ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިއްހީ ދާއިރާގެ މައްސަލަތައް ހައްލު ކުރެވޭނީ ގާނޫނު ތަންފީޒް ކުރެވިގެން!

ދަރުމަވަންތަ ހޮސްޕިޓަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިއްހީ ދާއިރާ ކުރި ނާރާ ވާހަކައާއި، ސިއްހީ ދާއިރާގެ ތަފާތު އެކި މައްސަލަތަކުގެ ވާހަކައަކީ ތާއަބަދުމެ ރައްޔިތުން ދައްކަމުންދާ ވާހަކައެކެވެ. އެގޮތުން ސިއްހީ ފުރުވާ ދޭ ތަންތަނުގެ މައްސަލަތަކާއި ސިއްހީ ފަރުވާ ދޭ ފަރާތްތަކުގެ އިހުމާލުން ހިތާމަވެރި އެތައް ހާދިސާތަކެއް ހިނގަމުންދާ ވާހަކައަކީ ވެސް އަބަދުމެ ރައްޔިތުންެ ދައްކަމުންދާ ވާހަކައެކެވެ.

މިދެންނެވި ގޮތަށް ސިއްހީ ދާއިރާގެ އަދި ސިއްހީ ފަރުވާ ދޭ ފަރާތްތަކުގެ މައްސަލަތަކުގެ ވާހަކަ ރައްޔިތުން ދައްކަމުންދާއިރު ސިއްހީ ދާއިރާގެ ކަންކަން ހަރުދަނާ ގޮތެއްގެ މަތިން ހިންގުމަށް ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނެއް 2015 ވަނަ އަހަރު ވުޖޫދު ކުރެވި އަމަލު ކުރަން ވަނީ ފަށާފައެވެ.

ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަކީ ދިވެހިރާއްޖޭގައި ސިއްހީ ހިދުމަތް ދިނުމުގެ ގައުމީ ނިޒާމެއް އެކަށައެޅުމާއި، ސިއްހީ ހިދުމަތް ކުރިއެރުވުމާގުޅޭ އުސޫލުތަކާއި، ދިވެހިރާއްޖޭގައި ދެވޭ ސިއްހީ ހިދުމަތުގެ ފެންވަރު ހިފެހެއްޓުމާ ގުޅޭގޮތުންނާއި ދިވެހިރާއްޖޭގައި ސިއްހީ ހިދުމަތްދޭ ތަންތަނުން ހިދުމަތް ދިނުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި، މިންގަނޑުތަކާއި، ށަރުތުތަކާއި، ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ސިއްހީ ހިދުމަތް ދިނުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި، މިންގަނޑުތަކާއި، ށަރުތުތަކާއި، ސިއްހީ ހިދުމަތްދޭ ފަރާތްތަކާއި، ސިއްހީ ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތަކާއި އެނޫންވެސް ކަމާގުޅޭ އެންމެހައި އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ މައިގަނޑު މަގުސަދަކީ  ސިއްހީ ހިދުމަތް ދިނުމުގެ ގައުމީ ނިޒާމެއް ގާއިމުކުރުމާއި،  ދިވެހިރާއްޖޭގައި ސިއްހީ ހިދުމަތްދޭ ފަރާތްތަކުން ހިދުމަތް ދިނުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް އެކަށައަޅައި ބަޔާންކުރުމާއި، ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ގާއިމުކުރާ ތަންތަނާއި، ހިދުމަތްތަކާއި، ވަސީލަތްތަކާއި، ފަސޭހަތައް، ދެމެހެއްޓެނިވި އުސޫލަކުން ހިންގުމާއި، ދައުލަތުން ފޯރުކޮށްދޭ ސިއްހީ ހިދުމަތަކީ އެންމެންނަށް ވާސިލުވެވޭނެ، ރައްކާތެރި، ފެންވަރު ރަނގަޅު ހިދުމަތަކަށް ހެދުމާއި، އެ ހިދުމަތަކީ ކަނޑައަޅޭ ވަކި މިންގަނޑެއްގައި، ދެމެހެއްޓެނިވި ގޮތެއްގައި ދެވޭ ހިދުމަތަކަށް ހެދުމަކީ ގާނޫނުގެ މަގުސަދެކެވެ.

މީގެއިތުރުން އަމިއްލަ ފަރާތްތަކުން ފޯރުކޮށްދޭ ސިއްހީ ހިދުމަތްތަކަކީ ރައްކާތެރި، ފެންވަރު ރަނގަޅު އަދި ކަނޑައެޅޭ ވަކި މިންގަނޑެއްގައި، ދެމެހެއްޓެނިވި ގޮތެއްގައި ދެވޭ ހިދުމަތަކަށް ހެދުމާއި، ސިއްހީ ހިދުމަތްދޭ އެންމެހައި ފަރާތްތަކާއި، ތަންތަނާއި އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، އަދި އެތަންތަނުންނާއި އެފަރާތްތަކުގެ ކިބައިން ސިއްހީ ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށް، އެތަންތަނާއި އެފަރާތްތަކުގެ ޒިންމާތައް ކަނޑައެޅުމުގެ އިތުރުން  ދިވެހިރާއްޖޭގައި ސިއްހީ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން ހިދުމަތް ދިނުމުގައި، ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގެ ދަށުން ހިފެހެއްޓުން ލާޒިމުކުރާ މިންގަނޑުތައް އެފަރާތްތަކުން ހިފަހައްޓަމުންދޭތޯ ބަލައި ކަށަވަރުކުރާނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަކީ ވެސް މި ގާނޫނުގެ މަގުސަދެކެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުގައި ސިއްހީ ހިދުމަތްދޭ ފަރާތްތަކާއި ތަންތަނުން އެއްވެސް ބާވަތެއްގެ ސިއްހީ ހިދުމަތެއް ދޭންވާނީ، އެކަމަށް ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުގެމަތިން އެ ހިދުމަތެއް ދިނުމުގައި އެކުލަވާލާފައިވާ ފަންނީ އަދި އިލްމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން، އަދި ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ހުއްދަ ލިބިފައިވާ ފަރާތްތައް މެދުވެރިކޮށެވެ. އެގޮތުން  ސިއްހީ ހިދުމަތް ދިނުމުގެ ލައިސަންސަށް އެދި ހުށަހަޅާއިރު އެތަނަކުން ދިނުމަށް ކަނޑައަޅާފައިވާ ފަރުވާ ދިނުމަށް ބޭނުންވާނެ ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިން އެތަނެއްގައި ތިބެންވާނެއެވެ. މިފަދަ މީހުން ތިބެންވާނީ އެ ފަންނެއްގެ ކަމާބެހޭ ކައުންސިލް ނުވަތަ ބޯޑުގައި ރަޖިސްޓަރީވެ، އެފަރާތެއް ނިސްބަތްވާ ފަންނުގައި މަސައްކަތް ކުރުމުގެ ސައްހަ ލައިސަންސް ހޯދާފައެވެ.

ސިއްހީ ހިދުމަތުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި ދިވެހިރާއްޖޭގައި ދެވޭ ސިއްހީ ހިދުމަތްތަކުގެ ފެންވަރާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ސިއްހީ ހިދުމަތްދޭ ތަންތަން ގާނޫނުގެ ދަށުން ބަލައި ފާސްކޮށް، އެތަންތަނުގައި ކަންކަން ހިންގަނީ ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި، އުސޫލުތަކާއި، މިންގަނޑުތަކާއި، ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިޖުރާއާތުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކޮށް، ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް، “ކޮމިށަނަރ އޮފް ކޮލިޓީ އެށުއަރަންސް” ގެ ނަމުގައި މަގާމެއް އުފައްދައި، އެ މަގާމަށް މީހަކު އައްޔަންކުރަންވާނެއެވެ. ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން މިހާރު ވަނީ މި ދެންނެވި މަގާމަށް ބޭފުޅަކު އައްޔަން ކުރެވިފައެވެ.

ގާނޫނުގެ ދަށުން އައްޔަން ކުށްފައިވާ “ކޮމިށަނަރ އޮފް ކޮލިޓީ އެށުއަރަންސް” އަށް ވަަރށް މުހިންމު ބޮޑެތި ބާތަކެއް ވަނީ ދީފައެވެ. އެގޮތުން  ސިއްހީ ހިދުމަތުގެ ފެންވަރު ކަށަވަރުކުރުމަށާއި، މުވައްޒަފުންނާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ރައްކާތެރިކުރުމަށް އެކުލަވާލަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް އެކުލަވާލުމާއި، ސިއްހީ ހިދުމަތުގެ ފެންވަރު ކަށަވަރުކުރުމަށާއި، ސިއްހީ ހިދުމަތްދޭ ތަންތާނގެ މުވައްޒަފުންނާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ރައްކާތެރިކުރުމަށް އެކުލަވާލަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ފުރިހަމަވެފައިވާކަން ކަށަވަރުކުރުމާއި، އަމަލުކުރެވެމުންދާ މިންގަނޑުތަކާއި އުސޫލުތައް މުރާޖައާކޮށް އިސްލާހުކުރުމަކީ ވެސް ކޮމިޝަނަރުގެ ޒިންމާއެކެވެ.

މީގެއިތުރުން ސިއްހީ ހިދުމަތްދޭ ތަންތަން ހުންނަނީ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންތޯ ބެލުމާއި، ސިއްހީ ހިދުމަތްދޭ ތަންތަނުން ލިބިދޭންޖެހޭ އަދި ފޯރުކޮށްދޭ ހިދުމަތްތައް ދެމުންގެންދަނީ ކަނޑައެޅިފައިވާ ގަވާއިދުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންތޯ ބެލުމާއި، ސިއްހީ ހިދުމަތްދޭ ތަންތަނުގެ ފަންނީ މުވައްޒަފުން މަސައްކަތްކުރަނީ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންތޯ ބެލުމަކީ ވެސް ކޮމިޝަނަރުގެ ޒިންމާއެކެވެ.

ހަމައެހެންމެ ސިއްހީ ހިދުމަތްދޭ ތަންތަނަށް އިންސްޕެކްޓަރުން ފޮނުވައި، އެތަންތަން ބަލައި ފާސްކޮށް، އިސްލާހުކުރަންޖެހޭ ކަންކަން ހުރިނަމަ އެކަންކަން އިސްލާހުކުރުމަށް އެފަރާތްތަކަށް އަންގައި، ކޮމިށަނަރު އަންގާ އެންގުންތަކަށް އަމަލުނުކޮށްފިނަމަ، ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ވެސް ކޮމިޝަނަރުގެ ޒިންމާއެކެވެ.

ސިއްހީ ހިދުމަތް ދިނުމާ ގުޅޭގޮތުން އެކިއެކި ފަރާތްތަކުން ކުރާ ށަކުވާތައް މިނިވަންކަމާއެކު އަޑުއަހައި، ތަހްގީގުކޮށް މިނިސްޓަރަށް ރިޕޯޓު ހުށަހެޅުމާއި، ސިއްހީ ހިދުމަތްދޭ ތަނަކުން މީހަކަށް ނުރައްކާތެރި އަނިޔާއެއް ލިބިއްޖެނަމަ، ނުވަތަ އެއިން ފަރާތެއްގެ އިހުމާލުން ކަމެއް ހިނގައިފިކަމުގެ މައުލޫމާތު ކޮމިށަނަރަށް ލިބިއްޖެނަމަ އެކަން ބަލައި ތަހްގީގުކޮށް، ކަމާބެހޭ ބޯޑު ނުވަތަ ކައުންސިލަށާއި މިނިސްޓަރަށް ރިޕޯޓު ހުށަހެޅުމަކީ ވެސް ކޮމިޝަނަރުގެ ޒިންމާއެއް ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ.

މީގެއިތުރުން ގާނޫނުގެ ދަށުން ބާރު ލިބިގެން ސިއްހީ ހިދުމަތްދޭ ތަންތަން ބަލައި ފާސްކުރުމަށް ކޮމިށަނަރު ފޮނުވާ މުވައްޒަފުންނަށް ގާނޫނުގެ ދަށުން ވަނީ ބޮޑެތި ބާރުތަކެއް ލިބިދީފައެވެ. އެގޮތުން ދުރާލާ އެންގުމަށްފަހު ނުވަތަ ދުރާލާ ނޯޓިސް ދިނުމަކާ ނުލައިވިޔަސް ހިދުމަތްދޭ ތަނަށް ވަދެ، ބަލައި ފާސްކުރުމުގެ ބާރު ވަނީ ކޮމިޝަނަރު ފޮނުވާ މުވައްޒަފުންނަށް ދީފައެވެ. ސިއްހީ ހިދުމަތްދޭ ތަނުގައި ތިބޭ މީހުންނާއި މުވައްޒަފުންނާ ބައްދަލުކޮށް މައުލޫމާތު ހޯދުން؛

ހަމައެހެންމެ ސިއްހީ ހިދުމަތްދޭ ތަނުން ފޯރުކޮށްދޭ ހިދުމަތްތަކާ ބެހޭގޮތުންނާއި ތަނުގައި ބޭނުންކުރާ ތަކެތީގެ ފެންވަރާއި ރައްކާތެރިކަން ބެލުމަށްޓަކައި ތަނުގައި ބޭނުންކުރާ ތަކެތި ޓެސްޓުކުރުން ނުވަތަ އެތަކެތިން ސާމްޕަލް ނެގުމުގެ ބާރުވެސް ވަނީ ދީފައެވެ. އަދި ސިއްހީ ހިދުމަތްދޭ ތަނުގެ އެންމެހައި ރެކޯޑުތަކާއި ލިޔުންތައް ބަލައި ކޮޕީހެދުމާއި، މައުލޫމާތު ހޯދުމަށާއި ހެކިބަސް ހޯދަން ބޭނުންވާ ހާލަތްތަކުގައި ހާޒިރުކުރަންޖެހޭ މީހުން ހާޒިރުކޮށް ބަޔާން ނެގުމާއި، ކަމާ ގުޅޭގޮތުން ހޯދަންޖެހޭ އިތުރު މައުލޫމާތުތައް ހޯދުމުގެ ބާރުވެސް ކޮމިޝަނަރު ފޮނުވާ މުވައްޒަފުންނަށް ވަނީ ދީފައެވެ.

މީގެއިތުރުން ސިއްހީ ހިދުމަތްދޭ ފަރާތްތަކުން ހިދުމަތް ދިނުމުގައި އަމަލު ކުރަން ޖެހޭ ގޮތާއި ބަލި މީހުންނަށް މައުލޫމާތު ދޭން ޖެހޭ ގޮތާއި މުއާމަލާތް ކުރަން ޖެހޭނެ ގޮތް ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ. އެހެން ކަމުން ސިއްހީ ހިދުމަތުގެ ގާނޫނު އެކަށީގެންވާ ގޮތަށް ތަންފީޒް ކުރެވިއްޖެނަމަ ސިއްހީ ދާއިރާގައި މިހާރު ދިމާވާ ބޮޑެތި މައްސަލަތަކަށް ހައްލެއް ލިބިގެންދާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: