ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިލަމާލެ ޕްރޮޖެކްޓު އެއީ ރައީސް ޔާމީންގެ މަޝްރޫއެއް، މި ސަރުކާރުގެ އަތުގައި އޮތީ އެ ބްލޫޕްރިންޓު: މުއިއްޒު

މާލެ، ވިލިނގިލި އަދި ތިލަފުއްޓާއި ގުޅީފަޅު ގުޅާލަން އަޅާ "ތިލަ މާލެ" ބްރިޖް ސާވޭގެ ތެރެއިން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ، ވިލިނގިލި އަދި ތިލަފުއްޓާއި ގުޅީފަޅު ގުޅާލަން އަޅާ “ތިލަ މާލެ” ބުރިޖު މަޝްރޫއަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މަޝްރޫއެއް ކަމަށާއި، މި ސަރުކާރުން އެ މަޝްރޫއު ކުރިޔަށް ގެންދަނީ ރައީސް ޔާމީން ސަރުކާރުން ތައްޔާރު ކުރި ބްލޫ ޕްރިންޓްއަކަށް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ލޯނު އެހީގައި އެގައުމުގެ ކުންފުންޏަކާ ހަވާލުކޮށް އަޅާ 6.7 ކިލޯ މީޓަރުގެ ބްރިޖުތަކާއި ކޯޒްވޭގެ މައްޗަށް އެކުލެވޭ “ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް” އަކީ މި ސަރުކާރުން ކުރިޔަށް ގެންދާ ބޮޑު މަޝްރޫއެކެވެ.

ތިލަމާލެ ބްރިޖު މަޝްރޫއަށް އެކްސްޕޯޓް އިމްޕޯޓް ބޭންކު އޮފް އިންޑިއާ (އެގްޒިމް ބޭންކު) އިން 400 މިލިއަން ޑޮލަރުގެ ލޯނާއި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފައި ވެއެވެ. އަދި މީގެ ތެރެއިން 400 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކަން 20 އަހަރުގެ މުއްދަތެއް ދީފައިވާ އިރު، ލޯނު އަނބުރާ ދައްކަން ފަށަން ޖެހެނީ ލޯނު ދޫކުރާ ތާރީހުން ފެށިގެން ފަސް އަހަރު ފަހުންނެވެ. މި ލޯނުގެ އިންޓަރެސްޓް ރޭޓަކީ 1.75 ޕަސެންޓެވެ

މަނީ ލޯންޑްރިންގެ ކުށުގައި ރައީސް ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމަށް އެއް އަހަރު ފުރުމާއި ގުޅިގެން، އިދިކޮޅުން ވަނީ ކަނޑުމަތީ މުޒާހަރާކޮށްފައެވެ. އަދި މި އިހުތިޖާޖުގެ ތެރެއިން “ޗެނަލް 13 އަށް” އަށް ދެއްވި އިންޓަވިއުއެއް ގައި މުއިއްޒު ވިދާޅުވީ ވިލިމާލެއިން، ތިލަފުއްޓާއި ހަމައަށް އަޅާނެކަމަށް މި ސަރުކާރުން ބުނަމުން ދާ ބްރިޖްއަކީ އެއީ ރައީސް ޔާމީންގެ ޕްރޮޖެކްޓެއް ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެކަން ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރިޔަށް ކާމިޔާބު ނުކުރެވޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

2016 ވަނަ އަހަރުގެ ތެރޭގައި މި މަޝްރޫއު ރައީސް ޔާމީންގެ ސަރުކާރުގައި އިއުލާނުކޮށްފައިވާނެ ކަމަށާއި، 2017 ވަނަ އަހަރުގެ ތެރޭގައި ޕްރޮޖެކްޓުގެ ސްޓަޑީސްތައް ނިންމި ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި މި ސަރުކާރުން އެ މަޝްރޫއު ކުރިޔަށް ގެންދާނެ ކަމަށް އެ ބުނަނީ ރައީސް ޔާމީންގެ ސަރުކާރުގެ “ބްލޫ ޕްރިންޓް” އަށް ކަމަށް އޭނާ ވިދާޅުވިއެވެ.

“އެ ބްރިޖަކީ އެއީ ރައީސް ޔާމީންގެ ޕްރޮޖެކްޓެކޭ އިނގޭތޯ. މި ސަރުކާރުން އެކަން އޮޅުވާލަން އުޅުނަސް ނުވާނެ. އަޅުގަނޑުވާނީ އެކަން އިއުލާނުކޮށްފައި ރައީސް ޔާމީންގެ ޒައާމަތުގައި 2017 ގައި އެންމެ ފުރަތަމަ 2016 ގައި އޭގެ ސްޓަޑީސް ނިންމާ” މުއިއްޒު

މި ސަރުކާރުން މި މަސައްކަތް ކުރިޔަށް ގެންދަނީ އޭގެ ސަބަބުން ބްރިޖުގެ ފައިނޭންޝިއަލް ކޮސްޓު ބޮޑުވާނެ ގޮތަކަށް ކަމަށާއި، އޭގެ ސަބަބުން ރައްޔިތުންގެ ބޮލުގައި އެޅޭ ދަރަނީގެ އަދަދުތައް އިތުރުވާނެ ކަމަށް މުއިއްޒު ފާހަނގަ ކުރިއެވެ.

ރައީސް ސޯލިހުގެ ސަރުކާރަށް ދެ އަހަރު ފުރުމާއި ގުޅިގެން އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނު ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި މަޝްރޫއުތައް ކުރިޔަށް ގެންދިއުމަށް ނަންގަވާފައިވާ ލޯނުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އަދި އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބެޖެޓު ބަހުސްގެ މަރުހަލާގެ ތެރެއިން ވެސް އެމަނިކުފާނު ކުރީގެ ސަރުކާރާއި ދަރަންޏާއި ގުޅުވާ ވާހަކަ ދައްކަވާފައިވެއެވެ.

އެމަނިކުފާނުގެ ފާޑުކިއުންތައް އެންމެ ބޮޑަށް އަމާޒުވަނީ ޗައިނާއިން ނަގާފައިވާ ލޯނުތަކަށާއި، ސިނަމާލެ ބްރިޖަށެވެ. އަދި ބަޖެޓަށް ބުރަވާން ޖެހުނީ ވެސް ރައީސް ޔާމީން ސަރުކާރުގެ ލޯނުތަކުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.

މި އިހުތިޖާޖުގެ ތެރެއިން މުއިއްޒު ވަނީ ރައީސް ނަޝީދު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާފައެވެ.

މުއިއްޒު ވިދާޅުވީ ގޮތުން ބްރިޖުގެ ޕްރޮޖެކްޓަށް ޗައިނާއިން ހަރަދުކުރީ 200 މިލިއަން ޑޮލަރެވެ. އަދި އޭގެ ތެރެއިން 130 މިލިއަން ޑޮލަރު އެއީ އެ ގައުމުގެ ހިލޭ އެހީކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ކަމަށްވާނަމަ ދެން ޗައިނާއަށް ސަރުކާރުން ދައްކަން ޖެހޭނީ 70 މިލިއަނެއްހާ ޑޮލަރުކަމަށް ވާއިރު، ރައީސް ޔާމީންގެ ސަރުކާރާއި ޗައިނާ އެއްބަސްވެފައި އޮތީ ކުޑަ އިންޓްރެސްޓު ރޭޓެއްގެ ގޮތުގައި 20 އަހަރު ދުވަހުން އެ ލޯނު އަނބުރާ ދެއްކުމަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

“ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަކީ ނުވަތަ ސިނަމާލެ ބްރިޖަކީ އެ ވިދާޅުވާ ދަރަނި ރައްޔިތުންގެ ބޮލުގައި އެޅިގެންދާ ޕްރޮޖެކްޓެއް ނޫންކަން، ހުރިހާ ރައްޔިތުންނަށް ވެސް އެނގިވަޑައިގަންނަވާނެ. އެ ޕްރޮޖެކްޓުގެ ލޯނު ބަޔަކީ އަޅުގަނޑުމެން މިކިޔަނީ 70 މިލިއަން ޑޮލަރު ގާތްގަނޑަކަށް އިނގޭތޯ. އެވެސް 20 އަހަރު ދުވަހަށް ބަހާލައިގެން ވަރަށް ކުޑަ އިންޓްރެސްޓު ރޭޓެއްގައި ދެއްކޭ ގޮތަށް އޮތް ލޯނެއް.” މުއިއްޒު

200 މިލިއަން ޑޮލަރުގެ ތެރެއިން 70 މިލިއަން ޑޮލަރު ދައްކަން ޖެހުން އެއީ ދަރަނީގެ ދަންތުރައެއްގެ ގޮތުގައި ދެއްކޭނެ އެއްވެސް ގޮތެއް ނެތް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ފާޑުކިޔާއިރު މި ސަރުކާރުން ނަގާ އެއްވެސް ލޯނެއްގެ ތަފްސީލެއް ނޭނގޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ސަރުކާރުން އެ މައުލޫމާތުތައް މީޑިއާތައް އަދި ރައްޔިތުންނާއި ވެސް ހިއްސާ ނުކުރާ ކަމަށާއި ރައްޔިތުންގެ ބޮލުގައި ބޮޑު ދަރަންޏެއް އަޅުވާއިރު އޭގެ ތަފްސީލްތައް އެނގެން ޖެހޭނެ ކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ.

“އަޅުގަނޑުމެން ނެގި ދަރަންޏެއް ވިއްޔާ އެ އެއޮތީ ފެންނަން. އަދި އޭގެ ތަފްސީލް ވެސް އެ އޮތީ ފެންނަން” މުއިއްޒު

ރައީސް ޔާމީންގެ ސަރުކާރާއި މި ސަރުކާރާއި އެތައް ތަފާތުތަކެއް އެބަހުރި ކަމަށާއި، ރައްޔިތުން ގަބޫލު ކުރަނީ މިއީ މަޝްރޫއުތައް ނުހިންގޭ ނާގާބިލު ސަރުކާރެއްގެ ގޮތުގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އެހެންވީމަ މާލެ ހުޅުމާލެ ބުރިޖިޖާ ހުޅުމާލެ ފޭސް 2 އެއީ މައުމޫނު އެޅިތަންތަން ދެއްތޯ؟ ފޭސް ޓޫގެ މާސްޓަރޕުލޭން އެއީ މައުމޫނު ހެއްދެވި އެއްޗެއް ބުލޫޕުރިންޓު އޮންނާނެ ޔާނުވެރިކަމަށް އައިއިރުވެސް.. ބުރިޖުވެސް އެއީ މައުމޫނުގެ ތަސައްވަރެއް ކުރހުންތަކާ ޕުލޭނުތައް ވެސްކޮށްފަ ހުރީ.. އެކަމަށް މުއިއްޒު ފުރަތަމަ އެއްބަސަވެފަ ތި ކިޔާއެއްޗެއް ކިޔާ..

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: