ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ ސްޓޭންޑު ބަދަލުވެ ފަނޑިޔާރުން ރަތަށް: "ތިއީ ނުބައި ދައުވާއެއް ކުރި ކަމަށް އެއްބަސްވުން!"

ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއާއަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސް ޔާމީން މާލެވަޑައިގަތް ލޯންޗުކޮޅުގައި އެއްޗެއްގޮވާލި ހާދިސާގެ ތެރެއިން/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on print

ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގޮއްވައިލި މައްސަލައިގައި ޖަލަށްލި ސިފައިންގެ މީހާއާ ގުޅޭ ކަންތައްތަކުގައި ސުޕްރީމް ކޯޓުގައި ދައުލަތުގެ ސްޓޭންޑް ބަދަލުވުމުން އެއީ ހެއްކެއް ނެތި މީހެއްގެ މައްޗަށް ދައުވާކުރިކަމަށް އިއުތިރާފުވުން ތޯ ފަނޑުޔާރުން ސުވާލު އުފައްދައިފިއެވެ.

ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި 2015 ވަނަ އަހަރު އެއްޗެއް ގޮއްވައިލި މައްސަލައިގައި އެއަށް އަރައި، ތަހުގީގީ އުސޫލުތަކާ ހިލާފަށް ހެކި ނެގި ކަމަށް ބުނެ މާލޭ އޭރިޔާގެ އޭރުގެ ކޮމާންޑަރު ކެޕްޓަން އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ) ދެ އަހަރަށް އަދި އެމްއެންޑީއެފްގެ ދެ މީހެއް ކަމަށްވާ ސ. ފޭދޫ ބުލްބުލާގޭ، އަހުމަދު ތިހާމާއި ދަފްތަރު 617، މޫސާ ޒަމީރު ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ.

މޫސާ ޒަމީރާއި ޕާޕާގެ ޖަލު ހުކުމް ހައި ކޯޓުން މިދިޔަ އަހަރު ބާތިލް ކުރިޔަސް، ތިހާމްގެ ޖަލު ހުކުމް ހައި ކޯޓުން ދެމެހެއްޓި އެވެ. މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައި ވަނީ ތިހާމްގެ ފަރާތުންނެވެ. މައްސަލައިގައި ވާހަކަ ދައްކަވަމުން ދައުލަތުން ބުނެފައިވަނީ، މިއީ އެއް ދައުވާ ފޯމަކުން ކްރިމިނަލް ކޯޓަށް ހުށަހެޅުނު މައްސަލައެއް ކަމަށެވެ.

ތިހާމްގެ ޖަލު ހުކުމް ދެމެހެއްޓުމުން އޭނާގެ ފަރާތުން މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީއެވެ. މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ނިންމާލާފައެވެ. އަދި އިތުރު ކަމެއް ސާފުކުރަން ނެތްނަމަ، ދެން އޮންނާނީ ހުކުމް އިއްވުމެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުން ސްޓޭންޑު ބަދަލުކުރުމުގެ ސަބަބުން، ފަނޑިޔާރުންގެ ހޫނު ބަސްތަކެއް ދައުލަތަށް އަމާޒުވެގެން ދިޔައެވެ. ސަބަބަކީ، މި މައްސަލައިގައި ތިހާމްގެ މައްޗަށް ކުރި ދައުވާ ބާތިލުކޮށް ދޭން ދައުލަތުން އެދުމުންނެވެ. ދައުލަތުން ބުނެފައިވަނީ ތިން މީހުންގެ މައްސަލަވެސް ކުރިޔަށް ގެންދިޔައީ އެކުއެކީގައި ކަމަށާއި، ތިން މީހުންނަށް ވެސް އެއް ތުހުމަތެއް ކުރިއިރު ދެ މީހުންގެ ހުކުމް ބާތިލުވުމުން ގާނޫނީ ގޮތުން ތިހާމްގެ މައްޗަށް ވެސް އެ ސާބިތުވާނެ ކަމަށް ނުދެކޭ ކަމަށެވެ.

ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއާއަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސް ޔާމީން މާލެވަޑައިގަތް ލޯންޗުކޮޅުގައި އެއްޗެއްގޮވާލި ހާދިސާގެ ތެރެއިން/ ފޮޓޯ: ސަން

ބުދަ ދުވަހުގެ އަޑުއެހުމުގައި ފަނޑިޔާރުންގެ ފަރާތުން އަނެއްކާވެސް ސުވާލު ތަކުރާރުކުރުމުން ދައުލަތުން ބުނީ ސްޓޭންޑު ބަދަލުކުރަނީއެއް ނޫން ކަމަށެވެ. އަދި ޗެއިން އޮފް ކޮމާންޑްއަށް ތަބާވެގެން ތިހާމް ކުރި އަމަލާ ގުޅިގެން އޭނާ ކުށްވެރި ވާނެ ކަމަށް ގަބޫލެއް ނުކުރެވޭކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ތިހާމްއަކީ އަމިއްލައަށް ކަންކަން ނިންމުމުގެ ބާރު ނެތް އޮފިސަރެއް ކަމަށާއި، އެހެން ކަމުން ވަޒީފާގެ ގޮތުން އޭނާއަށް އިރުޝާދު ދޭނެ ކޮންމެވެސް މީހެއް ހުންނާނެކަމަށް ދައުލަތުން ބުންޏެވެ. އެހެން ކަމުން އެއްވެސް ފަރާތެއްގެ އިރުޝާދެއް ނެތި ލޯންޗަށް އަރައި ހެކި ގެންދިއުމުގެ އެއްވެސް ބާރެއް ތިހާމްއަށް ނޯންނާނެކަން ދައުލަތުން ވަނީ ފާހަގަކޮށްފައެވެ.

ދައުލަތުގެ ވާހަކަތާއި ގުޅިގެން ފަނޑިޔާރުންގެ ސުވާލުތައް ދައުލަތަށް އަމާޒުވެ، ވަނީ ތިހާމްގެ މައްޗަށް ދައުވާ ކުރީ ކީއްވެގެންތޯ ސުވާލުކޮށްފައެވެ. ރައްދުގައި ދައުލަތުން ބުނީ އޭރު އެގޮތަށް ބެލެވުނީ ކަމަށެވެ. އަދި ތިހާމްގެ މައްޗަށް ދައުވާކުރީ އޭރު ހުރި ހެކިތަކުގެ މައްޗަށް ކަމަށް ދައުލަތުން ބުންޏެވެ. އަދި މައްސަލައިގައި ދައުލަތުން ބޭނުންވަނީ ހަމަހަމަގޮތެއްގައި އަމަލުކުރުމަށް ކަމަށެވެ.

މިއީ ނުބައި ދައުވާއެއް ބައެއްގެ މައްޗަށް ކުރިކަން ދައުލަތުން އެއްބަސްވުންކަމަށް ފަނޑިޔާރުން ވިދާޅުވިއެވެ. އަދި ސްޓޭންޑު ބަދަލުވުން އެއީ އެއްވެސް ހެއްކެއް ނެތި ދައުވާކުރުން ކަމުގައި ފަނޑިޔާރުންގެ ބެންޗުން ފާހަގަކުރިއެވެ.

މައްސަލައިގައި ވާހަކަ ދައްކަމުން ތިހާމް ބުނީ ލޯންޗުން ގެންދިޔަ ތަކެއްޗަކީ އެއީ ސާމްޕަލްގެ ބޭނުމަށް ނެގި އެއްޗެއް ކަމަށެވެ. އަދި އެއީ ސްޕޮންޖަކާއި، ޓިޝޫކޮޅެއް ކަމަށާއި ލޯންޗު ތެރެއިން ބޮމެއް ގޮވުމުން އެ ފެންނަންޖެހޭ އެއްވެސް އަސަރެއް ނެތް ކަމަށެވެ. މަސައްކަތް ކުރީ ޕާޕާގެ އަމުރަށްކަން ފާހަގަކޮށް ތިހާމް ބުނެފައިވަނީ ސާމްޕަލްއަށް ފަހު ހެދި ޓެސްޓުތަކުގެ ރިޕޯޓު ސިފައިންގެ ވެރިންނާއި ހަވާލުކޮށްފައިވާނެ ކަމަށެވެ.

ދައުލަތުން ބުނެފައިވަނީ މި މައްސަލައިގައި ޕާޕާގެ މައްޗަށް ކުރީ އެ ސަރަހައްދަށް ގޮސް އެ ތަނުގައި ތިބި ސިފައިންގެ މީހުންނަށް އަމުރު މައުރޫފް ހިންގާ އެތަން އޭނާގެ ކޮންޓްރޯލްގެ ދަށަށް ގެނެސް ކުށުގެ ވެށީގައި އަޅަންޖެހޭ ފިޔަވަޅުތައް އެކަށީގެންވާ ގޮތުގައި އަޅާފައި ނުވާތީ އެކަމުގެ ތުހުމަތު ކަމަށެވެ. އެހެން ނަމަވެސް ކްރިމިނަލް ކޯޓުގެ އެ ހުކުމް ހައިކޯޓުން ބާތިލުކޮށްފައިވަނީ އެ ދައުވާއަކީ ދިވެހި ރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 530 ވަނަ މައްދާގެ (ހ) ދަށުން ކުރެވިގެންވާނެ ދައުވާއަކަށް ނުވާތީ ކަމަށެވެ.

ލޯންޗުކޮޅު ގޮއްވާލި ހާދިސާއާއި ގުޅިގެން ހައްޔަރު ކުރި އަހްމަދު ފަޔާޒު ޕާޕާ އާއި ތިހާމް އަދި ޒަމީރު/ ފޮޓޯ: ސަން

މީގެ އިތުރުން މައްސަލަ އިސްތިއުނާފު ކުރުމުން ޒަމީރުގެ ހުކުމް ހައިކޯޓުން ބާތިލު ކުރީ ވެސް ހަމަ އެ ގާނޫނުގެ ދަށުން ކަމަށް ދައުލަތުން ފާހަގަކުރިއެވެ. ދައުލަތުން ވަނީ ޒަމީރުގެ ހުކުމް ބާތިލު ކުރުމުގައި ހައިކޯޓުން ފާހަގަކޮށްފައިވާ ބައެއް ނުކުތާތައް ވެސް ހުށަހަޅުއްވާފައެވެ. އޭގެ ތެރޭގައި ޒަމީރު މި މައްސަލައިގައި އަމަލު ކުރީ ކަމުގެ ތޮބީއްޔަތަށް ބަލާއިރު އޭނާގެ ވަޒީފާގެ ހައިސިއްޔަތުގެ މައްޗަށް ކަމަށް ބުނެފައިވެއެވެ.

ހައިކޯޓުން ދެ މީހުންގެ ދައުވާތައް ވެސް ބާތިލުކޮށްފައިވާތީ، ތިހާމްގެ ހުކުމް ވެސް ބާތިލު ކުރަން ޖެހޭނެ ކަމަށް ގަބޫލު ކުރާ ކަމަށް ދައުލަތުން ބުންޏެވެ.

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއާއި ގުޅޭގޮތުން ތިހާމް ބުނެފައިވަނީ އެންމެ ފުރަތަމަ ރިޕޯޓު ލިބުނީ ލޯންޗުގެ އިންޖީނުގައި އެއްޗެއް ގޮވައިގެން އުޅޭކަމުގެ މައުލޫމާތު ކަމަށެވެ. އެހެން ކަމުން އެވަގުތު ލޯންޗަށް އެރުމަށް އެއްވެސް އިތުރު މީހެއްގެ ހުއްދައެއް ބޭނުން ނުވާނެ ކަމަށް އޭނާ ބުންޏެވެ.

ތިހާމް ބުނެފައިވަނީ އޭނާ ލޯންޗަށް އެރީ ބަޑިބޭހުގެ އަސަރު ހުރިތޯ ބެލުމަށް ކަމަށެވެ. އަދި އެ ދުވަހު އަދާކުރީ ވަޒީފާގެ މަސްއޫލިއްޔަތު ކަމަށާއި، އޭނާ ނޫން އިތުރު ސިފައިން ވެސް ލޯންޗަށް އެރިކަމަށް ތިހާމް ބުންޏެވެ.

ހޫނު ގަދަ ބަހުސްއަކަށް ފަހު ބުދަ ދުވަހު ކުރިޔަށް ގެންދިޔަ އެ އަޑުއެހުން ނިންމާލީ، މައްސަލައިގައި ދެން އޮންނާނީ ހުކުމް ކުރުންކަން  ހާމަކުރެއްވުމަށް ފަހުއެވެ. މި މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުއެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 10%ބޮޑު ޖޯކެއް 10%ހައިރާންވެއްޖެ 10%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: