ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައު ގާނޫނާއިއެކު ތައުލީމީ ނިޒާމަށް އަންނާނީ ކޮންބަދަލެއް؟

ތައުލީމުގެ އައު ގާނޫނު އިންގިލާބީ ބަދަލަކާ ދިމާއަށް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ތަޢާރުފާއި އުނގެނުމުގެ ހައްގު އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށްޓަކައި ޤާއިމުކުރަންޖެހޭ ޤާނޫނީ އޮނިގަނޑު ޤާއިމުކޮށް، ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު އެ މައްޗަށް ބިނާވެގެންވާ އަސާސްތައް ކަނޑައެޅުމާއި، އުނގެނުމާ ގުޅޭގޮތުން ދަރިވަރުންނަށާއި، މުދައްރިސުންނަށް ލިބިދޭ ޙައްޤުތަކާއި، ދައުލަތާއި ބެލެނިވެރިންނާއި މުދައްރިސުންގެ ޒިންމާތައް ކަނޑައެޅުމާއި، ދިވެހިރާއްޖޭގައި ތަޢުލީމު ދިނުމާގުޅޭ އެނޫންވެސް ޢާންމު ހަމަތަކާއި އުސޫލުތައް ކަނޑައަޅައި ހިންގުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ އެންމެ ބޮޑު އެއް ވަޢުދެވެ.

ސަރުކާރުން ގަބޫލު ކުރާ ގޮތުގައި ޒަމާނަށް ފެތޭ ތައުލީމީ ނިޒާމެއް ރާއްޖެއަށް ގެނައުމުގެ މައިގަނޑު މަގުސަދަކީ  ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، އިސްލާމް ދީނަށާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއާއި، އެނޫންވެސް ކަމާގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ރިޢާޔަތްކޮށް، އުނގެނުމުގެ ޙައްޤު ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް ކަށަވަރުކޮށްދީ، މުދައްރިސުންގެ ޙައްޤުތައް ރައްކާތެރިކޮށްދޭނެ ނިޒާމެއް ދިވެހިރާއްޖޭގައި ޤާއިމުކުރުމެވެ.

ހަމައެހެންމެ އުނގެނުމުގެ ޙައްޤު ކުޑަކުދިންނަށް ކަށަވަރުކޮށްދިނުމުގައި ދައުލަތާއި މައިންބަފައިންނާއި ބެލެނިވެރިންނާއި މުދައްރިސުންގެ ޒިންމާތައް ކަނޑައެޅުމާއި އެ ފަރާތްތަކުން ޒިންމާ އަދާނުކޮށްފިނަމަ ޢަމަލުކުރާނެ ގޮތުގެ އުސޫލުތައް ކަނޑައެޅުމަކީ ރައީސް ސާލިހުގެ ސަރުކާރުގެ އައު ތައުލީމީ ނިޒާމުގެ އެއް މަގުސަދެވެ.

މި ސަރުކާރުން ވުޖޫދުކުރި ތައުލީ،ުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި އަލަށް ފާސްކުރި ތައުލީމުގެ ގާނޫނުގެ ދަށުން ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ދިވެހިރާއްޖޭގައި ފެންވަރު ރަނގަޅު ތަޢުލީމާއި ތަމްރީނާއި އިސްލާމީ ތަރުބިއްޔަތު ދެވޭނެ މާޙައުލެއް ޤާއިމުކުރެވޭނެއެވެ. ހަމައެހެންމެ އިސްލާމީ އަޤީދާއާއި އިސްލާމީ ތަރުބިއްޔަތު އުނގަންނައިދޭ، އަދި އިސްލާމީ ޝަރީޢަތާއި އަޤީދާއާ ފުށުނާރާނެހެން އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރުމަށާއި، ޢާންމުކޮށް އެންމެންގެ މެދުގައި ޞުލްޙަމަސަލަސްކަމާއި ރަޙުމަތްތެރިކަން ބާއްވައިގެން އުޅުމުގެ މުހިންމުކަން އުނގަންނައިދޭ، އެކަންކަމަށް ބާރުއަޅާ ތަޢުލީމީ ނިޒާމެއް ޤާއިމުކުރެވޭނެއެވެ. އަދި ޤައުމީ ވާޖިބުތަކަށް އަހުލުވެރި، މުޖުތަމަޢުގައި ޒިންމާދާރު ދައުރެއް އަދާކުރެވޭނެ އުފެއްދުންތެރި އަދި ޤާބިލު ދަރިވަރުން ބިނާކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް ވެސް ގާނޫނުގައި ވަނީ ބުނެފައެވެ.

އަލަށް އަމަލު ކުރަން ފެށި ތައުލީމުގެ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ މީހަކަށްމެ އެއްވެސް ތަފާތުކުރުމެއް ނެތި، އުނގެނުމުގެ ޙައްޤު ހަމަހަމަކަމާއެކު، ލިބިގެންވެއެވެ. އުނގެނުމުގެ ޙައްޤަކީ، އޭގެ އަމިއްލަ ޒާތުގައި ވަކި އިންސާނީ ޙައްޤަކަށްވުމުގެ އިތުރުން، އެ ޙައްޤަކީ އެހެން އިންސާނީ ޙައްޤުތަކަށް ވާސިލުވުމަށް ކޮންމެހެން ބޭނުންވާ ޙައްޤެކެވެ. އެހެން ކަމުން އައު ގާނޫނުގެ ސަބަބުން  އުނގެނުމުގެ ޙައްޤަކީ، އެއްވެސް ބާވަތެއްގެ ތަފާތު ކުރުމެއްނެތި ވަކި ޢުމުރަކަށް ނުވަތަ ވަކި ޖިންސެއްގެ ބަޔަކަށް ބެލުމެއްނެތި، ޢުމުރުދުވަހަށް ދެމިގެންދާ ޙައްޤެކަށް ވެގެންދާނެއެވެ.

ތައުލީމުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި  އުނގެނުމުގެ ޙައްޤަކީ، ޢުމުރުދުވަހަށް ދެމިގެންދާ ޙައްޤެއްކަމުގައިވީ ހިނދު، ރަސްމީ ތަޢުލީމުގެ ނިޒާމުގެ ތެރެއިން ތަޢުލީމު ހާސިލުކޮށް ނިމުމަށް ފަހުގައިވެސް، އުނގެނުމުގެ ފުރުޞަތުތައް ހުރިހާ ޢުމުރެއްގެ މީހުންނަށް ލިބިދެވޭނެ ނިޒާމެއް ދިވެހިރާއްޖޭގައި ޤާއިމުވެފައި އޮންނަންވާނެއެވެ.

އެގޮތުން މިނިޒާމުގެ ތެރެއިން ފޯރުކޮށްދެވޭ ތަޢުލީމުގެ ތެރޭގައި ރަސްމީ ތަޢުލީމުގެ ނިޒާމުގެ ތެރެއިން ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ލިބިފައިނުވާ ފަރާތްތަކަށް އަމާޒުކޮށް ހިންގޭ އަސާސީ ތަޢުލީމާއި ތަމްރީނުގެ ޕްރޮގްރާމްތަކާއި، ޘާނަވީ ތަޢުލީމު ފުރިހަމަކޮށްފައިނުވާ ފަރާތްތަކަށް އަމާޒުކޮށް ހިންގޭ ތަޢުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް؛ އަދި ލިބިފައިވާ ހުނަރުތައް އިތުރަށް ތަރައްޤީކުރެވޭނެ ފުރުޞަތުތައް. މި ނިޒާމުގެ ތެރޭގައި ހިމެނެއެވެ.

ފަންނީ އަދި މަސައްކަތްތެރިކަމުގެ ތަޢުލީމަކީ، އުނގެނުމުގެ ޙައްޤުގެ ބައެއްކަމުގައިވުމުގެ އިތުރުން މަސައްކަތްތެރިކަމުގެ ޙައްޤާވެސް ގުޅިފައިވާ ޙައްޤެއްކަމުގައިވާތީ، އުނގެނުމުގެ ޙައްޤު އެންމެ ފުރިހަމަ ގޮތުގައި ކަށަވަރުކޮށްދެވޭނީ ފަންނީ އަދި މަސައްކަތްތެރިކަމުގެ ތަޢުލީމު އުނގެނުމުގެ ޙައްޤުވެސް ކަށަވަރުކޮށްދެވިގެން ކަމުގައިވީ ހިނދު، ފަންނީ އަދި މަސައްކަތްތެރިކަމުގެ ތަޢުލީމު، މަދުރަސީ ތަޢުލީމުގެ ނިޒާމުގެ ތެރެއިން ލިބިދިނުމުގެ ޙައްޤު މި ޤާނޫނުން ކަށަވަރުކޮށްދެއެވެ.

އެގޮތުން ދިވެހިރާއްޖޭގެ މަދުރަސީ ތަޢުލީމުގެ ނިޒާމު ބައްޓަންކުރެވިފައި އޮންނަންވާނީ، ފަންނީ އަދި މަސައްކަތްތެރިކަމުގެ ތަޢުލީމު ފޯރުކޮށްދެވޭނެ ގޮތެއްގެމަތިންން ކަމަށް ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ. މަދުރަސީ ތަޢުލީމުގެ ނިޒާމުގައި ފަންނީ އަދި މަސައްކަތްތެރިކަމުގެ ތަޢުލީމު ފޯރުކޮށްދިނުމުގެ ބޭނުމަކީ ކުދިންގެ ތަފާތު ޤާބިލިއްޔަތުތަކަށް ފުރުޞަތު ހޯދައިދިނުމާއި، ފަންނީ އަދި މަސައްކަތްތެރިކަމުގެ ތަޢުލީމުގެ ތެރެއިން މަސައްކަތްތެރިކަމާ ރައްޓެހި ދަރިވަރުން ބިނާކުރުމެވެ. ހަމައެހެންމެ ޤައުމުގެ ތަރައްޤީއަށް ކޮންމެހެން ބޭނުންވާ ފަންނުވެރިކަމާއި މަސައްކަތްތެރިކަމުގެ ދާއިރާތަކަށް ކުދިން އަހުލުވެރިކުރުވުމާއި އަދި މަސައްކަތްތެރިކަމުގެ ދާއިރާއަކީ އަގުހުރި އަދި ޤައުމަށް ފައިދާހުރި ދާއިރާއެއްކަމުގައި ދުށުމުގެ ވިސްނުން ދަރިވަރުންގެ ކިބައިގައި އަށަގެންނެވޭނެ ނިޒާމަކަށް އައު ތައުލީމީ ނިޒާމް ވެގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: