ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓު 2021: ނަމުން ރައްޔިތުންނަށް ފައިދާ، ކަމުން ދަރަންޏާއި އިތުރު ޓެކްސްތަކެއް!

ފިނޭންސް މިނިސްޓަރ ބަޖެޓާއި ގުޅޭގޮތުން ވާހަކަދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ދައުލަތުން ހުށައަޅާފައިވަނީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަންނަ އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވަނީ އެންމެ 17.8 ބިލިއަން ރުފިޔާއެވެ. މިއީ ކޮވިޑްގެ ހާލަތު އައުމުގެ ކުރިން މިއަހަރުގެ ތެރޭގައި އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރި އާމްދަނީއަށްވުރެ ގާތްގަނޑަކަށް 12 ބިލިއަނެއްހާ ރުފިޔާ ދަށް އަދަދެކެވެ.

މި އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 70.4 ބިލިއަން ރުފިޔާއަށް އަރާނެކަމަށް އަންދާޒާ ކުރެވެއެވެ. އަދ އަހަރު ނިމޭއިރު ރާއްޖޭގެ މުޅި އިގްތިސާދަށް 29.3 އިންސައްތައިގެ ދަށްވުމެއް އަންނާނެކަމަށް މިނިސްޓަރ ޚުދު ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުވެސް ވަނީ ފާހަގަކުރައްވާފައެވެ. މިއީ ރާއްޖޭގެ އިގްތިސާދު ދުވަހަކުވެސް ދަށްވި މިންވަރެއް ނޫނެވެ. ރާއްޖޭގެ އިގްތިސާދަށް މިހާ ބޮޑު އަސަރެއް ކުރުވި މައިގަނޑު ސަބަބަކީ ކޮވިޑް-19 އާއި ދެކޮޅާށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ބޯޑަރު ބަންދުކުރުމާއި ގުޅިގެންނެވެ. ފަތުރުވެރިކަން އެއްކޮށް ހުއްޓުމާއި ގުޅިގެން ދައުލަތުގެ އާމްދަނީއަށް ބޮޑު އަސަރެއްކުރިއިރު، ގާތްގަނޑަކަށް ހަތް މަސްދުވަހަށްފަހު ބޯޑަރުތައް އަލުން ހުޅުވާ، ފަތުރުވެރިކަން ރަނގަޅު ވަމުންދާ ކަމުގެ ނިޝާންތަކެއް ވަނީ ފެންނަން ފަށާފައެވެ.

އެހެން ނަމަވެސް، މިއީ މުޅިން އިތުބާރު ކުރެވޭނެ ނުވަތަ ބަރޯސާ ވެވޭނެކަމެއް ނޫނެވެ. ފަތުރުވެރިކަމަކީ ހަމައެކަނި ރާއްޖޭގެ ހާލަތަށް ރިއާޔަތްކޮށް އަންދާޒާ ކުރެވޭނެކަމެއް ނޫނެވެ. އެހެން ގައުމުތަކުގެ ހާލަތަށްވެސް ބަލަން ޖެހެއެވެ. ދުނިޔޭގައި ކޮވިޑްގެ ހާލަތަށް އަދި މާ ހެޔޮ ބަދަލެއް އައިސްފައި ނުވާއިރު، މިހާލަތަކީ ކޮންމެ ވަގުތެއްގައިވެސް ބަދަލުވެދާނެ ކަމެއްކަން ގަބޫލުކުރަންޖެހެއެވެ. ހަ ލައްކައެއްހާ ފަތުރުވެރިން އަންނާނެކަމަށް އަންދާޒާކޮށް އާމްދަނީގެ ގޮތުގައި 17 ބިލިއަން ލިބޭނެކަމަށް ބަޖެޓުކޮށްފައި ވާއިރު ދުނިޔޭގެ ހާލަތު ބަދަލުވާ މިންވަރަކުން ފަތުރުވެރިން އަންނަ ނިސްބަތް މިހާރަށްވުރެ ވެސް ދަށްވެ ހަލައްކަ ފަތުރުވެރިން ނުވަތަ އެއާ ގާތްކުރާ އަދަދަކަށް ފަތުރުވެރިން ނައުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ބަޖެޓާއި ގުޅޭގޮތުން ފިނޭންސް މިނިސްޓަރ ދައްކަވާ އެއް ވާހަކައެއް އޮވެއެވެ. އެއީ ދަރަނި ނަގައިގެން ވިޔަސް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަންޖެހޭކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކެވެ. އަންނަ އަހަރުގެ ބަޖެޓް 15 ބިލިއަން ރުފިޔާއިން ޑެފިސިޓްވާނެ ކަމަށް ލަފާކުރެވޭއިރު، އިތުރު ލޯންތަކެއް ނެގުމަކީ އެންމެ ބުއްދިވެރި ގޮތެއްނޫންކަމަށް ގިނަ ބަޔަކު ދެކެއެވެ. މީގެ އިތުރުން، ތަރައްގީގެ މަޝްރޫއުތައް މަޑުޖައްސާލަން ޖެހޭކަމަށް ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ގޮވާލަމުން އަންނައިރު، މިއީ ފިނޭންސް މިނިސްޓަރ އަމީރަށް މާ ކަމުދާ ވާހަކަތަކަކަށްް ނުވެއެވެ. އެގޮތުން، ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގެންދާ ނަމަ، މުޅި އިގްތިސާދު އެއްކޮށް ހުއްޓި އެތައް އަހަރެއް ވާއިރުވެސް މި އަނދަވަޅުން ސަލާމަތް ނުވެވޭނެ ކަމަށް މިނިސްޓަރ އަމީރު ދެކެއެވެ.

ދައުލަތަށް އާމްދަނީ ލިބޭނެކަމަށް ބަޖެޓުގައިވާ ގޮތްތަކަކީ، ޓެކުހުގެ ގޮތުގައި 9،824 މިލިއަން ރުފިޔާ،  ޓެކްސް ނޫން ގޮތްގޮތުން 5،754 މިލިއަން ރުފިޔާ އަދި ހިލޭ އެހީއާއި އެހެނިހެން ގޮތްގޮތުން 2،214 މިލިއަން ރުފިޔާއެވެ. ޖުމްލަ އާމްދަނީގެ ތެރެއިން ބޮޑު ޓެކްސްގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައި ވާއިރު، ޓެކުހުގެ 21 އިންސައްތައަކީ ޖެނެރަލް ގުޑްސް އެންޑް ސާވިސަސްއިން ނެގޭ ޓެކުހެވެ. މީގެ އިތުރަށްވެސް، ދައުލަތަށް އާމްދަނީ ހޯދުމަށް ޓެލެކޮމް ލައިސަންސް ފީއަށް ބަދަލުތަކެއް ގެނެސް، ފްރިކުއެންސީ ސްޕެކްޓްރަމް ޗާޖެއް ނެގުމަށް ނިންމާފައިވާއިރު، މާލެ ސަރަހައްދުން ކޮންޖެޝަން ނުވަތަ ޕާކިން ފީއެއް ނެގުމަށްވެސް ވަނީ ނިންމާފައެވެ. ޓެލެކޮމް ފީގެ ގޮތުގައި 300 މިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކޮށްފައިވާއިރު، ކޮންޖެޝަން ނުވަތަ ޕާކިން ފީގެ ގޮތުގައި 37 މިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.

މިކަންކަމާއި ގުޅިގެން އިންފްލޭޝަން ރޭޓް މައްޗަށް ގޮސްދާނެކަމުގެ ބިރު އެމްްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެފައިވެއެވެ. ބަޖެޓުް ކޮމިޓީގައި ވާހަކަދައްކަވަމުން، ހާޝިމް ވިދާޅުވީ އިންފްލޭޝަން ރޭޓް މިހާރުވެސް ހިފެހެއްޓިފައި މިއޮތީ ކަރަންޓާއި ފެން ބިލުތަކުން ޑިސްކައުންޓް ދިނުންފަދަ ސިޔާސަތަުތަކުގެ ސަބަބުން ކަމަށެވެ. ބަޖެޓާއި މެދު ހިތްހަމަނުޖެހުންތަކެއް ހުރިކަން ގަވަނަރުގެ ވާހަކަތަކުން އެދުވަހުވެސް ހާމަވެގެން ދިޔައިރު، ގަވަރުނަރު ވެސް ވަނީ ފަތުރުވެރިކަން ރަނގަޅުވާނެކަމަށް ބަލައި ބަޖެޓު ފަރުމާކުރުމަކީ ބުއްދިވެރިކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.

ދައުލަތުގެ ޖުމްލަ ދަރަނި ބޮޑުވާނެކަން ސާފުކޮށް ހާމަވާން އޮތްއިރު، ފިނޭންސް މިނިސްޓްރީ އިން ބުނަނީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓަކީ މިވަގުތަށް ކުޑަކުރެވެން އޮތް އެންމެ ބޮޑަށް ކުޑަ ކުރުމަށްފަހު ތައްޔާރުކުރި ބަޖެޓެއްކަމަށެވެ. އަދި މިއަށްވުރެ ކުޑަކޮށްފިނަމަ، ސަބްސިޑީތަކުން ކަނޑައި، އޮފީސްތަކުގެ ބަޖެޓުން ކުޑަކޮށްފި ނަމަ، މުވައްޒަފުންގެ މުސާރައިން ކުޑަކުރަން ޖެހިދާނެ ކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެއެވެ. އަދި މިކަން ކޮށްފިނަމަ، ނިކަމެތިން އިތުރަށް ނިކަމެތިވެގެންދާނެކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުތަކަކީ ފައިސާ ހަމަޖެހިފައިވާ މަޝްރޫއުތައް ކަމަށް ވެސް ބުނެއެވެ.

ތެދެކެވެ. ބަޖެޓު މާބޮޑަށް ކުޑަކޮށްފިނަމަ، އާންމު ރައްޔިތުންނަށް އޭގެ އަސަރުކުރާނެއެވެ. އެހެންނަމަވެސް، އެނޫން ގޮތްގޮތުން ބަޖެޓުން ހަރަދުކުޑަކުރެވެން އޮންނާނެކަމަށް ގަބޫލުކުރެވެއެވެ. މަޖިލީހުގެ ތަޅުމުގައި ބަޖެޓަށް ބަހުސްކުރެއްވި ބައެއް މެމްބަރުން ފާހަގަކުރެއްވިފަދައިން، މިވަގުތު ރަށްތަކުގައި ފުޓްސަލް ދަނޑުތައް ގާއިމްކުރުމަށް ބަޖެޓުން ހަރަދުކުރުންވެސް މުހިންމެއްނޫނެވެ. ނުވަތަ މިވަގުތުގެ ހާލަތަށް ބަލައި، ކޮންމެ ކޮންމެ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތްކުރިއަށް ގެންދިޔުންވެސް މުހިންމުކަމަކަށް ނުދެކެވެއެވެ. ވަކި ވަކި ފަރުދުންގެ އާމްދަނީއަށް ނުވަތަ ޖީބުތަކަށް ރަނގަޅު ގޮތެއްވުން އެއަށްވުރެ މާމުހިންމުކަމަށް ބެލެވެއެވެ.

ޚަރަދު ކުޑަކުރަން ބޭނުންވާކަމުގައިވާނަމަ، ކުޑަ ކުރެވޭނެ އިތުރު ދިމާތައްވެސް އެބަހުއްޓެވެ. ދައުލަތުގެ އިސްވެރިންގެ މުސާރަ ކުޑަކޮށްގެން ނުވަތަ މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކޮށްގެން ދައުލަތުގެ ޚަރަދުތައް ކުޑަކުރާ ވާހަކަ އެކަކުވެސް ނުދައްކަނީ ކީއްވެތޯ ސުވާލު އުފެދެއެވެ. ހަގީގަތުގައިވެސް، ގައުމަށް ހެވެއް އެދޭ ބަޔަކުނަމަ ރައްޔިތުންގެ އަތުން އިތުރު ޓެކްސްތަކެއް ނެގުމުގެ ބަދަލުގައި، ބޮޑެތި މުސާރަތަކުން ކުޑަކުރުމުގެ ވާހަކަ ދެއްކުން މާރަނގަޅުވާނެ ނޫންތޯ ހިތަށް އަރައެވެ. އެހެންނަމަވެސް، އާދައިގެ ނިކަމެތި ރައްޔިތަށް ލިބެންޖެހޭ އާމްދަނީއިން ދެބައިކުޅަ އެއްބައި ލިބެމުންދާ ދުވަސްވަރެއްގައި، އަމާޒު ހިފާފައި އޮތީ އާ ޓެކްސްތަކެއް ނެގުމަށެވެ.

އެކަމަކު ބަޖެޓު ކުޑަ ނުކުރެވެނީ ރައްޔިތުން އިތުރަށް ނިކަމެތި ވެދާނެތީކަމަށް އެބަ ބުނެއެވެ. ދެން މިދައްކާ ވާހަކަ ދެކޮޅުޖައްސާނެ ގޮތެއް ނުވިސްނެއެވެ. އިގްތިސާދީ މާހިރަކަށް ނުވީމާކަމަށްވުން އެކަށީގެންވެއެވެ. 2021 ވަނަ އަހަރުގެ ބަޖެޓު ވެގެންދާނީ ނަމުން ރައްޔިތުންނަށް ފައިދާވާނެ ބަޖެޓަކަށެވެ. ކަމުން އޮތީ އިތުރު ދަރަނިތަކަކާއި ޓެކްސްތަކެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: