީނަށް ހުށަހެޅިގެންދިޔުމެވެ. ނުކުރައްވަންވީ ސަބަބެއްވެސް ނެތެވެ. ބައެއް ލީޑަރުން އިނގިރޭސިވިލާތުންނާއި ސިންގަޕޯރ އިންނާއި ޖަރުމަނުން ފަރުވާވެސް ހޯއްދެވީއެވެ. ނުވިތާކަށް ގޮނޑިރޭހުގައިވެސް އުޅުއްވީއެވެ. ޝަރުތަކެއް ކުރިއަސް އެ ހަމަހަމަކަން އޮންނާންވާނެއެވެ. ހަމަ ގައިމުވެސް އެކަމެއް ހިނގީ މިނިސްޓަރު އިމްރާން ޖަލަށް ވަޑައިގެން އެ ދެއްކެވި ވާހަކަތަކަށްފަހުއެވެ. ޖަވާބަކަށް ރައީސް ޔާމީން ވިދާޅުވީ ޖަލުގައި ކިތަންމެ ދުވަހެއް ހުންނަވަން ޖެހިވަޑައިގަތަސް ރާއްޖެ ދޫކުރައްވާ ވަޑައިނުގަންނަވާނެ ކަމުގައެވެ. އެހެންވީމާ ބޭސްފަރުވާގެ އިތުރުން އެހެންކަމެއްވެސް ހުށަހެޅީ ކަމަށް ބެލެވެއެވެ. ރައީސް ޔާމީންގެ އާއިލާގެ ފަރާތުންވެސް ފާހަގަކޮށްފައިވާ ގޮތުގައި ވަކީލުންގެ ފުރުސަތާއި ބޭސްފަރުވާގެ ހައްގަކީ ކުޅިވަރެއްހެން ސިފަވާ ގޮތަށް މިނިސްޓަރު އިމްރާން މީޑިއާގައި ވާހަކަ ދައްކަވަމުން ގެންދަވައެވެ.

ޖަލަށް ވަޑައިގެންނެވި ބައެއް އެހެން ލީޑަރުންގެ ހާލަތު

ޖަލަށް ވަޑައިގަންނަވަން ޖެހުނު ރައީސަކީ ނުވަތަ ލީޑަރަކީ ހަމައެކަނި ރައީސް ޔާމީނެއް ނޫނެވެ. ކުރީގެ ރައީސް ނަޝީދުވެސް ޖަލަށް ވަޑައިގަތެވެ. ކަންވީގޮތް އަދިވެސް ގިނަ ބަޔަކު ހަނދާން އެބަހުއްޓެވެ. އެމްޑީޕީގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ގަވައިދާ ހިލާފަށް އެކަހެރިކުރި މައްސަލައިގައި ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް 13 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައިވަނީ، 2015 ވަނަ އަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހުއެވެ. އެމަނިކުފާނުގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އެއަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ.

ރައީސް ނަޝީދު ޖަލަށްލުން ވެގެން ދިޔައީ ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއަށް ރާއްޖެ ވެއްޓުނު ކަމަކަށެވެ. އެމަނިކުފާނު ޖަލަށްލާފައިވަނީ ނުހައްގުން ކަމަށް ބުނެ އޭރުގެ އިދިކޮޅު ފަރާތްތަކުން މަގު މައްޗަށް ނިކުމެ ބޮޑެތި މުޒާހަރާތަކެއް ކޮށް ރައީސް ނަޝީދު ދޫކޮށްލުމަށް ގޮވާފައިވެއެވެ. އަދި ހަމަނުޖެހުންވެސް ހިނގާފައިވެއެވެ.

ރައީސް ނަޝީދު ޖަލަށް ލެވުނުތާ ތިން މަސް ފަހުން ޑޮކްޓަރުންގެ ލަފާގެ މަތިން “ސްޓްރެސް ފްރީ އެންވަޔަރަންމެންޓެއްގައި” ބެހެއްޓުމަށް އެމަނިކުފާނު ގޭ ބަންދަށް ބަދަލުކުރީ 2015 ޖޫން މަހު 21 ވަނަ ދުވަހުއެވެ. އަދި އޭގެ ދެމަސް ފަހުން ރައީސް ނަޝީދު އަނބުރާ ޖަލަށް ބަދަލު ކުރިއެވެ. އޭގެ ފަހުން 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ރައީސް ނަޝީދު ބޭސް ފަރުވާކުރުމަށްޓަކައި އިނގިރޭސިވިލާތަށް ފުރާވަޑައިގަތެވެ. ލަންކާގައި ހުންނެވުމަށް އިނގިރޭސިވިލާތަށް އެމަނިކުފާނު ވަޑައިގަތީ 2016 ޖެނުއަރީ 21 ގައެވެ.

ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އިނގިރޭސިވިލާތައް ފުރާވަޑައިގަތް ރައީސް ނަޝީދަށް ބޭސްފަރުވާ ކުރަން ދީފައިވާ މުއްދަތު ހަމަވުމުން އެނބުރި ރާއްޖެ ވަޑައިގަތުމަށް އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ސަރުކާރުން އަންގިއެވެ. ނަމަވެސް އޭގެފަހުން އޭޕްރީލް މަހުގެ 17 ވަނަ ދުވަހު ވަނީ އެމަނިކުފާނުގެ ބޭސްފަރުވާގެ މުއްދަތު 30 ދުވަހަށް އިތުރުކޮށްދީފަ އެވެ. މައިބަދައިގެ އޮޕަރޭޝަނެއް ކުރެއްވުމުގެ ބޭނުމުގައި، ދިވެހި ސަރުކާރުން ދިން ޚާއްސަ އިނާޔަތެއްގެ ގޮތުގައި މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އިނގިރޭސިވިލާތަށް ވަޑައިގަތް ނަމަވެސް ފަހުން އެމަނިކުފާނުވަނީ އެއަހަރުގެ މޭ މަހުގެ ބާވީސްވަނަ ދުވަހު އެގައުމުން ސިޔާސީ ހިމާޔަތް ހޯއްދަވާފައެވެ. އޭގެ ފަހުން ރާއްޖެ ވަޑައިގެންނެވީ ރައީސް ޔާމިން ސަރުކާރު ނިމުނު ފަހުންނެވެ. އެދުވަސްކޮޅުގެ ތެރޭގައި ސިޔާސީ ކަންކަމާއި ގޮނޑިރޭހުގައި ބައިވެރިވުންފަދަ ކުޅިވަރުތަކުގައި އުޅުއްވިއެވެ.

ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލި، އަދާލަތު ޕާޓީގެ ރައީސް އިމްރާނު އަބްދުﷲ ގެ މައްޗަށް ކުށް ސާބިތުވެ 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ 16 ފެބްރުއަރީ 2016 އެވެ. އިމްރާންގެ މައްޗަށް ހުކުމްކުރުމުގެ ޖަލުގައި ބަންދުކޮށްފައި ވަނިކޮށް ގެއަށް ބަދަލުކުރެވުނެވެ. އަދި ހުކުމަށްފަހުވެސް އިމްރާންވަނީ ގެއަށް ބަދަލުކޮށްފައެވެ. އަދި ފެބްރުއަރީ 2017 ގައި އިމްރާންގެ ކުރި ހުކުމުގެ އިސްތިއުނާފް މަރުޙަލާ ހައިކޯޓުގައި ފެށުނު އިރުވެސް އޭނާ ހުންނެވީ ގޭގައެވެ. އަދި އޭގެ ފަހުން ދަރިކައަކު ލިބުމާއި ގުޅިގެންވެސް ގެއަށް ބަދަލުކޮށްދީފައިވެއެވެ. އިމްރާން މިނިވަންވުމާއި ހަމައަށް ޖަލުގައި ހޭދަކުރެއްވި ދުވަސްތަކަށްވުރެ ގޭގައި ހޭދަކުރެއްވި ދުވަސްތައް ގިނަވާނެ ކަމަށްބުނުމަކީ މުޅިއަކުން ކުށަކަށްނުވާނެއެވެ. އެކަމަކު މިހާރު ޖަލުގެ ވާހަކަ ދައްކަވާއިރު، ޖަލުގައިވެސް އުޅުއްވީވެސް ގާނޫނީ ގޮތުން މަނާ ކަންތައްތަކެއް ކުރައްވަމުންނެވެ. ވަގަށް ފޯނު ވައްދައިގެން އޭގެ ބޭނުން ކުރެއްވިއެވެ. ނެގިފައިވާ ސެލްފީތަކުން އެކަން ފާހަގަވާނެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން 42 މެމްބަރުންގެ ސޮއި ހޯދަން، “ގަވާއިދާ ހިލާފަށް” މަސައްކަތްކުރެއްވުމާއި ސަރުކާރު ވައްޓާލަން މަސައްކަތްކުރައްވާކަމުގެ ތުހުމަތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ހައްޔަރުކުރެވުނެވެ. އަދި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓިއެވެ. ނަމަވެސް ފަހުން ގާސިމްވަނީ ދޫކޮށްލާފައެވެ. އޭގެފަހުން 2017 އޮގަސްޓު މަހުގެ 24 ވަނަ ދުވަހު ގާސިމްގެ މައްޗަށް ތިން އަހަރުގެ ހުކުމެއް އިއްވިއެވެ. ހުކުމްކުރީ ގާސިމްގެ ޣައިރު ހާޒިރުގައެވެ. އޭރު ގާސިމް އޮންނެވީ ހިތުގެ އާލާސްކަންފުޅެއްގައި އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައެވެ. ޤާސިމްވަނީ އިތުރުފަރުވާ ހޯއްދެވުމަށް ސިންގަޕޯރ އަށް ވެސް ވަޑައިގަންނަވާފައެވެ. އަދި އޭގެފަހުން ޖަރުމަނަށްވަޑައިގެން އެތަނުން ސިޔާސީ ހިމާޔަތް ގާސިމް ހޯއްދެވިއެވެ.

ކުރުގޮތަކަށް މި ދަންނަވާލެވުނީ ސިޔާސީ މަޝްރަހުގައި ކިޔާގޮތުންނަމަ ވަރަށް ގަޓުގައި އުޅުއްވި ބައެއް ސިޔާސީ ލީޑަރުންގެ ވާހަކައެވެ. ނަމަވެސް ރައީސް ޔާމީން ފިޔަވައި އެހެން ލީޑަރުން ޖަލަށް ވަޑައިގަންނަވަންޖެހުނު ހިސާބުންފެނުނީ އެ ގަޓުފޭބި ތަނެވެ. ހުރިހާ ލީޑަރުންނަށްވެސް ގާތްގަނޑަށް އެއް ކަހަލަ ހުށަހެޅުންތަކެއް ލިބުނުކަން އެބައެގެއެވެ. ނަމަވެސް ޖަލުގައި އާއިލާއާ ދުރުގައި ހުންނެވަން ޖެހިވަޑައިގަތަސް ރައީސް ޔާމީން އެލިބޭ އެއްވެސް ފުރުސަތެއް ބޭނުންކުރައްވަން ބޭނުންފުޅުނުވަނީއެވެ. އެންމެ ފަހުން ހުރަގޭގައިވެސް ކެތްކޮށްލެވުނު ހަމައެކަނި ލީޑަރަކަށް މިވީ ރައީސް ޔާމީނެވެ.

ވަރަށް ގަދަ
69%ވަރަށް ގަދަ 29%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 2%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

4 Responses

  1. ކެތް ކުރުން ނޫން އޮތީ ފަހެ ކޮން ގޮތެއްތޯ؟
    ރައްޓެހިން ބީރައްޓެހިންނަށްވެފަ ތިމާގެ މީހުން ނެތިފަ ސަޕޯޓަރުން މަދުވެފަ. ހުރިހާ ހުކުމެއް ސާބިތުވެފަ. މީހުންނަށް އެހާ އަނިޔާދީފަ. އަގު ވެއްޓިފަ. ވަގުލާރި ކައިފަ. ބަސްޓުވީމާ ކެތް ކުރުން ނޫން ކޮން ގޮތެއްތޯ އޮތީ.

  2. ހަގީގަތަކީ އިދިކޮޅުލީޑަރުން ނަށް ޔާމީނުގެ ދައުރުގަ އިއްވީ އެއްވެސް އަސްލެއްނެތް ޖޯކު ހުކުމްތަކެއް. ކަޅުފޮއްޓޭ ފިސްތޯލައޭ ފަޅޮލޭކިޔާ ޔާމީން ހުކުމްތައްވެސް ޑްރާފްޓް ހަދަމުންދިޔާ.. ނަމަވެސް އާއްމުކޮށް ހުޅުވާލައިގެން ބޭއްވި ޝަރީއަތެއްގައި ހަޤީގީ އަސްލުތަކެއްމަށް ދައުވާބިނާކޮށް އިންސާފުވެރި ހުކުމަކާއް ޔާމީން ތަންފީޒްކުރަމުން އެދަނީ…

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: