ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާޒަކީ އަންހެނުންނަށް ރައްކާތެރި މާހައުލެއް މުޖުތަމައުގައި ޤާއިމުކޮށްދިނުން – ނައިބު ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

އަންހެނުންނަށް ކުރާ ހުރިހާ ބާވަތެއްގެ އަނިޔާ ހުއްޓުވުމަށް ކުރާ މަސައްކަތަކީ މި ސަރުކާރުން އެންމެ ބޮޑު އަހަންމިއްޔަތުކަން ދޭ އެއް މަސައްކަތްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު ވާހަކަފުޅު ދައްކަވާފައި މި ވަނީ އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ދުވަހުގެ މުނާސަބާގައި ދެއްވި ޚާއްޞަ ޚިޠާބުގައެވެ.

ޚިޠާބުގައި އެ މަނިކުފާނު ވަނީ، ރާއްޖޭގެ ކޮންމެ ތިން އަންހެނަކުން އެކަކީ އުމުރުގެ ކޮންމެވެސް ހިސާބެއްގައި، ކޮންމެވެސް ބާވަތެއްގެ އަނިޔާގެ ޝިކާރައަކަށް ހުޅަހެޅޭ މީހެއްކަން ހިތާމައާއެކު ފާހަގަކުރައްވާފައެވެ. އަދި، ގިނަ ފަހަރަށް، ފަސޭހަކަމާއެކު އެކަށީގެންވާ ފަރުވާ ހޯދުމުގައި އެ މީހުންނަށް ދަތިތަކާ ކުރިމަތިވާކަމަށާއި، އެ މީހުންނަށް އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތްތަކަށް ވެސް އެކި ހުރަސްތަކާ ކުރިމަތިވާކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މިފަދަ އަނިޔާތަކާ ދެކޮޅަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވައިލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކޯވިޑް-19ގެ ހާލަތާއެކު ގެންނަން ޖެހުނު ފުރަބަންދުގައި މިފަދަ މައްސަލަތައް ރިޕޯޓްކުރާ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރައްވާ، އެ ހާލަތުގައި ވެސް މިފަދަ މައްސަލަތައް ބަލައި، ފިޔަވަޅުތައް އެޅުމުގައި ސަރުކާރުން ޚާއްޞަ އިސްކަމެއް ދީފައިވާ ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުރަށް ވިދާޅުވީ، މި މަސައްކަތަކީ ކޯވިޑް-19އާއި ގުޅިގެން ކުރިމަތިވި ހާލަތުންނާއި، ޤައުމަށް ކުރިމަތިވެފައިވާ އިޤްތީޞާދީ ހާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތާއި، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ މުހިންމު އެއް އަސާސް ކަމުގައެވެ.

މި ގޮތުން، އަނިޔާއާ ކުރިމަތިލާންޖެހޭ އަންހެނުންނަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމާއި، އެ މީހުންގެ މަޞްލަޙަތު ހިމާޔަތްކޮށްދިނުމާއި، އަންހެނުންނެ ހައްޤުތަކަށް އަރައިގަންނަ މީހުންނަށް ޙައްޤު އަދަބު ދިނުމަށް ޝަރުޢީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގައި ސަރުކާރުން ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އެ މަނިކުފާނު އެރުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: